އެއްހާސް ފޫޓުގެ ބޮޑު ގިނިހިލައެއް ދުނިޔެއާއި ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފިއެވެ.

ނާސާގެ ސައިންސްވެރިން ބުނެފައިވާގޮތުގައި "99942 އެޕޯފިސް"ގެ ނަމުން ނަންދީފައިވާ މި ގިނިހިލައަކީ ފުޅާމިނުގައި 1110 ފޫޓު ހުންނަ ބިޔަ ގިނިހިލައެކެވެ. އަދި ދުނިޔެ އާއި ދިމާލަށް މިހާރު މިސްރާބު ހުރި މި ގިނިހިލަ އާދަޔާއި ޚިލާފަށް ކައިރިން ދަތުރުކުރާނެ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

މި ގިނިހިލަ ދުނިޔެއަށް ނުރައްކަލެއް ކުރިމަތިކުރުވަފާނެ ކަމަށްވެސް ބައެއް ތަޖުރިބާކާރުން ޤަބޫލުކުރާއިރު، ނާސާގެ ސައިންސްވެރިން ބުނެފައި ވަނީ 2029 ވަނަ އަހަރު ގިނިހިލަ ދުނިޔެއާއި ކައިރިން ދަތުރުކުރާއިރު އެ މަންޒަރު ހަމަލޮލަށްވެސް ފެންނާނެއެވެ. އެއީ ގިނިހިލަ ދަތުރުކުރާނީ ދުނިޔެއާއި ހަނދާއި ހުންނަ ދުރުމިނަށްވުރެ ކައިރިން ކަމަށްވާތީ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

މި ގިނިހިލަ ދުނިޔެއާއި ކައިރިން ދަތުރުކުރާ މަންޒަރު، ޓެލެސްކޯޕެއްގެ އެހީ އާއި ނުލާ އެންމެ ފުރަތަމަ ފެންނާނީ އޮސްޓްރޭލިއާއަށް ކަމަށްވެއެވެ. އެއަށްފަހު ގަޑިއެއްހާއިރު ތެރޭ އެޓްލާންޓިކް ކަނޑާއި ހަމައަށް މި ގިނިހިލަ ދަތުރުކޮށް ރޭގަނޑުގެ ވަގުތެއްގައި އެމެރިކާ ސަރަޙައްދުގެ މަތިން ދަތުރުކުރާ މަންޒަރު ފެންނާނެއެވެ. ސައިންސްވެރިން ބުނާގޮތުގައި ރޭގަނޑުގެ ވަގުތުގައި މި ގިނިހިލަ ދަތުރުކޮށްފައިދާ އިރު އޭގެ ގިނަ މަޢުލޫމާތުތަކެއް އެއްކުރެވޭނެއެވެ. އަދި މީގެ ކުރިން ހޯދިފައިނުވާ އެތައް ކަމެއް އެކަމުން ލިބޭނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

އެންމެ ފުރަތަމަ "99942 އެޕޯފިސް" ހޯދާފައިވަނީ 2004 ވަނަ އަހަރު އެރިޒޯނާގައި ހުންނަ ނޭޝަނަލް އޮބްޒަވޭޓްރީގެ އެސްޓްރޮނޯމަރުންނެވެ. ނަމަވެސް ޓެކްނިކަލް މައްސަލަތަކާއިއެކު، މޫސުން ގޯސްވުމުން އެ ގިނިހިލައިގެ ދައުރުވުން އެ އޮބްޒަވޭޓްރީއަށް ރެކޯޑު ކުރެވުނީ ދެ ދުވަހުގެ މުއްދަތަކަށެވެ. އޭގެ ފަހުން ހަމަ އެ އަހަރު ގިނިހިލަ އަލުން ހޯދާފައިވާއިރު، އެ ގިނިހިލަ ދުނިޔޭގައި ޖެހިދާނެ ކަމުގެ ފުރުސަތެއް އޮތްކަމަށް އެފަރާތްތަކުން ވެސް ބުނެފައި ވެއެވެ.

"99942 އެޕޯފިސް" ހޯދި ސައިންސްވެރިން މިގޮތަށް ލަފާކޮށްފައިވަނީ، ގިނިހިލަ ދައުރުވަމުންދާ ގޮތާއި އޭގެ ހަލުވިމިނަށް ބަލައި ހޯދި ހޯދުންތަކަށް ފަހުއެވެ. އެފަރާތްތަކުންވެސް ލަފާކޮށްފައިވަނީ ދުނިޔެއާއި އެންމެ ކައިރިއަށް ގިނިހިލަ އަންނާނީ 2029 ވަނަ އަހަރުގައި ކަމަށެވެ.

ދުނިޔޭގައި ގިނިހިލައަކުން ޖެހި ބޮޑު ގެއްލުމެއް ލިބިދާނެކަމުގެ ބިރު އަބަދުވެސް އޮވެއެވެ. މި ނުރައްކަލުން ސަލާމަތްވުމަށް ކުރެވެން އޮތް ކަންކަމާއި ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ސައިންސްވެރިންގެ މެދުގައި ކުރެވިފައިވާއިރު، ނާސާއިން ދަނީ ދުނިޔެއާއި ދިމާލަށް މިސްރާބުޖަހާ ގިނިހިލަތައް ގޮއްވާލެވޭނޭ އީޖާދެއް އުފައްދައި، ބޭނުންކުރުމަށް ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ކުޅަދުންވަންތަކަމާ ނުކުޅެވޭނެ، ކޮންމެކަމެއްވެސް މިންވަރުކުރައްވަނީ މާތްﷲގެ އިރާދަފުޅާއި މިންވަރުފުޅުން.

    18
    1
  2. Anonymous

    ނަާސާއިން ބުނާ އެއްޗެއް އަޑުއަހަން ބޭނުމެއް ނޫން

    8
    4
  3. ށައް

    ﷲ އަކްބަރް .

    15
    2
  4. ކުޑަބަޖަރާ

    ތިގިނިހިލަ ދުނިޔޭގައި ޖެހިދާނެކަމުގެ އެއްވެސް ބިރެއްނެތް.

    10
    5
  5. ޙަސަން

    ގިނަ ހެއްދެވީ ދުނިޔެއާއި އިންސާނުން އުފެއްދެވި ގަދަކީރިތިވަންތަ މާތްﷲ ޞވ އެވެ. އެތައް ބިރުވެރިކަމަކުން އިންސާނުން އަބަދުވެސް ސަލާމްތަކުރައްވަނީ އެކަލާންގެއެވެ. އެހެންކަމުން ކާފަރުން ދުނިޔޭގައި ގިނަ ހިލައިން ޖެހިދާނެތީ ހިތްބިރުގަތަކަސް އަހަރެމެން މުސްލިމުންނަށް މާތްﷲ ގެ އޯގާވަންތަކަން އެނގޭއިރު ބިރުގަންނާކަށް ނުޖެހެއެވެ.

    19
    2
  6. ޖަރާ

    އިސްލާމީ ސައެންޓިސްޓުން ނިކަން މޮޅުވާނެ ތިޔަ ކަހަލަ ކަންތަކަށް. އޭގެ މައްޗަށް ގޮސް ޖިހާދުވެސް ވެގެންފާނެ.

    4
    15
  7. ހުސޭނުބޭ

    މާދަމާ ބުނާނެ ދުނިޔެއާ ވާ ހިސާބަކުންވެސް ދާ އެއްޗެއްނޫނޭ! މި ނާސާ މީހުންނަނީ އައްދުރޭ ކައިރިން ހިސާބުޖަހަން ދަސްކުރި ބައެއް!

    5
    5