"ދިއްލިފައިވީ ހުޅުކޮޅެއް ނިވުމާއިއެކީގާ ޤުދުރަތުން
ގެއްލިގެން ދިޔައީ މިދުނިޔޭން ހާދަ އަގުބޮޑު ޖައުހަރެއް"

މިއީ އަލްމަރްޙޫމް ހ.ހާޖަރާގެ މުހައްމަދު ތައުފީޤް ހެއްދެވި ޅެމެއްގެ ފުރަތަމަ ބައިތެވެ. އަޅުގަނޑު މިއަދު މިބައިތު ޚާއްސަކޮށްލާ ހިތްވަނީ ވެސް ހުދު އެބޭފުޅާއަށެވެ. ސަބަބުތައް ވަރަށްވެސް ގިނައެވެ.

1995 ވަނަ އަހަރުގެ އެޕްރީލް މަހުގެ 23 ވަނަ ދުވަހު މި ދުނިޔެ ދޫކުރެއްވި, އަލްމަރުޙޫމް މުހައްމަދު ތައުފީޤަކީ އެބޭފުޅެއްގެ އަޑު އެތައްބައެއްގެ ހިތްތަކުގައި ބިންވަޅު ކަނޑާނެގިފައިވާ، ޤައުމަށް އަގުހުރި އެތައް ޚިދުމަތްތަކެއް ކޮށްދެއްވެވި ބޭފުޅެކެވެ. އެއީ ދޫހެލޭ މޮޅު ޤާނޫނީ ވަކީލެކެވެ. އެއީ މޮޅު ޝާޢިރެކެވެ. ޤާރީއެކެވެ. ފޮތާއި ވާހަކަ އަދި އެހެނިހެން ލިޔުންތައް ލިޔުއްވި މުސައްނިފެކެވެ. އެއީ އަމިއްލަ ގޭގައި މަދަރުސާއެއް ހިންގެވި އެދުރެކެވެ. ކޮންމެ ހުކުރެއްގައި ކޮންމެވެސް އެއް މިސްކިތެއްގައި ޚުތުބާ ވިދާޅުވެ އިމާމްކަން ކުރެއްވި އިމާމެކެވެ. ރީތި މަދަހަތަކެއް ވިދާޅުވި ފަންނާނެކެވެ. އަދި މީގެ އިތުރުން ކޮންމެ ރަމަޟާން މަހެއްގައި ތައުފީޤްގެ ރަންއަޑުން ކިޔުއްވާފައިވާ ކީރިތި ރަސޫލާގެ ސިޔަރަތަކީ ދިވެހި ހުރިހާ އުމުރުފުރައެއްގެ ހިތްތަކުން ޖާގަ ހޯދި އަދި އެއީ އެތައް ބަޔަކު ރަމަޟާން މަހުގެ ދިރުންކަމުގައި ވެސް ސިފަކުރާ ތައުފީޤްގެ ވަރަށް އަގުހުރި އަދި އެންމެ ފާގަހަ ކުރެވޭ ހަދިޔާއެވެ.

1983 ވަނަ އަހަރު ތައުފީޤްގެ އަޑުން ރެކޯޑް ކުރެވުނު ފުރަތަމަ ސިޔަރަތު ގާތްގަނޑަކަށް 11 އަހަރުގެ ދިގު މުއްދަތަކަށް މެދުކެނޑުމެއްނެތި ހަމަ ކޮންމެ ރަމަޟާން މަހެއްގައި ދިޔައީ އިވެމުންނެވެ. އެއަށްފަހު 1994 ވަނަ އަހަރު އެންމެފަހުގެ ރެކޯޑިން ހެއްދެވިއިރު ހެއްދެވީ، ހިތުގެ އާލާސްކަންފުޅެއްގައި އުޅުއްވަމުން ކަމަށް ތައުފީޤް ނިޔާވިއިރުގެ އަނބިކަނބަލުން އާމިނަތު ޝަބީބާ، "ވަގުތު" އާއި ސިޔަރަތުގެ ބައެއް ވާހަކަތައް ހިއްސާ ކުރައްވަމުން ފާހަގަ ކުރެއްވެވިއެވެ.

ތަޢުފީޤު އަތޮޅު ވެރިކަން ކުރެއްވި ދުވަސްވަރުގެ ފޮޓޯފުޅެއް -

އެހެންނަމަވެސް ތައުފީޤްގެ ސިޔަރަތުގެ އެންމެ ފުރަތަމަ ރެކޯޑިންގ އާއި ބެހޭގޮތުން ފުރަތަމަ ވާހަކަ ދައްކާލަމާ ތޯއެވެ!

