މޭގަން މާކެލް އާއި ޕްރިންސް ހެރީގެ ފުރަތަމަ ދަރިކަލުން އާޗީގެ ފޮޓޯއެއް ސަސެކްރޯޔަލް އިންސްޓަގްރާމް އެކައުންޓުން އާއްމުކޮށްފިއެވެ.

މަންމަ އިން ގެ ބައިނަލްއަޤުވާމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އާއްމު ކުރި ފޮޓޯ އިން ފެންނަނީ ތުއްތު ދަރިފުޅުގެ ފަޔާއި މޭގަންގެ އަތެވެ.

މަންމަ އިންގެ ބައިނަލްއަޤުވާމީ ދުވަސް ފާހަގަ ކުރުމަކީ އިނގިރޭސިވިލާތުގައި ކުރާ ކަމެއް ނޫނެވެ. އެދުވަސް އެންމެ ކުލަގަދަކޮށް ފާހަގަ ކުރަނީ އެމެރިކާ ގައެވެ. އޭގެ އިތުރުން ޔޫރަޕާއި ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް އެދުވަސް ފާހަގަ ކުރެވެއެވެ.

އިންސްޓަގްރާމްގައި އާއްމު ކުރި ފޮޓޯއަށް ފަހު ލިޔެފައި ވަނީ މިއީ ކުރިން މަންމަ އިންނަށް ވެފައިވާ މީހުންނާއި މިހާރުގެ މަންމަ އިންނާއި މަންމަ އިންނަށް ވުމުގެ މަގުމަތީގައިވާ މީހުންނާއި އަދި މަންމަ އަކަށް ވުމުގެ ނަސީބު ލިބިފައި ނެތް މީހުންނަށް ހާއްސަކުރާ ފޮޓޯއެއް ކަމަށެވެ.

އެފޮޓޯ އަށް 1.7 މިލިއަން ލައިކްސް މިހާތަނަށް ލިބިފައިވެއެވެ.

https://www.instagram.com/p/BxXS3l4pz2j/?utm_source=ig_web_copy_link

މޭގަން އާއި ހެރީ އަށް ފުރަތަމަ ދަރިފުޅު ލިބިފައި ވަނީ މިދިޔަ ހަފްތާގައެވެ. މީގެ ކުރިން ދެމަފިރިން ވަނީ މީޑިއާ މެދުވެރިކޮށް ދަރިފުޅު ދުނިޔެއަށް ދައްކާލާފައެވެ. ނަމަވެސް އެކަން ކުރީ ޝާހީ އާއިލާގެ މެންބަރުން މީގެ ކުރިން ދަރިން ފުރަތަމަ ފަހަރަށް މީޑިއާ އަށް ދައްކާލާ ގޮތާއި ތަފާތު ގޮތަކަށެވެ.

އެމެރިކާގައި ފާހަގަ ކުރާ ބައިނަލްއަޤުވާމީ މަންމަ އިންގެ ދުވަސް އާޗީގެ ފޮޓޯއަކުން ފާހަގަ ކުރިއިރު ޝާހީ ހާންދާނަށް އަލަށް އިތުރުވި އާޗީގެ ދިރިއުޅުމުގެ އާދަތައް ހުންނާނީ އެމެރިކާ މީހުންނާއި އެއްގޮތައް ކަމަށް މީގެ ކުރިން ވެސް މީޑިއާތަކުން ބުނެފައިވެއެވެ. އާޗީއަށް ބޭބީ ސިޓާ އަކަށް ހޯދަނީ ވެސް އެމެރިކާ މީހެއް ކަމަށް މީޑިއާތަކުން ބުނެއެވެ.

އާޗީ އަކީ މިވަގުތު އިނގިރޭސިވިލާތުގެ ތަހްތާއި ހަތްވަނަ އަށް އެންމެ ގާތުގައި ހުންނެވި ވަލީއަހްދެވެ. ނަމަވެސް އޭނާގެ ނަމުގެ ކުރިއަށް ޕްރިންސް އިތުރު ނުކުރަން މޭގަން އާއި ހެރީ ވަނީ ނިންމާފައެވެ.