ބާބު 10 – ކުޅިގަނޑު

ޙަސަންފުޅު އަތުގެ އިނގިލިތަކުގެ ކުރި އެއް އިނގިލި އަނެއް އިނގިއްޔާ ކާއްތައިލިއެވެ. އޭނާ އިޝާރާތްކުރީ ކޮންކަމަކަށްކަން ޒީކަށް ނޭނގުނު ނަމަވެސް އެ އިޝާރާތް އަޝްވާއަށް ފަހުމުވިއެވެ. އަޝްވާ އުޅުނީ ޒީކްގެ އަތުގައި ހިފައިގެން އެތަނުން ނުކުންނާށެވެ.

"އަޝް. މަޑުކޮށްބަލަ! އަހަރެންގެ ބައިވަރު ސުވާލުތައް އެބަހުރި." ޒީކަށް ބުނެވުނެވެ.

"އެމީހާ އިތުރު ސުވާލަކަށް ޖަވާބެއް ނުދޭނެ." ހިތްހަމަނުޖެހިފައި އަޝްވާ ބުންޏެވެ. "އެއީ ލާރިއާ ހެދި ބޫތު ކައިފަ ހުރި މީހެއް. އޭނަ އަގު ކަނޑައެޅީ ޒީގެ މަންމައަކީ އިންސާނެއްތޯ ބެލުމަށް. އިތުރު ސުވާލުތައް އުފެދޭ ގޮތަށް އެ ސުވާލުގެ ޖަވާބު އެ ދިނީ ހަމަ ޤަސްދުގައި ލާރިއަށް ކިޔަންވެގެން. ހިނގައިދާން. އަހަރުމެން ބޭނުންވާ ސުވާލުގެ ޖަވާބު ލިބިއްޖެނު."

ޒީކް ހުރީ ދެ ޚިޔާލެއްގައެވެ. ދޮރާއި ހަމައަށް ގޮސްފައި އޭނާ އެނބުރުނީ ޙަސަންފުޅުގެ ވިސްނުން ބަދަލުވޭތޯ ހިތާހިތުން ދުޢާ ކުރަމުންނެވެ. އެއް މިނެޓު ފާއިތުވެގެން ދިޔައެވެ. ދެ މިނެޓު ވީއިރު ވެސް ޙަސަންފުޅު ފާޑަކަށް ހިނިއައިސްފައި އިނީއެވެ. އެ ހިސާބުން ޒީކް އުންމީދު ކަނޑާލިއެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން ނިކަން ބާރަށް ދޮރު ހުޅުވާލައިފައި ނުކުންނަނިކޮށް ޙަސަންފުޅުގެ އަޑު އޭނާގެ ސަމާލުކަން އަތުލިއެވެ.

"މުސްކާނަކީ ރަސްކަލެއްގެ ދަރިއެއް. މީގެ 18 އަހަރު ކުރިން މުސްކާންގެ ގާތް މީހަކު ހެދި ނުބައި ސިހުރެއްގައި ޖެހި ދުނިޔެއިން މޮޔަވެސް ވި. އެ ސިހުރުގެ ސަބަބުން އޭނާ ސުވަރުގޭގެ ގޮތުގައި ދެކެމުން އައި މި ބިން ވެގެން ދިޔައީ އޭނާއަށް ނަރަކައަކަށް. މި ހުރިހާ ދުވަހު އޭނާގެ ހަޤީޤީ ދުނިޔޭގައި އުޅެން މަޖުބޫރު ކުރުވި އެއް ސަބަބަކީ އެއީ. ދެވަނަ ސަބަބަކީ އޭނަގެ ޢާއިލާ." ޙަސަންފުޅު ވާހަކަތައް ބައްޓަން ކުރީ ޒީކްމެންގެ ހިތުގައި އިތުރު ސުވާލުތައް ފުނިޖެހޭފަދަ ގޮތަކަށެވެ. އޭނާގެ މަޤުޞަދަކަށް ވީ ޒީކްމެން އޭނާގެ ކައިރިއަށް އެނބުރި ގެނައުމެވެ. އިތުރު ފައިސާ ހޯދުމެވެ.

"މަންމަ ހުރިތަނެއް ބުނެދޭންވީނު." ޒީކްގެ އަޑުގައިވީ އާދޭހެވެ.

"ކޮއްކޯ! މީވެސް ވިޔަފާރިއެއް." ޙަސަންފުޅު ގޮނޑިން ތެދުވަމުން ބުންޏެވެ. "ދެހާސް ރުފިޔާއާ ބަލާފައި މިހާރު ވެސް މި ދިން މަޢުލޫމާތު މާ ގިނަ."

"ކަލޭ ތި ހެދީ ދޮގެއް ނޫން ކަމެއް ކިހިނެއް އެނގޭނީ." ޙަސަންފުޅުގެ ދަހިވެތިކަން ފެނި ޒީކް ހިތްހަމަނުޖެހުނެވެ.

"ބޭބެއަކީ ބުނާ ބަހުގެ އިތުބާރު އޮންނާނެ މީހެއް." ޙަސަންފުޅު ބުންޏެވެ. "ބޭބެ މީ މަކަރުހަދާ އޮޅުވައިލާނެ މީހެއްނޫން. ކޮއްކޮއަށް ފެންނަ ހުވަފެންތަކާމެދު ވިސްނާލިޔަސް މީ ތެދުކަން ހާމަވާނެ. އެހެންވީމަ އިތުރު މަޢުލޫމާތަށް އިތުރު ލާރި ބޭ.."

ޙަސަންފުޅަށް ބުނެވުނީ އެ ހިސާބަށެވެ.

