ނޯޓް: މިއީ ހަޤީޤީ ހާދިސާއަކަށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. ވީމާ އަޅުގަނޑުގެ އަމިއްލަ ޚިޔާލަށް ބައެއް ކަންކަން ބަދަލުކޮށްފައި ހުންނާނެވެ.

ހުކުރު ދުވަހުގެ އިރު މުޅި ފަލަކަށް މަރުޙަބާ ކިޔައިފިއެވެ. ރަޒާން ފަތިސް ނަމާދު ކޮށްލައިގެން ތައްޔާރުވަމުން ދިޔައީ ޣައްޒާގެ ބޯޑަރުގައި ފަލަސްތީންގެ ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުން ކުރަމުން ގެންދިޔަ މުޒާހަރާއަށް ދިޔުމަށެވެ. ރަޒާނަކީ ފަލަސްތީނުގެ ޕެރަމެޑިކްސްގައި ހިލޭ ސާބަހަށް މަސައްކަތް ކުރަމުން އަންނަ ވަރަށް ހިތްވަރުގަދަ އުމުރުން 21 އަހަރުގެ ޒުވާން ނަރުހެކެވެ. ފުރިހަމަ ނަމަކީ ރަޒާން އަލް ނައްޖާރެވެ. ރަޒާން ނަރުސް ޔުނިފޯމް ލުމަށްފަހު ސިއްހީ އެހީތެރިއެއްކަން އަންގައިދޭ ކާޑު ކަރުގައި އަޅުވާލިއެެވެ. އަޅައިގެން ހުރި ބުރުގާ ހެޔޮވަރު ކޮށްލުމަށްފަހު ރަޒާން އަވަސްވެ ގަތީ ގެއިން ނިކުންނާށެވެ. ގެއިން ނިކުންނަމުން އޭނާގެ މަންމަ ކަމުގައިވާ ސަބްރީން ގާތު މި ދަނީ މުޒާހަރާއަށް ކަމަށް ބުންޏެވެ. ސަބްރީން އޭނާގެ ދަރިފުޅު ރަޒާން ގެއިން ނިކުމެ ސަބްރީންގެ ލޯމަތިން ގެއްލެންދެން ރަޒާނަށް ބަލަހައްޓައިގެން ގޭ ދޮރުުމަތީގައި ހުއްޓެވެ. ސަބްރީން ގެ ލޯމަތިން ދަރިފުޅު ގެއްލިގެން ދިޔައީ ހަމަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އެސްފިޔައެއް ޖަހާލާހާ އަވަހަށް ރަޒާން މަގުމަތިން ގޮސް އޮބާލިއެވެ. ދޫންޏެއް އުދުހިގެން ދިޔަ ފަދަ އަކުންނެވެ. ސަބްރީނަށް ވެސް އޭނާގެ ދަރިފުޅު އެކަމަށް ހުންނަ ޝައުގާއި ލޯބި ހަމަ ރަނގަޅަށް ވެސް އެނގެއެވެ. ރަޒާނަކީ މަޑުމައިތިރި ކިޔަމަންތެރި މިޒާޖެއްގެ ކުއްޖެކެވެ. ދީނަށް ލޯބި ކުރާ އެހެން މީހުންނަށް އަޅާލާ އޯގާތެރިވުމުގައި ލާމަސީލު މިސާލެކެވެ. ޖެހިލުން ކުޑަ ކޮންމެ ފަދަ ޤުރުބާނީ އެއްވެސް ވާން ކެރޭނެ ހިތްވަރުގަދަ ބަޠަލާއެކެވެ. މިފަދަ ޞާލިޙު ދަރިއެއް ސަބްރީނަށް ދެއްވީތީ އޭނާ އަބަދުވެސް ﷲއަށް ޝުކުރު ކުރެއެވެ.

