ބާބު 6 – އިންސިއެއް ނޫނެވެ.

އެ ޙަޤީޤަތް ޤަބޫލުކުރަން އުނދަގޫވެގެން ފުންނޭވާއެއް ދޫކޮށްލަމުން ފަރުވާތެރިކަމާއެކު ބައްޕަގެ މޫނަށް ބަލާލެވުނެވެ. ބައްޕަ ބުނީ ތެދެއްކަން ހާމަކޮށްދިނުމުގެ ގޮތުން ދެތުންފަތް ފިއްތާ ބާރުކޮށްލަމުން ބޯޖަހައިލިއެވެ.

"އަޅުގަނޑަކީ ކުޑަކުއްޖެއްނޫން." ކުއްލިއަކަށް ޒީކްގެ ޠަބީޢަތު ބަދަލުވިއެވެ.

"އެނގޭ ދަރިފުޅަށް ޤަބޫލުކުރަން އުނދަގޫވާނެކަން." ޒިޔާދު ވާހަކަ ދައްކަމުން ގޮނޑިން ތެދުވިއެވެ. ޒީކް ހިތްހަމަނުޖެހިފައި ޒިޔާދުގެ އަތް ފޮޅުވައިލިއެވެ.

"ބައްދަލުވުން ނިމުނީ." ނުރުހިފައި ޒީކް ބުނެލިއެވެ. ޒީކް ހިނގައިގަންނަން އުޅުމުން ފަހަތުން ދިޔުމަށް ޒިޔާދު އަވަސްވެގަތުމާއެކު އޭނާ ފަހަތުގައި ހުރި ގޮނޑި ވެއްޓުނު އަޑު އެތަނުގައި ގުގުމާލިއެވެ. ޒިޔާދަށް ކުރިޔަށް ފިޔަވަޅެއް ނޭޅެނީސް ސެކިއުރިޓީ ދެމީހަކު އައިސް އޭނާގެ ދެއަތުގައި ބާރަށް ހިފެހެއްޓިއެވެ. ޒީކް ހަލުވިކަމާއެކު ފިޔަވަޅު ނަގަމުން ހިނގައިގަތީ އެތަނުން ނުކުންނާށެވެ.

"ދަރިފުޅާ. ބައްޕަ ހެދީ ދޮގެއްނޫން." ދޮރު ހުޅުވާލައިފައި ނުކުންނަނިކޮށް ޒިޔާދު ބުނި އަޑު ޒީކް ކަންފަތުގައި ހަރުލިއެވެ.

ޒިޔާދުއާ ބައްދަލުކުރަން އާދެވުމުން ޒީކްގެ ޠަބީޢަތު ގޯސްވެ ރުޅި އިތުރަށް ގަދަވުން ނޫން ކަމެއް ނުވިއެވެ. ޒިޔާދުގެ މައްޗަށް އެހިތް އިތުރަށް ކަޅު ވެއްޖެއެވެ. ނަފުރަތާއި ފޫހިކަން އިތުރު ކުރުވައިފިއެވެ. އޭނާ ކުރި ސުވާލުގެ ޖަވާބު ނުދެވި ކުށެށް ނެތްކަން ސާބިތުކުރާނެ އިތުރު ގޮތެއް ބައްޕައަށް ނެތުމުން މަންމަ އިންސާނަކަށް ވެސް ނުވިއެވެ. މަންމައަކީ އިންސާނެއް ނޫނީޔާ ދެން ކޯއްޗެއް ހެއްޔެވެ؟ ޖިންނިއަކީ ހެއްޔެވެ؟ ޖިންނީންނާއި އިންސާނުން އެކުވެގެން ދަރިން ލިބޭ ހެއްޔެވެ؟ އެއީ ޒީކް ޤަބޫލުކުރާ ވާހަކައެއް ނޫނެވެ. ޖިންނީންނަކީ ވެސް މާތްﷲ ހަލްޤުކުރައްވާފައިވާ މަޚުލޫޤުންކަމަށް ޤަބޫލުކުރިކަމުގައި ވިޔަސް ދަރިން ލިބި އިންސާނުންގެ ތެރޭގައި އެމީހުން ވަޒަންވެރިވެ އުޅެނީ ފުލޯކު ވާހަކަތަކާއި ފިލްމު ތަކުގައެވެ. ޙަޤީޤީ ދިރިއުޅުމުގައި އެފަދަކަމެއްވުމަކީ ނާދިރު ކަމެކެވެ. ދެން ބައްޕަ އެވަރުގެ ބޮޑު ދޮގެއް ހެދީ ކީއްވެގެން ހެއްޔެވެ؟ ހުވަފެނުގައި މަންމަ ފެންނަކަން އެނގުމުން ބައްޕަގެ މޫނުން އުންމީދުގެ ކުލަވަރު ފެނުނުވެސް މެއެވެ. ދެލޮލަށް ކަރުނަ ޖަމާވިތަން ވެސް ޒީކަށް ފެނުނެވެ. އެއީ އުފަލުން ބައްޕައަށް އައި ބަދަލެއްކަން އެ މޫނުގެ ކުލައިން ޔަޤީންވިއެވެ. އެހެނަސް އެ ޙަޤީޤަތް ޤަބޫލުކުރާކަށް ޒީކަށް ފަސޭހައެއް ނޫނެވެ.

