ނ.ވެލިދޫ މީހާޒު، އަލްމަރުޙޫމް މުޙައްމަދު ހަޒީފާއި، އެރަށު ޖަވާހިރުވާދީ ޝަމީމާ ޙަސަން ކަލޭފާނާއި، މި ދެބޭފުޅުންގެ ކާވެންޏަށް ލިބިވަޑައިގެންނެވި ދެ ބޭފުޅުންގެ ތެރެއިން، މި ވަގުތު ދުނިޔޭގައި ހުންނެވީ 1956 ވަނަ އަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހު އުފަންވެ ވަޑައިގެންނެވި، އައިޝަތު ހަފީޒެވެ. އައިޝަތުގެ ހަފީޒުގެ މަންމައާއި ބައްޕަ އޭނާގެ އުމުރުން ވަރަށް ހަގުއިރު، ވަކިވެފައިވާތީ، އައިޝަތު ހަފީޒުގެ ކަންކަން ބޮޑަށް ބަލަހައްޓަވަމުން ގެންދެނީ، އޭނާގެ ކާފަ، ވެލިދޫ ހަސަން ކަލޭފާނެވެ. ވެލިދޫ ނަހުޒާ ސުކޫލުންނާއި، މާލޭގެ ދެ ސުކޫލަކުން ތަޢުލީމު ޙާޞިލްކޮށް، އަދި ލަންޑަންގެ ޔުނިވަރސިޓީއަކުން މާސްޓާރސް ފުރިހަމަކުރެއްވުމަށްފަހު، މި ޤައުމަށް އެނބުރި ވަޑައިގެން، އޭނާ ވަނީ 35 އަހަރު ވަންދެން ތަޢުލީމީ ދާއިރާއަށް އަގުހުރި އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ނ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އެކަނި ވެސް 17 އަހަރު ޚިދުމަތް ކުރެއްވެވިއެވެ. އައިޝަތު ހަފީޒް ޤައުމަށް މި ކޮށްދެއްވި އަގު ނުކުރެވޭ ޚިދުމަތާއި، ތަޢުލީމީ ދާއިރާގައި ކުރެއްވި ދިގު ދަތުރުގެ ވާހަކަ އޭނާ ވަނީ "ވަގުތު" އާއި ޙިއްސާ ކޮށްފައެވެ.

"ވެލިދޫ ނަހުޒާ ސުކޫލުން އަޅުގަނޑު އެންމެ ފުރަތަމަ ކިޔެވީ. ދެން އަޅުގަނޑުގެ އުމުރުން 7 އަހަރު ވީތަނާ އަޅުގަނޑު ގެނައީ މާލެއަށް. އަޅުގަނޑުގެ ކާފަ، ހަސަން ކަލޭފާނު އަޅުގަނޑު މާލެ ގެނައީ. ގެނެސްފަ އަމީނިއްޔާ ސުކޫލަށް އަޅުގަނޑު ވެއްދެވީ. ހ.އެއްގަމުގޭގަ އަޅުގަނޑު ހުރީ ކިޔަވަން. ޝާތިރާ ޖަމީލާގެ އަރިހުގަ. އަމީނިއްޔާ ސުކޫލުގަ އުޅެފަ ދެން އަޅުގަނޑު ޖޮއިން ކުރީ ސީއެޗްއެސްސީ އާ. ނަމަވެސް ސީއެޗްއެސްސީއެއް އަޅުގަނޑު ނުއެއް ނިންމަން. ޓީޗަރުންނެއް ވެސް ހަމައެއް ނުވޭ އޭރު. ދެން އެހެން ހުއްޓައި، ރާއްޖެތެރޭގެ ސުކޫލުތަކަށް ހެޑްމާސްޓަރުން ތަމްރީން ކުރަން ވެގެން މީހުން ނެގީ، އެދިންބަރާ އަށް ފޮނުވަން. 12 މީހުން ނެގި. އެލިސްޓުގައި އަޅުގަނޑު ވެސް ހިމެނުނު. ދެން އޭރު ޖީސީއީ ހަދާ ކުދިންނަށް ސަރުކާރުގެ ބޮންޑު އޮންނާނެ. ދެން އަޅުގަނޑަށް ވެސް އީޑީސީ އިން ގުޅީ. ގުޅައިގެން އެތަނަށް ދިޔައީމަ ސްކޮލަރޝިޕް ލިބުނީ. ފުރަތަމަ ދިޔައީ ޓްރެއިންގ ހެޑްމާސްޓަރަކަށް ކުޅުދުއްފުށްޓަށް. ކުޅުދުއްފުށީގަ ހުއްޓައި އެ ކޯސް ލިބުނީ. ދިޔައީ 5 އަންހެނުންނާއި 7 ފިރިހެނުންނާ. މުސްޠަފާ ލުޠުފީއާއި، އަޙުމަދު ޢަންވަރާ، ޑރ ޑީޑީއާއި މި ބޭފުޅުންނަކީ އަޅުގަނޑުމެންގެ ބެޗްގެ ބޭފުޅުން." އައިޝަތު ހަފީޒަށް އެ ދާއިރާއަށް ނިކުމެވަޑައިގެންނެވުނު ގޮތް އޭނާ ވިދާޅުވެ ދެއްވިއެވެ.