"ތައުފީޤް އެންމެ ފުރަތަމަ ސިޔަރަތު ރެކޯޑްކުރެއްވި ދުވަސް އެއީ އަޅުގަނޑު އަބަދުވެސް ވަރަށް ހަނދާން ހުންނަ ދުވަހެއް. އެއީ އަޅުގަނޑުގެ އެންމެ ފުރަތަމަ ދަރިފުޅު ލިބުނުތާ 7 ވަނައަށް ވީދުވަސް. އެއީ އެންމެ ފުރަތަމަ ރެކޯޑިންގ ހެއްދެވި ދުވަސް. އަދި އޭރުގެ ހާލަތު ހުރިގޮތުން ވަރަށް ދަތިކޮށް ވެސް އުޅެން ދިމާވި ދުވަސްކޮޅެއް. ތައުފީޤަކީ ވަރަށް ހިތްވަރުގަދަ، ދީނީ ކަންކަމަށް ވެސް ވަރަށް ލޯބިކުރާ ބޭފުޅެއް ވީމާ ދިރިއުޅުމުގެ ގޮންޖެހުންތަކުގެ ތެރެއިންވެސް އެފަދަ ފުރުޞަތެއް ލިބުމުން އޭގެ ބޭނުން ހިއްޕެވީ. އަދި އެއީ ހިލޭސާބަހަށް ކޮށްދެއްވި ވަރަށް ބޮޑު، ބުރަ އަގުހުރި މަސައްކަތެއް ކަންވެސް ފާހަގަކުރަން.. އޭރު އެއްވެސް ވަރަކަށް އަންދާޒާ ވެސް ކޮށްނުލެވޭ ތައުފީޤް ވިދާޅުވި ސިޔަރަތަށް މިހާ ބޮޑު މަޤްބޫލްކަމެއް ލިބިދާނެކަމަކަށް. މިހާރުވެސް ކޮންމެ ރޯދައެއްގައި އެއަޑު އިވޭތީ އޭރުގެ ހަނދާންތައް ވެސް ވަރަށް އާކޮށްދޭ". އެންމެ ފުރަތަމަ ސިޔަރަތު ރެކޯޑްކުރި ދުވަހުގެ ހަނދާންތައް އާކުރައްވަމުން ޝަބީބާ ވިދާޅުވިއެވެ.

އާދޭހެވެ! އެހާބޮޑު މަޤްބޫލުކަމެއް ނުލިބޭންވީ ހަމަ އެއްވެސް ސަބަބެއް ނެތީއެވެ. އަޑު ބަރުވެފައި އަޑުއަހާލުމުގައި އެހުންނަ ފަސޭހަކަމެވެ. ދޫފަރިތަކަމާއިއެކު ކިޔާލުމުގައި އެހުންނަ ފޫހިވުމެއްނެތް ހިތްގައިމު ގޮތެވެ. އަމިއްލަވަންތަ ރާގެއްގައި ހުށަހަޅައިދީފައި އެހެރަ ކުޅަދާނަކެމެވެ. މި ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ އިތުރުން އިންޑިޔާގެ ލަކްޝަދީބް ޖަޒީރާގައި އޮންނަ، ދިވެހިންގެ ބައެއްކަމުގައި ދިވެހިން ޤަބޫލުކުރާ މަލިކުން (މިނިކޮއި އިން) ފެށިގެން މައްކާގެ މާތްބިމުގައި ވެސް މިއަދު ތައުފީޤްގެ ސިޔަރަތު އަޑުއަަހާނުލާ ނުނިދޭ މީހުން ތިބިކަމީ ވެސް ހަޤީޤަތެކެވެ.

ނަމަވެސް އެންމެ ފުރަތަމަ ސިޔަރަތު ރެކޯޑް ކުރެވުނީ އެހެން ހަތަރު ބޭފުޅުން ގެ އަޑުންކަން ފާގަހަކޮށްލަން ޖެހެއެވެ. އޭރުގެ ސިޔަރަތު ރެކޯޑް ކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވި ބަދުރު ނަސީރު ވިދާޅުވީ، ހަތަރު ބޭފުޅުންގެ ރާގު ތަފާތުވެފައި ކިޔާގޮތް ތަފާތުވުން އެއީ އަޑުއެހުންތެރިންނަށް މާކަމުދާކަމަކަށް ނުވިކަމަކަށެވެ. އެގޮތުން ބެލިބެލުމުގައި ދެން އެންމެ ރަނގަޅަށް ސިޔަރަތު ވިދާޅުވަނީ ތައުފީޤްކަމަށް ހުރިހާ ބޭފުޅުންނަށް ޤަބޫލުކުރެއްވިގެން އެފުރުޞަތު ތައުފީޤަށް ލިބިލެއްވީއެވެ.

