2014 ވަނަ އަހަރު ނެރުނު ބޮލީވުޑްގެ ހިޓް ފިލްމް، ކިކްގެ ދެވަނަ ބައެއް ނެރެން ހަމަޖެހިފައިވާ ޚަބަރާއެކު ގިނަ ބަޔަކު ތިބީ އުފަލުންނެވެ. ނަމަވެސް އެއަށްފަހު ދެން ލިބުނު ޚަބަރަކުން އެއްބަޔަކަށް ލިބުނީ ހިތާމައެކެވެ. އަދި އަނެއް ބަޔަކަށް އިތުރު އުފަލަކަށް އެ ޚަބަރު ވެގެން ގޮސްފިއެވެ.
ކިކްގެ ދެވަނަ ފިލްމުގައި ބަތަލާއެއްގެ ރޯލުން، ބޮލީވުޑްގެ ތަރި ސަލްމާން ޚާން އާއެކު މިފަހަރު ފެނިގެންދާނީ ކާމިޔާބު ތަރި ދީޕިކާ ޕަދުކޯން ކަމަށް ބުނާ އަޑުތަކެއް މިހާރު ދަނީ ފެތުރެމުންނެވެ. ބޮލީވުޑްގެ ޕްރޮޑިއުސާ ސާޖިދް ނަޑިއަޑްވާލާގެ ޕްރޮޑަޖްޝަން ހައުސްއިން އި އުފައްދާ މި ފިލްމުގެ ފުރަތަމަބައިގައި ވެސް އެންމެ ފުރަތަމަ ބަތަލައެއްގެ ރޯލު ކުޅުމަށް ހުށަހެޅީ ދީޕިކާއަށް ކަމަށް ވެއެވެ. ނަމަވެސް "ކޮންމެވެސް ސަބަބަކާއި" ގުޅިގެން އޭނާއަށް އެފަހަރު ކުޅެވޭގޮތް ނުވީ ކަމަށް ވެއެވެ.
ފިލްމް ކިކްގެ ފުރަތަމަ ބައިން ފެނިގެންދާ ޖެކްލީން ފެނާންޑޭޒް އަކީ ބޮލީވުޑްގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ އުހަށް އަރައިގެން އައި އެއް ތަރިއެވެ. އޭނާ ކުރިއަރައިގަތުމަށް އެ ފިލްމު މުޙިންމު ދައުރެއް އަދާކޮށްފައިވާއިރު، އެ ފިލްމަށްފަހު ބޮޑު ސަޕޯޓެއް އޭނާގެ އެކްޓިންގަށް ލިބި އެހެން ބައެއް ބޮޑެތި ހުށަހެޅުންތައްވެސް ލިބިފައި ވެއެވެ. އެހެންކަމުން ޖެކްލީންގެ ކުރިއަރާފައިވާ ކެރިއަރު ގުޅިފައިވީ ފިލްމަކީ އެއީ ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ.
މިފަހަރު ޖެކްލީންގެ ބަދަލުގައި ކިކްއަށް ގެންނަ ދީޕިކާއަކީވެސް ސަލްމާނާއި އެއްހަމައެއްގައި ވާދަކުރާނެ މޮޅު މީހަކަށް ވާތީ އޭނާއަށް ކިކް 2 ގައިވެސް ހަމައެކަނި ބަތަލާއަށް ވުމުގެ ބަދަލުގައި ސަލްމާނާއި އެއްހަމަ މުޙިންމު ރޯލެއް ފިލްމުން އޭނާއަށް ދިނުމަށް ޕްރޮޑިއުސަރު ސާޖިދު ވިސްނަމުންދާ ކަމަށް ސާޖިދު އާއި ގާތް ފަރާތްތަކާ ހަވާލާދީ ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައި ވެއެވެ.
ކިކް 2 ގައި ބަތަލާއެއްގެ ރޯލުން ފެނިގެންދާނީ ދީޕިކާ ކަމަށް މިހާރު ޚަބަރު ފެތުރިފައި ވީނަމަވެސް، އެކަމާއި ގުޅިގެން އަދި ސާޖިދުގެ ޕްރޮޑަކްޝަން ހައުސް އިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ދީޕިކާ ހިމެނިއްޖެނަމަ، ފިލްމް ވެގެން ދާނީ ސަލްމާނާ އެކު އޭނާ ކުޅޭ ފުރަތަމަ ފިލްމަށެވެ.