ބާބު 7 – ހަނގުރާމަ

ޒީކް ކުރަމުން ދިޔަ ދަތުރު ނިންމާލީ ފިކުރުގެ ފުން ކޯރަކަށް ގެނބިފައި އިނދެއެވެ. ވިނލިގިއްޔާ ހަމައަށް ފޯރިއިރު ހަވީރު ހަތަރެއް ޖަހައިފިއެވެ. ދަތުރަށް ފެށީންސުރެ އެ ކޯރުގެ އައްސޭރި ފަށުގައި ރުހާމް ހުރީ ޒީކްގެ އިޝާރާތަކަށް އިންތިޒާރުކޮށްގެންނެވެ. އެހީއަކަށް އެދި އަތް ދިއްކޮށްލައިފިނަމަ އެ އަތުގައި ހިފުމަށް ތައްޔާރުވެގެންނެވެ. ނަމަވެސް ފެރީ އިން ފައިބެ ގެއާ ދިމާއަށް މިސްރާބު ޖެހިއިރު ވެސް އެ އިންތިޒާރަކަށް ނިމުމެއް ނައެވެ.

"މަ ސުވާލެއް ކޮށްލަންތަ؟" އެންމެފަހުން ރުހާމަށް ނުހުރެވިގެން އަހާލިއެވެ.

"ހުއްދަ ނަގަންޖެހޭތަ؟" ހިޔާލީ ދުނިޔެއިން އެނބުރި އައިސް ރުހާމް ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޒީކް ވެސް ކުރީ ސުވާލެކެވެ. ޖެއްސުމުގެ ރާގަކަށެވެ.

"ނަގަންޖެހޭނެތާ ދޯ؟" ފަނޑު ހިނިތުންވުމެއް ދިނުމަށްފަހު ރުހާމް ބުންޏެވެ. "ބަހެއް ނުބުނެ ހުންނާތީ އެއްޗެއް އަހަންވެސް ޖެހިލުންވެފަ މިހުންނަނީ. ޒީ! އެއްވެސް މީހަކާ ކަންބޮޑުވުންތައް ހިއްސާނުކުރަންތަ؟ ނޫނީ މަ ވީމަ އެއްވެސް އެއްޗެއް ބުނަން ބޭނުންނުވަނީތަ؟"

ހަޤީޤަތުގައި އެ ސުވާލަށް ދޭނެ ޖަވާބެއް ޒީކްގެ އަތަކު ނެތެވެ. އޭނާ އެއްވެސް ވާހަކައެއް ރުހާމަށް ހިއްސާކުރުމަށް ބޭނުން ނުވަނީއެއް ނޫނެވެ. އޭނާގެ ދޫ އެކަމަށް އެއްބާރުލުން ނުދެނީއެވެ. ބައްޕައާ ދެމެދު އުފެދުނު ނުތަނަވަސްކަން ރުހާމަށް ހިއްސާކުރުމަށް އޭނާގެ ޟަމީރު ތަން ނުދެނީއެވެ. ގޮތްނޭނގޭ ބާރަކުން އެކަމަށް ހުރަސް އަޅަމުންދާ ކަހަލައެވެ. އަޝްވާއާ ޖެހިލުމެއްނެތި ކަންކަން ހިއްސާކުރާ ބީދައިން ރުހާމަށް ކިޔާދޭން އުދަނގޫވަނީ ދެމީހުންގެ މެދުގައި އުމުރުގެ ބޮޑު ފަރަގެއް އޮތުމުންނޭ ޒީކްގެ ހިތް ބުނެއެވެ. ނަމަވެސް އެވާހަކަ ވެސް ދުލުކުރިއާ ހަމައަކަށް ނައެވެ. ރުހާމް ދެރަކޮށްލާކަށް އޭނާގެ ހިތެއް ނުރުހުނެވެ.

"ނޫން. ހާމްބެ ވީމައެއް ނޫން. ބައެއް ކަންކަން އަޝްވާއަށް ހިއްސާކުރަން. ބައެއް ކަހަލަ ވާހަކަތައް އަމިއްލަ ނަފުސުގައި ރައްކާކޮށްގެން ވެސް ހުންނަން." ޒީކްގެ ޖަވާބު އަހާފައި ރުހާމް ދެބުމަ އުފުލާލިއެވެ. ދެން އަނެއްކާ ވެސް އެ ދެމެދަށް ވެރިވެގެން އައީ މަރުފަދަ ހިމޭންކަމެވެ. ރުހާމްގެ ފަރާތުން އިތުރު ސުވާލެއް ނައުމުން ޒީކަށް އުނދަގޫވިއެވެ.

"ސުވާލެއް ކުރަންތަ؟" ޒިކް އެހިއެވެ.

"ހުއްދަ ނަގަންޖެހޭތަ؟" ޒީކް ހެއްވާލުމުގެ ނިޔަތުގައި ރުހާމް ބުނެލިއެވެ. ޒީކް ގާތަށް ހިނިއައެވެ. އެ ހިނިތުންވުން ފެނިފައި ރުހާމްގެ ހިތަށް ފިނިކަން ލިބުނެވެ. އަޖައިބެއް ކަހަލަ ހިތްހަމަޖެހުމެއް ލިބުނެވެ.

