ދަންވަރުގެ ހަމަހިމޭކަން ވެހެމުން ދިޔަ ބޯ ވާރޭގެ ތިކިތަކުން ވަނީ ގެއްލިފައެވެ. ވިދާ ގުގުރަމުން ދިޔައިރު މުޅި ރަށުތެރެއަށް ވެރިވެފައިވަނީ ނާމާން ކަމެވެ. ބިރުވެރިކަމެވެ. އެނދުމަތީގައި ކަންނެތް ފާޑަކަށް ދެފަރާތަށް ފުރޮޅިލަމުން މަރިޔަމް ބަލައިލީ ކޮޓަރީގައި ހަރުކޮށްފައިވާ ގަޑިއަށެވެ. އޭރު ގަޑިން 2 ޖަހަން ވަނީ ގާތްވެފައެވެ. މަރިޔަމް ވަރަށް މަޑުމަޑުން އެނދުން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރުހުޅުވާލިއެވެ.
"ދަރިފުޅާ...." މަރިޔަމަށް ސިއްސައިގެން ގޮސް ފަހަތަށް ޖެހެވުނުވެ.
"މަންމާ... އަހަރެންނަށް ނިންޖެއް ނާދޭ..... އާދޭ އަހަރެންނާއި އެކު ތެމެން....." ގޭގެ އަސްކަނި ދަށުގައި އިށީދެގެން އިން އުމުރުން 6 އަހަރުގެ އަލްޔާ އޭނާގެ މަންމައަށް ބަލައިލަމުން ހިނިތުންވެލިއެވެ. މަރިޔަމްގެ ހިތުގެ ތެރޭގައި ބިރުވެރިކަން އިންތިހާއަށް ވެރިވެގެން ދިޔައެވެ. ކުއްލިއަކަށް ހުރެފައި މަރިޔަމް ކޮޓަރީގެ ދޮރުލައްޕައި ތަޅުލަމުން ފުންނޭވާ އެއް ދޫކޮށްލިއެވެ.
"ދަރިފުޅާ އަލްޔާ... މަންމައަށް މަޢާފުކުރޭ....." މަރިޔަމްގެ ލޮލުން ހޯސްލާފައި ކަރުނަތައް އޭނާގެ ކޯތާފަތް މައްޗަށް އޮއްސައިގަތެވެ. އެކަނި މާއެކަނި ދޮރު ތަޅުލައިގެން ހުރެ މަރިޔަމް ވާހަކަ ދައްކަމުން ގެންދިޔައީ އޭނާގެ އަމިއްލަ ނަފުސާއެވެ.
ވަގުތުކޮޅަކު މަރިޔަމް ރޯން އިނުމަށްފަހު އޭނާ މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާ ބޭރު ބަލައިލިއެވެ. އެއްވެސް މީހެއް ފެންނާކަށް ނެތެވެ. އަލްޔާ އެއްވެސް ބޭރަކު ނެތެވެ.
"ކޮންތާކަށް ބާ އަލްޔާ އެދިޔައީ؟" އަމިއްލަ ހިތާއި ސުވާލުކޮށްލަމުން މަރިޔަމް ބޯ ދިއްކޮށްގެން ބޭރުބަލަމުން ދިޔައެވެ.
ކުއްލިއަކަށް މަރިޔަމްގެ ލޮލުގައި އަޅައިގަތީ ބިންމަތީގައި އޮތް ކަރުދާސްކޮޅެވެ. ވެހެމުން ދާ ވާރެއިން ބިންމަތީގައި ފެން ހެދިފައި ހުރިކަމުގައިވިޔަސް ހައިރާން ވާ ކަމަކީ އެ ކަރުދާސްކޮޅުގައި ފެނުގެ އެއްވެސް އަސަރެއް ފެންނަން ނެތްކަމެވެ.
"މަންމާ.. އަހަރެން ވެސް މަންމަ ދެކެ ވަރަށް ލޯބިވޭ.... ދަރިއެއްގެ މަޤާމު އަހަރެންނަށް ވެސް ދީ...." ކަރުދާސްކޮޅު ކިޔާލުމާއި އެކު މަރިޔަމްގެ ހިތަށް އަސަރުކުރިއެވެ. އިސްދަށަށް ޖަހައިގެން ހުރެ މަރިޔަމް ކޮޓަރިތެރެއަށް ވަނެވެ.
އިރުގެ އަލިން މުޅި ރަށުތެރެ ދިއްލާލައިފިއެވެ. މަރިޔަމް ބަދިގެއަށް ވަން އިރު އޭނާގެ ދަރިފުޅު މައިޝާ އިނީ ރޮށި ދަމަންށެވެ.
"ދަރިފުޅާ.... ހާދަ ރަނގަޅޭ.... މަންމަ ކިރުގަރުދިޔަ ކޮޅެއް ހަދާނަން އިނގޭ...." މައިޝާގެ ބުރިކަށީގައި ފިރުމަމުން މަރިޔަމް ބުނެލިއެވެ.