**1999 ވަނަ އަހަރު**

ހެނދުނުހެނދުނާ ތެދުވެ މުޅި ގޯތިތެރެ ކުނިކެހުމަކީ މުސްކާންގެ އާދައެކެވެ. ހެނދުނުގެ ސައި ތައްޔާރުކުރުމަކީ އޭނާގެ ދުވަހީ މަސައްކަތެވެ. ނަމަވެސް އޭނާ މިއަދު އެއްވެސް މަސައްކަތެއް ކުރާހިތެއް ނެތެވެ. ފާރުގައި ލެނގިލައިގެން އެނދުމަތީގައި އޭނާ އިނީ ފިކުރު ބޮޑުވެފައެވެ. ރޭގައި ޒިޔާދު ދިން އިންޒާރުގެ ސަބަބުން ނަފުސުގެ ހަމަޖެހުންވަނީ ގެއްލިފައެވެ. ދެން ހަދަންވީ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ރަށު މީހުންނަށް އޭނައަކީ އިންސިއެއް ނޫންކަން އެނގުމުން އިންސާނުންގެ ތެރޭގައި އުޅުމަށް ފުރުޞަތުދީފާނެ ހެއްޔެވެ؟ އެ ހަޤީޤަތް ރުހާމަށް އެނގުމުން އެމީހުންގެ ގުޅުމުގައި ސިއްކަ ޖެހިދާނެ ހެއްޔެވެ؟ ރުހާމް ހެޔޮހިތުން އޭނާ ބަލައިގަތް ނަމަވެސް ޒިޔާދު ބިރުވެރި ހިޔަންޏެއް ފަދައިން އެ ދިރިއުޅުމަށް އެޅޭނެކަން އެއީ މުޖައްރިބު ކަމެކެވެ. މީހަކު ދޮރު ހުޅުވާލި އަޑަށް މުސްކާން ސިހުނެވެ. ބަލާލިއިރު ޒިޔާދުގެ މަންމަ ވަރުދާއެވެ.

"ދަރިފުޅާ މުސްކާން.. ބަލީތަ؟" ވަރުދާ އެހިއެވެ.

މުސްކާން ޖަވާބު ދިނީ ހިނިތުންވުމަކުންނެވެ. ވަރުދާއަކީ މުސްކާންގެ ވެސް މަންމަގެ މަޤާމުގައި ހުރި މީހާއެވެ. މުސްކާންގެ ހަޤީޤީ މައިންބަފައިންނަކީ ކޮބައިކަމެއް މުސްކާނަކަށް ނޭނގެއެވެ. ހަނދާން ހުންނަން ފެށީންސުރެ މުސްކާން އުޅެމުން އައީ ޒިޔާދުގެ މައިންބަފައިންނާ އެކު އެމީހުންގެ ހިޔާވަހިކަމުގައެވެ. މަންމައާއި ބައްޕަގެ ލޯބި އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިނީވެސް އެދެމަފިރިންނެވެ.

"ތިހެން ހިނިތުންވެލައިގެން މަންމައަކަށް އޮޅުވައެއް ނުލެވޭނެ އިނގޭ." ވަރުދާ އައިސް އެނދުގައި އިށީންނަމުން ބުންޏެވެ. "ދަރިފުޅު ކަމަކާ ފިކުރުކުރާކަން މަންމައަށް ޔަޤީން. ކޮންކަމަކާ ތި ވިސްނާލަނީ؟"

މުސްކާން ވަގުތުން ފެންކަޅިވިއެވެ. ހުޅުވިފައިވާ ފޮތެއް ފަދައިން އޭނާގެ ހާލަތު މަންމައަށް އެނގުމުންނެވެ. މުސްކާން ކުޑަކުއްޖެއް ފަދައިން ތުން ފިއްތާލަމުން ކުރިއަށް ޖެހިލައި ވަރުދާގެ އުނގުގައި ބޯ އަޅާލިއެވެ. ވަރުދާ ލޯތްބާއެކު މުސްކާންގެ ބޮލުގައި ފިރުމަންފެށިއެވެ. ވެގެންއުޅޭގޮތް ކިޔައިދިނުމަށް ވަރުދާ އެދުނީ އޯގާތެރިކަމާއެކުއެވެ.

"އަޅުގަނޑު މަންމަމެން ކަހަލަ އިންސިއަކަށް ނުވުން އެއީ އަޅުގަނޑުގެ ކުށެށްތަ؟" ޝަކުވާގެ ރާގެއްގައި މުސްކާން ބުންޏެވެ. "އަޅުގަނޑަށް ބޭނުންވާ މީހަކާ އެކީ ލޯބިން އުޅުމުގެ ޙައްޤުވެސް ނޯންނާނެތަ؟"

މުސްކާން ކުރި ސުވާލުތަކުގެ ފަހަތުގައި ފޮރުވިފައިވާ މާނަ ވަރުދާއަކަށް ނުވިސްނުނެވެ.