"މޮޔަ ސުވާލަކަށްވެސް ވެދާނެ އިނގެ." ޒީކް ބުންޏެވެ. "އިންސާނުންނާ އިނދެގެން ޖިންނީން އުޅޭކަމަށް މީހުން އެ ކިޔާ ވާހަކަތައް ހާމްބެ ޤަބޫލުކުރަންތަ؟ ޖިންނިއަކާ އިންސާނަކު އިނދެގެން ދަރިން ލިބިދާނެތަ؟"

"ތީ ކޮންކަހަލަ ސުވާލެއް؟" ރުހާމް ހައިރާންވިއެވެ. "މި ހުރިހާ އިރު ޒީ ވިސްނަމުން ތި ދިޔައީ ތިކަމާތަ؟"

"ހާމްބެ ކަންބޮޑުވީ އަޅުގަނޑު ވާހަކަ ނުދައްކައިގެންނު." ޒީކް އޮޅުވައިލިއެވެ. "މީވެސް ވާހަކައެއް ދޯ؟"

"އޯކޭ! އޯކޭ!" ހިނިގަނޑެއް ޖަހައިލަމުން ރުހާމް ބުންޏެވެ. "ހަޤީޤީ ހާދިސާތައްކަމަށް ބުނެ މީހުން ކިޔާދީފައި ހުންނަ ވާހަކަތަކުގައި އިންސާނުންނާ ޖިންނީން އިނދެގެން އުޅޭ! ދަރިން ވެސް ލިބިފަ ހުންނަކަމަށް އެމީހުން ބުނެ އުޅޭ! ޖިންނި މޮޔަވެފަ ތިބޭ މީހުން ރަނގަޅުކުރަން ރުޤްޔާކޮށް ހަދާއިރު އެކަހަލަ ވާހަކަތައް އިވިފައި ވެސް އެބަހުރި. އެކަމަކު ދުވަހަކު ވެސް އެ ބުނާ ދަރިން ލޮލަށް ފެނިފައެއް ނެތް. ލޮލަށް ނުފެންނަ އެއްޗެއްސަކީ ހަޤީޤަތެއް ނޫނޭ ބުނެވޭކަށް ވެސް ނެތް. އެހެންވީމަ މަށަށް ކޮންމެވެސް ވަރަކަށް ޤަބޫލުކުރެވޭ! ދެން ބުނެބަލަ! ތީ ކީއްވެގެން ކުރި ސުވާލެއް؟"

"ހަމަ އަހާލީ." ޒީކް ކުރު ޖަވާބަކުން ނިންމާލިއެވެ. އޭރު އެމީހުންނަށް ގެއާ ހަމައަށް އާދެވިއްޖެއެވެ.

"ތީ ހަމަ މުސްކާންގެ ވެސް އާދަ." ގޯތީގެ މައި ގޭޓު ހުޅުވައިލަމުން ރުހާމް ބުންޏެވެ. "ކަންކަން އޮޅުވައިލަން ނިކަން މޮޅުވާނެ."

މިފަހަރުވެސް މުސްކާންގެ ނަން ކިޔާލިއިރު އުފާވެރި ހިތްދަތިކަމުގެ ކުލަވަރެއް އެ މޫނުން ޒީކަށް ފާހަގަވިއެވެ.

"ހާމްބެއާ މަންމައާ ދެމީހުންތީ ވަރަށް ގާތް ދެމީހުންތަ؟" ޒީކް އެހިއެވެ.

"ހޫމް. ދެމީހުން އެއްކޮށް ކިޔެވީ." ރުހާމް މާބޮޑު ތަފުސީލެއް ނުދިނެވެ. އިތުރު ތަފްސީލު ލިބޭނެކަމަށް ޒީކް އުންމީދުކުރި ނަމަވެސް އިތުރަށް އެންމެ ލަފްޒެއް ވެސް ރުހާމެއް ނުބުންޏެވެ.

ދެމީހުން އެއްހަމައެއްގައި ތިބެ ގެއަށް ވަނުމަށް ދިޔައެވެ. ގޭތެރެއިން އަތުވެދާނެ ކޮޅިގަނޑަކަށް އެމީހުން ނުވިސްނައެވެ. ދެމީހުންކުރެ އެކެއްގެ ސިކުނޑީގައި ވެސް މޯނާއެއް ނެތެވެ. މޯނާ މަތިން ހަނދާން ވެސް ނެތެވެ. ޒީކަށް އެނގުނު ހަޤީޤަތެއްގެ ސަބަބުން އެހެންކަމަކާ ފިކުރު ހިންގައިލާނެ ވަގުތެއް ނުލިބުނީއެވެ. ޒީކަށް އައި ބަދަލުން ރުހާމް ވެސް އެކަމަށް ގެއްލި ހުސްވީއެވެ.

ގޭގެ ދޮރު ހުޅުވީ ރުހާމެވެ. އޭރު މޯނާ ހުރީ ފޮށި ހިފައިގެން އެމީހުންގެ އިންތިޒާރުގައި ފެންޑާގައެވެ. ރުހާމްގެ ފަހަތުން ވަން ޒީކް ފެނުމާއެކު މޯނާގެ ލޭ ކެކިގަތެވެ. އޭނާ ކައިރީގައި ހުރި ފޮށީގައި ފައިން ޖެހިޖެހީނުން ކޮށްޕައިލިއެވެ. ހަތަރު ފޮރޮޅުގެ އެހީގައި ބާރު ދުވެލީގައި ގޮސް އެ ފޮށި ޖެހުނީ ޒީކްގެ ގައިގައެވެ. އެޔާއެކު އެމީހުންނަށް ލިބުނީ ކުއްލި ސިހުމެވެ. ޒީކްގެ ފަޔަށް އެރި ތަދާއެކު ވޭނީ އަޑަކުން ހަޅޭލަވައިގަނެވުއިރު ފައި ކައްސައިލައިގެން ދިޔައެވެ. އަރިއަޅައިލައިގެން ފަހަތަށް ވެއްޓެން ދަނިކޮށް ރުހާމަށް ޒީކްގެ އަތުގައި ހިފައިލެވުނީ ކިރިޔާއެވެ. އެ ހުރިހާ ކަމެއް ހިނގައި ދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ.