ގިނަ ބަޔަކަށް ނޭނގުނަސް، މިހާރު މިއަޑު އިވޭ ސިޔަރަތުގެ އެންމެފަހުގެ ރެކޯޑިން ހެއްދެވިއިރު، ތައުފީޤް އުޅުއްވީ ހިތުގެ ވަރަށް ބޮޑު އާލާސްކަންފުޅެއްގައި ކަމުން އެފަދަ ހާލަތެއްގައި ހުންނަވައިގެން ވެސް ސިޔަރަތު ރެކޯޑް ކުރެއްވި ގޮތާއި، އެކަމާއި ގުޅޭ ވާހަކަތައް ހަމަގައިމުވެސް އެންމެ ރަނގަޅަށް އެނގޭނެ އެއް ފަރާތަކީ ވެސް ހަމަ އޭރުގެ އަނބިކަނބަލުންނެވެ. އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން އެ ވާހަކަތައް ޝަބީބާ އިތުރަށް ސިފަކޮށް ދެއްވެވިއެވެ.

"ރޯދައިގެ ދެތިން މަސް ކުރިން ސިޔަރަތު އަލުން ރެކޯޑް ކުރައްވަން ފެއްޓެވި. އެކަމަކު ސިޔަރަތުގެ މެދަކާއި ހަމައިން ރެކޯޑިންގ މެދުކަނޑާލަން ޖެހުނު ހިތުގެ އާލާސްކަންފުޅު ބޮޑުވެ އެޑްމިޓް ކުރަން ޖެހުމުން.. ދެން ހަމަކިރިޔާ ވެސް ރަނގަޅުވެލީމާ އަލުން ރެކޯޑިންގ ފެއްޓެވި. އަޅުގަނޑު މިހާރު ވެސް ވަރަށް ރަނގަޅަށް ހަނދާން ހުރޭ. އެހާބަލިކޮށް އުޅުއްވަމުން ވެސް އެކަމަށް ބެހެއްޓެވި ޝައުޤުގެ ބޮޑުކަމުން ކޮންމެ ރެޔަކު ރެކޯޑިންގ ނިންމަވާލައްވާފައި ވަޑައިގަންނަވާނީ އެދުވަހުގެ ރެކޯޑިންގ ގެ ކޮޕީއެއް ހިއްޕަވައިގެން. ދެން އަޅުގަނޑު ގެނެސް ބައިންދާފަ އައްސަވާނެ ކުރީގެ ރެކޯޑިންގ އާއި މިހާރުގެ ރެކޯޑިންގ އާއި އެއްވެސް ތަފާތެއް ހުރިތޯ.. ތަފާތީ ކިހާވަރަކަށްތޯ. ނޭވާ ކުރުވާކަމަށް ފާހަގަވޭތޯ. ދެން އަޅުގަނޑު އަޑުއަހާފަ ބުނަން. ތީގަ ތި ކަހަލަ މައްސަލަތައް އަޑުއަހާ މީހަކަށް ފާހަގަ ނުކުރެވޭނެޔޭ. ދެން އަނެއްދުވަހު ރެކޯޑިންގއަށް ވަޑައިގަންނަވާނީ ވަރަށް އުއްމީދު އާވެ ވަރަށް ހިތްޕުޅު ހަމަޖެހިލައްވައިގެން ހުންނަވާ." ޝަބީބާ ވިދާޅުވިއެވެ.

ތަޢުފީޤުގެ ދެވަނަ އަދި ތިން ވަނަ އަނބިކަނބަލުންނާއި ތިންވަނަ އަނބިކަނބަލުންގެ ދެ ބޭފުޅުންނާއި އެކު

އޭރުގެ ރެކޯޑިންގ ކަންތައްތައް ހިނގައިދިޔަ ގޮތުގެ ތަފްޞީލް ދެން އެންމެ ރަނގަޅަށް ދެއްވޭނެ އެއްފަރާތަކީ ދިވެހިރާއްޖޭގެ އަޑުގައި ސިޔަރަތުގެ ރެކޯޑިންގ ކަންތައްތަކާއި ހަވާލުވެ ހުންނެވި ހަފްޒާ އަލީއެވެ. ދެވަނަ ރެކޯޑިންގ ހަދަން ޖެހުނު ސަބަބު ތަފްޞީލު ކޮށްދެއްވަމުން ހަފްޒާ ވިދާޅުވީ ސިޔަރަތު ފޮތުގައި ޗާޕްކުށެއް އޮތުމުން ސިޔަރަތު ރެކޯޑްކުރި އިރުވެސް އެފޮތުގައި އޮތްގޮތަށް އެކުށާއި އެކު ކީފައިވާތީ ދެވަނަ ރެކޯޑިންގ އެއް ހަދަން ޖެހުނީއެވެ.