"ދެންހެޔޮ! ޝުކުރިއްޔާ" ޒީކްގެ އަތުގައި ހިފައިގެން އަޝްވާ ހިނގައިގަތެވެ.

ޙަސަންފުޅު ބުނީ ތެދެކެވެ. ޒީކަށް ފެންނަ ހުވަފެންތަކާއި މެދު ވިސްނާލުމުން ޙަސަންފުޅު ބަހުގެ ތެދުކަން ހާމަވެއެވެ. ބައްޕަގެ ފަރާތުން އެނގުނު މަޢުލޫމާތާއި ވެސް އެއްވެސް ފުށުއެރުމެއް ނެތެވެ. މަންމަ ދުނިޔެއިން މޮޔަވި ވާހަކަ ބައްޕަ ވެސް ބުނެފައިވެއެވެ. އިންސާނެއް ނޫންކަމުގައި ވެސް ބުންޏެވެ. އެންމެން އެކައްޗެއް ކިޔުން އެއީ އިއްތިފާޤަކަށް ނުވާނެއެވެ. މަންމައަކީ އިންސާނެއްނޫން ކަމުގައި ބުނާބުނުން ޒީކަށް ޤަބޫލުކުރަން މަޖުބޫރުވިއެވެ. އެހެނަސް ޖިންނިއެއް ނޫނޭ ބުނާތީ ޒީކް އަދިވެސް ހުރީ އަންތަރީސްވެފައެވެ.

"އަޝް ދެން ހަދާނީ ކިހިނެއްތަ؟" ޒީކް ކަންބޮޑުވެފައި ހުރެ ބުންޏެވެ. "އެމީހާގަނޑު ކައިރިއަށް އަލުން ދާންވީތަ؟ އެކަމަކު އެހާ ވަރަށް ރުފިޔާ ހޯދާނީ ވެސް ކޮންތާކުން! މަންމަ އުޅޭތަނެއް ނުބަލާ ވެސް އަހަންނަކަށް ނުހުރެވޭނެ. ހުރިޔަކަ ނުވެސް ދޭނެ. ކޮންމެ ރެޔަކު ކަހަލައިން ހުވަފެނުގައި މަންމަ އައިސް އާދޭސްކުރޭ! މަންމަގެ ގާތަށް އައުމަށް. ބައްޕައާ ބައްދަލުކުރުމަށް. މަންމަ އެ އުޅޭތާކު އުޅެނީ ވަރަށް ހާލުގައިކަން އަހަންނަށް އިޙްސާސްކުރެވޭ."

"އެމީހާ ކައިރިއަށް ދާނެކަމެއްނެތް." އަޝްވާ ބުންޏެވެ. "ބައްޕައާ ސުވާލުކުރޭ. ޒީ މަންމަގެ ހުރިހާ ކަމެއް އެނގޭނެ މީހަކީ ބައްޕަ. އެހެންވެ ކަންނޭގެ ބައްޕަގެ ގާތަށް ދިޔުމަށް ބުނަނީ. ޒީއަށް ޤަބޫލުކުރަން އުނދަގޫވިޔަސް ހަޤީޤަތް ތި ހާމަވަނީ. ބައްޕައަކީ ވެސް ކުއްވެރިއެއް ނޫންކަން މިހާރު އެބަ އެނގޭނު."

އެ ދުވަހު ބައްޕަގެ ވާހަކަތައް އަޑު ނާހައި އާދެވުނީތީ ޒީކް ދެރަވިއެވެ. ބައްޕައަށް ލިބެމުންދަނީ ޙައްޤުނޫން ސަޒާއެއްކަން ޔަޤީނާ ގާތަށް އެނގިއްޖެއެވެ. މަންމައަށް އަނިޔާވެރިވެ، ޒީކް ޔަތީމު ހާލުގައި އުޅެ ބޮޑުވާން މަޖުބޫރު ކުރުވި މީހަކީ ކާކު ހެއްޔެވެ؟ އެމީހަކަށް ޒީކް ދުވަހެއްގެ ކޮޅުން ވެސް މާފެއް ނުކުރާނެއެވެ.

**1999 ވަނަ އަހަރު**

މުސްކާންގެ ދެފައި އެއްތާކު ނުޖެހެއެވެ. ކޮޓަރީގައި ދެކޮޅަށް ހިނގަމުން ދިޔައިރު ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. އޭނާގެ ކަންފަތް ބުޑުގައި ގުގުމަމުން ދިޔައީ މޯނާގެ ވިހަގަދަ ލަފުޒުތަކެވެ. އެ ވާހަކަތައް ޤަބޫލު ނުކުރެވުނަސް އޭނާގެ ސިކުނޑީގައި ޝައްކުގެ ޓަކި ދީފިއެވެ. ރުހާމްގެ ފަލަމަސްގަނޑުގައި ކަޅު ލަފެއް ހުރިކަން މޯނާއަށް އެނގެންޖެހޭ އިތުރު ސަބަބެއް މުސްކާނަކަށް ނުވިސްނުނެވެ. އެއީ ރުހާމް އޭނާއަށް ބޭވަފާތެރި ވެއްޖެކަމުގެ ރަތް ސިގުނަލެކެވެ. އެވަރުން ވެސް ހިތް ކިޔަމުން ދިޔައީ ތަފާތު ލަވައެކެވެ. ރުހާމަށް އިތުބާރުކުރުމަށެވެ. މޯނާގެ ކެހިވެރިކަމުގެ ދަލުގައި ނުޖެހުމަށެވެ. ހިތާއި ސިކުނޑި ދެ ކަފިވެ އެއްގަލަކަށް ނޭރުމުން މުސްކާނަށް މަޖުބޫރުވީ ރުހާމަށް ފާރަލާށެވެ.