"މަންމައަށް ވިސްނޭ ގޮތަށް ބުނެބަލަ." ވަރުދާ އެދުނެވެ. "ދަރިފުޅު އިންސާނަކަށް ނުވިޔަސް ދަރިފުޅަށް އެއްވެސްކަމެއް މަނައެއްނުވާނެ. ދަރިފުޅު ބޭނުން މީހެއްދެކެ ލޯބިވެސް ވާންވީ. ދެން ބުނެބަލަ. ކާކު ކީކޭ ކިޔައިގެން ތިއުޅެނީ."

ޒިޔާދުގެ ވާހަކަތައް ވަރުދާއަށް ކިޔައިދިނުމަށް މުސްކާން ފަސްޖެހުނެވެ. ޒިޔާދަކީ އެ މަންމަގެ ލެޔެވެ. މުސްކާނަށް އިތުބާރުކުރި ނަމަވެސް މަންމައަށް ދޮންފުތުވާނީ މަންމަގެ ދަރިއެވެ. އެއީ ދުނިޔޭގެ ހިތި ޙަޤީޤަތްކަން މުސްކާން ދަނެއެވެ.

"މަންމަ އަޅުގަނޑު ވަކި މީހަކާ ކާވެނިކުރުމަށް މަޖުބޫރުކޮށްފާނަންތަ؟" މުސްކާން ބޭނުންވީ ވަރުދާގެ ހިޔާލު ހުރި ގޮތެއް ބަލާށެވެ.

"ޒިޔާދު ކީކޭ ކިޔައިގެން ތި އުޅެނީ." މުސްކާންގެ ކަންބޮޑުވުން ވަރުދާ ދެނެގަތެވެ. މުސްކާން ކުޑަކޮށް ސިހިފައި ވަރުދާގެ މޫނަށް ނަޒަރު ސީދާކޮށްލިއެވެ.

"ދަރިފުޅުދެކެ ޒިޔާދު ލޯބިވާކަން އެއީ މަންމަމެންނަށް އޮޅިފައިވާ ކަމެއްނޫނޭ." ހީލާފައި ވަރުދާ ބުންޏެވެ. "ޒިޔާދުގެ ގޮތް މަންމައަށް ވަރަށް ރަނގަޅަށް އެނގޭ. އޭނަ ކޮންމެވެސް އެއްޗެއް ބުނެގެން ތި އުޅެނީ. ދަރިފުޅު އޭނަ ދައްކާ ވާހަކައަށް ސަމާލުކަންދޭނެކަމެއް ނެތް. ދަރިފުޅު ދެވާނީ ދަރިފުޅު ލޯބިވާ އަދި އިންނަން ވެސް ބޭނުންވާ މީހާއަށް."

ވަރުދާގެ ވިސްނުން ހުރި ގޮތް އެނގުމުން މުސްކާން ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. ނަމަވެސް ޒިޔާދު ދީފައިވާ އިންޒާރުގެ މަތިން ހަނދާންވުމާއެކު ކުޑަ ނުތަނަވަސްކަމެއް އެ ހިތުގައި އުފެދުނެވެ.

"ޒިޔާދު އަޅުގަނޑުގެ ޙަޤީޤަތް އެއްވެސް މީހެއްގާތު ބުނެފާނެތަ؟" މުސްކާން އެހިއެވެ.

"އެ ޒިޔާދު ދައްކައިގެން އުޅޭ ވާހަކައަކީ ތީ ދޯ؟" އަބުއި ރާގެއްގައި ވަރުދާ ބުންޏެވެ. "ދަރިފުޅު އޭނަ ދައްކާ ވާހަކައަށް އަޅާނުލާ. ދަރިފުޅު ބިރުގަންނުވަން ދައްކާ ވާހަކަ އެއީ. މަންމައަށް ހަމަ ޔަޤީން ދަރިފުޅަށް ގެއްލުމެއްވާ އެއްވެސްކަމެއް ޒިޔާދަށް ކުރަން ނުކެރޭނެކަން. ދެން ތެދުވޭ. ތިކަމާ ބޯ ގޮއްވަން އޮންނާނެކަމެއް ނެތް. މަންމަ ޒިޔާދުއާ ތިވާހަކަ ދައްކާނަން. ދަރިފުޅަށް ޖެއްސުން ނުކުރަން ކޯޓު އަމުރެއް ނެރޭނަން."

"ތީ ހަމަ އެއްވަނައިގެ މަންމައެއް." ވަރުދާ ގައިގާ މުސްކާން އޮޅުލައިގަތެވެ.

