އުމުރުން 18 އަހަރުގެ މި ޒުވާނާއަކީ ރާއްޖޭގެ އާދަކާދައާއި ސަގާފަތަށް ލޯބިކުރާ ޒުވާނެއްކަން ޔަގީނެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ ސަގާފަތާއި ގުޅިފައިވާ ބޮޑުބެރު ދެކެ މި ޒުވާނާ ވަނީ އާދައިގެ ލޯތްބެއް ނޫނެވެ. އޭނާ ދަނީ ބޮޑުބެރުގެ ދާއިރާއިން މަގުތައް ކޮށާ ކުރި ހޯދަމުންނެވެ.

ހދ.ފިނޭއަށް ނިސްބަތްވާ މި ޒުވާނާ، މުހައްމަދު އާނިމް ބުނީ، ބޮޑުބެރަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކުރަމުން އަންނަ ސަގާފީ ކަމަކަށް ވެފައި އެކަމަށް ލޯބިޖެހިފައި ހުރުމުން އެކަން ކުރަން ބޭނުންވީ ކަމަށެވެ.

"ކިިރިޔާވެސް އަމިއްލައަށް އުޅެވޭ ވަރުވިތަނާ ބޮޑުބެރަށް ލޯބި ޖެހިއްޖެ، ބޮޑުބެރު ޖަހަން ފެށިން އުމުރުން 12 އަހަރުގައި". އާނިމް ބުންޏެވެ.

ފިނޭއަކީ އަބަދުވެސް ބޮޑުބެރަށް ފޯރި އޮންނަ ރަށަކަށްވެފައި، ބޮޑުބެރު ޖަހަން ފަށައި، އެ ދާއިރާއިން ކުރިއަށްދާން އާނިމް ބޭނުންވީއެވެ. އަދި މާލެ އައުމަށްފަހުގައި ވެސް އެކަމުގެ ތެރޭގައި އުޅެމުން ދިޔައީކަމަށް އާނިމް ބުންޏެވެ. އެންމެ ފުރަތަމަ "ޗެޅިޔާ" ބޮޑުބެރު ގުރޫޕާއެކު އޭނާގެ ބެރުގެ ދުނިޔެ ކުރިއަރުވަން ފެށިއެވެ. އަދި އޭގެ ފަހުން "ދަންމާނު" ބޮޑުބެރު ގުރޫޕްގައި އުޅުމަށްފަހު، މިހާރު މަންދީރާއާއެކު އާނިމް ދަނީ ހުނަރު ދައްކައި، ކުރިއެރުންތަކެއް ހޯދަމުންނެވެ.

އާނިމް ވަގުތު އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

"މަންދީރާއަށް އައިފަހުން އަދި ވާނީ ދެ މަސްވަރު، މަންދީރާއަކީ ހަމަ ލޯތްބެއް. ތަފާތު ވަރަށް އެހެން ގުރޫޕްތަކާއި، ވަރަށް ހެޕަނިންގ ތަނެއް އެއީ. އެންމެން ވެސް ވަރަށް ފެމެލިއާ". އާނިމް ބުންޏެވެ.

އާނިމަށް ބޮޑުބެރުގައި ނުކުރެވޭ ކަމެއް ނޯންނާއެވެ. އޭނާއަށް ހުރިހާ ކަމެއްވެސް ވާނެއެވެ. އެކަމަކު އޭނާ ބޮޑަށް އުޅެނީ ނެށުމައިގެންނެވެ. މަންދީރާގައި އޭނާ އުޅެނީ ނަށާށެވެ. އަދި ޒުވާބުގައި ވެސް އޭނާ ދަނީ އުޅެމުންނެވެ.

އާނިމް ބޮޑު ބެރަށް ނަށަނީ

"ފަށައިގަތީ ނެށުމުން، ދެން ލަވައެއް ކިޔާލާފައި ދެން، އަސްލު ބޮޑުބެރުގައި ނުކުރެވޭ ކަމެއް ނޯންނާނެ، އެކަމަކު އެންމެން ކުރާ ފެންވަރުގައެއް ނޫން. އަދި މަންދީރާއިން ދިން ފުރުސަތެއްގައި ހިފާފައި ކުރިއަށްދާނަން. އަދި މަންދީރާއިން ފުރުސަތު ދޭނެކަންވެސް އިނގޭ". އާނިމް ބުންޏެވެ.