މަޣުރިބު ނަމާދު ބަންގި ގޮވުމާއެކު މީހުންތައް ކުދިވެރިން ގޮވައިގެން ގެތަކަށް ވަންނަން ފަށައިފިއެވެ. އަންހެންވެރިންނާ ފިރިހެންވެރިން މިސްކިތާ ދިމާއަށް ހަލުވިކޮށް ހިނގަމުން ދިޔައިރު މުސްކާންގެ މިސްރާބު ހުރީ ރުހާމް ގެއާ ދިމާއަށެވެ. ރުހާމްގެ މަންމައާއި ބައްޕަ ރަށުގައި ނެތްކަން ހަނދާނަށް އައީ ގެއާ ހަމައަށް ދެވުނު ފަހުންނެވެ. އެޔާއެކު އެ ހިތުގައިވި ޝައްކު ދެ ގުނައަށް ބޮޑުވެގެން ދިޔައެވެ.

މުސްކާން ހުރީ ފާރައަށެވެ. ކުއްލިއަކަށް ފެނުނީ މާދުރުން މޯނާ އަންނަ ތަނެވެ. ގަސްތަކުގެ ނިވަލަށް ވަދެ ފިލައި ހުއްޓައި މޯނާ އައިސް ވަނީ ރުހާމްގެ ގެއަށެވެ. އެވަގުތަކީ ރުހާމް ވެސް ގެއިން ނުކުތް ވަގުތެވެ. ދެމީހުން ކޮންމެވެސް ވާހަކަތަކެއް ދެއްކިއެވެ. ދެއްކި ވާހަކައެއް މުސްކާނަކަށް ނީވެއެވެ. ރުހާމް ހިނގައިގަންނަން އުޅުމުން މޯނާ ރުހާމްގެ އަތުގައި ހިފެހެއްޓިއެވެ. ރުހާމް އެ އަތް ފޮޅުވައިލައިފައި ގޮސް ގޭތެރެއަށް ވަނުމާއެކު މޯނާ ފަރާތްފަރާތަށް ބަލާލި ގޮތުން ހީވީ ވައްކަމެއް ކުރަން ތައްޔާރުވެލި ހެންނެވެ. ދެން ފެނުނީ ބުޑު އަނބުރަމުން މޯނާ ގެއަށް ވަންތަނެވެ. އެޔާއެކު މުސްކާންގެ ސިކުނޑީގައި ބިރުވެރިކަމުގެ ރަނގަބީލު ޖެހި އަޑު އިވުނެވެ. އިރުކޮޅެއްފަހުން މުސްކާންގެ ފިޔަވަޅު އަޑު ޚުދު އޭނާއަށް ވެސް ނީވޭހައި މަޑުމަޑުން ފިޔަވަޅު ނަގަމުން ގޮސް އެ ގެއަށް ވަނެވެ.

"މޯނާ. ތަންކޮޅެއް އަޑު މަޑުކޮށްބަލަ." ރުހާމްގެ އަޑު އިވުނީ ކޮޓަރި ތެރެއިންނެވެ.

މުސްކާން ދޮރުފަތުގައި ކަންފަތް ޖައްސައިލިއެވެ. އެޔާއެކު އިވިގެން ދިޔަ އަޑަކުން މުސްކާންގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. ގަނޑުވެފައި ހުއްޓައި އެއްވާނެއްގައި އިވެން ފެށީ ހަމަ އެ ގޮތްކުޑަ ފާހިޝް އަޑެވެ. އޭނާގެ ދެލޮލަށް އެއްވެސް އިޚްތިޔާރަކާނުލާ ކަރުނަ ޖަމާވެގެން ދިޔައިރު މޭގައި ދިލަ ރިހުމެއް އުފައްދައިލައިފިއެވެ. ދެއަތަށް ބޯ ހޫރުވަމުން ކުއްލިއަކަށް އެ ކޮޓަރި ދޮރު ހުޅުވާލީ އޭނާގެ ހިތުގައި ވި ވަހުމް ގޯސްވުމަށް އެދި ދުޢާ ކުރަމުންނެވެ. ނަމަވެސް ފެނުނު މަންޒަރުން އޭނާގެ ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ. ދޮރު ނުހުޅުވުނު ނަމަ އެ މަންޒަރެއް ނުފެނުނީނުން ހޭ ހިތަށް އެރިއިރު ވަގުތު ފާއިތުވެއްޖެއެވެ. އޭނާގެ އަނގައިން ނުކުތް ވޭނީ ހަޅޭކުގެ އަޑާއެކު ބަޑި ފަޅައިގެން ގޮސް ބާރަށް ރޮއެ ގަނެވިއްޖެއެވެ.

އެނދުމަތީގައި ދެ ޖިސްމު އެއްޖިސްމަށް ހަދަމުން ދިޔަ ރުހާމާއި މޯނާގެ ހަރަކާތް ހުއްޓުމަކަށް އައެވެ. ރުހާމަށް ލިބުނު ސިހުމާއެކު ފުންމައިގެން ތެދުވެވުނީ ފަލަނގުފޭލި ވެސް ހިފައިގެންނެވެ. މުސްކާން ފެނިފައި އޭނާއަށް ލިބުނީ ވަރުގަދަ ޝޮކެކެވެ. އެ މޫނުމަތިން ފާޅުވި ހައިރާންކަން ބިރުވެރިކަމަށް ބަދަލުވެގެން ދިޔައެވެ. މޭގައި ބާލީސް ލައްކޮށްލައިގެން އިން މޯނާގެ މޫނުން ފެނުނީ ކިބުރުވެރިކަމާއި ބޮޑާކަމެވެ. އޭނާ އެ ގެއަށް އައި މަޤުޞަދު ކިތަންމެހާ ވެސް ރަނގަޅަކަށް ކާމިޔާބުކޮށްފިއެވެ. ރުހާމްގެ ބޭވަފާތެރިކަން މުސްކާންގެ "ކަނު" ދެލޮލަށް އޭނާ ދައްކައިދީފިއެވެ. ނިކަން ވިސްނުންތެރިކަމާއެކު މަޅިމައްޗަށް ހުނި އަޅާ އެ މަޅީގައި މުސްކާނާއެކު ރުހާމް ވެސް ބައްދައިލައިފިއެވެ.