ވަރުދާ ނުކުމެގެން ދިޔުމުން މުސްކާން ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ނުސީދާ ގޮތެއްގައި ނަމަވެސް މަންމައަށް އެ ވާހަކަތައް ހިއްސާކުރެވުމުން އޭނާގެ ބޮލުން ބަރެއް ލުއިވިހެން ހީވިއެވެ. އޭނާ އެންމެ އުފާވީ މަންމަމެން އޭނާގެ ކާވެންޏަށް ދެކޮޅު ނުވާނެކަން ޔަޤީންވުމުންނެވެ. އަދި ޒިޔާދުގެ ފަރާތުން އަމާޒުވާ ކޮންމެ އުންޑައަކުން ސަލާމަތްކުރާނެ ނިވާފަތްގަނޑަކަށް މަންމަ ހުންނާނެކަން އެނގުމުންނެވެ. ވަރުދާގެ ފަރާތުން ލިބުނު ހިތްވަރާއެކު މުސްކާން އިތުރު ނިންމުމެއް ވެސް ނިންމިއެވެ. ރުހާމަށް އޭނާގެ ހަޤީޤަތް އޮޅުންފިލުވައި ދިނުމެވެ. ރުހާމް އޭނާދެކެ ހަޤީޤީ ލޯބިވާނަމަ އޭނާ އެ ގޮތުގައި ބަލައިގަންނާނެއެވެ. މުސްކާން ނިކަން ހިތްހަމަޖެހިފައި ހުރެ އެނދުން ތެދުވެ މޯޅިއަކަށް ދެމިލިއެވެ. އެވަގުތު ކޮންމެވެސް މީހަކު ދޮރު ހުޅުވާލި އަޑު އިވުނެވެ.

"މަންމާ މިދަނީ ގިފިއްޔަށް...." މުސްކާންގެ ނަޒަރު ދޮރާ ދިމާއަށް ބަދަލުވުމާއެކު ބަސް ހުއްޓުނީ ދަތްކޮޅު ސޭލް އަޅުވައިގެން ހުރި މޯނާ ފެނުމުންނެވެ.

"އެކުއަފުރެޝް އިސްތިހާރެއްތަ؟" މުސްކާން އޭނާގެ އެންމެ ގާތް އެކުވެރިޔާއާ ދިމާކޮށްލިއެވެ. މޯނާ ތުއި އަޑަކުން ހަޅޭއްލަވައިގަތެވެ. އަދި ދުވެލައިފައި އައިސް މުސްކާންގެ ދެއަތުގައި ހިފާލަމުން ކޮޓަރި ވަށާ އެނބުރެން ފެށިއެވެ. މޯނާ ފުމެމުން ހަޅޭލަވަމުން ދިޔައިރު ހީވީ ވަރަށް ބޮޑު އުފަލެއް ލިބިގެން އުޅޭ ހެންނެވެ.

"ސާބަހޭ މޯނީ! މައިތިރިވެބަލަ! މާ އުފަލުން ތިއުޅެނީ ކިހިނެއްވީތަ؟" މުސްކާން ހެމުންހެމުން ބުނެލިއެވެ.

"ކީއްނުވަނީ! ދުނިޔޭގެ ހުރިހާ އުފަލެއް ލިބެން އުޅެނީ ކަންނޭގެ." މުސްކާންގެ އަތުގައި ހިފައިލައިގެން ގޮސް މޯނާ އެނދުގައި އިށީނެވެ. އޭރު އޭނާ އިނީ ގުނބު ހިލިފައެވެ. ނިތްކުރިމަތިންނާއި ކަރު ދަށުން ދާތިކިތައް ފާޅުވެފައި ހުއްޓެވެ.

"ވަރުބަލިވެއްޖެ ސަހާދެއް! މުސްކާނަށް މި ހަބަރު ދޭންވެގެން ދުވެފައޭ މި އައީ." މާނޭވާލަމުން ދެއަތުން ގަޔަށް ފިނިކުރަމުން މޯނާ ވާހަކަ ދެއްކިއެވެ.

"ދެންވެސް ތިވެގެން އުޅޭ ގޮތެއް ބުނެބަލަ." މޯނާގެ އުފާވެރިކަން ފެނި މުސްކާން ވެސް އިނީ ނިކަން ހިނި އައިސްފައެވެ. އޭނާ އިނީ މޯނާ ދޭން އުޅޭ ހަބަރު އަޑުއަހާހިތުން ކެތްމަދުވެފައެވެ.

