އެމެރިކާގެ މަޝްހޫރު ރިލިއަލިޓީ ތަރި ކިމް ކާޑޭޝަން، އާއި އެނާގެ ފިރިމީހާ ކޭން ވެސްޓްއަށް ހަތަރުވަނަ ދަރިއަކު ލިބިއްޖެއެވެ.

ޓްވިޓާ މެދުވެރިކޮށް ކިމް މިހާރު މިކަން އިއުލާނުކޮށްފައިވާއިރު، އޭނާ ބުނެފައިވަނީ މިފަހަރު ލިބުނީ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި އެކުއްޖާ އެންމެ ވައްތަރީ އެ ދެމަފިރިންގެ އެންމެ ހަގު ދަރިފުޅު، ޗިކާގޯ އާއި ކަމަށް ކިމް ބުނެފައި ވެއެވެ. އެކުއްޖާ ވިހާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

ކިމް އާއި ވެސްޓް ހަތަރު ވަނަ ދަރިއެއް ހޯދާފައިވަނީ، ސަރޮގޭޓެއް މެދުވެރިކޮށެވެ. ސަރޮގޭޓަކީ ފިރިހެނެއްގެ ދަރިފަންޏާއި އަންހެނެއްގެ ބިސް، ރަހިމުގައި އިންދައިގެން ދަރިއަކު އުފަންކުރާ އަންހެނާއެވެ. މިގޮތަށް ބޭނުންކުރާ ސަރޮގޭޓެއްގެ ރަހިމުގައި ދަރިފަންޏާއި ބިސް އަށަގަންނުވަނީ އޭގެ ކުރިން އެކަން ކުރުވާ ދެމަފިރިންނާއި އެކު ވެވޭ އެއްބަސްވުމަކަށްފަހު، ދަރިފަނި އިންދައިގެން ލިބޭ ދަރިފުޅު ދޭން ޖެހޭ ގޮތަށެވެ.

މިއީ ސަރޮގޭޓަކު މެދުވެރިކޮށް ކިމް އާއި ވެސްޓް އަށް ލިބުނު ދެވަނަ ދަރިއެވެ. ބުރާސްފަތި ދުވަހު އުފަންވި ސަރޮގޭޓް ދަރިފުޅުގެ އިތުރުން އިތުރު ތިން ދަރިން އެދެމަފިރިންގެ ތިބިއިރު އޭގެތެރޭގައި ހިމެނެނީ ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. އެހެންކަމުން މިހާރު ކިމް އާއި ވެސްޓްގެ ދެ އަންހެން ދަރިންނާއި ދެ ފިރިހެން ދަރިން އެބަތިއްބެވެ.

ހަތަރުވަނަ ދަރިއަކު ލިބުނުކަން ކިމް މިހާރު އިއުލާނުކޮށްފައިވާއިރު، އެންމެ ފަހުން އޭނާއަށް ދަރިއަކު ލިބުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސަރޮގޭޓެއް މެދުވެރިކޮށެވެ. ކިމް އާއި ވެސްޓްގެ ސަރޮގޭޓް ދެ ދަރިންގެ އިތުރަށް ތިބީ ފަސް އަހަރުގެ އަންހެން ކުއްޖަކާއި ތިން އަހަރުގެ ފިރިހެން ކުއްޖެކެވެ.

ކިމް ބުނެފައިވާގޮތުގައި އޭނާގެ ހަތަރުވަނަ ދަރިފުޅަށް އަދި ނަމެއް ނުދެއެވެ. ނަމަވެސް ދަރިފުޅަށް ދޭނެ ނަމެއް ހޯދުމަށް އިންޓަނެޓް މެދުވެރިކޮށް ނަންތައް ބަލަމުންދާ ކަމަށް ބުނެފައި ވެއެވެ.