ރަޒާނަށް ޣައްޒާގެ ބޯޑަރު ކައިރިއަށް ދެވުނު އިރު މުޅި އެސަރަހައްދުން އިވެމުން ދިޔައީ ބަޑީގެ ބާރު އަޑުފަށްގަނޑެވެ. މުޅި އެތަނަށް ވެރިވެފައިވަނީ ބިރުވެރިކަމެވެ. އެއްވެސް ރަޙުމެއްނެތި ޔަހޫދީ އިސްރާއީލްގެ އިންސާނުންގެ ސިފައިގައި ތިބި ޝައިތާނުން ދިޔައީ ފަލަސްތީނުގެ މުސްލިމުންނަށް ހަމަލާ ދެމުންނެވެ. ވަޒަންގެ ޝިކާރައަކަށް ވެ ބައެއް މުސްލިމް އަޚުންނާއި އުޚުތުން ބިންމައްޗައް ވެއްޓެމުން ދިޔައެވެ. އެ މަންޒަރު ބަލަން ހަމަ އެންމެ ހިނދުކޮޅަކު ވެސް މަޑުކުރާކަށް ރަޒާން ބޭނުމެއް ނުވިއެވެ. ރަޒާން ވަގުތުން ދުއްވައިގަތީ އަނިޔާ ލިބެމުން ދާ މީހުންނަށް ފަރުވާ ދިނުމަށެވެ. ޔަހޫދީ އިސްރާއީލްގެ އަނިޔާވެރި ހަމަލާތަކުން އެ ސަރަހައްދުން ކިތަންމެ ބިރުވެރިކަން ފެންނަށް އޮތަސް ރަޒާންގެ ހިތުގައި ކުޑަވެސް ބިރުވެރިކަމެއްނެތެވެ. ވަޒަން އެރިޔަސް ވަރިހަަމައެވެ. އެ ހިސާބުން ޝަހީދެއްގެ ދަރަޖަ ލިބި މި ދުނިޔެއިން ދިޔުމުގެ ނަސީބު ލިބުނީކަމަށް ރަޒާން ދެކެއެވެ. ރަޒާން އަބަދުވެސް ބުނާ ވާހަކައެއް އޮވެއެވެ. މަރު ދެކެ އޭނާ ބިރު ނުގަންނަ ވާހަކައެވެ. އަނިޔާ ލިބޭ މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދޭން އޭނާ ބޭނުންވާ ވާހަކައެވެ. ގަޔަށް ވަޒަން ޖަހަންވީ ކަމަށާއި އެކަމަށް ކުޑަވެސް ބިރެއް ނެތްކަމަށް ރަޒާން ބުނެއެވެ.

ވަޒަން އަރަމުން ދިޔަ މުސްލިމް އަޚުންނާއި އުޚުތުންނަށް ފަރުވާ ދިނުމުގައި ރަޒާން ހަރަކާތްތެރިވަމުން ދިޔައެވެ. ރަޒާނަށް ވީ ވަރަކުން އެބައިމީހުން ރަނގަޅުކުރުމަށް އެތައް މަސައްކަތެއް ކުރަމުންދެއެވެ. އެއްވެސް ވަރުބަލިކަމެއް ނެތެވެ. ޢަޒުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަނިޔާ ލިބެމުން ދިޔަ ބައެއް މުސްލިމް އަޚުންނާއި އުޚުތުން މަރަށް ތެޅޭއިރު ރަޒާންގެ ހިތް ހީވަނީ ކުދިކުދި ވެދާނެ ހެންނެވެ. އެފަކީރަށް ވަރަށް އަސަރުކުރެއެވެ. ހިތަށް ވަރަށް ތަދުވެއެވެ. އެހެނަސް ރަޒާން ކޮންމެ ކަމަކަށްވެސް ދިޔައީ ކެތްތެރިކަން ޚިޔާރު ކުރަމުންނެވެ. ކޮންމެ ގޮތެއް ވިޔަސް ކުރިމަތީގައި މަރަށް އެތެޅެނީ ކުށެއް ނެތް މުސްލިމުންނެވެ. އިސްރާއީލް ގެ ޖައްބާރު ސިފައިން ހަމަލާ ދޭއިރު އުމުރަކަށް ވެސް ބެލުމެއް ނޯވެއެވެ. ކުޑަ ކުދިންނާއި އެކި އުމުރު ފުރައިގެ އަންހެނުންނާއި ފިރިހެނުންނަށް ދިޔައީ އަނިޔާ ދެމުންނެވެ. އެ ހުރިހާ އެންމެންނަށް ވެސް ފަރުވާ ދީ ރަނގަޅުކުރަން ރަޒާން ބޭނުންވެއެވެ.

ގަޑީގެ ސިކުންތުގެ ކަށި އޭގެ އެންމެ ހަލުވިމިނުގައި ހިނގަމުންދިޔައެވެ. ވަރަށް ހިތްވަރާއި ކެތްތެރިކަމާއިއެކު އަދިވެސް ރަޒާން ދިޔައީ ވަޒަަން އަރާފައިވާ މުސްލިމް އަޙުންނާއި އުޚުތުންނަށް ފަރުވާ ދެމުންނެވެ. އެ މަސައްކަތުގައި އަވަދި ނެތި ރަޒާން އުޅެނިކޮށް ކަންތައް ދިމާވީ ވަރަށް ހިތްދަތި ގޮތަކަށެވެ. އަނިޔާވެރި ޖައްބާރު އިސްރާއީލްގެ ޓެރެރިސްޓެއް ރަޒާން އާއި ދިމާލަށް ބަޑި ދިއްކޮށްލިއެވެ. ރަޒާން ވަގުތުން އޭނާގެ ދެއަތް މައްޗަށް ނެގިއެވެ. އަމާން ދިނެވެ. ރަޒާންގެ ފަރާތުން އެއްވެސް ނުރައްކަލެއް ނެތްކަން އެންގުމަށެވެ. އެހެނަސް އިދިކީލި ވިސްނުމުގެ އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ޓެރެރިސްޓް މީހާގެ ހިތުގައި އެއްވެސް ދިރުމެއްނެތެވެ. ވަޒަނުގެ ޝިކާރައަކަށް ވެ ބިންމައްޗަށް ވެއްޓިފައި އޮތް ޙާލު ބޮޑު ބަލި މީހަކު އެހެން ދިމާއަކަށް ބަދަލުކުރުމުގެ މަސައްކަތް ރަޒާން ފެށުމާއިއެކު އެ އަނިޔާވެރި މީހާ ބަލާކަށް ނުހުރެ ރަޒާންގެ ގަޔަށް ބަޑި ޖެހިއެވެ. ސީދާ މެޔަށެވެ. އެހިނދު ރަޒާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އަައެވެ. ވަގުތުން ރަޒާން ބިންމައްޗަށް ވެއްޓުނެވެ. ލައިގެން ހުރި ހުދު ޔުނިފޯމް ވަނީ ލެއިން ތަތްތެޅިފައެވެ. ރަޒާންގެ އެންމެ ފަހުގެ ނޭވާ ދުނިޔެއަށް ދޫކޮށްލައިފިއެވެ.

" إنّا للّٰه وإنّاإليه راجعون "

ރަޒާން ގެ ގައިގައި ފުރަތަމަވެސް ބައްދައިގަތީ އޭނާ އާއިއެކު މަސައްކަތްކުރާ ސިއްހީ އެހީތެރިއެކެވެ. ރޮމުން ރަޒާންގެ ފުރާނަނެތް މަސްގަނޑުގައި އެމީހާ ބައްދަމުން ގެންދިޔައެވެ. ލޮލުން ކަރުނަތައް ހޯސްލާފައި ފައިބަމުން ދިޔައިރު ހިތާމައިގެ ވޭނުން އެމީހާގެ ހިތް ވަނީ ރޫޅެން ގައިވެފައެވެ.

