ފުރޮޅުލީ ގޮނޑިއެއްގައި އިން މީހަކު، އޭނާއަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހެއްކަން ސާބިތުކޮށް ނުދިނުމުން ޖޫރިމަނާކޮށްފިއެވެ.

އިންގްލޭންޑުގެ އަވަށެއް ކަމަށްވާ މެއިޑްސްޓޯން ބޯރާގައި ހިނގި މި ހާދިސާގައި އެމީހާ ޖޫރިމަނާކުރީ އެ އަވަށުގެ ކައުންސިލުންނެވެ. ކައުންސިލުން އެމީހާ ޖޫރިމަނާކޮށްފައިވަނީ، ކައުންސިލުން އޭނާއަށް ދޫކޮށްފައި ހުރި ގޭގެ ފެންވަރު ރަނގަޅު ކުރުމަށް އެދި ޝަކުވާ ހުށަހެޅުމުންނެވެ.

އެގޮތުން އެގެޔަކީ އޭނާފަދަ ނުކުޅެދުންތެރިކަން ހުރި މީހުންނަށް އެކަށީގެންވާ ގޮތަށް ތައްޔާރުކުރެވިފައިވާ ގެޔަކަށް ނުވާތީ ގިނަ ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށް ބުނެ އޭނާ ވަނީ ކައުންސިލްގައި ޝަކުވާ ހުށަހަޅާފައެވެ. މިކަމާއި ގުޅިގެން ކައުންސިލުން ވަނީ އަމިއްލަގޮތުން ހިންގި ތަހުޤީޤަކަށްފަހު އޭނާއަށް އޭނާގެ ނުކުޅެދުންތެރިކަން ދައްކައިނުދެވުނު ކަމަށް ބުނެ 75 ޕައުންޑުން އޭނާ ޖޫރިމަނާކޮށްފައެވެ.

މި މައްސަލަ މިހާރު އިންގްލޭންޑުގެ ކަމާއި ގުޅުންހުރި އެހެން އިދާރާތަކުގެ ސަމާލުކަމަށްވެސް ގޮސްފައިވާއިރު، ކައުންސިލުން އެމީހާ އާއި މެދު ކަންތައް ކޮށްފައިވާ ގޮތާއި މެދު ގިނަ ބަޔަކު ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އަދި އިންގްލޭންޑުގެ ލޯކަލް ގަވަމަންޓް ސޯޝަލް ކެއާ އިން ވަނީ އެމީހާ ޖޫރިމަނާ ކުރަން އެނގި ކައުންސިލްއާއި މެދު ފިޔަވަޅު އަޅާފައެވެ. އެގޮތުން އެމީހާއަށް 250 ޕައުންޑު ދިނުމަށް އެ ކައުންސިލްގެ މައްޗަށް މިހާރު ވަނީ އަމުރުކޮށްފައެވެ.

އަދި ހަމަ އެހެންމެ ވަކި މުއްދަތެއްގެ ތެރޭގައި މި ހާދިސާ އާއި ގުޅިގެން މަޢާފަށް އެދުމާއި އެކު ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް އިތުރު ޓްރެއިނިންގް ދިނުމަށް މެއިޑްސްޓޯން ބޯރާގެ ކައުންސިލަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު