މިއީ މަންދީރާ ބޮޑުބެރު ގުރޫޕްގައި ދުވަސްވީ މެންބަރެކެވެ. އޭނާއަކީ ހަމައެކަނި ބޮޑުބެރު ދާއިރާގައި އަރަމުން އަންނަ ޒުވަނެއް ނޫނެވެ. "ކުއަޑްރާފިއުޝަން" ނަމަކަށް ކިޔާ ބޭންޑެއް އުފައްދާ އެ ބޭންޑްގައި އޭނާ ދަނީ ހުނަރު ދައްކަމުންނެވެ. އެ ބޭންޑާއެކު އޭނާ ރިސޯޓްތަކަށް ދެއެވެ. އަދި މާލޭގެ ކެފޭތަކުގައި އެ ބޭންޑް ކުޅޭއިރު ވެސް އޭނާއަކީ އެ ބޭންޑްގެ އެއްއަތެވެ.

ބޮޑުބެރުގެ ދާއިރާއަށް ލޯބިޖެހުނު ގޮތަށް ،މިއުޒިކްގެ ދާއިރާއަށް ވެސް މި ޒުވާނާއަށް ވަދެވިއްޖެއެވެ. އޭނާއަކީ މިއުޒިކީ ދާއިރާގައި ކެޖޯން ކުޅެމުން އަންނަ ޝާމީ އަހުމަދުއެވެ.

ޝާމީ ބުނިގޮތުގައި، މި މިއުޒިކީ ދާއިރާގެ އޭނާގެ ފެށުމަކީ ބެރެވެ.

ޝާމީ ބެރު ޖަހަނީ

އޭނާ ސްކޫލްގައި އުޅުނު އިރު ބެރު ޖެހިއެެވެ. އަދި ސްކޫލް ނިންމާލުމަށްފަހު އޮތް ސްކޫލް އިވެންޓެއްގައި ބެރު ޖަހައިގެން އެތައް ބައެއްގެ ސަމާލުކަން އޭނާގެ ޓީމް ހޯދިއެވެ. އަދި ސްކޫލްގައި އެކުގައި ކިޔެވި ކުދިންނާއެކު "ބެރުގަބީލާ" ގެ ނަމުގައި ގުރޫޕެއް ހަދާ އޭރު އޮތް ބޮޑުބެރު ޗެލެންޖްގައި ބައިވެރިވިއެވެ.

"ސްކޫލް ނިންމާފައި އިވެންޓަކަށް ބެރު ޖެހީ އެންމެންވެގެން، އެ އިވެންޓްގައި އެންމެންނަށް ސަޅިވެގެން އެންމެން ޗެލެންޖަށް އަރަން ނިންމީ". ޝާމީ ބުންޏެވެ.

އޭނާ ބޮޑުބެރު ޗެލެންޖްގައި ބައިވެރިވިއިރު، އުމުރުން ވާނީ 18 އަހަރެވެ. އެ ގުރޫޕަކީ ބޮޑުބެރު ޗެލެންޖަށް ނުކުތް އެންމެ ޒުވާން ގުރޫޕެވެ.

ޝާމީ ބުނީ، އޭނާ އެ ބޮޑުބެރު ޗެލެންޖްގައި އުޅުނީ ނަށަން ކަމަށެވެ. އެއީ އަލަށް ކުރި ކަމެއްކަމަށް ޝާމީ ފާހަގަކުރަމުން ބުނީ، އެ ޗެލެންޖްގައި އޭނާ އެންމެ މޮޅު ނެށުން ތެރިންގެ ތެރޭގައި، ޖެހިޖެހިގެން އެ ގުރޫޕް ބައިވެރިވި ތިން އަހަރު ވެސް ހިމެނުނު ކަމަށެވެ.

ޝާމީ ބޮޑު ބެރަށް ނަށަނީ

"ފުރަތަމަ އަހަރު އެ ގުރޫޕް ދިޔަ ސެމީއަށް ދެން ފަހުން ނުދިޔަ، ދެން އޭގެ ފަހުން މަންދީރާއަށް ވަދެ މިއުޒިކްގައި މި އުޅެނީ". ޝާމީ ބުންޏެވެ.

ޝާމީ މަންދީރާގައި އުޅެމުން އަންނަތާ މިހާރު ތިން އަހަރުވަރު ވެދާނެއެވެ. މަންދީރާއަކީ އާއިލާއެއްގެ ގޮތަށް ޝާމީ ސިފަ ކުރެއެވެ. ޝާމީ ބުނީ، މަންދީރާއަކީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ބޮޑުބެރު ގުރޫޕް ކަމަށެވެ.

ޝާމީ މަންދީރާ ބެރު ގުރޫޕާއެކު ނަށާ ބެރު ޖަހާ އުޅެއެވެ.

ބެރު ޖެހުމާއި ނެށުމާއި، ކެޖޯން ޖެހުމަކީ އޭނާގެ ހަޔާތުގައި ކުރަމުން އަންނަ ކަންކަމެވެ. ޝާމީ އަކީ މިހާރު ގިނަ ބަޔަކު ދަންނާނެ އެކަކަށްވެސް ވާނެއެވެ.

ޝާމީ މަންދީރާ ޓީމާއެކު

ޝާމީ ބޮޑަަށް ބޭނުންވަނީ މިއުޒީކީ ދާއިރާގައި ކުރިއަށްދާށެވެ. ރިސޯޓްތަކަށް ދިއުމާއި، ކެފޭތަކާއި، ރެސްޓޯރެންޓްތަކުގައި އެ ބޭންޑްގެ މިއުޒިކް ކުޅޭނަަމަ ޝާމީއަކީ ފެންނާނެ އެކަކެވެ. އަދި އެހެނިހެން ބޭންޑްތަކާއެކު ޝާމީ ރިސޯޓްތަކަށް ގޮސް އުޅޭކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ޝާމީ ކެޖޯން ޖަހަނީ

"މިހާރު ޒަރޭމެން ޝޯވއެއް ކުޅުނަސް ހަމަ އެމީހުންނާ އެކީގައި ކެޖޯން ޖަހަނީ އަހަރެން، ހަމަ ލާރާ ވެސް ދެން، ހަމައެކި މީހުން ގުޅީމަ ދަން". ޝާމީ ބުންޏެވެ.

އޭނާގެ އުއްމީދަކީ ބޭންޑާއެކު ރާއްޖެއިން ބޭރަށް ގޮސް ޕާފޯމްކޮށްލަން ފުރުސަތެއް ލިބުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އީބާ

    ބޮޑުބެރަށް ވަން ގޮތަށް!!!!! ؟؟؟؟؟؟؟؟

    4
    3
  2. އިބާގު

    ބެރު މާ ބޮޑުވީމަ ބެރަށް އެ ވަދެވުނީ. އާއްމުކޮށް ހުންނަނީ ކުދި ބެރު

  3. ދޮންބެ

    ތީ މާ ސަޅި ކަމެއްނޫން ނުނުކުމެ އޮންނާކަށް. އަދި ކިތަންމެ ގިނަބަޔަކުކުރިޔަސް މިއުޒިކު ނުވާނެ ޙަލާލު އެއްޗަކަށް.

    2
    1