އައިޝަތު ހަފީޒް ކިޔަވަން އުޅުއްވި ދުވަސްވަރުގެ ފޮޓޯއެއް-

އައިޝަތު ހަފީޒް ވަނީ ސިންގަޕޫރުން ވެސް ތަޢުލީމު ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، ޔުނިވާރސިޓީ އޮފް ލަންޑަންގެ އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން، މާސްޓާރސް އޮފް އެޑިއުކޭޝަން ވަނީ ފުރިހަމަ ކުރައްވާފައެވެ. އޭރުވެސް އެންމެ ބޮޑަށް ކުރެއްވެވި އުންމީދަކީ އެނބުރި ޤައުމަށް އައިސް އުފަން ރަށަށާއި، އަތޮޅަށް އަގުހުރި ޚިދުމަތް ތަކެއް ކޮށްދެއްވުމެވެ. އަންހެން ބޭފުޅަކަށްވީތީ "ނުކުރެވޭނޭ" ބުނާ ބުނުމަށް ނިމުމެއް ގެނެސް، އޭނާގެ ޚިދުމަތުން އެކަން ސާބިތުކޮށްދެއްވުމެވެ. އެ ދުވަސްވަރަކީ ޤައުމުގެ މަތިފަޑީގައި އަންހެނުން އެހާ ގިނައިން މަސައްކަތް ކުރާ ދުވަސްވަރަކަށް ނުވި ނަމަވެސް، އައިޝަތު ހަފީޒުގެ އަމާޒަކަށްވީ، ކެރުންތެރިކަމާއި ހިތްވަރު ކުރިއަށްނެރެ، ޤައުމަށް ވަފާވެރި ޚިދުމަތްތަކެއް ކޮށްދެއްވުމެވެ. އެގޮތުން 1981 ވަނަ އަހަރު ހުޅުވި ނ.އަތޮޅު ތަޢުލީމީ މަރުޒަރުގެ އެޑްމިނިސްޓްރޭޓަރގެ މަޤާމުން ޕްރިންސިލްގެ މަޤާމާއި ހަމައަށް ވަޑައިގެން އެކަން ޙާޞިލް ކުރެއްވެވިއެވެ.

"އަޅުގަނޑު މަސައްކަތް ކުރަމުން އައީ ނ އަތޮޅު ތަޢުލީމީ މަރުކަޒުގަ. ޒޯން ތަކަކަށް ސުކޫލުތައް ހިންގުން ބަހާލަންވެގެން މިނިސްޓްރީން އެދިގެން އަޅުގަނޑު މާލެ ބަދަލުވީ. މާލެއަށް ބަދަލުވީ އިރު، ސެކަންޑްރީ ފައްޓާފަ. އޭ ލެވެލް ވެސް ފައްޓާފަ. ނަމަވެސް ދެން އެތަނަށް ހަވާލުވާން ދިޔަ ބޭފުޅުންނަށް އެތަން ސަސްޓެއިން ނުކުރެވުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. އެތަން ރަނގަޅަށް ސަސްޓެއިން ކުރެވުނު ނަމަ އެތާނގަ ޖޫނިޔަރ ކޮލެޖެއް ވެސް ފެއްޓިފަ އޮތީހީ މިހާރު. އެއީ އަޅުގަނޑުގެ މަޤްޞަދަކަށް ވީވެސް. އޭގަ އަޅުގަނޑު އެންމެ ދެރަވާ ކަމަކީ ވެސް އެކަން ޙާޞިލްވެފަ ނެތުން. އަޅުގަނޑުގެ ކާމިޔާބީއެއް ކަމަށް ދެކޭ އަނެއް ކަމަކީ އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގަ ތިބޭނެ އަޅުގަނޑުގެ ވަރަށް ގިނަ ދަރިވަރުން. އެއްވެސް މީހަކު އަޅުގަނޑުގެ މަސައްކަތް އެޕްރިޝިއޭޓު ނުކުރި ނަމަވެސް، އެކުދިން އަޅުގަނޑު ކައިރިއަށް އައިސްފަ މެޑަމް އޭ ކިޔާފަ ވާހަކަ ދެއްކީމަ އެ ލިބޭ ހިތްހަމަޖެހުން މާ ބޮޑު." އައިޝަތު ހަފީޒު، އޭނާގެ ކާމިޔާބީ ތަކުގެ ވާހަކަ ހިއްސާ ކުރެއްވިއެވެ.