"ހޫމް.. އަހަރެންގެ ހިތުގެ ރަސްގެފާނު. ރުހާމް.. އޭނަ ބުނެފިއޭ މިރޭ ބައްދަލުކޮށްލަން. އެ ގެއަށް އަންނާށޯ." ލާނެއް ރާގެއްގައި މޯނާ ދިން ހަބަރާއެކު މުސްކާންގެ މޫނުން ކަންބޮޑުވުމުގެ ލިސާންތައް ފާޅުވެގެން ދިޔައެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ތުންފަތުގައި ވި ރީތި ހިނިތުންވުން ގެއްލި މުޅި މީހާ މާޔޫސްކޮށްލައިފިއެވެ. އޭނާގެ ފުރަމިތުރަކީ މޯނާގެ ހުވަފެންތަކުގެ ބައިވެރިޔާކަން އޭނާގެ ހަނދާނުން ކައްސައިލީ ކީއްވެގެން ހެއްޔެވެ؟

މޯނާ ސުކޫލު ދައުރުންސުރެ ރުހާމްގެ ލޯބި ހޯދުމަށް ނުކުރާކަށް މަސައްކަތެއް ނެތެވެ. މުސްކާން ކަނދުފައްޗަކަށް ހަދައިގެން ރުހާމަށް ސިޓީވެސް ފޮނުވިއެވެ. ބޮއްކުރާދޮށަށް އޮޑި ކެނބިއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުން މޯނާއަށް ކާމިޔާބެއް ނުލިބި އުޅެނިކޮށް މުސްކާންގެ ހިތުގެ ލަގަން ރުހާމްގެ މައްޗަށް ދޫވެގެން ދިޔައީއެވެ. މުސްކާންގެ ރީތިކަމާއި މައުސޫމްކަމުގެ ޖާދޫގައި ރުހާމްވެސް ޖެހުނީއެވެ. ރުހާމް ހުށަހެޅި ލޯބި ޤަބޫލުކޮށް ދެމީހުން ސިއްރުން އަހުދުތަކާއި ހުވާތައް ވެސް ކުރީއެވެ. ގާތް އެކުވެރިޔާއަށް ދޮންކަޅު ވެސް އަންގާލުމެއްނެތިއެވެ. އެމީހުންގެ ސިއްރު ގުޅުން މޯނާއަށް އެނގޭ ދުވަހަކުން ވާނެގޮތް ހިތަށް އެރުމާއެކު މުސްކާން އިތުރަށް ކަންބޮޑުވިއެވެ.

**2018 ވަނަ އަހަރު**

މާފުށީ ޖަލުން ނުކުތް އިރު ޒީކް ހުރީ ވީ އެންމެ އަވަހަކަށް މާލެ ދާން ބޭނުންވެފައެވެ. ޒިޔާދުދެކެ އާދެވުނު ރުޅީގެ ސަބަބުން އެއްފަސްގަނޑެއްގައި ހުންނާކަށް ވެސް އޭނާ ބޭނުމެއް ނުވިއެވެ. ޒިޔާދުއާ ބައްދަލުކުރަން ގޮސް ގަޑިހަމަނުވަނީސް އައުމުން ރުހާމް ކުރި ސުވާލަށް ޒީކް ޖަވާބެއް ނުދިނެވެ. އެތެރޭގައި ކަން ހިނގައިދިޔަ ގޮތުގެ ތަފުސީލެއް ނުދިނެވެ. ޒީކް ބުނިހާ ވެސް އެއްޗަކީ ވީ އެންމެ އަވަހަކަށް މާލެ ގެންގޮސް ދިނުމަށެވެ. ޒީކްގެ މޫނު މަތިން ފާޅުވާން ހުރި ރުޅިވެރިކަމާއި ހިތްހަމަނުޖެހުމުގެ އަސަރުތަކުން ރުހާމް އެ ވަގުތަށް އިތުރު ސުވާލެއް ނުކުރުމަށް ނިންމިއެވެ. ޒީކަށް ހަމަޖެހިލުމަށް ފުރުޞަތު ދިނުމުގެ ގޮތުން ޒީކް ގޮވައިގެން އޭނާ ދިޔައީ ހޮޓަލަށެވެ.

ކޮޓަރިއަށް ވަދެވުމާއެކު އަތްދަބަސް އެނދުމައްޗަށް އެއްލާލަމުން ޒީކް އެރީ އެނދަށެވެ. ފަޑީގައި ލެނގިލައި ދެފައި ދަމާލައިގެން އިށީނދެ ހަމަޖެހިލިއެވެ. ޒީކަށް ބަލަމުން ރުހާމް ގޮސް އިށީނީ ރީތިވާ މޭޒު ކައިރީގައި ހުރި ތިރި ގޮނޑީގައެވެ. ފައިގެ ފަލަމަސްގަނޑުގައި އުޅަނބޮށި ވިއްދާލައި ކުޑަކޮށް ގުދުވެލައިގެން އިނދެ ޒީކްގެ ކޮންމެ ހަރަކާތަކަށް އޭނާ ކަޅިއެޅިއެވެ. ޒީކް އަތުގެ އިނގިލިތަކާއި ކުޅެމުން ބޮޑު ފިކުރެއް ކުރަމުން ދިޔައެވެ. އިރުއިރު ކޮޅާއި ތުންފަތުގައި ބާރަށް ދަތް އަޅާލައެވެ. ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލައެވެ. ބައެއް ފަހަރު ދެލޮލުން ކަރުނައިގެ ވިދުން ފާޅުވާން އުޅޭހެން ރުހާމަށް ހީވެއެވެ. އެޔާއެކު ޒީކް އަވަސްއަވަހަށް އެސްފިޔަ ޖަހާލައި އެ ކަރުނަތައް ހިންދާލައެވެ. ޒީކް އެއިނީ ވަރަށް ބޮޑަށް ދެރަވެ ހިތުގައި ވެސް ޖެހިފައިކަން ރުހާމް ދެނެގަތެވެ. އެ މަންޒަރުތައް ދެކެން ރުހާމަށް ކެތެއް ނުކުރެވުނެވެ. ތެދުވެގެން ގޮސް އެނދު ކައިރީގައި ރުހާމް އިށީނެވެ. އިޒުނަވެސް ހޯދުމެއް ނެތި ޒީކްގެ އުނގުތެރޭގައި އޮތް ދެއަތް ނަގައި ދެއަތުގައި ބާރަށް ހިފައިލިއެވެ.

"ތިވަރަށް ނުވިސްނަބަލަ!" ރުހާމް މަޑުމައިތިރި ރާގެއްގައި ބުންޏެވެ. "މަ ބުނާކަމެއް ކޮށްފާނަންތަ؟"

"ކޮންކަމެއް؟" ރުހާމަށް ބަލާލަމުން ޒީކް އެހިއެވެ.

"ދެލޯ މަރާލަބަ!" ރުހާމް އެދުނެވެ.

ލޯ މަރާލުމުގެ ބަދަލުގައި އޭނާގެ ދެލޯ އިހުނަށްވުރެ ބޮޑުވެގެން ދިޔައީ ރުހާމް ކުރަން އުޅޭކަމެއް ނުވިސްނުމުންނެވެ.

"ހަމަޔަކަށް އެޅޭނޭ. މަ ބުނާ ގޮތް ހަދާބަލަ! ލޯމަރާލާ." ރުހާމް ޔަޤީންކަމާއެކު ބުނެލިއެވެ.

ޒީކް މަޑުމަޑުން ދެލޯ މަރާލިއެވެ. ރުހާމް އެދުނީ ކުރަމުން ދިޔަ ފިކުރުތަކުން އެއްކިބާ ވުމަށެވެ. ޒީކަށް އެމީހެއްގެ ސޫރަ ފެނުމުން ހިތަށް ފިނިކަން ލިބޭ ހިތްހަމަޖެހުން ލިބޭ ފަރާތެއް ހަނދާނަށް ގެނައުމަށެވެ. ޒީކް ވިސްނައިލިއެވެ. އޭނާގެ ދިރިއުޅުމުގައި އެފަދަ މީހެއް ނެތެވެ. ކުއްލިއަކަށް ހިޔާލަށް އައީ ރުހާމެވެ. ހަމައެވަގުތު އެމީހަކާ އެކީ ހޭދަކުރެވުނެ ފޮނި ހަނދާނެއް ހިޔާލަށް ގެނައުމަށް ރުހާމް ބުންޏެވެ. ޒީކްގެ ހަނދާނަށް އައީ ރޭގެ ހާދިޘާއެވެ. އޭނާ ރޮމުން ގިސްލަމުން ރުހާމްގެ ދެއަތުގެ ތެރޭގައި ބޮނޑިވެގަތް މަންޒަރެވެ. ރުހާމް އޭނާގެ ބޮލުގައި ދަތްދޮޅި ޖައްސައިލައިގެން ހުރި ގޮތެވެ. ބުރިކަށީގައި ފިރުމަމުން ދިޔަ ގޮތެވެ. ރުހާމް ސޯފާގައި ނިދިފައި އޮއްވައި ގޮސް އޭނާގެ ހަށިގަނޑަށް ބެލުނު ގޮތާއި އެ ދުލުން ބޭރުވި ބަސްތަކެވެ. އެ ހަނދާންތައް އަންނަމުން ދިޔަ ވަރަކަށް ޒީކްގެ ތުންފަތް މައްޗަށް ވެރިވަމުން އައި ލުއި ހިނިތުންވުން ރުހާމްގެ ހިނިތުންވުން ފުންކުރުވަމުން ދިޔައެވެ. އެރޭ ރުހާމް އޭނާގެ ނިތްކުރީގައި ތުންފަތް ޖައްސައިލި މަންޒަރު ލޯކުރިމަތީގައި ފިޔަޖަހައިލުމާއެކު މެޔަށް ފިނިވެގެން ދިޔައެވެ. ކުއްލިއަކަށް ޒީކް ދެލޯ ހުޅުވާލިއެވެ. އަތުގައި ހިފައިލައިގެން އިން ރުހާމްގެ ދެލޮލަށް އޭނާއަށް ބަލާލެވުނެވެ. އެ ދެލޮލުން ލޯބި ފެނުނުހެން ޒީކަށް ހީވިއެވެ. ހިތުގައި ބިރުވެރި ރާގެއް ކުޅެލީ އެވަގުތެވެ. އަވަހަށް އަތް ދަމައި ގަންނަމުން އޭނާ ކޮޅަށް ތެދުވިއެވެ.