"އާޔަތުގެ ކޮންމެވެސް ފިއްޔެއް ޖެހިފަ އޮތްކަމަށް އޭރުގެ ޖަސްޓިސް މިނިސްޓްރީން ފަތުހީ ސިޓީއެއް ފޮނުއްވީ އަޑަށް. އެއީ ޗާޕްކުށެއް. ދެން ޗާޕްގަ(ފޮތުގަ) އޮތްގޮތަށް ކިޔުއްވާނީތާ. ދެން އެހެން ވެގެން ރަނގަޅު ކުރަން އުޅުއްވުމުގެ ތެރޭގައި މަޝްވަރާ ކުރެވުނީ އަލުން އެއްކޮށް އަޅަން. ތައުފީޤް ވެސް އެދިލެއްވީ މުޅި ސިޔަރަތު އަލުން އެއްކޮށް އެޅުމަށް." ހަފްޒާ ވިދާޅުވިއެވެ.

ސިޔަރަތުގެ ދެވަނަ ރެކޯޑިންގ މަސައްކަތްތަކަށް ކުރެވުނު ގޮތާއި ބެހޭގޮތުން ހަފްޒާ ވިދާޅުވީ ރަމަޟާން މަސް އައުމުގެ ދެމަސް ކުރިން ނިންމަން ޖެހޭތީ ރެކޯޑިންގ މާކުރިން ފެށިކަމަށެވެ. ނަމަވެސް ހިތުގެ އާލާސްކަންފުޅު ބޮޑުވެގެން އެޑްމިޓްކުރުމުން އެއައި މެދުކެނޑުމަށް ފަހު ހަމަ ކުޑަކޮށް ރަނގަޅުވެލީމާ ހޮސްޕިޓަލުން ދޫކޮށްލި ދުވަހުގެ އަނެއްދުވަހު ދުރުވެ ތައުފީޤް ދެންނެވީ "މިހާރު އެޅޭނެޔޭ އަވަހަށް ނިންމަންށޭ ބޭނުމީ"، ދެން އެހިސާބުން އަނެއްކާވެސް ރެކޯޑިންގ ފެށުނު ކަމަށެވެ.

ތަޢުފީޤާއި ދެވަނަ އަނބިކަނބަލުން، އަދި އެ ދެމަފިރިންގެ ބައެއް ބޭފުޅުން

"އޮނަތިރީސް ވަނަ ދުވަހަށް ނިމޭގޮތަށް ސިޔަރަތު އަޅަން އަންގަވާފަ އޮންނަނީ.. އެހެންވީމަ އެ ސްޕީޑަށް ކިޔަންޖެހޭނެތާ. ވިހި ގަނޑު ބާވީސް ގަނޑު..(ކިޔަންވީ ވަރުގެ) ހިސާބު ހައްދަވާ ގަނޑުތައް ބައްސަވާނީ ތައުފީޤް. އަޅުގަނޑުގެ ކަމަކީ ރެކޯޑް ކުރުމާއި އެހީތެރިވުން.. އެޑިޓެއް ކުރަން ވަރަށް ނުޖެހޭނެ. އެއްގަޑިއިރުގެ ސިޔަރަތުނުންތޯ އެ އަންނަނީ.. ހައެއްކަ ފަހަރު ކަނޑާލަން ޖެހޭނީ. ކުޑަކޮށް ކޮށި އަރައިގެން ނޫނީ ގަނޑު އެއްލާ ތަންކޮޅުގަ ބޭނުންވާ ރާގަށް ނުގެންދެވުނީމަ ހުއްޓަވާލައްވާނެ.. އެހެންނޫނިއްޔާ ކޮއްޓެއް ނުވާނެ. ވަރަށް ފަރިތަވާނެ. އަދި ފާހަގަ ކޮށްލަން. ބުނުއްވައިފި ދުވަހަކު ވަރަށް ގަޑިއަށް ދުރުވާނެ.. ވަރަށް ފަރުވާތެރިކަމާއިއެކު ކުރެއްވީ އެކަން އަމިއްލަކަމެއްގެ ގޮތުގަ. އެއީ އުޖޫރައަކަށް ކުރެއްވި ކަމެއްވެސް ނޫން." ރެކޯޑިންގ ގެ ކަންތައް ހިނގައިދިޔަ ގޮތާއި ހަފްޒާގެ ތަޖްރިބާ ހިއްސާ ކުރެއްވެވިއެވެ.