"ހަމަ މިހާރު މިގެއިން ނުކުމޭ! ރައްކާވޭ." މޯނާ ފެލިގަތް އަޑު މުޅި ފެންޑާގައި ގުގުމާލިއެވެ. "ގޮތްކުޑަކަމުން އެނބުރި މިގެއަށް އައިސް ވަންނަން ކެރިއްޖެއްނު! ތި ހުރީ ކަލޭގެ ސާމާނު! ތި ހިފައިގެން ރައްކާވޭ!"

ރުހާމް ހައިރާންކަމުން ފުރިގެންވާ ނަޒަރަކުން މޯނާއަށް ބަލާލިއެވެ. ކުޅަނދުރު ހަތައެއްހެން ރުޅި އައިސް ފުފިފައި ހުރި މޯނާގެ މޫނު ފެނުމުން ޒީކްގެ ހިތުގައި އުފެދުނީ ބިރުވެރިކަމެވެ. އޭނާ ވަގުތުން ރުހާމްއާ ދުރަށް ޖެހިލިއިރު ހުރީ ހިތްއަވަސްވެ މޭޖެހޭ ގޮތްވެފައެވެ.

"ކިހިނެއްވެގެން މިއުޅެނީ؟" ރުހާމަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ.

"ވީގޮތެއް ނޭނގިގެންތަ ތި އަހަނީ. އޭނ؟" ރުހާމަށް ވުރެ ބާރަށް މޯނާ ބުންޏެވެ. "އާނ! ވީ ގޮތް ނޭނގޭވަރުގެ ތުއްތުތުއްތު ދެބަބާ ތީ! މި އަންހެނާ ގޮވައިގެން މިގެއަށް އައިސްގެން ވަދެގެން ނުވާނޭ ބުނީމަ ވެސް ގޮވައިގެން ތި އައީ މަ އަޅާނުލާ ހުންނާނެކަމަށްތަ؟ ކަލޭމެން ގޮސް ގެސްޓުހައުސް ހިފާލައިގެން ތި ޖެހި ސަކަރާތް މަ ހަނދާން ނައްތާލާނެކަމަށްތަ؟ ނޫނީ މަ ބޮލުގަ ތެތްކަމެއް ނުހުންނާނެކަމަށް ކަލޭމެން ހީކުރަނީތަ؟ މަށަށް ވަގަށް ދެމީހުން ފުރައިގެން ގޮސް އައިސް އަދި އަނގަފުޅާކޮށްފައި ވީ ގޮތް އެބަ އަހައޭނުން!"

ރުހާމް ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. ނަމަވެސް ރައްދުގައި އެއްޗެއް ނުބުންޏެވެ. އެއްޗެއް ބުނެގެން މާހައުލު އިތުރަށް ހޫނުކުރަން އޭނާ ބޭނުން ނުވީއެވެ. މޯނާއަށް ވިސްނައިދޭން އުޅުމަކީ ބޭކާރުކަމެއްކަން ރުހާމަށް ވުރެ ބޮޑަށް އެނގޭނެ މީހަކު ނުހުންނާނެއެވެ. ފާރު ކައިރީގައި އިސްޖެހިފައި ހުރި ޒީކަށް ބަލާލަމުން ވެއްޓިފައި އޮތް ފޮށި ރުހާމް ނެގިއެވެ.

"ޒީކް ހިނގާ ކޮޓަރިއަށް." ރުހާމް ފޮށި ހިފައިގެން ހިނގައިގަތެވެ. މޯނާގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. މޫނުމަތި އިތުރަށް ބަނަވިއެވެ. ވިދާލި ވިދުވަރެއް ފަދައިން ބާރަށް އައިސް އެ ފޮށީގައި ހިފައިގަތެވެ.

"އެ އަންހެނާއަކަށް މި ގެއަކަށް ނުވަދެވޭނެ." ދަތްވިކާލަމުން މޯނާ ބުންޏެވެ. "މަ ވަރަށް ކެތްކޮށްފިން އެއްޗެއް ނުބުނެ ހުރެވޭތޯ. އެކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ވަގުވަގަށް ތި ދެމީހުން ގަންނަގަނޑު މިހާރު މަށަށް އެނގިއްޖެ! މި އަންހެނާ މަގޭ މުޅި ދިރިއުޅުމުގައި ހުޅުޖަހާފި. ދެން މަވެސް މަޑަކުން ނުހުންނާނަން. އޭނައަށް ޖެހޭނީ މި ގެއިން ދާން. ހަމަމިހާރު މިވަގުތު."

"މޯނާ މި ފޮށިން ދޫކޮށްލާ." ދެބަސް ދޭތެރެއަށް ހުއްޓަމުން ރުހާމް ވާހަކަ ދެއްކީ ކެތްތެރިކަމާއެކުއެވެ.