"މު..މުސް..ކާ..ން..." ރުހާމްގެ އަޑު ނުކުތީ ބުރިބުރި ވަމުންނެވެ. އޭނާއަށް ބުނާނެ އެއްޗެއް ހަދާނެ ގޮތެއް ނުވިސްނުނެވެ. ފަހަރަކު މީހަކަށް އޭނާއަށް ބަލާލެވުނީ ލަދުވެތިކަމާއެކުއެވެ. ވަރަށް ހިތްވަރުކޮށްފައި މުސްކާންއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ. މުސްކާން ރޮމުންރޮމުން ޖެހުނީ ފަހަތަށެވެ.

"ނޫން. ނޫން. މީ ހުވަފެނެއް." ބިރުވެރި ހުވަފެނަކުން ހޭލަން މަސައްކަތްކުރާ ބީދައިން މުސްކާން ދެއަތަށް ބޯ ހޫރުވިއެވެ. ނަމަވެސް ހަށިގަނޑުގައި ފޭރާމެއް ނެތް ގޮތްކުޑަ ރުހާމް އެހުރީ އޭނާގެ ކުރިމަތީގައެވެ. އެ ހަޤީޤަތް ބަދަލުނުވާނެކަން އެނގުމުން އެތަނުގައި އެންމެ ސިކުންތަކު ވެސް މަޑުކުރާނެ ހިތްވަރެއް މުސްކާނަކަށް ނުލިބުނެވެ.

"ދުވަހަކުވެސް މާފެއް ނުކުރާނަން." މުސްކާން ކަރުނަތައް ފޮހެމުން ދުއްވައިގަތްއިރު ރުހާމް ހުރީ ހަތަރު އުދަރެސް ފެނުޖެހިފައެވެ.

**2018 ވަނަ އަހަރު**

ދެބަދޭތެރޭގައި އޮތް ރުހާމަށް ހޭލެވުނީ ޒުކަން ރޮއެ ގަތް އަޑަށެވެ. ކަންނެތްކަމާއެކު އެނދުން ތެދުވެގެން ގޮސް ކުޑަ އެނދުގައި އޮތް ޒުކަން ނަގައި އުރާލިއެވެ. އެސޮރު މަސަލަސްކުރުމަށް ބުރަކަށީގައި ފިރުމަމުން ނާނާ ކިޔަން ފެށިއެވެ. އޭރު މޯނާ ވެސް އާ ފުރެމުން ތެދުވެ އިނެވެ.

"ގެނެބަލަ މަގޭ އަތަށް." ޒުކަން ހުއްޓައިނުލުމުން މޯނާ ބުންޏެވެ.

މޯނާ އަތަށް ޒުކަން ދިން ވަގުތު ޒީކްގެ ހަޅޭކުގެ އަޑަށް ރުހާމް ކުޑަކޮށް ސިހުނެވެ.

"އަޅޭ. މިރޭ ވެސް." ޗޮކެއް ކަނޑާލައިފައި މޯނާ ބުންޏެވެ. "ރުހާމް ވެއްޖެއްނު އޭނާ ޑޮކްޓަރަށް ދައްކަން. ކޮންމެ ރެއަކުހެން މި އުނދަގުލެއް އެބަޖެހެޔޭ! ދެން އެ ހަޅޭލަވަން ފަށާގޮތަކަށް އެހެން މީހަކު ގޮސް އޭނަ ހޭލެއްވީމަ ނޫނީ ހޭލެވެނީއެއް ވެސް ނޫން. މިހާރު އެކަން ބޮޑު އުނދަގުލަކަށް ވެއްޖެ."

"ދެން ރުޅި ނާދޭ. މަ އެބަ އަންނަން." ރުހާމް ނުކުމެގެން ދިޔައެވެ.

އެހެން ރޭތަކެކޭ އެއްފަދައިން ޒީކް ހޭލައްވަން ޖެހުނީ ގަދަކަމުންނެވެ. ދެކޮނޑުގައި ހިފައި ތަޅުވައިގެންނެވެ. ހޭލެވުނުގޮތަށް ޒީކަށް އޮޅުލައިގަނެވުނީ ރުހާމްގެ ގައިގައެވެ.

"މަންމަ މަރެއްނުވެޔޭ. މަންމަ ބުނަނީ މިގެއިން ނުކުންނާށޭ." ޒީކް ގިސްލަމުން ކިޔަން ފެށިއެވެ. "މަންމަ ސަލާމަތްކުރުމަށް މަންމަ ގާތަށް އަންނާށޯ. މަންމަ ފަހަތުން އުޅޭ ކަޅު ބިރުވެރި އެތި މިރޭވެސް ފެނުނު. މިރޭ ވެސް މަންމަ ގެންގޮސް އެއްލާލީ މޫދަށް."

