ފަރަންސޭސިވިލާތުގައި ހުކުރުދުވަހުގެ ވަގުތެއްގައި ސުޕާރމާކެޓްއެއްތެރޭގައި ހިނގައިދިޔަ ރަހީނު ކުރުމުގެ ހަމަލާގައި ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް އެމީހާގެ ޖާގައަށް އެރި ފުލުސް އޮފިސަރަކު އެ ހަމަލާގައި ލިބުނު ޒަހަމްތަކެއްގައި މަރުވެއްޖެއެވެ. އެ ހަމަލާގައި އިތުރު ތިން މީހެއްގެ ފުރާނަ ގެއްލުނުއިރު 16 މީހަކު ވަނީ ޒަހަމްވެފައެވެ. ހަމަލާދިން މީހާވަނީ އޭނާ އެ ހަމަލާދިނީ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުންކަމަށާއި އަދި ފަރަންސޭސިވިލާތުގައި 2015 ވަނަ އަހަރު ދިން ޓެރަރިސްޓު ބޮމުގެ ހަމަލާތަކުގެ ފަހަތުގައި އެންމެ އިސްކޮށް ހުރި އެކަކުކަމުގައިވާ ޞާލިހް އަބްދުއްސަލާމް ދޫކޮށްލުމަށްވެސް ފުލުހުންނަށް ޝަރުތުކޮށްފައެވެ. ފްރާންސްގެ ފުލުހުން ވަނީ ފަހުން އެ ސުޕާމާކެޓް ތެރެއަށް ވަދެ އެހަމަލާދިން މީހާ ގަޔަށް ބަޑިޖަހައި މަރާލައިފައެވެ.

އެ ފުލުސް މީހާ ވަނީ ސުޕަމާކެޓް ތެރޭގައި ރަހީނުކޮށްފައި ހުރި މީހެއް ސަލާމަތްކުރުމުގެ ގޮތުން އެ މީހާގެ ޖާގައަށް ބަދަލުވެފައެވެ. އެ ހަމަލާ ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރި އެ ފުލުސް މީހާއަކީ ގައުމީ ބަތަލެއްކަމަށާއި އަދި ދުވަހަކުވެސް ފަރަންސޭސިވިލާތުން އެ ފުލުސް މީހާގެ ހަނދާންތަކާއި ބުރަ މަސައްކަތާއި ހިތްވަރާއި ގުރުބާނީ ހަނދާން ނުނައްތާނޭކަމަށް ފަރަންސޭސިވިލާތުގެ ދާޙިލީ މިނިސްޓަރު ޖެރާޑް ކޮލޮމްބް ވަނީ ޓްވިޓާރ މެދުވެރިކޮށް ބުނެފައެވެ.

ހަމަލާ ދީފައިވަނީ ރެޑުއާން ލަކްޑިން ނަމަކަށްކިޔާ މީހެއްކަމަށް ފްރާންސްގެ ފުލުހުން ހާމަކޮށްފައިވާއިރު ހަމަލާ ފެށިގެންދިޔައީ ރެޑުއާން ކާރެއް ހައިޖެކް ކުރި ހިސަބުންނެވެ. އެ ހާދިސާގައި އެކަކުގެ ފުރާނަ ގެއްލުނުއިރު ރެޑުއާން ވަނީ އެ ސަރަހައްދުގައި ތިބި ހަ ފުލުސް އޮފިސަރަކަށް އަމާޒުކޮށް ބަޑިޖަހައި ހަމަލާދީފައެވެ. އެހާހިސާބުން ރެޑުއާން ދެން ދިޔައީ ޓްރެބޭސްގެ ސުޕާރ ޔޫ ސުޕާރމާކެޓްއަށެވެ. އެތަނުން އޭނާ ވަނީ ދެ މީހަކު މެރުމަށްފަހު އެތައް ބަޔަކު ރަހީނުކޮށްފައެވެ.

ފަރަންސޭސިވިލާތުގައި 2015 ވަނަ އަހަރު އަދި 2016 ވަނަ އަހަރުވެސް ވަނީ ނުރައްކާތެރި ޓެރަރިސްޓު ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކަށްފަހު ފަރަންސޭސިވިލާތުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވީނަމަވެސް އަދިވެސް ޖިހާދުކުރާ ގުރޫޕުތަކުން ވަނީ ފަރަންސޭސިސިވިލާތުން އައިއެސް ޖަމާއަތާއި ދެކޮޅަށް އެމެރިކާއިން އިރާގާއި ސީރިޔާގައި ހިންގާ އޮޕާރޭޝަންތަކުގައި ބައިވެރިވާތީވެ ފަރަންސޭސިވިލާތަށް ޓެރަރިސްޓު ހަމަލާދިނުމަށް އަމާޒުކުރަމުންނެވެ.