ތައުފީޤް ތިން ކައިވެންޏެއް ކުރެއްވި އިރު ފުރަތަމަ ބަނޑަށް އެއްބޭފުޅަކު ދެވަނަ ބަނޑަށް ހަތްބޭފުޅުން އަދި ތިންވަނަ ބަނޑަށް ހަތަރު ބޭފުޅުން ތިއްބަވައެވެ. ތައުފީޤްގެ ހުރިހާ ބަނޑެއްގެ ކުދިންނަކީ ވެސް ހުނަރުވެރި ކުދިންނެވެ. އާއިލާ މަޝްހޫރު ވެފައިވަނީ ލަވަޔާއި މިޔުޒިކްގެ ތެރެއިން ކަމުގައި ވިޔަސް އޭގެ ތެރެއިން ބައެއް ކުދިންވަނީ މިއުޒިކާއި ދުރަށް ޖެހިފައެވެ. މިކަމުގައި ގިނަ ބަޔަކަށް ނޭނގޭ މުހިއްމު ސަބަބެއް ވެސް އެބައޮތެވެ. ތައުފީޤްގެ ހަޔާތުގެ ފަހުކޮޅު އަމިއްލަޔަށް ބަލާ ހޯއްދަވައި މައުލޫދު ކިޔުމާއި މިޔުޒިކަކީ ދީނީ ގޮތުން ރަނގަޅު ނޫންކަމެއް ކަމުގައި ވިސްނިލައްވައި އެކަމާއި ދުރުވެ އޭރުގެ ހާލަތަށް ރިޢާޔަތް ކުރައްވާ މަޑުމަޑުން ހުންނެވީއެވެ. އެހެންނަމަވެސް އެވާހަކަތައް އާއިލާތެރޭގައި ކޮންމެވެސް ވަރަކަށް ހިއްސާ ކުރައްވާފައި ވެއެވެ.

އެންމެ ކުރިން "ދެހިތެއް ގުޅޭނޭ ދެހިތެއް ނެތޭނޭ"، "ދިރުވި ނިޝާން" އަދި އޭގެފަހުން އަލީރަމީޒާއިއެކު "ދޭ ހަނދާނަކީ.." ފަދަ ލަވަތަކުން އޭރު އާއްމުންގެ ތެރެއަށް މަޝްހޫރުވި ބައެއް ލަވަތައް ކިޔައިދީފައިވާ، އެހެންނަމަވެސް މިއަދު މިޔުޒިކާއި ލަވަޔާއި ދުރުގައި ހުންނެވި ތައުފީޤްގެ ދަރިކަނބަލެއްކަމުގައިވާ ޒަހިއްޔާ ތައުފީޤް މިކަމާއިގުޅޭ ބަައެއް ތަފްސީލްތައް ދެއްވެވިއެވެ.

"ބައްޕަގެ އެންމެ ހަގު ހަތަރު ކުދިންނާއިއެކު އުޅުއްވިއިރު ދެން އެންމެ ގާތްކޮށް އުޅުއްވާނީ އަޅުގަނޑާ.. ބައްޕަ ވިދާޅުވި މިހާރޭ މިއެނގެނީ މައުލޫދު ކިއުމާއި މިއުޒިކު ކުޅުމަކީ ދީނުގަ އޮންނަ ކަމެއް ނޫންކަން. ކުރީގަ ތިމަންނަމެނަށް އެކަން ނޭނގޭތީޔޭ ކުރެވުނީ. އެނގުނު ހިސާބުން ދޫކޮށްލީއޭ. އެކަމަކު މީހުން ކައިރިޔަކު މިވާހަކައެއް ނުބުނަމޭ.. ބުނެފިއްޔާ ވެސް ނަފްރަތޭ ކުރާނީ. އެހެންވެސް ބައްޕަ ބުނުއްވި". ފުރަތަމަ ފަހަރަށް މިވާހަކަތައް ޒަހިއްޔާ މީޑިޔާއަށް ހިއްސާކުރިއެވެ.