"ނުކުރާނަން." މޯނާ ލުއްކެއް ޖެހުމާއެކު ރުހާމް އަތުން ފޮށި ދޫވިއެވެ. އޭނާއަށް ލިބުނު ފުރުޞަތުގެ ބޭނުން ހިފައި ދެއަތު ކޮޅަށް ފޮށި އުފުލާލަމުން ދޮރުން ބޭރަށް ފޮށި އެއްލައިލިއެވެ. އަދި ނިކަން ބާރަށް ގޮސް ޒީކްގެ ހިކަނދިމަސްގަނޑުގައި ހިފައިގަތެވެ. ޒީކަށް ލިބުނީ ސިހުމެވެ. އިސްއުފުލާ ބަލާނުލެވިގެން އުޅެނިކޮށް މޯނާ އަތުގައި ހުރި ބާރެއްލައިފައި ޒީކް ވެސް ދޮރުން ބޭރަށް ހޫރުވާލިއެވެ. ޒީކަށް ވަގުތުން ރޮވުނެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އެސްފިޔަތައް ފޫދުއްވައިލައިފައި ކޯތާފަތްމަތިން ތިރިއަށް ދެމެމުން ދިޔައެވެ.

"ރައްކާވޭ." މޯނާ ހަޅޭއްލަވައިގަތެވެ. "ކޮންމެވެސް އެހެންމީހެއްގެ ފިރިއެއް ކަލޭގެ ތި ޖާދޫގަ ޖައްސަން މިގެއިން ފެއްސިގެން ދާން އުޅޭ."

ރުހާމްގެ ރުޅި އިންތިހާއަށް ގަދަވިއެވެ. އޭނާ ވައިސޫރިއެއްހެން ގޮސް ޒީކްގެ ފޮށި ނެގިއިރު ތުރުތުރު އަޅައެވެ. ދެދަތްޕިލަ ޖައްސައި ބާރުކޮށްގެން ހުރުމުން ރުޅި ކޮންޓްރޯލް ކުރަން މަސައްކަތްކުރާކަން އެނގެއެވެ. ގިސްލަމުން ދިޔަ ޒީކްގެ އަތުގައި ހިފައިލައިގެން އެތެރެއަށް ވަނުމަށް ރުހާމް އުޅުނެވެ. އެމީހުންނަށް ހުރަސް އެޅުމުގެ ގޮތުން ދޮރުމަތީގައި މޯނާ ހުއްޓުނެވެ.

"މޯނާ ދުރަށްދޭ." ރުހާމް މަޑުމަޑުން އަޑަށް ބާރުލައިފައި ބުންޏެވެ.

"ނުދާނަން." މޯނާގެ ޖަވާބު ވަގުތުން އަޔެއެވެ.

"އެންމެފަހު ފަހަރަށް މި ބުނަނީ. މޯނާ ތިތަނުން ދުރަށްދޭ." އިންސާނަކަށް ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް ރުހާމް ކެތްކުރިއެވެ. މޯނާ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ ހުރިތަނުން ގުޑައިވެސް ނުލިއެވެ. އޭރު ކުޅިބަލަން ބޭރު މަގު މައްޗަށް މީހުން ޖަމާވަމުން ދިޔައެވެ. ރުހާމް އައިސްފައި ހުރި ރުޅިއާ އެއްވަރަށް ލަދު ވެސް ގަތެވެ.

"ހާމްބެ. އަޅުގަނޑު ދިޔަދީ." ޒީކް ރޮމުންރޮމުން ވާހަކަ ދެއްކިއެވެ. "އަޅުގަނޑާހުރެ ހާމްބެމެން މައްސަލަޖެހޭކަށް ނޭދެން. އަޅުގަނޑު މިގެއިން ހިނގައިދާނަން. އަޅުގަނޑު ހިތަކު ކުޑަކޮށް ވެސް ބުރަކަމެއް ނެތް. ދައްތަ އަދި ބޭބެއަކަށް ވެސް."

"އަޅުގަނޑެއް މަޅުގަނޑެއް ކިޔާނެ ކަމެއް ނެތް. އަދި މާ މާތްވާންވެގެން އެބަތެޅޭނު." މޯނާ ލޯ އަޅާލިއެވެ. "ހާމްބެ ކިޔަމުން ގޮސް ހާމްބެގެ އަންބޮޑިއަށް ވަދެ އޮންނައިރު ހަނދާނެއް ނުވޭނު އެއީ ކަލޭގެ ބޭބެއެއް ކަމެއް. ތީ ތިކަހަލަ ރަންޑީންގެ ވައްތަރޭ."

"މޯނާ. ތި ދުލަށް އަންނަހާ އެއްޗެއް ނުކިބަލަ." ރުހާމް ބާރަށް ބުންޏެވެ. "ޒީކް ހުންނާނީ މިގޭގައި. މިގޭގަ އުޅޭނެ މީހުންނާ ނޫޅޭނެ މީހުން އެނގޭނީ މަށަށް. މޯނާ ހަމަ މިހާރު ކުރިމަތިން ދުރައްދޭ."

ރުހާމް ކުރިޔަށް ޖެހިލައި މޯނާގެ ކޮނޑުގައި އަތް އަޅުވައި ފަހަތަށް ކޮށްޕައިލިއެވެ. ރުހާމްގެ ފަރާތުން އެފަދަ ހަމަލާއެއް އަތުވެދާނެކަމަށް ނުވިސްނާ ހުރުމުން މޯނާ ފަހަތަށް އެއްލިގެން ދިޔައެވެ. ފައި ބިމުން ކެހިގެން ދިޔަ ވަގުތު އޭނާގެ ބަރުހެލި ހަށިގަނޑު ނުހިފެހެއްޓިގެން ތަށިމުށިގަނޑު މައްޗަށް އިދިފުށަށް ވެއްޓި ޖެހުނެވެ. އެޔާއެކު އޭނާ ފުންމައިގެން ތެދުވިއިރު ކުޑަވެސް ވޭނެއް އިޙްސާސް ކުރެވުނު ހެނެއް ހިޔެއް ނުވެއެވެ. އޭރު ރުހާމް ހުރީ ޒީކް ގޮވައިގެން ގޭތެރެއަށް ވަދެއެވެ. މޯނާ ހިފީ ޒީކްގެ އަތުގައެވެ. ރުހާމް ހުރީ އަނެއް އަތުގައި ހިފައިގެންނެވެ. ދެމަފިރިން ކުރަމުން ދިޔަ ހަނގުރާމައިގެ މެދުގައި ޒީކް ހުރީ ހައްޔަރުވެފައެވެ. ހަދާނެ ގޮތެއް ނޭނގިފައެވެ. ދެމީހުންކުރެ އެކަކުވެސް ދޫދޭކަށް ނޫޅެއެވެ. އެކަކު އަނެކަކަށް ބަހުގެ ހޫނު ހަމަލާތައް ފޮނުވަމުން ދިޔައިރު ޒީކް ކުރިހާ ވެސް ކަމަކީ އެ ދެމެދުގައި ހުރެ ރުއިމެވެ. ރުހާމްގެ ގާތުގައި އޭނާ އެ ގެއިން ދިޔުމުގެ ހުއްދައަށް އެދި އާދޭސްކުރުމެވެ.

"ޒީކް ހުންނާނީ މިގޭގައި." އެއީ ރުހާމްގެ ފަހުގެ ނިންމުމެވެ.

"އޭނައަށް ލާހިކު ކުޅަދާނައެއްނޫން މިގޭގަ އުޅޭކަށް." މޯނާ ކުޑަކޮށްވެސް ދުލެއް ނުދެއެވެ.

"ކިހިނެއްވެގެންތަ ތި ތެޅެނީ. ކަލޭ ތެޅޭހާ ތުޔެއް ބަލަން މަމި ހުންނަނީ މަށަށް އިތުރު ގޮތެއް ނެތިގެންނޭ ހީ ނުކުރައްޗޭ! ހަމަ މިހާރު ޒީކްގެ އަތުން ދޫކޮށްލާ. މީމަގޭ ގެޔެއް. މަށަށް އެނގޭނީ ޒީކް މިގެއިން ނެރެން ޖެހުނަސް. ކަލެއަކަށް ނޫން. އެހެންވީމަ މަގޭ އަތުންފައިން ގޯހެއް ނުހެދެނީސް އޭނަގެ އަތުން ހަމަ މިހާރު ދޫކޮށްލާ." ރުހާމް ހަރު އަޑުން އަމުރުކުރިއެވެ.

"ނުކުރާނަމޭ." މޯނާގެ އަޑު އެއަށްވުރެ ބާރެވެ. "ކަލޭ ހަދާނެ ހުރިހާ ގޯހެއް އޮތީ ހަދާފަ. އިތުރަށް ކަލެޔަށް ހެދޭނެ ގޯހެއްނެތް. އަނބިމީހާ ގޭގައި ބައިންދާފަ ގޮސް ޅަ އަންހެންކުދިން ބޮލަށް އެރި އެކުދިން ހައްލާލައިގެން އެކަހެރިވެގެން ފާފަކުރަމުން ދާ މީހަކު އިތުރަށް ހަދާނެ ގޯހެއް ނޯންނާނެ. މި އަންހެނާ މިހާ ހަޔާތްކުޑަވެގެން މި ތެޅެނީ ވެސް ހަމަ ކަލެޔާ ހުރެ. މުސްކާން ދުނިޔޭގައި އެ އަންހެނާ ވެސް އުޅުނީ މި ވައްތަރަށް. މަށަށް ވަގުވަގު.."

މޯނާއަށް ބުނެވުނީ އެހިސާބަށެވެ. ކުއްލިއަކަށް ރުހާމް އައިސް މޯނާގެ ކަންކަށި މަތީގައި ބާރު އެތިފަހަރެއް ޖެހިއެވެ. އޭނާ މޫނު މައްޗަށް އަރައިގެން ދިޔަ ދިލައާއެކު ތަރި ބުރައިގެން ދިޔައެވެ. ކޯތާފަތްމަތީ އަތް ޖައްސައިލެވުނުއިރު ހުރީ ބޮލަށް އެނބުރުން އަރާފައެވެ. ޒީކްގެ ދެލޯ ބޮޑުވެގެން ދިޔަ ހިނދު އަނގަމަތީ އަތްއަޅާލަމުން ޖެހުނީ ފަހަތަށެވެ.