ރަޒާންގެ ގެ ހަށިގަނޑު ވަގުތުން ހޮސްޕިޓަށް ގެންދެވުނެވެ. ރަޒާން ޝަހީދުކޮށްލީ އެހެން ފުރާނަތައް ސަލާމަތް ކުރުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުން ދަނިކޮށެވެ. ދުނިޔެއިން ވަކިވެގެން ދިޔައީ މާތް ފުރާނައެކެވެ. އިސްލާމީ އުއްމަތަށް ރިވެތި ގޮތުގައި ނަމޫނާ ދައްކާފައެވެ.

ރަޒާން ޝަހީދުކޮށްލި ޚަބަރު އޭނާގެ މައިންބަފައިންނަށް އިވުމާއި އެކު ރަޒާންގެ މަންމަ އާއި ބައްޕައަށް ހީވީ ދުނިޔެ ހުއްޓުނުހެންނެވެ. ރަޒާންގެ މަަންމަ ސަބްރީނަށް އަޑުން އަޑު ނަގާ ރޯންފެށުނެވެ. ލެއިން ތަތްތެޅިފައިވާ ރަޒާންގެ ޔުނިފޯމް ފެނުމާއި އެކު ސަބްރީންގެ މައިލަގޮނޑިއަށް ކެތެއްނުވިއެވެ. ގައިން ވަރު ދޫވެ ސަބްރީން ހުރިތަނަށް ވެއްޓުނެވެ. ސަބްރީން ހޭއެރީ ވެސް ވަގުތުކޮޅެއް ފަހުންނެވެ.

މުޅި ޣައްޒާ އެއްކޮށް ކަހަލަ ގޮތަކަށް ދިޔައީ ރަޒާންގެ ޖަނާޒާގައި ބައިވެރިވަމުންނެވެ. ރަޒާން ފަރުވާކޮށް ދީ ރަނގަޅު ކޮށްފައި ތިބި ގިނަ ބަޔަކުވެސް ރަޒާނަށް އެންމެ ފަހުގެ ވަދާޢީ ސަލާމްކުރިއެވެ. ރަޒާންގެ ޖަނާޒާ ނިމެންދެން އޭނާގެ ބައްޕަ ހުރީ ރަޒާންގެ ލެއިން ތަތްތެޅިފައިވާ ޔުނިފޯމް ހިފައިގެން ރޯލަރޯލައެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ރަޒާން ކަހަލަ އިސްލާމީ އުއްމަތަށް މުހިންމު ދަރިއެއް މި ދުނިޔެއިން އެހާ އަވަހަށް ވަކިވެގެން ދިޔުމުން އެކަމުން ލިބިފައިވާ ފުން ހިތްދަތި އަސަރުތަކެވެ.

ގިނަ ބައެއްގެ ހޮޔޮ ދުޢާ ހިތްވަރުގަދަ ބަޠަލާ ރަޒާނަށް ލިބެމުން ދިޔައެވެ. ދުޢާއަކީ ޔަހޫދީ އިސްރާއީލުން ޝަހީދުކޮށްލި ރަޒާނަށް ސުވަރުގޭގެ މާތް މަތިވެރި ނިޢުމަތް އަބަދަށް ލިބުމެވެ. އަދި ހިތްވަރުގަދަ ރަޒާން އަލް ނައްޖާރު ފަދަ އެތައް ބަޔަކު މުސްލިމް އުއްމަތަށް އުފަންވުމެވެ.

ނިމުނީ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޗައިނާ

    ވަރަށް ފުރިހަމަ މާޝާ ﷲ

    25
  2. ވެރިން

    ކިޔާ ނިމުނު އިރު ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފަ. އެ ކަބުލޯ އަށް ސުވަރުގެ މިންވަރު ކުރަށްވާ ދޭ އެވެ.