"މަންމާ... ރޭގަ ވަރަށް އެހެން ކަހަލަ ކަމެއްވި...." މައިޝާ ހައިރާން ކަމާއި އެކު ބަލައިިލީ މަރިޔަމްގެ މޫނަށެވެ.
"ކޮންކަމެއް ދަރިފުޅާ؟" މަރިޔަމް ޖެހިލުންވިއެވެ.
"މަންމާ.... އަހަރެންނަށް ރޭ ހޭލެވުނީ ކުޑަ ކުއްޖަކު ހޭ އަޑަށް..... އަހަރެން ވަރަށް މަޑުމަޑުން ބޭރު ބަލައިލިއިރު ކުޑަ ކުއްޖަކު އިނީ އަސްކަނި ދަށު ވާރެއާ ތެމެން.... އަހަރެންނަށް ބިރުން ފަހަތަށް ޖެހެވުނީ... ދެލޯވެސް މަރާލެވުނީ.... އެކަމު ދެން ބެލި އިރު އެ ކުއްޖާއެއް ނެތް...." މައިޝާ ވަރަށް ބިރުން ހުރެ އެ ވާހަަކަ މަރިޔަމަށް ކިޔައިދެމުން ދިޔައިރު މަރިޔަމްގެ ހިތުގެ ހަމަޖެހުން ދިޔައީ ގެއްލެމުންނެވެ.
"އެހެންތަ ދަރިފުޅާ... ތިވާނީ ހީ އަކަށް.... އެކަމާ އަޅާނުލާ....." މަރިޔަމް މަސައްކަތްކުރީ މައިޝާގެ ހިތް ހަމަޖެއްސުމަށެވެ.
"ނޫން... މަންމާ.... އަހަރެން ދެކުނީމޭ....." މައިޝާ އޭނާގެ ލޮލުގެ ކުރިމަތިން ފެނުނު މަންޒަރު އިތުރަށް ޔަޤީންކުރިއެވެ.
"މައްސަލައެއް ނެތޭ..... އަވަހަށް ހިނގާ ސައިހަދާ ނިންމާލަން.... ބައްޕަވެސް އަންނާނެ މާދަމާ...." މަރިޔަމް އަވަސްވެ ގަތީ ހެނދުނު ނާސްތާ ތައްޔާރުކުރުމަށެވެ.
ގަޑީގެ ސިކުންތުގެ ކަށި އޭގެ އެންމެ ބާރު ދުވެލީގައި ދައުރުވަމުން ގޮސް އެދުވަހު ހަވީރު ހަތަރެއް ޖަހައިފިއެވެ. މަރިޔަމް ވަރަށް ރީތިކޮށް ފެންވަރާލައިގެން މިސްރާބު ޖެހީ ރަށުގެ އުތުރު ފަރާތު ވަލާއި ދިމާއަށެވެ. ބަޔަކަށް ނުފެނާނެ ހެން ވަރަށް ސިއްރުން ވަލުތެރެއަށް ވަދެގެން މަރިޔަމް ދިޔައެވެ.
"އެލްކާން.... އެލްކާން.... އެލްކާން...." ވަލުތެރޭގައި ހުރި ބޮޑު މިދިލި ގަހާއި ހަމަވުމާއި އެކު މަރިޔަމް ގޮވަން ފެށިއެވެ.
"މަރީ...." އަޑު އައީ މިިދިލި ގަހުގެ މަތިންނެވެ. މަރިޔަމް މައްޗަށް ބަލައިލުމާއިއެކު ވަރަށް ދެރަވެއްޖެއެވެ. އެލްކާން އުޅެމުންދާ ދަތިޙާލު ފެނުމުންނެވެ. އެލްކާންގެ މުޅި ގައިގައި ވަނީ ހިލިހިލާ ޖަހައިފައެވެ.
"އެލްކާން...." މަރިޔަމްގެ އަރުތެރެއިން އަޑު ނިކުތީ ބޭއިޚުތިޔާރުގައެވެ.
ނުނިމޭ.-.
ވަަރަށް ސަޅި..
ވަރަށް ރީތި. އަވަހަށް އަޕްކުރަށްޗޭ...
ވަރަށް ވަރަށް ސަޅި
ވަރަށް ޓަފު......
ވަރަށްވެސް ފުރިހަމަ
ރީތި އެކަމަކު ތަންކޮޅެއް ދިގު ކޮއްލަދީ
ޕްލީޒް
ވަރަށް ރީތި.. އެކަމަކު ނެކްސްޓް އެޕިސޯޑް މިއަށްވުރެ އަދި ކުޑަ ތަންކޮޅެއް ދިގު ކޮށްލަދެއްޗެ!!!
ވަރަށް ސަޅި