އައިޝަތު ހަފީޒު ކިޔަވަން އުޅުއްވި ދުވަސްވަރުގެ ފޮޓޯއެއް-

ދެން އޮތީ އެންމެ ބޮޑު ކާމިޔާބީގެ ވާހަކައެވެ. ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރުމުގެ ތަމްރީން ހޯދުމަށް 12 ބޭފުޅަކަށް ލިބިލެއްވި ފުރުޞަތުގެ ދަށުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި 5 އަންހެން ބޭފުޅުންގެ ތެރެއިން އެ ދާއިރާގައި ސާބިތުކަމާއި އެކު ހުންނެވި ހަމައެކަނި އަންހެން ބޭފުޅަކީ ވެސް އެއީއެވެ. އެހެން ހުރިހާ އަންހެން ބޭފުޅުން ވެސް ކޯހުގެ ވަކި ހަމައަކުން ކޯހުން ވަކިގެން، އަދި ބައެއް ބޭފުޅުން އެކިއެކި ދާއިރާއަށް ވަޑައިގަތުމުން އޭގެން އެންމެ ބޮޑަށް އަންގައިދެނީ އައިޝަތު ހަފީޒުގެ ހިތްވަރުފުޅު ގަދަކަމާއި، އަޒުމުފުޅު ވަރުގަދަކަމެވެ.

"އަޅުގަނޑު އެކަނި އެ ދާއިރާގައި އަންހެނަކަށް މަސައްކަތް ކުރީ. އެހެން މީހުންތައް ކެނޑިގެން އެކި ދިމަދިމާއަށް ދިޔައީ. އަޅުގަނޑު ހުރީ ތަޢުލީމީ ދާއިރާގައި. އަޅުގަނޑު 35 އަހަރު ޚިދުމަތް ކުރުމަށްފަހު، އަޅުގަނޑު ހިތަށް އެރީ އަޅުގަނޑުގެ ފިރިމީހާ ވަރަށް ބޮޑަށް ބަލިވެ އުޅޭތީ ދެން ވަޒީފާއިން ރިޓަޔަރ ކުރާނީއޭ. އެހެން ހިތަށް އަރާފަ ކެނޑުނީ. ދެން އެހެން ހުއްޓަ ލިބުނީ ޕީއެސްއެމްގެ ބޯޑު މެމްބަރުކަން ކުޑަ ދުވަސްކޮޅަކަށް. ދެން އޭގެ ފަހުން އަޅުގަނޑު މިހުރީ ގޭގަ މަޑުކޮށްލައިގެން." އައިޝަތު ހަފީޒް ވިދާޅުވިއެވެ.

އައިޝަތު ހަފީޒް ނ.އަތޮޅު ތައުލީމީ މަރުކަރުގެ ޕްރިންސިޕަލް އެއްގެ ވަޒީފާގައި-

އައިޝަތު ހަފީޒުގެ 35 އަހަރުގެ ޤައުމީ ޚިދުމަތް، ރަސްމީ އެއްވެސް ފަރާތަކުން ފާހަގަކޮށްފައި ނުވިކަމުގައި ވިޔަސް، އެކަމާއި ގުޅިގެން އެއްވެސް ނުތަނަވަސް ކަމެއް ހިތްޕުޅުގައި ނެތް ކަމަށާއި، އެންމެ ބޮޑު ހިތްޕުޅު ހަމަޖެހުމެއް ލިބިފަޑައިގަންނަވަނީ އޭނާގެ ފަރާތުން ދަރިވަރުވެފައިވާ އެތައް ދަރިވަރުންނެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރައްވާތީ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ހެޔޮ އެދޭ މީހަކު އަޅުގަނޑުގެ ނަން ހުށަވެސް އެޅި ދެ ފަހަރެއްގެ މަތިން. ރެހެންދި އެވޯޑަށް ވެސް ހުށަހެޅި. ނަމަވެސް ބަލައިނުގަތީ އަޅުގަނޑު ކެނޑުނީމަ ކަމަށް ވެސް ވެދާނެ. މިދިޔަ އަހަރު ވެސް އަޅުގަނޑު ހުށަހެޅިން. ނަމަވެސް ކާމިޔާބެއް ނުވި. އެއްވެސް މީހަކު ފާހަގަ ނުކުރި ކަމުގައިވިޔަސް، އަޅުގަނޑު ޤަބޫލު ކުރަނީ އަޅުގަނޑު ތަމްރީން ކުރި ކުދިން ރާއްޖޭގެ ވަރަށް ގިނަ ހިސާބު ތަކުގަ ތިބޭނެ." ހިތްހަަމަޖެހުމާއި އުފަލާއި އެކު އޭނާ ވިދާޅުވިއެވެ.