"އެއްވެސް ވަރަކަށް ސިކުނޑިއަށް ލުއިވެއްޖެތަ؟" ރުހާމް ތެދުވެލަމުން ޒީކްގެ ކޮނޑުގައި އަތް ބާއްވައިލިއެވެ.

"މިހާރު އޯކޭ!" ޒީކް ގަދަކަމުން ހިނިތުންވެލިއެވެ.

"ދެން ބުނެބަލަ. ކާކުގެ ހިޔާލެއް ކޮށްގެން އެހާ ރީތިކޮށް ހިނިތުން ވެލައިގެން އިނީ." ރުހާމް ހިނިއައިސްފައި ހުރެ ޒީކް ކުރިމަތީ ހުއްޓުނެވެ. ޒީކް ލަދުގަތެވެ. ދޭނެ ޖަވާބަކާމެދު ވިސްނަން ހުއްޓައި އޭނާ ސަލާމަތްކޮށް ދިނީ އަތްދަބަހުގައި އޮތް ފޯނުގެ ރަނގަބީލު އަޑެވެ. ޒީކް އަވަސްއަވަހަށް ގޮސް ފޯނު ނެގިއިރު އަތުގައި ތުރުތުރުލުމެއް ހުއްޓެވެ. ރުހާމް އޭނާއަށް ބަލަމުންދާކަން އެނގުމުން އޭނާ ހުރީ އުނދަގޫވެފައެވެ. ހިތްވަނީ އަވަސްވެފައެވެ. އޭނާއަށް ވީ މީހަކު ސިއްރުން ކަމެއްކުރަނިކޮށް ފަޅާއެރުމުން ވާ ކަހަލަ ގޮތެވެ. ޒީކް ކަންފަތުގައި ފޯނު ޖައްސައިލައިގެން ހުރެ ބާލުޚާނާއަށް ނުކުތުމުން ރުހާމް ދިޔައީ ބޭރަށެވެ.

ޒީކްގެ ފޯނަށް ގުޅީ އަޝްވާއެވެ. އަޝްވާ އޮޅުންފިލުވަން ބޭނުންވީ ޒިޔާދުއާއެކު ކުރިޔަށްދިޔަ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކެވެ. ޒީކްގެ ސުވާލުތަކަށް ޖަވާބު ލިބުންތޯ އަޝްވާ އެހިއެވެ. ރުހާމަށް އެ ވާހަކަތައް ހިއްސާނުކުރި ނަމަވެސް ޒީކް ވަރަށް ތަފުސީލާއެކު އަޝްވާއަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. ބައްދަލުވުން ފެށުނު ގޮތާއި ނިމުނު ގޮތެވެ.

"ޒީކް އެ ވާހަކަ ޤަބޫލުކުރަންތަ؟" އަޝްވާ ފުރަތަމަވެސް ކުރީ އެ ސުވާލެވެ.

"ނުކުރަން." ޒީކް ޖަވާބު ދިނެވެ. "އެއްވެސް ވަރަކަށް ބައްޕައަކަށް އިތުބާރެއް ނުކުރެވޭ."

"އެއީ ތެދަކަށް ވެސް ވެދާނެ ދޯ." އަޝްވާގެ ވިސްނުން ތަފާތެވެ. "ހަމަ ހަޤީޤަތަށް މަންމަ ދުނިޔެއިން މޮޔަވެފަ ހުރިއްޔާ މޫދަށް ވެސް އެރުން އެކަށީގެންވޭ. މަންމައަކީ އިންސާނަކަށް ނުވަންޏާ އިންސާނުންގެ ދުއްތުރާ މަންމައަށް ޖެހި އެ ހާލުގައި މަންމަ އޮތުމަކީ އެކަށީގެންވާކަމެއް."

"އަޝް. މީ ފިލްމެއް ނޫނޭ." އަޑަށް ބާރުލައިފައި ޒީކް ބުންޏެވެ. "ތި ގޮތަށް ވިސްނަންޏާ ބުނެވިދާނެ މަންމަ ދުނިޔެއިން މޮޔަވީމަ ދުނިޔޭގައި ބަހައްޓަން ބޭނުންނުވެގެން ބައްޕަ ގަސްދުގައި މަންމަ މަރާލީއޭ ވެސް."

ޒީކް ވިސްނައިނުލައި ބުނެލި ޖުމްލަ ވެގެން ދިޔައީ ދެމީހުންގެ ވިސްނުމާއި ފިކުރުވެސް އެދިމާއަށް ދީލައިލިކަމަކަށެވެ. އެކަން އެނގިގެން ދިޔައީ ދެމީހުންގެ މެދަށް ވެރިވެގެން ދިޔަ ހަމަހިމޭންކަމުންނެވެ.