"އަނބިމީހާއޭ ކިޔާފަ އަނގަފުޅާ ކުރަން ކަލޭ ލަދެއް ނުގަނޭތަ؟" މޯނާއާ ދިމާއަށް އިނގިލި ދިއްކޮށްފައި ރުހާމް ހަޅޭއްލަވައިގަތެވެ. "ކަލޭ މަ އަނބިމީހާގެ މަގާމުގައި ހުރެގެން މަށަށް ކޮށްދިންކަމެއް ބުނެބަލަ! އަނބިމީހާގެ ޒިންމާއަކީ ހަމައެކަނި ތަންމަތި ފަޅުފިލުވައި ދިނުމެއް ނޫނޭ! ފިރިމީހާއަށް ކޮށްދޭންޖެހޭ އެއްވެސް ކަމެއް ކަލެޔަށް އެބަ ކުރެވޭތަ؟ މަށަށް ކައްކާފަ ކާންދިނުމާއި ދޮވެ އިސްތިރިކުރުމާ މީން އެއްވެސް ކަމެއް ކަލޭ ކުރި ދުވަހެއް ހަނދާނުގައި އެބަހުރިތަ؟ ކަލޭގެ އުޅުން އިސްލާހުކުރަން ކިހާ ނަސޭހަތެއް ދެވިއްޖެ! ދަރިއަކު ލިބިފައި ހުރީމަ ކެތްތެރިވެގެން ރީތި ދިރިއުޅުމެއް އުޅެން ކިހާ މަސައްކަތެއް ކުރެވިއްޖެ. އެކަމަކު އެއްއަތް ތެޅިއަކަސް އަޑެއް ނުކިޔާނެ. އެކަން އެބަ އެނގޭނު. ކަލެޔަށް ކުރަން އެނގޭނެހާ ވެސް ކަމަކީ ތީ. މީސްމީހުންގެ މެދުގައި އޮންނަ ސާފު ޠާހިރު ގުޅުމަށް ޝައްކުކުރުން. ދެން ރުޅި އައިސް ދުލަށް އަންނަހާ އެއްޗެއް ގޮވުން. މީސްމީހުންގެ ހަޔާތަށް ގޮވާއިރު ހަޤީޤަތުގައި ލަދުހަޔާތެއް ވެސް ނެތީ ކަލޭގެ. ގޮތްކުޑައީވެސް ކަލޭ."

"ޅަ މަލަކުން ފޮނި ބޮވުނީމަ މަ ވަރުގެ ގޮތެއްފޮތެއް ނެތް މީހަކު ނުހުންނާނެ. ދެން މަ ވަރިކޮށްލާ!" ރުހާމްގެ ގަމީހުގެ ގިރުވާނުގައި ހިފައިގަންނަމުން މޯނާ ބުންޏެވެ. "އެކަން ކުރަން ނުކެރިގެން ތިއުޅެނީ ކީއްވެގެންތަ؟ ވަރިކޮށްފަ މިހިރަ ފެންނަ އެއްޗާ އިނދެބަލަ."

"މިއަދު ކަލޭ މައިތިރި ކުރެވޭނީ ތިކަން ކޮށްދީގެން ކަމުގައިވާނަމަ ތިކަންވެސް ކުރާނަން." މޯނާގެ ދެއަތުގައި ހިފައި ތިރިކޮށްލަމުން ރުހާމް ބުނެލިއިރު އަޑުގައި ވަނީ ނުރުހުމެވެ. ނަފުރަތާއި ފޫހިކަމެވެ.

މޯނާއަށް ކުޑަ ވަރެއްގެ ޝޮކެއް ލިބުނެވެ. އޭނާ ވަރިއަށް އެދުނުކަމުގައި ވިޔަސް ރުހާމް އެކަމަށް ތާއިދުކުރާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. ޒީކްގެ އަވާގައިޖެހި އޭނާ މުޅިން ބާކީވެއްޖެ ކަމުގެ އިޙްސާސް ފުރަތަމަ ފަހަރަށް ކުރެވުނެވެ. އެޔާއެކު ޒީކްގެ މައްޗަށް ހިތުގައި އުފެދިފައިވާ ރުޅި އާއި ހަސަދަ އިންތިހާއަށް ބޮޑުވިއެވެ. އޭނާ ނަފުރަތުގެ ބެލުމަކުން ޒީކަށް ބަލާލިއެވެ.

"މިހިރަ ފެންނަ އެތި މަގޭ މުޅި ދިރިއުޅުން ހަލާކުކޮށްފި. އެންމެ ހިނދުކޮޅަކުވެސް މިގޭގައި ނުބަހައްޓާނާން. ނުކުމޭ ހަމަ މިހާރު ނުކުމޭ." މޯނާ މިފަހަރު ދިމާކޮށްލީ ޒީކްއާއެވެ. ޒީކްއާ ދިމާއަށް ފިޔަވަޅެއް އަޅާލުމާއެކު ރުހާމް އެ ދެމެދަށް ވަނެވެ.

"ޒީކް ހުންނާނީ މިގޭގައި. ކަލޭ ދެން އޭނާއާ ދިމާއަށް ޗުއްޕު ބުންޏަސް އޭނަގެ ގައިގައި އިނގިލި ކުރި ޖައްސާލިޔަސް ކަލޭ ތީ މަގޭ އަނތްބެއް ނޫން. ހަނދާންކުރާތި!" ރުހާމް ޝަހާދަތް އިނގިލި ދިއްކޮށްފައި ވަރުގަދަ އިންޒާރެއް ދިނެވެ.