ތަޢުފީޤު ނިޔާވިއިރު އޭނާގެ އަނބިކަނބަލުން، އައިމިނަތު ޝަބީބާ އާއި، އެ ދެމަފިރިންގެ 4 ބޭފުޅުން

އަދިވެސް ވަރަށް މުހިންމު ވާހަކައެއް ޒަހިއްޔާ ހިއްސާ ކުރެއްވެވިއެވެ. ސިޔަރަތުގެ ރާގާއި ބެހޭގޮތުންނެވެ.

"ބައްޕަގެ މަންމަގެ ވަރަށް ގާތް ރަހުމަތްތެރިއެއް ހައްވައަކީ. ސީދާ ހައްވަ އަޅުގަނޑުގާތު ދެންނެވީ ބައްޕަ ކުޑައިރު، މާމަ ބައްޕައަށް އޭރު ގެންގުޅުއްވި ސިޔަރަތު ފޮތެއް ނަންގަވައިގެން މިހާރު ބައްޕަ ހަމަ އެކިޔުއްވާ ޒާތުގެ ރާގަކަށް ކިޔައިދެއްވައޭ.. އެހެންވެ ހީވަނީ ސިޔަރަތުގެ އެރާގުގެ އަސްލު އުފަންވީ އެހިސާބުންހެން." ޒަހިއްޔާ ވިދާޅުވިއެވެ.

ތައުފީޤްގެ އުމުރުގެ ފަހުކޮޅޮ އެއްކޮށް ހޭދަކުރެއްވީ ތައުފީޤްގެ އޭރުގެ އަނބިކަނބަލުންނާއި އެންމެ ހަގު ހަތަރު ބޭފުޅުންނާއިއެކު ކަމުން އެހަތަރު ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ކުއްޖާ ޝަބީބް ތައުފީޤާއި ވެސް ތައުފީޤާއި ބެހޭގޮތުން ބައެއް ސުވާލުތައް ކޮށްލީމެވެ.

"އަޅުގަނޑު ވާން ބޭނުންވަނީ މިއުޒީޝަނަކަށޭ ބުނީމަ ބައްޕަ އެކަމަށް އެހާ ތަރުހީބެއް ނުދެއްވާނެ. އޭރު ހައިރާންވޭ އެހެންވާތީ. އެކަމަކު މިހާރު އެނގޭ ކީއްވެކަން. ދެން ބައްޕަ ދުނިޔޭގައި ހުންނެވިއިރު ސިޔަރަތު އަޑުއަހަނީ ބައްޕަޔާއި އެއްކޮށް. އަޅުގަނޑު އެހިން ބައްޕަ ކިޔާފަ އޮތް އެއްޗެއް ބައްޕަ އަޑުއަހަނީ ކީއްވެހޭ. ދެން ވިދާޅުވާނެ ހުސައިން ސަލާހުއްދީން ލިއުއްވި މި ސިޔަރަތު ވަރަށް ރީތިވާނެއޭ ސިފަކޮށްދިނުން. މީގެން ރަސޫލާ އުޅުއްވި ގޮތާއި ދީނީ ކަންކަން ވަރަށް ބޮޑަށް އެނގޭނޭ. ދިވެހިބަހަށް ވެސް މޮޅުވާނޭ.. ބައްޕަ ވެސް ވަރަށް ގިނައިން އަދީބުންގެ ލިއުއްވުންތައް ކިޔައި އަޑުއަހައި ހަދަމޭ އެހެންވެއޭ ބައްޕައަށް ވެސް އެނގެނީ." ޝަބީބް ވިދާޅުވިއެވެ.

އެއީ ތެދެކެވެ. އޭރު އޮންނަ ވާހަކަ މުބާރާތްތަކުގައި ބައިވެރި ވެއްޖެނަމަ ބިންމާ އިބްރާހިމް ވަހީދު، ނަހުލާ ފަދަ މޮޅެތި ލިޔުންތެރިންނާއި ވާދަކޮށް ތައުފީޤަށް ލިބިލައްވަނީ އެއްވަނަ ނުވަތަ ދެވަނައެވެ. ތައުފީޤް އެ ކޮށްޓަވައި ދެއްވި މަގުން ހިނގައި ޝަބީބް ތައުފީޤް ވަނީ މިހާތަނަށް ބައިވެރިވި ހުރިހާ ވާހަކަ މުބާރާތަކުން 1 ވަނަ ޙާސިލްކޮށް ދީނީ ޤައުމީ ވާހަކަ ލިޔުމުގެ މުބާރާތުން ވެސް ރައީސުލް ޖުމްހޫރިއްޔާގެ ޚާއްސަ އިނާމްވެސް ހޯއްދަވާފައެވެ.