އާނިމް ބުނިގޮތުގައި، މަންދީރާގައި ބޮޑަށް ތިބޭ މީހުުންގެ ސަޕޯޓް ވަރަށް ބޮޑަށް ލިބެއެވެ. އަދި ކަންތައް ކުރަންވީ ގޮތާއި، ރަނގަޅު ކުރަންވީ ކަންކަމާއި އެއްޗެހި އެ މީހުން ކިޔާދީ ހަދާ ކަމަށް އާނިމް ބުންޏެެވެ. އަދި މިގޮތަށް ކޮންމެ ދުވަހަކީ ވެސް އެއްޗެއް އިނގޭ ދުވަހެއް ކަމަށް އާނިމް ބުންޏެވެ. އަދި އާއްމުންގެ ފަރާތުން ލިބޭ ކޮމެންޓްސްތަކުގެ ސަބަބުން ވަރަށް އުފާވާކަމަށް އޭނާ ބުންޏެވެ.

އާނިމް މަންދީރާ ޓީމާއެކު

ބޮޑުބެރުގެ ހަޔާތުގައި މިވީހާ ދުވަހު އާނިމްގެ ދިރިއުޅުމަށް ބަދަލުތަކެއް އައިސްފައިނުވާކަަމަށް ފާހަގަކުރަމުން އޭނާ ބުނީ، މި ހަޔާތަށް އައުމުން ލިބުނީ ވަރަށް ގިނަ ރައްޓެހިން ކަމަށެވެ. އަދި ތަފާތު ކަންކަން އެކްސްޕީރިއަންސްކޮށްލަން ފުރުސަތު ލިބޭކަމަށް ވެސް އާނިމް ބުންޏެވެ.

"ތަފާތު ރަށްރަށަށް ގޮސް ތަފާތު މީސް މީހުންނާއި ދިމާވެފައި. ބޮޑެތި އިވެންޓްތަކަށް ގޮސް. އެކަހަލަ ގޮތަކަށް". އާނިމް ބުންޏެވެ.

އާނިމަކީ މި ދާއިރާގައި ކުރިޔަށް ދިޔުމަށް ވަރަށް ބޮޑު އަޒުމެއް ކަނޑައަޅައިގެން ހުރި ޒުވާނެކެވެ. ދާއިރާ ދޫކޮށްލަން އޭނާ އެއްވެސް ގޮތަކަށް ބޭނުން ނުވެއެވެ. އަދި ދާއިރާގައި ދެވެން އޮތް އެންމެ ކުރިއަކަށް ދިއުމަށް ފިޔަވަޅު ނަގަން އޭނާ ހުރީ ތައްޔާރަށެވެ. އަދި މިކަމަކީ ރާއްޖޭގައި ކުރެވޭނެ ކަމެއް ކަމުގެ ޔަގީންކަން ވެސް އާނިމަށް އޮވެއެވެ.

އާނިމް ވަގުތު އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އާނިމަކީ ވަރަށް އަވަދިނެތި އުޅޭ މީހެކެވެ. އޭނާ ބޮޑުބެރަށް އޮންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން ވަގުތު ހޯދައިގެން އެކަން ކުރަމުން ދަނީއެވެ. ޓީއެމްއޭގެ ކެބިން ކްރޫއަކަށް އުޅެމުން އަންނަ އާނިމް ބުނީ، އޭނާ ބޮޑުބެރަށް ވަގުތު ދެނީ، ވަރަށް ވަގުތު ހޯދައިގެން ވަރަށް ޕްލޭންކޮށްގެން ކަމަށެވެ.

މި ޒުވާނާގެ ހިތްބޮޑުބެރަށް ދީގެން އެވަރަށް މަސައްކަތް ކުރަމުންދަނީ ޔަގީނުން ވެސް އެކަމަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަދި އޭނާ ބުނަނީ ވެސް އެހެންނެވެ.

"ބޮޑުބެރަކީ ލޯބިވެރިޔާ، އެހެންވީމަ ބޮޑުބެރު ނުބުނާނެ ދޫކޮށްލާށެކޭ، އެވަރުގެ މީހަކު ދުވަހަކު ވެސް ނުހުންނާނެ". މީހަކު ބުނެގެން ބޮޑުބެރު ދޫކޮށްލަފާނާންތޯ ކުރި ސުވާލަކަށް ޖަވާބުދެމުން އާނިމް ބުންޏެވެ.