މޯނާގެ ގާވެފައިވާ ސިކުނޑިއަށް ވަރުގަދަ ލޮޅުމެއް އެރިއެވެ. އަނގަ ހުޅުވުނު ގޮތަށް ގަބުވެފައި އޭނާއަށް ހުރެވުނީ ޤަބޫލުކުރަން އުނދަގޫވި ވަރުންނެވެ. ޒީކް ސަލާމަތްކުރަން ރުހާމް އެވަރުގެ ބޮޑު ނިންމުމެއް ނިންމީ ހެއްޔެވެ؟ މޯނާ ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. ޒީކްދެކެ އެހާމެ ރުޅިވެސް އަޔެވެ. ނަމަވެސް ޒީކްއާ ދިމާއަށް އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ. އޭނާގެ ދެފައިކޮޅުން ވަރު ދޫވާހެން ހީވުމާއެކު ދެކަކޫ މައްޗަށް ތިރިވެވުނެވެ. ޒީކް ގޮވައިގެން ރުހާމް މައްޗަށް ދިޔައެވެ. ވޭނާ ހިތްދަތިކަމާއި ރުޅިވެރިކަމުން ފުރިގެންވާ އަޑަކުން މޯނާއަށް ހަޅޭލަވައިގަނެވުނެވެ.

*** 1999 ވަނަ އަހަރު***

ރޭގަނޑުގެ ވަގުތެވެ. ބުލްބުލާގޭ ފެންޑާގައި ހުރި އަދަރާދު ގޮނޑީގައި ޒިޔާދު އޮތެވެ. ނިތްމަތީގައި އަތް ބާއްވައިލައިގެން އޮތުމުން ބޮޑު ފިކުރެއް ކުރާހެން ހީވެއެވެ. މީހެއްގެ ހިޔަނިވެގެން ޒިޔާދު ބަލާލިއިރު މަންމައެވެ. މަންމަގެ އެއްއަތުގައި އަތުގައި ބޯތައްޓެއް ހުއްޓެވެ. އަނެއް އަތުގައި އޮތީ ކުޑަ ތުވާލި ކޮޅެކެވެ.

"ދަރިފުޅު ކީއްވެފަ ނިދަން ނުވަދެ ތިތަނުގައި ތި އިންނަނީ. މިހާރު އެހެރަ 11 ޖަހަނީ. ދެން ދޭ ނިދަން. މަންމަ ވެސް މިދަނީ ކޮޓަރިއަށް. ބައްޕަގެ ހުންގަނޑު އަދިވެސް މައިތިރިވާކަށް ނޫޅޭ! 03 ދުވަސްވެގެން ދިޔައިރު ކުޑަކޮށްވެސް ލުޔެއް ނުލިބޭ! މާދަމާ ހިނގާބަލަ ބައްޕަ ގޮވައިގެން އަތޮޅު ހޮސްޕިޓަލަށް ދާން." ކަންބޮޑުވެފައި ހުރެ ވަރުދާ ބުނެލިއެވެ.

ޒިޔާދު ގޮނޑިން ތެދުވެ، ފަލަމަސްގަނޑުގައި އޮޅަނބޮށި ވިއްދާލީ ފަރުވާކުޑަ ގޮތަކަށް ހޫމް އަޅުވާލަމުންނެވެ.

"ދަރިފުޅު އަދިވެސް ހިތްހަމަނުޖެހިފަތަ؟" ވަރުދާ އެހިއެވެ. "މުސްކާނަށް ޖެއްސުން ނުކުރަން މަންމަ ބުނީ ހަމަ ދަރިފުޅަށް ރަނގަޅަކަށޭ! މުސްކާން ދަރިފުޅު ދެކެ ލޯތްބެއް ނުވެޔޭ! ގަދަބާރުން ލޯބި ނުހޯދޭނެ ދަރިފުޅާ."

"މަންމަދެކެ ރުޅިއެއް ނާދެޔޭ." ޒިޔާދު އިންގޮތަށް އިނދެ ވަރުދާގެ މޫނަށް ބަލާވެސް ނުލާ ބުނެލިއެވެ.

"އެންމެ ރަނގަޅު. ދެންދޭ ނިދަން." ވަރުދާ ގޮސް ކުރިމަތީގައި ހުރި ކޮޓަރިއަށް ވަނުމާއެކު ޒިޔާދު ތެދުވިއެވެ. އޭނާ އިންތިޒާރުކުރަމުން އައި ވަގުތު އައިސް ޖެހުނީއެވެ. މިއަދު މެންދުރު ވަގުތު މުސްކާންއާ ދުރުންދުރުން އުޅުމަށް މަންމަ އަމުރުކުރި ހިސާބުން ފެށިގެން ޒިޔާދު ހުރީ މުސްކާންދެކެ ހިތްހަމަނުޖެހިފައެވެ. މަންމަ ގާތުގައި އެ ވާހަކަތައް ދައްކަން މުސްކާނަށް ކެރޭނެ ކަމަކަށް ޒިޔާދު ހިޔެއް ނުކުރެއެވެ. މުސްކާނަށް އެވަރުގެ ބޮޑު ހިތްވަރެއް ލިބުމުން އެކަމުގެ އަދަބު ދިނުމަށް ޒިޔާދު ހުރީ ނިންމައިގެންނެވެ.