އަދި ތައުފީޤްގެ އެހެން ވާހަކައެކެވެ. ހުކުރު ދުވަސް އެއީ އެގޭގެ ލޭންޑްލައިނަށް ބާރުބޮޑު ދުވަހެކެވެ. ތައުފީޤް އެ ދުވަހެއްގައި ހުކުރަށް ވަޑައިގަންނަވާ މިސްކިތެއް ބެލުމަށްޓަކައި އެކި ދިމަދިމާލުން އަންނަ ކޯލްތަކެވެ.

"އޭރު އިޝްރާޤް ވަރަށް ކުޑަ. ދެން ހުންނާނީ އަންހެން ކުދިން. އައިޝަތު ތައުފީޤާއި އަޒްލީނާ ތައުފީޤް. އެހެންވެ ބައްޕަ ހުކުރަށް ވަޑައިގަންނަވާނީ އަބަދުވެސް އަޅުގަނޑު ގޮވައިގެން. ބައްޕަ ޚުތުބާ ވިދާޅުވާނީ އަދި އެހެން ރާގަކަށް. ހުކުރުކޮށް ނިމޭގަޑީގަ ބައްޕައާއި ސަލާންކުރަން އަންނާނެ ދުވަސްވީ މީހުންގެ އިތުރުން ވަރަށް ޒުވާން ޅަކުދިންވެސް. ސަލާން ކޮށްފަ ބުނެލާނެ ޚުތުބާ ވަރަށް ސަޅިއޭ. ތިއަޑު ހާދަ ސަޅިއޭ. ތިމަންނަގެ ވާހަކައަކަށް އަޑު އަޅައިދީބަލާށޭ. ތައުފީޤް އަންނަކަން އެނގިގެނޭ މިމިސްކިތަށް މިއައީ. މިކަހަލަ ވާހަކަތައް. ދުވަހަކުވެސް އެހަނދާންތަކެއް ފިލައިގެނެއް ނުދާނެ.." ޝަބީބު އޭރުގެ އެހަނދާންތައް ހިއްސާ ކުރިއެވެ.

އާދޭހެވެ. "އޭ ސާހިބާ!" ފަދަ މަދަހަތަކާއި ސިޔަރަތުން އެދެއްވި ހަދިޔާތައް ދިވެހިންގެ ހިތްތަކުންވެސް ފިލައިގެނެއް ނުދާނެއެވެ. އަލްމަރުހޫމް ތައުފީޤް މިއަދު ދުނިޔޭގަ ނެތަސް އެއަޑު ދިވެހިންގެ ކަންފަތުގައި އަބަދުވެސް ގުގުމާނެއެވެ.

"ވަގުތު" އިން އަބަދުވެސް އެދެނީ މަރުޙޫމު މުޙައްމަދު ތަޢުފީޤުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މާތް ﷲ މިންވަރު ކުރެއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މިލީ

    ވަރަށް ދޫފަސޭހަ ހިތްގައިމު އަޑެއް. މަރުޙޫމަށް ސުވަރުގޭގޭ ދާއިމީ ނިއުމަތްދެއްވާށި. އާމީން

    184
    • ހަސަން

      އާމީން

      66
  2. ޝަބީރީ

    ތައުފީޤު ވިދާޅުވި ސިޔަރަތު އެއީ ވަރަށް ފުރިހަމަ ސިޔަރަތެއް.

    109
    1
  3. ޕޮފުބާ

    ވަރަށް ސަޅި

    83
  4. ޝާނީ

    ވަރަށް ފުރިހަމަ

    78
    1
  5. ޢާސިމު

    ނޯ ކޮމެންޓްސް

    22
    27
  6. އިއްލެ

    އަބަދުވެސް އާއިލާގެ މީހުން ދައްކަނީ ތައުފީޤް ލަވަކިޔާ ވާހަކަ. މިއާޓިކަލް ކިޔާލީމަ މި އެނގުނީ ތައުފީޤްގެ އެހެނިހެން އެތައް ހުނަރަކާއި ހިދުމަތެއް. ވަރަށް ފުރިހަމަ މިއާޓިކަލް.

    109
  7. ފަޒޫ

    އަޑުއަހާލަން ފަސޭހަ އަޑެއް. ހިތްހެޔޮ މިޒާޖެއްގެ ވެރިއެއް. އަބަދުވެސް އެދެނީ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން..