ރުހާމް ބަހެއްނުބުނެ ޒީކްގެ ވާހަކަ އަޑު އަހަން އިނީއެވެ. މުސްކާން ނެތުމުގެ ފަޅުކަން ޒީކްގެ ދިރިއުޅުމުން ފިލައިނުދަނީކަމަށް ރުހާމް ހީކުރިއެވެ. އެހެންކަމުން އޭނާ އެ ވާހަކަތަކަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާގެ ހިޔާލާއި ވިސްނުން ވަނީ ކޮންމެވެސް އެހެންކަމަކަށް ގެއްލިފައެވެ. ޒީކްގެ ކޮނޑުގައި ދަތްދޮޅި ޖައްސައިލައިގެން އެ ބުރިކަށީގައި މަޑުމަޑުން ފިރުމަމުން ދިޔައިރު އޭނާގެ ދެލޯ ވަނީ މަރާލެވިފައެވެ.

ޒީކަށް މާބޮޑަށް ގިސްލެވެން ފެށުމުން ރުހާމަށް މަޖުބޫރުވީ ދެލޯ ހުޅުވާށެވެ. ޒީކް އޭނަގެ ހަށިގަނޑާއި ދުރުކުރާށެވެ. ޒީކް ކުޑަކުއްޖެއް ފަދައިން ތުންބޮޑުކޮށްފައި ރުހާމަށް ބަލާލިއެވެ. ރުހާމް މަޑުމަޑުން ދެއަތަށް ބޯ ހޫރުވައިލިއެވެ. އޭނާ ދެއަތް އުފުލައިލަމުން ޒީކް މޫނުގެ ދެފަރާތުން ހިފަހައްޓައިލިއެވެ. އަދި ވަރަށް ލޯތްބާއެކު އިނގިލިތަކުން ކަރުނަ ފުހެދޭން ފެށިއެވެ. ކުއްލިއަކަށް ޒީކްގެ ލޮލަށް ގިނަވަމުންދިޔަ ކަރުނަ ހުއްޓުމަކަށް އައެވެ. އެ ފިރުމުންތަކުން އައި ބަދަލެއްހެން ރުހާމަށް ހީވިއެވެ. ދެމީހުންގެ ހަތަރުކަޅި ސީދާވިއެވެ. އެ ނޫކުލައިގެ ކަޅީގެ ތެރެއަށް ރުހާމް ޣަރަގުވިއެވެ. ދެން އައީ މަރުފަދަ ހަމަހިމޭން ވަގުތު ކޮޅެކެވެ. ހަރަކާތް ހުއްޓިފައިވާ ބުދުތަކެއް ފަދައިން ދެމީހުން ވެސް އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިބީއެވެ.

ޒީކްގެ އަތް ހަރަކާތްކުރަން ފެށީ ލަސްލަހުންނެވެ. އެ އަތް އުފުލައިލަމުން ރުހާމްގެ އައިބެއް ނެތް މޫނުގައި އެ ފިނި އިނގިލިތައް ބީއްސައިލިއެވެ. އެންމެ ބީހިލުމަކުން ރުހާމްގެ ހަށިގަނޑުގައި ދައުރުވަމުން ދިޔަ ލޭ ހޫނުވިއެވެ. އޮބިއަޅާ ހިފަހައްޓައިފައިވާ އިޙްސާސްތަކަށް ދިރުން ލިބެން ފެށިއެވެ. ޒީކްގެ އިނގިލިތައް ކޯތާފަތްމަތިން ތިރިއަށް ގެނައި ވަގުތު ރުހާމް ތުންފަތުގައި އިނގިލިތައް ބީހުނެވެ. ރުހާމްގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައިރު އިތުރު ހިތްވަރެއް ލިބުނެވެ. އޭނާ ކުޑަކޮށް ގުދުވެލައިފައި ކޮށްލިކަމުން ޒީކަށް ދެލޯ މަރާލެވުނެވެ. ރުހާމްގެ ޓީޝާޓު ދެއަތުގެ ތެރޭގައި ބޮނޑިކޮށްލަމުން ޒީކަށް އެކަމުގައި ޝާމިލުވެވުނީ އަމިއްލަ އިޚްތިޔާރަކާ ނުލައެވެ. މަސްތުގެ ފުންކަނޑަކަށް ދެމީހުން ވެސް ގެނބިގެން ދިޔައީ ދެނެވެ.

"އާނ! މަންމާ މިދަނީ." މޯނާގެ އަޑުއިވިފައި ދެމީހުންނަށް ލިބުނު ސިހުމާއެކު ދުރަށް ޖެހެވުނީ ކުއްލިއަކަށެވެ. ބާރަށް ތެޅެމުން ދިޔަ ހިތްމަތީގައި އަތް އަޅާލަމުން ރުހާމް އެނބުރުނީ ނޭވާ ހިފަހައްޓައިލައިގެން ހުރެއެވެ. މޯނާ ހުރީ ކޮޓަރި ތެރޭގައެވެ. ފޯނު ކަންފަތުގައި ޖައްސައިލައިގެންނެވެ. ރުހާމަށް ފުންމައިގެން ތެދުވެވުނު ގޮތް ވެސް ނޭނގުނެވެ. މޯނާގެ މޫނަށް އަވަސް ނަޒަރެއް ދީފައި ޒީކަށް ބަލާލެވުނުއިރު ޒީކް އިނީ އިސްޖަހައިގެންނެވެ. ގޮދަޑީގައި ބާރަށް ހިފަހައްޓައިގެން އިނުމުން ބިރުގެންފައިވާވަރު އަންދާޒާކޮށްލެވުނެވެ.

"ހާދަހާސްވީ. ކިހިނެއްވީތަ؟" މޯނާ ފޯނު ތިރިކޮށްލަމުން އެހިއެވެ.

ރުހާމަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. އެ ކޮޓަރީގައި ހިނގާދިޔަ ކަންތައް މޯނާގެ ލޮލަށް ނުފެންނަކަން ޔަޤީންވުމުން ޒީކް އިސްއުފުލާލީ އެކަމަށް ޝުކުރުވެރިވާ ހާލުގައެވެ.

"ކަމެއްވެއްޖެތަ؟" ރުހާމް އަވަހަށް ބުންޏެވެ. "މޯނާ ކުއްލިއަކަށް އައީމަ ސިހުނީ. މިގަޑީގައި ގުޅީ ކާކުތަ؟"

"އާނ! ދޮންތަ ވިހައިފި ފިރިހެން ކުއްޖެއް." މޯނާ ދަތްތައް ފެންނަ ވަރަށް ހީލިއެވެ. "މަންމަ އެ ގުޅީ.. މަންމަ ހޮސްޕިޓަލަށް ދާން ބޭނުންވެގެން. އެ ގޭގައި ފަހަރި ނޫން އިތުރު މީހެއް ނެތީމަ ފެރީއާ ހިސާބަށް ގެންގޮސް ދޭން އާދެވިދާނެހޭ އަހަންވެގެން. އެހެންވެގެން މިއައީ ޒީ ގޮވައިގެން ދާންކަމަށް. ހާމް.. ދޭބަލަ ޒުއްކޮ ގާތަށް. އެސޮރު އަދިވެސް އޮތީ ހިރިހިރި."

"މާ ލަސްނުވެ ގެޔަށް އަންނާތި." ރުހާމް ކޮޓަރިން ނުކުންނަމުން ސިއްރުސިއްރުން ޒީކަށް ބަލައިލިއެވެ. ޒީކްގެ މޫނުން ފެނުނު ލަދުވެތިކަމުން ރުހާމްގެ ތުންފަތުގައި ފަވާލެވުނީ ލުއި ހިނިތުންވުމެކެވެ.

*****

ރުހާމްއާއެކު ހޭދަކުރެވުނު މަސްތީ ވަގުތުކޮޅު ޒީކްގެ ވިސްނުމުން އެންމެ ސިކުންތަކަށް ވެސް ބޭރުކޮށް ނުލެވުނެވެ. އެ ހަނދާންތަކާ ދުރެއް ނުވެވުނެވެ. އެ ތުންފަތުގެ ފޮނި މީރުކަން އޭނަގެ މުޅި ޖިސްމަށް ފޭދިގެން ގޮސް އަޖައިބެއް ކަހަލަ ހިތްހަމަޖެހުމެއް އޭނާގެ ހިތަށް ކުރުވައިފިއެވެ. އެއީ ދިގު އިންތިޒާރެއްގެ ނިމުން ފޮނިވުމުން ލިބޭ ކަހަލަ އުފާވެރި އިޙްސާސެކެވެ. އޭނާ އުންމީދު ކުރި ގޮތަށް ރުހާމްގެ ހިތުގައި އޭނާގެ މައްޗަށް އިޝްޤީ ލޯބިވާކަން ކަށަވަރުވެއްޖެއެވެ. ޒީކް އެންމެ އަޖައިބުވީ އެކަމާ އޭނާގެ ޟަމީރު އުފާފާޅު ކުރާތީއެވެ. ހެދުނީ ބޮޑު ގޯހެއްކަމާއި ކުރެވުނު ފާފައިގެ ބޮޑު ކަމަކަށް އޭނާ ނުވިސްނައެވެ. ކުޑަ ވެސް ލަދުވެތިކަމެއް ދެރަވުމެއް އޭނާގެ ކިބައިން ފާޅުނުވީތީ ޚުދު އޭނާ ވެސް ޚައިރާންވެއެވެ.

މޯނާގެ މަންމަ ފެރީއަށް ލައިފައި ގެއާ ދިމާއަށް މިސްރާބު ޖެހިއިރު ތުނިތުނިކޮށް ވާރޭ ވެހެއެވެ. އެ ވާރެއިން ސަލާމަތްވުމަށް ބައެއް މީހުން ހަލުވިކޮށް ހިނގަމުން ގޮސް ލޮލުކޮޅަށް ގެއްލުނެވެ. މޯނާމެން ބަނދަރުމަތީ ސަރަހައްދުން ހިނގަމުން ދިޔައީ ލަސްލަހުންނެވެ. އެ ވާރޭގައި ތެމި ފޯވިޔަސް ފަރުވާލެއް ނެތް ކަހަލައެވެ.

"ޒީކް..." މޯނާ ދެތިން ފަހަރު ގޮވައިލުމުން ވެސް ޒީކަށް އަޑު އިވުނުކަމަކަށް ނުވިއެވެ. ޒީކް ހުރީ ރުހާމްގެ ހިޔާލުގެ ތެރެއަށް ގެއްލި ހުސްވެފައެވެ. އެ ތުންފަތްމަތީގައިވާ ހިނިތުންވުން މޯނާގެ ސަމާލުކަމަށް އައެވެ.

"ހާދަހާ ހިނިއައިސްފައި." މިފަހަރު މޯނާ ޒީކްގެ ގައިގާ ކޮއްޓައިލިއެވެ. ޒީކް ސިހިފައި ބަލައިލީ ހިނިތުންވުން ވަންހަނާ ކުރަމުންނެވެ.

"ކޮން ހިޔާލަކަށް ގެއްލިފައިތަ؟" މޯނާ އެހިއެވެ.