މުސްކާންގެ ކޮޓަރި ދޮރު ހުޅުވާލުމާއެކު ޒިޔާދުގެ ކަންފަތުގައި ހަރުލީ މުސްކާންގެ ކުކުރުމުގެ އަޑެވެ. ޒިޔާދުގެ ހަރަކާތް އަވަސްވިއެވެ. ހޮޅިބުރި ދިއްލައިލަމުން އޭނާ އެނދާ ދިމާއަށް އަވަސް ނަޒަރެއް ދިނެވެ. މުސްކާން އޮތީ ދާހިއްލާ ފޯވެފައެވެ. ކުކުރަމުން ދެއަތަށް ބޯ ހޫރުވަމުން ދިޔައިރު ވޭނީ އާހުގެ އަޑު އިވިއިވި ހުއްޓެވެ. މުސްކާން އެހާލުގައި އޮތުމުން ޒިޔާދުގެ ރުޅި ފިނިވެގެން ދިޔައެވެ.

"މުސްކާން!" އެނދުގައި އިށީންނަމުން ޒިޔާދު ގޮވާލިއެވެ. "ބަލީތަ؟"

މުސްކާން މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އަދި ފަނޑު ގޮތަކަށް ހިނިތުންވެލިއެވެ. ޒިޔާދު މުސްކާންގެ އަތުގައި ހިފައިލިއެވެ. އެ އަތްތިލައަށް އަރަމުން ދިޔަ ގަދަ ނޫކުލަ ފެނުމާއެކު ޒިޔާދުގެ ދެލޯ ބޮޑުވިއެވެ. ފަރުވާތެރިކަމާއެކު މުސްކާންގެ ހަށިގަނޑަށް ބަލާލެވުނެވެ. ހަށިގަނޑުގެ އެކި ހިސާބުން ނޫކުލައިގެ ލައްތަކެއް ހާސާވެފައި ހުއްޓެވެ. މުސްކާންގެ ބަލީގެ އަސްލު އެނގުމާއެކު ޒިޔާދު ފުންމައިގެން ތެދުވިއެވެ. ހިނގައިގަންނަން އުޅުމުން އެ އަތުގައި މުސްކާން ހިފެހެއްޓިއެވެ. ޒިޔާދު ބަލާލުމާއެކު މުސްކާން ދެއަތަށް ބޯ ހޫރުވައިލިއެވެ.

"މުސްކާން ބޭނުންވަނީ އަމިއްލައަށް މަރުވާންތަ؟" ޒިޔާދު ހިތްހަމަނުޖެހުނެވެ. "މަށެށް މުސްކާން މަރުވަންދޫކޮށްލައިގެން ނުހުންނާނަން."

ޒިޔާދު ނުކުތީ ފެންޑާއަށެވެ. ފެންޑާގެ އެއްކޮޅުގައި ހުރި އައިސް އަލަމާރި ތެރެއިން ހުސްފުޅިއެއް އޭނާ ނެގިއެވެ. ގަދަ ރަތްކުލައިގެ އޮލައެއްޗެއް އޭގެ ފުލުގައި ހުއްޓެވެ. އެއީ ކަނޑުމަހު ލެޔެވެ. އިންސާނުން ދިރިހުރުމަށް ފެން ބޭނުންކުރާ އުސޫލުން މުސްކާން ބޭނުންކުރާ އެކައްޗަކީ ލެޔެވެ. ޒިޔާދު ފުޅި ހިފައިގެން ގޮސް ވަރުދާ ކޮޓަރި ދޮރުގައި ތަޅައިގަތެވެ.

"މަންމާ! މިވަރުވާއިރު މަ ގާތުގައި ބުނެލަން އެންމެ ރަނގަޅެއްނު." ވަރުދާ ދޮރު ހުޅުވުމާއެކު ޒިޔާދު ބުނެލިއެވެ.

"ދަރިފުޅާ! މަންމަ ހަނދާންނެތުނީ." ވަރުދާގެ މޫނުން ފާޅުވީ ނުތަނަވަސްކަމެވެ. "ބައްޕައަށް މަހަށް ނުދެވޭތީ ތިވެސް ނުހޯދުނީ."

"ދެން ކިހިނެއް ހަދާނީ؟ މުސްކާން އެދަނީ މަރާ ހަނގުރާމަކުރަމުން." ޒިޔާދަށް ބުނެވުނެވެ.

"އޮތީ އެންމެ ގޮތެއް ދަރިފުޅާ. ދަރިފުޅު ގޮސް މުސްކާން މުސްކާންގެ ދުނިޔެއަށް ދޫކޮށްލާ." ވަރުދާ ކަންބޮޑުވެފައި ހުރެ ބުންޏެވެ. "މިދަނޑިވަޅުގައި މުސްކާން އިންސާނުން ތެރޭގައި ގެންގުޅެން ވެއްޖެނަމަ އޭނާގެ ފުށުން އިތުރު އިންސާނަކަށް ގެއްލުމެއް ލިބިދާނެ. ކުރީ ފަހަރު ވީ ގޮތްވުމަކަށް މަންމަ ނޭދެން. އެހެންވީމަ އިރުއެރުމުގެ ކުރިން ދަރިފުޅު މުސްކާން ގެންގޮސް އަނބުރާ ގެޔަށް ގެނޭ."

(ނުނިމޭ)

* އަށްވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ!
* "ޒީރު" ކޮންމެ ދުވަހެއްގައި