    ޒަހީން ލިޔުންތައް ތަފާތު. ❤️ ޝުކުރިއްޔާ ވަގުތު. ޝުކުރިއްޔާ މުޝައްރަފް

    101
    1
  8. ޙަސަން

    ވަގުތަށް ވ ޝުކުރުއްޔާ މިފަދަ ޚާއްޞަ ބޭބޭފުޅުންގެ ވާހަކަތައް ގެނެސްދޭންވީ. ޤައުމުގެ މާ ޚާައްޞަ ބައެއްކަމަށް ހަދައި ފިލްމު ކުޅޭމީހުން ވާހަކަތައް ގެނެސްދޭނެކަމެއްނެތް. ދެދުވަހު ފިލްމެއް ކުޅެލާއިރަށް ސްޓާރަކަށްވެ މެހްމާން ސަރާއަށްއަރައި ފޮނި ވާހަކަ ދައްކާ މީހުން އުޅޭ. ތައުފީޤް ކަލަ ހަރުަނާ ޤައުމަށް ޚިދުމަތްކުރި މީހުންގެ މިފަދަ ރިޕޯޓްތައް ބޭނުންވަނީ.

    94
    1
  9. މިސްޓަ އިންސްޕިރޭޝަން

    މަށަށް އެނގިފައިން ގޮތުންވިޔާ އެހާގިނަ ހިދުމަތް ކޮށްފަ ހުރި އިރުވެސް ދުވަހަކުވެސް އެއްވެސް ސަރުކާރަކުން ތައުފީޤަށް ހިއްވަރު ދިނުމުގެ އެވޯޑެއްވެސް ހާއްސަ އިނާމެއްވެސް ދީފަ ނުވޭ. މިކަހަލަ މީހުންގެ މަސައްކަތް އަގުވަޒަން ކޮއްގެންދޯ ގައުމުގެ ޒުވާން ޖީލު އިންސްޕަޔަރ ވާނީ. ގްރޭޓް އާޓިކަލް ޒަހީން.

    69
  10. އީއްކޮ

    ވަޓް އެން އެމޭޒިންގ ލެޖެންޑް!

    56
  11. ޒަހިއްޔާ

    އަދިވެސް މިހާރުގެ މީހުންނަށް ނޭނގޭނެ ކަންކަން އެބަހުއްޓެވެ.

    31
    2
    • ހަސަދަވެރިޔާ

      ދެން ކަލޭ ބުނަންވީނުން މާ އެނގިގަނެގެން. ޖޭ ނުވެބަރ

      6
      4
  12. ހަމްދާން

    މިފަދަ އިޚްލާސްތެރި ބޭފުޅުން ރާއްޖޭގައި މަދުވާތީއޭ މުޖުތަމައު ހަލާކުވަމުން ފިތުނަވެރިވަމުން މިދަނީ.. މިއީ ހަގީގީ ދިވެހިދަރީންނަކީ.. މިހާރު ސަރުކާރުގެ ގިނަ ވެރީންނަކައްވެސް އިހުތިރާމެއް ނުކުރެވޭ..އެއީ މިފަދަ އިޚްލާސްތެރި މަސައްކަތްތައް އެބައިމީހުންގެ ފުށުން ނުފެންނާތީ..

    51
  13. ކާށިދޫ ކަމަނަ

    ޝަބީބާ މީ ކާށިދޫ ޖާބިރުގެ ދައްތަދޯ!

    16
    1
  14. މަލީހު

    ޝުކުރިއްޔާ ވަގުތުނޫހަށް މީގެކުރިން އެގެނީ ވަރަށްފުރިހަމަކަމާއެކު ސިޔަރަތުވިދާޅުވެލެއްވި
    ތައުފީޤު ނަމަވެސްމިހާރު އިތުރުއެތަށްކަމެއްތައުފީޤުއާބެހޭގޮތުންއެގިއްޖެ މިއީވަރަށްބޭނުންވެފައި
    ހުރިކަމެއް އެއީ ސިޔަރަތުވިދާޅުވެލެއްވި ފުރިހަމަކަމާ ތައުފީޤުގެއަޑަކީ މިހިތުގައިބިންވަޅުނެގި
    ތާއަބަދު އިޙުތިރާމްކުރެވޭނެކަމަކަށްވާތީ

    17
  15. ލިޒީި

    މާޝާﷲ.. ތި ނޫނިއްޔާ
    ނޯއްނާނެ އަޑު އަހައަހާ ފޫހިނުވާ އެއްޗެއް..އެބޭފުޅާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި..އާމީން..