"އެންމެ ރަނގަޅު. މިކަމާ އިތުރަށް ބަހުސް ނުކުރަމާ." އިރުކޮޅެއްގެ ހިމޭންކަމަށްފަހު ވާހަކަ ދެއްކީ އަޝްވާއެވެ. "އަހަރެން ބުނެފާނަން ޒީގެ މަންމައަކީ އިންސިއެއްތޯ ނޫނީ ޖިންނިއެއްތޯ ޔަޤީންކަމާއެކު ބުނަން އެނގޭނެ މީހެއް. އަހަންނަށް ހީވަނީ ހަސަންފުޅު އެއްވެސް އެއްޗެއް ނުބުނި ނަމަވެސް އޭނާއަށް ހުރިހާ އެއްޗެއް ވެސް އެނގޭނެހެން. އޭނައާ ސުވާލުކުރަނިކޮށް އޮޅުންފިލުވައިލަ ދީފާނެ. އެ ސުވާލުގެ ޖަވާބު އެނގުނީމަ ޒީ ތިކުރާ ޝައްކުތައް ފިލައިގެން ހިނގައިދާނެ! ވީ އެންމެ އަވަހަކަށް މާލެ އާދޭ."

ޒީކްގެ އެދުމާ އެއްގޮތަށް މާލެ ދިޔުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ރުހާމް އަވަދިނެތި އުޅުނެވެ. ބަނދަރުގައި ވާ ލާންޗުގެ ފަޅުވެރިންނާއި ރަށު ތެރެއިން އެކި މީހުންނާ ވާހަކަ ދައްކައިގެން މާލެ ދަތުރުކުރާނެ ލާންޗެއް ހަމަޖެހުނުއިރު މެންދުރު ވެއްޖެއެވެ. ރުހާމްމެން ދަތުރަށް ތައްޔާރުވަމުން ދިޔައިރު ވިލިގިލީގައި ހުރި މޯނާ ވެސް ދިޔައީ ދަތުރަކަށް ތައްޔާރުވަމުންނެވެ. ޒީކްގެ ކޮޓަރީގައި ހުރި ފޮށްޓަށް ޒީކްގެ ހުރިހާ ސާމާނެއް އަޅައި ޒީކް ގެއިން ނެރެލުމުގެ އެންމެފަހުގެ ތައްޔާރީތައް އޭނާ ދިޔައީ ކުރަމުންނެވެ. އެ މަސައްކަތުގައި އުޅެނިކޮށް މާޒިންގެ ކޯލެއް ލިބުނެވެ.

"އަދިވެސް މި ފިރިހެނާއަށް މަ މަތިން ހަނދާން ނައްތާ ނުލެވެނީ ކަންނޭގެ." ފޯނުގެ ސުކުރީނަށް ބަލާލަމުން މޯނާ ބުނެލިއެވެ. އަދި ތުން އަނބުރާލަމުން އެނދު މައްޗަށް ފޯނު އެއްލައިލިއެވެ. ފޯނުގެ ރަނގަބީލު އަޑު ކެނޑުމާއެކު ދެވަނަ ފަހަރަށް ވެސް މާޒިން ގުޅިއެވެ. ތިންވަނަ ފަހަރަށް ވެސް ގުޅިއެވެ.

"މިއޮތީ ކައްޑެވި އަވަލާފަ. ދެން ހަމަ ލާހިކެއްނޫން މިޔަށް ޖަވާބު ނުދެނީސް ސަލާމަތްވާކަށް." މޯނާ ރުންކުރުވިއެވެ. މާޒިންއާ ދިމާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވަމުން ގޮސް ފޯނު ނެގިއެވެ.

"އެމީހުން މާލެދާން ފުރައިފި." މާޒިން ބުނި އަޑު އިވުނެވެ.

"ހޫން. ޝުކުރިއްޔާ. މި ގަޑި ބިޒީ ފަހުން ގުޅާނަން." މާޒިންގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި މޯނާ ފޯނު ކަނޑައިލިއެވެ.

"އެ ގޮތްކުޑަ އަންހެނާއަށް މިގޭ ހަތަރު ފާރުން އެތެރެއަށް ވަދެވޭތޯ މަ ބަލާނަމޭ. މަށަށް ގޮންޖަހާފަ ގޮސް އެހެން ފުއްޕައިގެން ނޫޅެވޭނެ. މަގޭ ނުލަފާކަން އެކުއްޖާ ގަނޑަށް އަދި ނޭނގެނީ. ހަމަ ލާހިކު ކުޅަދާނައެއް ނޫން. މަ ހަމަހޭގައި ހުއްޓައި މިގޭތެރޭގައި އުޅޭކަށް. މިއަދު ރުހާމަށް ޖެހޭނީ ގޮތެއް ނިންމަން." ރުހާމްމެން އައުމުން މޯނާ ކަންތައްކުރާނެ ގޮތް އޭނާގެ ސިކުނޑީގައި ރާވާލިއެވެ.

(ނުނިމޭ)

* ހަތްވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ!
* "ޒީރު" ކޮންމެ ދުވަހެއްގައި!

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޚާރި

    ޜުހާމް މުސްކާން ??