އޭނާ އުއްމީދުކުރަނީ ކުރިން ވެސް އޮންނަހެން ބޮޑުބެރު ޗެލެންޖް އަނެއްކާ ވެސް ރާއްޖޭގައި އޮތުމެވެ. އަދި ބޮޑުބެރަށް ފުރުސަތުތަކެއް ހުޅުވާލަދީ، އެ ފުރުސަތުތައް އެންމެންނަށް ލިބިގެން ދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކޮބާތޭ

  ރާއްޖޭގެ ބަޖެޓް ރިކަރަންޓް ޚަރަދަށް ދުއްވާލާ ރައީސް އިބޫ ހުސްކޮށްލަނީ ރިސޯރޓްސް ތަކުގައި ހުރިއްޔާ ހުރި މެދު ފަންތި އާއި މަތީ ފަންތީގެ ވަޒީފާ ތައް ދިވެހިންނަށް ނުދީ ބޭރުމީހުންނަށް ދެނީ އިކޮނޮމިކް މިނިސްޓްރީން ދާއިމީ ވާރކް ވިސާ ދޭތީވެ ރިސޯރޓްސް ތަކުން ބުނަނީ ދިވެއްސަކު އެޕްލައި ވެސް ނުކުރެއޭ އެއީ ރޯ ބުހުތާނު ދޮގު ޖޮބް މޯލްޑިވްސް ގައި ޕަބްލިޝް ކުރާ ހުރިހާ ރިސޯރޓްސް ވަޒީފާ ތައް ބޭރުމީހުންނަށް ދޭއިރު ސަރުކާރުން ދާއިމީ ވާރކްވިސާ ދެނީ ކޯއްޗެއް ބަލާފައިތޭ އެކައްޗެއް ވެސް ބަލާފައި ނޫނޭ ރިސޯރޓްގެ ޖޮބަށް އެޕްލައި ކުރާނަމަ އެޕްލައި ކުރަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީގެ އީމެއިލް އަށް ދެން އެއިރުން އިނގޭނެ އެއް ނޫންތޭ ސަރުކާރަށް ދިވެހިން އެޕްލައި ކުރާ އަދަދު ދިވެހިންގެ ދިވެހިރާއްޖެ އެކަމަކު ރާއްޖޭގެ ޓޫރިޒަމް އެއްކޮށް ބޭރުމީހުންނަށް އިންޑިއާ އަދި ލަންކާ މީހުންނަށް ރިސޯރޓްސް ތަކުގައި ހުރިއްޔާ ހުރި ހުރިހާ މެދު ފަންތި އާއި މަތީ ފަންތީގެ ވަޒީފާ ތައް ޓޫރިޒަމް މިނިސްޓަރު ކިއެއްތޭ ކުރަނީ ރައީސް އިބޫ ކޮބާތޭ

 2. ފަސީ

  ހެޔޮވިސްނުން ދެއްވާށި ހަލާލު މަސައްކަތަކާއެކު ކުރރިޔައްދޭ

 3. އަޅުގަނޑު

  އިސްލާމް ދީނުގަ ބޮޑު ބެރު ހުއްދަ؟

  1
  6
 4. މަ

  ކަލޯ އާނިމޫ.. ތިއީ ހަރާމް ކަމެކޭ..

 5. ދީނާ ފުށުއަރާ

  ވަރަށް ރަގަޅު ދީނީ ވާހަކަ ހިމަނާފަ ނޫހުން މިފަދަ ޚަބަރެއް ގެނައީމަ ވ ދެރަވެއްޖެ. މިއުޒިކަކީ ދީނުގައި ހަރާމް އެއްޗެއްކަން ހުރިހާ ޢިލްމުވެރިންގެ އިއްތިފާޤުން ސާބިތުވޭ. ހަޔާތުގެ ވަގުތުތައް މިގޮތަށް ބޭކާރު ކުރާ ޒުވާނުން ވަނީ އާޚިރަތް ވިއްކާލާ ދުނިޔެ ގަނެފައި. ﷲ އަޅަމެނަށް ތެދުމަގު ދައްކަވާށި.

 6. އެކުވެރި

  އޭ އާނިމޫ! ބާއްޖަވެރިއަކަށް ވާން އެދޭނަމަ، ބޮޑުބެރު ދޫކޮށްލާފައި ތިޔަކުރާ މަސައްކަތާއިގެން ކިރޮއަށްދޭ. ﷲ ތިބާއަށް ހެޔޮވިސްނުން ދެއްވައި ތެދުމަގުގައި ސާބިތުކަން ދެއްވާށި.