އުމުރުން ވަރަށް ހަގު އިރު، މާލެ ވަޑައިގެން، ހ.އެއްގަމުގޭ ޝާތިރާ ޖާމީލާގެ އަޚުލާޤުން އަޚުލާޤު ލިބިވަޑައިގެން މިއަދު އައިޝަތު ހަފީޒް އެ ގެންދަވަނީ ކާމިޔާބު ދިރިއުޅުއްވުމެއް ވޭތު ކުރައްވަމުންނެވެ. މިކާމިޔާބީ އަށް ހަމައަށް އައުމުގައި އޭނާގެ ބޭބެ މެންނާއި ދައްތަމެން ކޮށްދެއްވި އަގުހުރި މަސައްކަތް ތަކަށާއި، ދަރިންގެ ފަރާތުން ލިބިގެންދިޔަ އެއްބާރެއްވުމާއި އެހީތެރިކަން، އައިޝަތު ހަފީޒް ފާހަގަ ކުރަނީ އުފަލާއެކުއެވެ. ހަމައެހެންމެ، ފިރިމީހާގެ ބަލިހާލަތު ހުރި ގޮތުން އޭނާއަށް ޚިދުމަތް ކުރެއްވުމަށް، ތަޢުލީމީ ދާއިރާއިން ރިޓަޔަރ ވެގެން ހުންނެވި އައިޝަތު ހަފީޒްގެ އެންމެ ބޮޑު ޝުކުރެއް ހައްޤުވާ ހަތަރު ބޭފުޅުންނަނީ އޭނާގެ ލޯބިވާ މަންމައާއި، ބައްޕައާއި، މަންމަ ފަރާތު ބޮޑުބޭބޭގެ އިތުރުން އޭނާގެ ކާފަ ހަސަން ކަލޭފާނަށް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އޭނާގެ ފިރިމީހާ ކޮށްދެއްވި އަގުހުރި ޚިދުމަތް ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެ ކަމަށް ވިދާޅުވީ އުލަފާއި އެކީގައެވެ.

ހަތަރު ކުދިންގެ މަންމައެއްގެ ޙައިޞިއްޔަތުން، އަދި އެއްކުއްޖެއްގެ މާމަ އެއްގެ ޙައިސިއްޔަތުން، މީގެ އިތުރުން ވަފާތެރި އަނތްބެއްގެ ގޮތުގައި އައިޝަތު ހަފީޒު ކޮށްދެއްވާފައިވާ އަގުނުކުރެވޭ ޚިދުމަތަށް އައްސަރިބަހާ ސާބަސް ދަންނަވަމެވެ. "ވަގުތު" އިން އަބަދުވެސް އެދެނީ އައިޝަތު ހަފީޒުގެ ބައްޕައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވަވާ، އައިޝަތު ހަފީޒަށް އުފާވެރި ދުވަސްތަކެއް މިންވަރުކޮށްދެއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރިވަރު

    މެޑަމް ކޮށްދެއްވި ޚިދުމަތް މި ދަރިވަރުން ހިތުގެ އެންމެ އަޑިން ފާހަގަ ކުރަން، އަދި ޝުކުރުވެރިވަން.

    30
  2. އިސްދަރިވަރު

    މިހާރު ނއތމ އުޅޭ ބައެއް މީހުންނަށް ހަޖަމު ނުވިޔަސް ތީ ވެލިދޫގެ ތަޢުލީމުގެ ބާނީ. ތިބޭފުޅާގެ މަސައްކަތް ވެލިދޫގެ ކޮންމެ ދިމާލަކުންވެސް ފެންނާނެ. މެޑަމްއަށްޓަކައި މި ވެލިދޫ އަބަދުވެސް ފަޚުރުވެރިވާނެ. ނއތމަރުކަޒު އެ ތަނުގެ ގޮތުގައި ފެންނަންއޮތީ މެޑަމްގެ މަސައްކަތުން.

    15
  3. އަޚުލާގު

    މެޑަމްގެ އެންމެ ފާހަގަކުރެވޭ އެއްސިފައަކީ ތަޢުލީމާއި އެއްވަރަށް ކުދިންގެ އަޚުލާގު ރަނގަޅު ކުރުމަށް ކުރެއްވި މަސައްކަތް. މިހާރުގެ ކުދިންނާއި ބަލާފަ އެދުވަސްވަރުގެ ކުދިންގެ އަޚުލާގު ވަރަށް ރަނގަޅު

    16
    2
  4. ވެލިދޫ

    ތީ ވެލިދޫގެ ތަޢުލީމުގެ މަންމަ. ތި މަންމައަށްޓަކައި އަބަދުވެސް ފަޚުރުވެރިވަން

    21
    1