1996 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު، ހއ ކެލާ އަށް އުފަން، މޫސާ ފާހިރަކީ މަންދީރާ ބޮޑުބެރު ގުރޫޕުގެ ކުޅަދާނަ ނެށުންތެރިއެކެވެ. ފާހިރުގެ އެއްބަނޑުއެއްބަފާ އަށް ކުދިން ތިބިއިރު، އެއް ކުއްޖަކު ފިޔަވާ މުޅިން ވެސް ތިބީ ފިރިހެން ކުދިންނެވެ. 2013 ވަނަ އަހަރު ފާހިރުގެ ބައްޕަ ނިޔާވެފައިވާއިރު، ބޮޑުބެރުގެ ތެރެއަށް އޭނާއަށް ވަދެވުމުގެ އެންމެ ބޮޑު ސަބަބަކަށް ވެގެން ދިޔައީ ބައްޕަގެ ހުނަރުވެރިކަމާއި، ބައްޕަގެ ފަރާތުން ދަސްވި އެތައް ބައިވަރު ކަންތައްތަކެއްގެ ސަބަބުން ކަމަށް އޭނާ ބުންޏެެވެ.

"ބޮޑުބެރަށް ވަރަށް ކުޑަ އިރުންސުރެވެސް ވަރަށް ޝައުޤުވެރިކަން ހުރޭ. ލަވައެއްގެ އަޑު އިވޭއިރަށް ނެށިފަ ހުންނަނީ. ބައްޕައަކީ ޘަޤާފީ ނެރުންތައް ނަށާމީހެއް. ލަނގިރި ޖެހުމާއި، ތާރަ ޖެހުމާއި، މާފަތި ނެށުމާއި މި ހުރިހާ ނެށުމަކަށް ވެސް ވަރަށް ގިނަ މީހުންނަށް ޕްރެކްޓިސް ކޮށްދޭނެ ބައްޕަ. ބައްޕަ ފަރާތުން އެންމެ ބޮޑަށް މިކަމުގެ ތެރެއަށް ވަދެވުނީ." ފާހިރު ކިޔައިދިނެވެ.

ބޮޑުބެރުގެ ދުނިޔެއަށް ފާހިރުއަށް ނިކުމެވުނީ މަންދީރާގެ އާއިލާގެ ތެރެއިންނެވެ. އޭނާއަކީ ފެށުނީންސުރެ އެ ގުރޫޕުގެ ނެށުން ތެރިއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ހުނަރުވެރިއެކެވެ. ރަށު ސުކޫލުން ގުރޭޑް 10 ނިންމުމަށްފަހު މާގިނަ ދުވަސްތަކެއްނުވެ ފާހިރުއަށް ވަނީ އޭނާ އެންމެ އުންމީދު ކުރި ފުރުޞަތު ލިބިގެން ގޮސްފައެވެ.

"2014 ފުރަތަމަ މާލެ އައީ. އައިތަނުން ރައްޒާގު ދޮންބެ އާއި ދިމާވީ. އޭރު ދެން ބޮޑުބެރު ޗެލެންޗުގައި އެއްވަނަ ނަގާފަ މަންދީރާ އޮތީ. އޭގެ ކުރިން މިރަށަށް އައި އީދެއްގަ ދަނޑިޖަހަން. އެތަނުން ދިމާވެގެން ރައްޒާޤު ދޮންބެ ބުނީ ހިނގާށޭ ޖޮއިން ކުރަން. ރަނގަޅުވާނޭ. ދެން އޭރު އުޅުނު ވަޒީފާގެ ގޮތުން ޖޮއިން ނުކުރެވުނީ. އޭގެ އެއް އަހަރު ފަހުން ޖޮއިން ވެވުނީ. 2015 ގައި ޖޮއިން ވީ." ފާހިރު އޭނައަށް މަންދީރާ ބޮޑުބެރު ޓީމާއި ގުޅުމުގެ ފުރުޞަތު ލިބުނު ގޮތް ކިޔައިދިނެވެ.

ބޮޑުބެރުޖެހުމާއި، ބޮޑުބެރަށް ނެށުމަކީ އޭނާ ހޮބީއެއް ގޮތަށް ކުރާ ކަމެކެވެ. ކޮންމެ މީހެއްގެ ވެސް ދިރިއުޅުމުގައި ޙާޞިލްކުރަން ބޭނުންވާ ކަންތައްތަކެއް ހުންނައިރު، ފާހިރު އެންމެ ބޮޑަށް ދެކެން ބޭނުންވާ ދުވަހަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ވިޔަފާރިއެއް ފެށޭނެ ދުވަހެކެވެ. ޒަވާޖީ ޙަޔާތެއް ފަށައިގެން އުޅޭ ފާހިރުއަކީ މިއަދު އެމްޕީއެލްގައި މަސައްކަތް ކުރަމުން އަންނަ ޒިންމާދާރު ފިރިއެކެވެ.

"ބޭނުންވަނީ އަމިއްލަ ފައިމައްޗަށް ތެދުވަން. އަމިއްލަ ވިޔަފާރިއެއް ކުރަން. މިސާލަކަށް ރެސްޓޯރެންޓެއް ވިޔަސް. ނޫނީ ކޮންމެވެސް އަމިއްލަ މަސައްކަތެއް ވިޔަސް. އެކަހަލަ ގޮތަކަށް ކުރިއަށްދާން ބޭނުންވަނީ. އެދުވަސް ފެންނާނެ ދުވަހަކަށް މިހާރު މި މަސައްކަތް ކުރަނީ. ބޮޑުބެރަކީ އާމްދަނީ އެއް ގޮތައް ކުރާ ކަމެއް ނޫން. އެއީ ހަމަ ހޮބީ އަކަށް ކުރާކަމެއް." ފާހިރު، އޭނާގެ އުންމީދުތައް "ވަގުތު" އާއި ޙިއްޞާ ކުރިއެވެ.