"މަންމަ މަތިން ހަނދާންވީ." ޒީކް ދޮގެއް ހަދައިލިއެވެ. މޯނާގެ ޝައްކުގެ ރާޑަރު އޭނާއަށް އަމާޒުވެއްޖެނަމަ ކަންތައް ގޯސްވެދާނެކަމުގެ ބިރަށެވެ.

"މުސްކާންދޯ؟ ދައްތަ ވެސް ވަރަށް ހަނދާންވޭ މުސްކާން މަތިން. އެނގޭތަ މުސްކާނަކީ ދައްތަގެ އެންމެ ގާތް އެކުވެރިޔާ. ހާމްގެ އަލަތު ލޯބި." ލާނެއް ރާގަކަށް މޯނާ ފަހުން ބުނި ޖުމްލަ އިވިފައި ޒީކަށް ތެޅިގަނެވުނެވެ. ހައިރާންކަމުން ފުރިގެންވާ ނަޒަރަކުން މޯނާއަށް ބަލާލެވުނެވެ. މަންމައާއި ރުހާމްއަކީ ކުރީގެ ދެ ލޯބިވެރިން ހެއްޔެވެ؟

"އާނ. ހާމްބެ ނުބުނޭތަ؟" ޒީކްގެ ހިތުގެ އަޑު މޯނާއަށް އިވުނު ކަހަލައެވެ. "އެދެމީހުން އުޅުނު ވަރަށް ގިނަ ދުވަހު ރައްޓެހިވެގެން. އިންނަން ވެސް އުޅުނު."

ރުހާމް އެކަން ސިއްރުކުރީ ކީއްވެގެން ހެއްޔެވެ؟ ޒީކްގެ ހިތަށް ފުރަތަމަ ވެސް އެރި ސުވާލަކީ އެއީއެވެ. މަންމައާއި އޭނާ ވައްތަރުވުމުން ރުހާމް އޭނާ ހާސިލުކުރަން ބޭނުންވީ ހެއްޔެވެ؟ ޒީކްގެ މައްޗަށް އުފެދުނު ލޯތްބަކީ މަންމަގެ ސަބަބުން ރުހާމްގެ ހިތަށް ވެރިވެގެންފައިވާ ލޯތްބެއް ހެއްޔެވެ؟ ޒީކް ވިސްނައިލިއެވެ. އެތައް ދުވަހަކު އެތައް ގޮތަކަށް މަންމައާ ޒީކް ވައްތަރު ވާހަކަ ރުހާމްގެ ދުލުން ބުނެފައިވެއެވެ. މަންމަގެ ނަން ކިޔާލައި ވަގުތު އެ މޫނުން ފާޅުވާ އަލިވިދުވަރުގެ ހަޤީޤަތް ވެސް ޒީކަށް ވިސްނުނީ އަދި ކިރިޔާއެވެ. ރުހާމްއާއެކު ހޭދަކުރެވުނު ފޮނި ވަގުތުކޮޅު ހިތި ޒަހަރަށް ބަދަލުވުމާއެކު ޒީކް މޭނުބައި ކުރަންފެށިއެވެ. އޭނާ އަނގަމަތީ އަތް އަޅައިލަމުން އޯކަށްދަމަން ފެށިއެވެ. ދުވެފައި ގޮސް ކައިރީގައި ހުރި ގަސްތަކުތެރެއަށް ވަދެ ހޮޑު ދުއްވައިލީ ކެތްނުވެގެންނެވެ.

ޒީކް މޭމަތީގައި އަތް އަޅާލަމުން ހިންދެމިލިއެވެ. އެވަގުތު މޯނާގެ ތޫލި ހަޅޭކުގެ އަޑު އިވުނުހެން ހީވިއެވެ. ގަސްތަކުގެ ތެރެއިން ނުކުތުމަށް އެނބުރުނު ވަގުތު ކުއްލިއަކަށް ބާރުގަދަ އަތަކުން ޒީކްގެ އަނގަމަތީ އަތް އަޅައި ބާރުކޮށްލިއެވެ. އޭނާގެ ބޮޑުވެގެން ދިޔަ ދެލޮލަށް ފެނުނީ ތެޅިފޮޅެމުން ދިޔަ މޯނާއެވެ. މޯނާގެ އަނގަމަތީ އަތް އަޅައިގެން އެ ބިޔަ ހަށިގަނޑު އޮބިއަޅައި ހިފަހައްޓައިގެން ތިބި ދެ މީހުންނެވެ. ޒީކަށް އެ ހާލަތުގެ ނުރައްކާތެރިކަން އިޙްސާސްކުރެވި ބާރަށް ތެޅިފޮޅިގަނެވުނީ ހިތުގައި އުފެދިގެން ދިޔަ ބިރުވެރިކަމުގެ ސަބަބުންނެވެ. އެމީހާގެ އަތުގެ ޝަހާދަތް އިނގިލި ޒީކްގެ އަނގަތެރެއަށް ވަދެގެންދިޔަ ހިނދު ނިކަން ބާރަށް އެ އިނގިލީގައި ދައިގަތެވެ. ސަލާމަތްވުމަށް އޭނާއަށް ލިބުނީ ހަނި ފުރުޞަތެކެވެ. ނަމަވެސް އެމީހާގެ އަތްދަށުން ދެމިގަނެ ކުރިއަށް އެޅި ފިޔަވަޅު ހަރުލީ ބިންމަތީގައެވެ. އެމީހަކު ޒީކްގެ ޝޯލްގައި ހިފައި ބާރަށް ދަމައިގަތުމާއެކު ޝޯލް ލުހިގެން އައީ އެމީހާގެ އަތުތެރެއަށެވެ. ޒީކް ދެފަޔަށް ލެވުނުހާ ބާރެއްލައިފައި ދުއްވައިގަތީ ފަހަތަށް އެނބުރި ބަލާލުމެއް ނެތިއެވެ. ނަމަވެސް ހުއްޓެން މަޖުބޫރުކުރުވީ ފަހަތުން ދުވެފައި އައި މީހާ ކުރިމައްޗަށް އަރަމުން ދިއްކޮށްލި ތޫނު ވަޅިއެވެ. އެއީ ކަޅުފޮތި ގަނޑަކުން މޫނު ނިވައިކޮށްފައިވާ މީހެކެވެ. ދެލޯ ނޫން އެއްވެސް ތަނެއް ނުފެނެއެވެ. ޒީކްގެ މުޅި ހަޔާތުގައި ވެސް އެހާ ބޮޑަށް ބިރުގަނެ ޖެހިލުންވި ވަގުތުކޮޅެއް ނާދެއެވެ. އޭނާގެ މުޅި ޖިސްމު ރޫރޫ އަޅަން ފެށިއެވެ.

