މިހާތަނަށް ދުނިޔޭގެ ކަނޑުން ފެނުނު އެންމެ ބޮޑު މިޔަރާއެކު ޑައިވަރުންތަކެއް ފޮޓޯ ނަގައިފިއެވެ.

"ޑީޕް ބްލޫ"ގެ ނަމުން ނަންދީފައިވާ މި މިޔަރަކީ އުމުރުން 50 އަހަރު ވެފައިވާ ވިހި ފޫޓުގެ ބޮޑު، މިޔަރުގެ އެންމެ ނުރައްކާތެރި އާއިލާ ކަމަށްވާ ގްރޭޓް ވައިޓް ޝާކް އާއިލާގެ ބިޔަ މިޔަރެކެވެ.

ހަވާއީގެ ޑައިވިންގް ސޮޕްޓެއްގެ ކައިރިން މި މިޔަރު ފެނުމާއެކު އެއާއެކު ފޮޓޯ ނަގާފައިވަނީ ޖުއާން އޮލިފެންޓް ނަމަކަށްކިޔާ ޑައިވަރަކާއި މެރިން ބަޔަލޮޖިސްޓެއް ކަމަށްވާ އޯޝަމް ރަމްޒޭއެވެ. އެމީހުންނަށް މި މިޔަރު ފެނުނީ ޝިކާރަކުރަން އުޅުނު ވަގުތުގައި ކަމަށްވެއެވެ. ނަމަވެސް އެފަދަ ފުރުސަތެއް ދެން އިތުރަށް ނުލިބިދާނެތީ އެ ދެމީހުން ވެސް ވަނީ ވަގުތުން މޫދަށް ފުންމާލާ އެ މިޔަރާއެކު ފޮޓޯ ނަގާފައެވެ.

"ޑީޕް ބްލޫ" އާއެކު އެ ދެމީހުން ނަގާފައިވާ ފޮޓޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ގިނަ ބައެއްގެ ސަމާލުކަން ވަނީ އެ ފޮޓޯތަކަށް ލިބިގެން ގޮސްފައެވެ. އަދި ގިނަ ބަޔަކު ދަނީ އެ ދެމީހުންގެ ޖެހިލުންކުޑަކަމަށް ތަޢުރީފުކޮށް ވާހަކަ ދައްކާފައެވެ. މި ދެމީހުންގެ އިތުރަށްވެސް ބައެއް ޑައިވަރުން "ޑީޕް ބްލޫ" އާއި ގާތުން ފޮޓޯ ނަގާފައިވެއެވެ. އެފަރާތްތަކުން ބުނެފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި މިޔަރާއެކު ފޮޓޯ ނަގާލެވުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

އެންމެ ފަހުން ޑީޕް ބްލޫ ފެނިފައިވަނީ 2013 ވަނަ އަހަރު މެކްސިކޯގެ ކަނޑުގެ ސަރަޙައްދަކުންނެވެ. އެއަށްފަހު މިއަހަރު ހަވާއީގެ ސަރަޙައްދުން ފެނުނުއިރު، އެ މިޔަރު ކުރިޔަށްވުރެވެސް ބޮޑުވެފައިވާ ކަމަށް މަންޒަރުދުށް ފަރާތްތަކުން ބުނެފައި ވެއެވެ. މި މިޔަރުގެ ދިގުމިނުގައި ގާތްގަޑަކަށް ޒަރާފާއެއްގެ ދިގުމިން ހުންނައިރު އޭގެ ބަރުމިން 2.5 ޓަނަށް އަރާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ގްރޭޓް ވައިޓް ޝާކަކީ ކަނޑުތަކުގައި އުޅޭ ނުރައްކާތެރި މަސްމަހާ މެހީގެ ތެރެއިން އެންމެ ބޮޑުވާ އެއް މަހެވެ. އެގޮތުން އާންމު ގޮތެއްގައި މިފަދަ މިޔަރު އާންމުކޮށް ބޮޑުވަނީ 15 ފޫޓަށެވެ. މިހާތަނަށް އެ ދިގުމިނަށްވުރެ ބޮޑު ފެނުމަނަކަށް މުޅި ދުނިޔެއިންވެސް ފެނިފައިވަނީ "ޑީޕް ބްލޫ"އެވެ.