ބޮޑުބެރުގެ މަޤުބޫލުކަން ދިވެހިންގެ މެދުގައި ބޮޑުވެފައިވާއިރު، އެތައް ބައިވަރު ގުރޫޕުތަކެއް މިއަދު ވަނީ އުފެދިފައެވެ. ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގުރޫޕެއް ކަމަށްވާ ހަބޭސް ބޮޑުބެރުގެ ފަރާތުން ހުށަޙެޅުން ލިބުމުން ވެސް މަންދީރާއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން، އެ ފުރުޞަތު ދޫކޮށްލީކަމަށް އޭނާ ބުންޏެވެ. މަންދީރާއަކީ ދެވަނަ އާއިލާކަމަށް ސިފަ ކުރާ ފާހިރު ބުނީ، ރާއްޖޭގެ އެހެން ގުރޫޕަކަށް ދިއުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި، ނަމަވެސް އެހެން ގުރޫޕުތަކުގައި އުޅޭ މޮޅެތި މީހުންގެ ނެށުންތައް "ފޮލޯ" ކުރާ ކަމަށެވެ.

"އެންމެ ރީތީ ޝާމީގެ ނެށުން. ދެން ދަންމާނުގެ ނަށާ މޯޑަކީ ވެސް ވަރަށް އިންސްޕަޔަރިންގ މީހެއް. އެމީހުންގެ ނެށުން ވަރަށް ކަމުދޭ. އަބަދުވެސް ބަލަން ރީތިކޮށް ނަށާމީހުންގެ ނެށުންތައް." ފާހިރު ކިޔައިދިނެވެ.

މީގެ ކުރިން ފާހިރުގެ އެންމެ ބޮޑު އުންމީދަކަށް ވެފައި އޮތީ، ރާއްޖޭގެ ބޮޑު ރަށެއްގައި ބޮޑުބެރުގެ ޝޯއެއްގައި ނެށުމުގެ ފުރުޞަތު ލިބުމެވެ. އެ އުންމީދު މިހާރު ވަނީ އޭނާ ޙާޞިލްކޮށްފައެވެ. ދެވަނަ ކަމަކަށް އެންމެ ބޭނުންވަނީ ރާއްޖޭން ބޭރުގައި ޕާފޯމް ކުރަން ކަމަށާއި، އެދުވަހަކަށް ވަރަށް އިންތިޒާރު ކުރާ ކަމަށް އޭނާ ބުންޏެވެ.

"މިހާރު އެންމެ ދެކެލަން ބޭނުންވާ ދުވަހަކީ މަންދީރާ ގުރޫޕާއި އެކު ރާއްޖެއިން ބޭރަށް ޕާފޯމަންސް ކޮށްލަންދާން. އެއީ އެންމެ ދެކެން ބޭނުންވާ ދުވަހަކީ. އެދުވަހަކަށް މިހާރު އިންތިޒާރު ކުރަނީ. މީގެ ކުރިން ބޭނުންވަނީ ރާއްޖެތެރެއަށް ދާން ބޮޑު ޝޯއަކަށް. ނަމަވެސް އެކަހަލަ އެތައް ފުރުޞަތުތަކެއް މިހާރު ލިބިއްޖެ. މިހާރު ބޭނުންވަނީ ރާއްޖޭން ބޭރަށްދާން." ފާހިރު އޭނާގެ ފޮނި ހުވަފެންތަކުގެ ވާހަކަ ކިޔައިދިނެވެ.

މަންދީރާ ބޮޑުބެރު ގުރޫޕުގެ ނެށުންތެރިޔާ ފާހިރު، އޭނާއަށް އެ ދާއިރާގައި އެއްބާރުލުން ދެއްވި ހުރިހާ އެންމެންނަށް ޝުކުރު އަދާ ކުރެއެވެ. ޚާއްޞަކޮށް ރައްޒާޤު ދޮންބެގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން އޭނާ ފާހަގަ ކުރެއެވެ. "ވަގުތު" އިން އަބަދުވެސް އެދެނީ ފާހިރަށް އުފާވެރި ދުވަސްތަކެއް މިންވަރުކޮށްދެއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ރާއްޖެއިސްލާމް ކެންސަރު

    3
    1
  2. ޗަހްމީލް

    ކިޔެވުމުގަޔާއި ފަންނީ ދާއިރާތަކުން ކުރިއައްދާ ކުދީން މައްޝޫރުކޮއްބަލަ.. ބޮޑުބެރާއި ބަނޑިޔާ ޖަހާޒުވާނުންނައް ފަންނީ ދާއިރާތަކައް ވަނުމައް ހިތްވަރުދީބަލަ.. ތިޔަ ބޮޑުބެރަކީ އެއްވެސް ހަރުދަނާ ބަޔަކު ޝާމިލުވާ ކަމެއްނޫން.. އަދި އިސްލާމްދީނާއި ވެސް ތައާރުދު އެތައްކަމެއް ތިޔަ ބޮޑުބެރު ޖެހުމުގައި ހިނގާ..

    11
    2
    • ފިރުޝާން

      ބޮޑުބެރަކީ ވަރަށް ހަރުދަނާ މީހުން ކުރާ ކަމެއް. ގައިގަ ހުންނަ ޓެލެންޓް ދައްކަން ވަރަހ މޮޅު އެއްޗެއް. ބޭކާރު ކޮމެންޓް ލިޔަން ނުތިބޭނެ.

  3. ައާންމުން

    ތެދުމަގު ދައްކަވާށި