"ހެޔޮނުވާނެ. އަހަރެން ދޫކޮށްލާ. ކަލޭމެން ބޭނުން ވަރަކަށް ފައިސާވެސް ދީފާނަން." ޒީކަށް ރޮވެން ފެށުނެވެ.

"އަހަރުމެން ބޭނުންވަނީ ފައިސާއެއް ނޫން. ކަލޭގެ ފުރާނަ." އެއީ ބަރު ފިރިހެނެއްގެ އަޑެވެ.

ޒީކް ފަހަތަށް ފިޔަވަޅު އަޅަމުން ފަރާތްފަރާތަށް ނަޒަރު ހިންގައިލީ އެހީތެރިކަމުގެ އަތެއް ފޯރުކޮށްލައިދޭނެ މީހަކު ފެނޭތޯއެވެ. ނަމަވެސް ވެހެމުންދިޔަ ހިމަފޮދު ވާރޭގެ ސަބަބުން އޭނާ ފެންނަ ހިސާބުގައި ދިރޭ ފުރާނައެއް ވެސް ނެތެވެ. ފަހަތަށް ޖެހެމުން ދިޔަ ޒީކްގެ ފިޔަވަޅުތައް ހުއްޓުމަކަށް އައީ ސަލާމަތްވުމަށް ދާނެ އިތުރު ދިމާއެއް ނުފެނުމުންނެވެ. އޭނާގެ ފަހަތުގައި އޮތީ މޫދެވެ. ކުރިމަތީގައި ހުރީ އޭނާގެ ފުރާނައަށް ދަހިވެތިވެފައިވާ "ސިންގާ"އެވެ. މޫދަށް ފުންމާލުމުގެ ވިސްނުން އައި ނަމަވެސް ޒީކަށް ފަތަން ނޭނގޭތީ އެ ހިޔާލު ޖެހުނީ ދޫކޮށްލާށެވެ. މޯނާ ކޮބައިތޯ ބަލާލިއިރު އޭނާ ކޮންމެވެސް ގޮތަކުން އެމީހުންގެ އަތްދަށުން މިންޖުވެގެން ޒީކްއާ ދިމާއަށް ދުވެފައި އަންނަތަން ފެނުނެވެ. މޯނާ އައީ ތަންގަނޑު މީހުން އެއްކުރުމަށް ހަޅޭލަވަމުންނެވެ. ޒީކަށް ކުޑަ އުންމީދެއް ލިބުނެވެ. ނަމަވެސް ފަހަތުން ދުވެފައި އައި ދެމީހުން މޯނާގެ ގައިގާ ޖެހިގަތުމާއެކު، އެ ބިޔަ ހަށިގަނޑު ގާތަކު މައްޗަށް ވެއްޓި ޖެހުނެވެ. ޒީކަށް ކަރުބުޑުން ހަންދާ ވަރަށް ހަޅޭލަވައިގަނެވުނެވެ.

"ހަޅޭނުލަވާ." އެމީހާ ކުރިއަށް ޖެހިލައި ޒީކްގެ އިސްތަށިގަނޑުގައި ހިފާލީ ބާރަށެވެ.

"މީ އަހަރުމެންނަށް އޯޑަރު އައިސްފައި އޮތްގޮތް." އެމީހާ ފަހުބަހަކަށް ބުނީ އެހެނެވެ. ޒީކްގެ އިސްތަށިގަނޑަށް ވާންކޮށްލަމުން ކަރުގައި ހުރަހަށް ވަޅި ދަމައިލިއެވެ. ޒީކްގެ ދެލޯ ބޮޑުވެގެންދިޔަ ހިނދު ދެއަތުން ކަރުގައި ބާރަށް ހިފަހައްޓައިލެވުނެވެ. އެހެނަސް އެ އިނގިލިތައް ފޫދުއްވާލައިފައި ހޯސްލާފައި ލޭތައް އޮހޮރެން ފެށީ ލައިގެން ހުރި ހެދުމަށެވެ. މަރަށް ތެޅެމުންދިޔަ ވަގުތު ޒީކްގެ ބަނޑަށް ވެސް ވަޅީގެ ދެ ހަމަލާއެއް އަމާޒުވިއެވެ. އެއަށްފަހު އެ ހަށިގަނޑު މޫދުގެ ލޮނުގަނޑުގެ ތެރެއަށް ކޮއްޕައިލީ އެއްވެސް ރަހުމެއް ނެތިއެވެ.

(ނުނިމޭ)

* އެގާރަވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ!
* "ޒީރު" ކޮންމެ ދުވަހެއްގައި!