ދުބާއީގައި މިހާރު ކުޅެމުންދާ "ރޭސް 3" ގެ އެކްޝަން މަންޒަރުތަކެއް ނަގަމުން ދަނިކޮށް ބޮލީވުޑްގެ ތަރި ޖެކުލިންގެ ލޮލަށް އަނިޔާ ވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން ޖެކުލިންގެ ލޮލަށް އަނިޔާވެ ޝޫޓިން ތެރެއިން ވަގުތުން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މާގިނައިރުތަކެއް ނުވެ އޭނާވަނީ ދޫކޮއްލާފައެވެ. އަދި މާގިނަ އިރުތަކެއް ނުވެ ޖެކުލިން ވަނީ އަނބުރާ ޝޫޓިންއާއި ގުޅިފައެވެ.

"އެއީ ތެދެއް. އެކަމަކު އެއީ ވަރަށް ކުޑަ އަނިޔާއެއް. އެކްޝަން މަންޒަރެއް ނަގަމުން ދަނިކޮށް ލޯ ކައިރިން މަތިން އަނިޔާވީ. މިހާރު އޭނާ ރަނގަޅު އަދި އެނބުރި ޝޫޓިންއާވެސް ގުޅިއްޖެ" ޖެކުލިންގެ އަނިޔާއާއި ބެހޭގޮތުން ފިލްމްގެ ޕްރޮޑިއުސަރު ރަމޭޝް ޓައުރާނީ ބުންޔެވެ.

މިދިޔަ ހަފްތާއިން ފެށިގެން ޖެކުލިންވަނީ އަބޫދާބީގައި އެކްޝަން މަންޒަރުތަށް ހިމެނޭ ޝޫޓިންތަކެއް ކުރިއަށް ގެންގޮސްފައެވެ. ކޮންމެ ދުވަހެއްގެވެސް އެތައް ވަގުތެއް މާޝަލް އާޓްސްގެ މަންޒަރުތަކަށާޢި އެކްޝަން މަންޒަރު ނެގުމަށް ޖެކުލިން ހޭދަކުރެއެވެ. އަދި ވަރައްގިނަ ޕަންޗު ކުރުމާއި ޖެހުމުގެ މަންޒަރުތަކެއް ނަގައެވެ. ޖެކުލިން ކޮންމެ ދުވަހަކުވެސް 2 ގަޑިއިރު މިކަމަށް ތައްޔާރުވާކަމަށް ބުނެއެވެ.

ޖަކުލިން އާއި އެކު "ރޭސް 3" ގައި ހަރަކާތްތެރިވަނީ ސަލްމާން ޚާން އާއި އަނިލް ކަޕޫރާއި ބޮބީ ޑިއޯލް އާއި ސާގިބް ސަލީމްގެ އިތުރުން ޑެއިޒީ ޝާޙް އެވެ.

ޓިޕްސް ފިލްމްސްގެ ބެނާގެ ދަށުން ސަލްމާން ޚާން ފިލްމްސް އާއި ރަމޭސް ޓައުރާނީ ޕްރޮޑިއުސްކުރާ މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ރެމޯ ޑީސުޒާއެވެ. މި ފިލްމް ސިނަމާ ތަކާ ހަމައަށް އަންނާނީ މިއަހަރު ޖޫން 15 ގަ އެވެ.