މައިކްރޯސޮފްޓާއި ގޫގަލްއާއި ވާދަ ކުރުމަށް އެޕަލް ކުންފުނިން މުޅިން އައު މޮޑެލްއެއްގެ އަގުހެޔޮ އައިޕެޑެއް ނެރެން އުޅޭ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

އަންނަ އަންގާރަ ދުވަހު އެޕަލް އިން އެމެރިކާގެ ޝިކާގޯގައި އެޑިއުކޭޝަން ފޯކަސްޑް އިވެންޓެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުން އެ އިވެންޓުގައި އެޕަލް އިން އެކުންފުނީގެ އައު ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރާނެއެވެ.

އެގޮތުން މިފަހަަރު އެޕަލް އިން ނެރެން ހަމަޖެހިފައި ވަނީ އަދި މިހާތަނަށް ނެރެފައި ނުވާ ވަރަށް ވުރެ އަގުހެޔޮ އައިޕެޑެއް ކަމަށް ބްލޫމްބާާގްް އިން ވަނީ ރިޕޯޓުކޮށްފައެވެ. މިދިޔަ އަހަރު އެޕަލް އިން ނެރުނު އައިޕެޑުުގެ އަގަކީ 329 ޑޮލަރެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން މިފަހަރު ނެރޭ އައިޕެޑުގެ އަގަކީ އެންމެ 259 ޑޮލަރެވެ.

ބެލެވޭ ގޮތުގައި އެޕަލް އިން މިހާ އަގުހެޔޮ އައިޕެޑެއް ނެރެން ހަމަޖެހިފައި ވަނީ ތައުލީމީ ދާާއިރާގައި ފައިތިލަ އަލުން ސާބިތު ކުރުމަށެވެ. މިހާރު އެޕަލްގެ ޕްރޮޑަކްޓުތަކަށް ވުރެ ގިނައިން ސްކޫލު ކުދިން ބޭނުން ކުރަމުން ދަނީ ގޫގަލް ކްރޯމްބުކްއާއި މައިކްރޯސޮފްޓްގެ ސާފޭސް ލެޕްޓޮޕްތަކެވެ.

މިހާރަކަށް އައިސް ކިޔަވާ ކުދިންނަށް މުހިންމު ވެފައި ވަނީ އަގުހެޔޮ އިލެކްޓްރޯނިކް ސާމާނެެވެ. އެހެން ކަމުން އެޕަލް އިން އަގުހެޔޮ އައިޕެޑެއް ނެރުމުން މައިކްރޯސޮފްޓާއި ގޫގަލްއަށް ވާދަވެރިކަން އިތުރުވާާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު