އެޗްބީއޯ އިން ދައްކާ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސިލްސިލާ، ގޭމް އޮފް ތްރޯންސް އަކީ މީގެ އެތައް ގަރުނެއް ކުރީގައި ހިނގައިދާ ކަންކަން ދައްކުވައިދޭ ސީރީޒްއެކެވެ. ދުނިޔޭގެ ހަތް ކަންކޮޅެއްގެ ރަސްކަމުގެ ތަހުތުތަކަށް ވެގެންދާ ގޮތް ކިޔައިދޭ މި ވާހަކައިގައި ބޭނުންކޮށްފައި ވަނީވެސް ތާރީޚު ދައްކުވައިދޭ ތަކެއްޗެވެ.

ނަމަވެސް އެންމެ ފަހުން ދެއްކި ގޭމް އޮފް ތްރޯންސްގެ ސީޒަން 8 ގެ ހަތަރު ވަނަ އެޕިސޯޑުގެ މަންޒަރަކުން، ސްޓާބަކްސް ކޮފީތައްޓެއް ފެންނާތީ ގިނަ ބަޔަކު ދަނީ އެ ވާހަކަ ދައްކަމުންނެވެ. މި ކޮފީތަށި މޭޒެއްގެ މަތީގައި ބައިންދާފައި އިންނަ މަންޒަރު ފެންނަ ޝޮޓުގައި ސީރީޒްގެ އެކްޓަރުންވެސް ތަށިތަކެއްގެ ގޮތުގައި ކުރީ ޒަމާނުގައި ބޭނުންކުރާފަދަ ބައެއް ތަކެތި ހިފައިގެން ތިބޭ މަންޒަރު ފެންނައިރު، މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ސްޓާބަކްސްގެ ކޮފީތައްޓެއް ގޭމް އޮފް ތްރޯންސްގެ ފަހުގެ އެޕިސޯޑުގެ މަންޒަރަކުން ފެނިގެންދާއިރު، މީގެ ކުރިން ނެރުނު އެޕިސޯޑު ނިމުނު ފަހުން، މި ސީރީޒްގައި "ސަންސާ ސްޓާކް"ގެ ރޯލު އަދާކުރާ ސޯފީ ޓާނާ ސްޓާބަކްސް ކޮފީ ތައްޓެއް ހިފައިގެން ހުންނަ މަންޒަރު ފެންނަ ފޮޓޯއެއް ދައުރުވެފައި ވެއެވެ. މި ސަބަބާއި ގުޅިގެން ގިނަ ބަޔަކު މިހާރު ބުނަމުން ދަނީ، ސީރީޒްގެ މަންޒަރެއްގެ ތެރެއިން ފެނުނީ ސޯފީ ގެންގުޅުނު ކޮފީތަށި ކަމަށެވެ.

މި މަންޒަރާއި ގުޅިގެން ގިނަ ބައެއްގެ ޝުއޫރުތައް މީސްމީޑިއާގެ މަންސަތަކުގައި ދައުރު ކުރަމުންދާއިރު، އެކަމާއި ގުޅިގެން އަދި ރަސްމީ ފަރާތަކުން އެއްޗެއް ނުބުނެއެވެ. ނަމަވެސް މިއީ އެ މަންޒަރު ކުޅުނުއިރު ބަލަން ޖެހޭ ވަރަށް ނުބެލުމުގެ ސަބަބުން ހިނގާފައިވާ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

2011 ވަނަ އަހަރު ދައްކަން ފެށި "ގޭމް އޮފް ތުރޯންސް" ގެ ފުރަތަމަ ހަތް ސީޒަނާ އެކު ޖުމްލަ 67 އެޕިސޯޑް ގެނެސް ދީފައިވެ އެވެ. މިހާރު ގެނެސްދެމުންދާ ސީޒަން 8 ގައި 6 އެޕިސޯޑު ހިމެނޭއިރު، ކުރިޔަށް ދެން އޮތީ މި ސީޒަންގެ ފަހު ދެ އެޕިސޯޑެވެ. މި ދެ އެޕިސޯޑަކީ ސީރީޒްގެ އެންމެ ފަހު ދެ އެޕިސޯޑެވެ. އެއަށްފަހު ގޭމް އޮފް ތްރޯންސް ސީރީޒް ނިމުމަކަށް އަންނާނެ ކަމަށް އެ ސީރީޒް އުފެއްދި ފަރާތުން ބުނެފައި ވެއެވެ.

8 ވަނަ ސީޒަނުން މި ވާހަކަ ނިންމައިލި ނަމަވެސް "ގޭމް އޮފް ތުރޯންސް" ފެށުން 300 އަހަރު ކުރިއަށް ގެންގޮސް މީގެ ޕްރިކްއެލް ގެނެސް ދޭން އެޗްބީއޯ އިން ވަނީ ނިންމައިފަ އެވެ.