"އެލްކާން.... އެލްކާން.... އަހަރެން ވަރަށް ދެރަވެއްޖެ.... އަހަރެން އެލްކާން ސަލާމަތް ކުރާނަން... ކޮންމެ ގޮތެއް ހަދާފަވެސް އަހަރެން އެލްކާން ސަލާމަތް ކޮށްދޭން ބޭނުން...." މަރިޔަމްގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ.

"މަރީ.... ވަގުތެއް ނެތް.... އަހަރެން ކުށެއް ނުކުރަން.... އެކަމު އޭނަ އަހަރެން އަންދާލާނެ.... އަހަރެން މަރާލާނެ.... މަރީ އާއި އަހަރެމެންގެ ދަރިފުޅާ އަހަރެން ދެތަން ކުރާނެ...." އެލްކާންގެ ދެލޮލުން ވެސް ކަރުނަ ހިލިގެން ދިޔައެވެ.

"ތިހެން ވިޔަކަ ނުދޭނަން... އަހަރެން ދިރި ހުއްޓާ ތިކަން ކުރާކަށް ލާހިކެއްނޫން..... އަލްޔާ އާއި އޭނާގެ ބައްޕަ ވަކިކުރަން މަސައްކަތް ކުރާ ކޮންމެ މީހަކަށް އަހަރެން ނަފުރަތުކުރަން.... ނަފުރަތު ކުރަން....." މަރިޔަމަށް ވަނީ ހަމަ ރަނގަޅަށް ވެސް ރޮވިފައެވެ.

"މަރީ... ދެންވެސް އަހަރެން ބުނާާ ގޮތް އަވަހަށް ހަދާ....." އެލްކާން އޭނާގެ ރޭވުން މަޑުމަޑުން މަރިޔަމަށް ކިޔާދޭން ފެށިއެވެ. އެލްކާންގެ ވާހަކަތައް ކަނުލާ އަޑުއަހަމުން ދިޔަ މަރިޔަމްގެ ހިތުގެ ތެރޭގައި ދިޔައީ ބިރުވެރިކަމާއި ޖެހިލުންވުމުގެ އަލާމާތްތައް ފައުޅުވަމުންނެވެ.

"އޯކޭ ދޯ؟؟" މިދިލި ގަހުގައި ހައްޔަރުކޮށްފައިވާ އެލްކާން ބަލައިލީ ސީދާ މަރިޔަމްގެ މޫނަށަވެ. ބުނާނެ އެއްޗެއް ނޭނގި ގަނބުވެފައި މަރިޔަމަށް ހުރެވުނެވެ.

"މަރީ..." އަނެއްކާ ވެސް އެލްކާންގެ އަޑު ކަންފަތުގައި ޖެހުމާއި އެކު މަރިޔަމް ދިޔައީ ސިއްސައިގެންނެވެ.

"އާނ... އަ... އަހަރެން ތިކަން ކޮށްދޭނަން.... އެކަމު... އަހަރެން ވަރަށް ބިރުގަނޭ..." މަރިޔަމް އޭނާގެ ހިތް މަތީގައި އަތް އަޅައިލަމުން ވަރަށް ޖެހިލުންވެފައި ހުރެ ބުނެލިއެވެ.

"މަރީ ވަގުތެއް ނެތް... އަހަރެން އަވަހަށް ސަލާމަތްކޮށްދީ.... އެހެންނޫނީ އަހަރެން އަބަދަށް މަރީ އާއި ދަރިފުޅާ ވަކިވާން ޖެހޭނީ...." އެލްކާންގެ އަޑުގައި ވަނީ އާދޭހެވެ.

"އަހަރެން މިރޭ ތިކަން ކޮށްދޭނަން..... ކޮންމެ ކަމެއް ވެސް.... އެލްކާނަށް ޓަކައި... އަހަރެމެންގެ ދަރިފުޅަށް ޓަކައި.... އަހަރެން މިހުރީ ކުުރަން ތައްޔާރަށް... އެލްކާން ހިތްވަރު ކުރާތި..... އަހަރެން ދެން މިދަނީ...." މަރިޔަމް ވާހަކަ ދެއްކީ ރޮމުންނެވެ. މަރިޔަމަށް ވަނީ ވަރަށް ފުން ހިތްދަތި ހިތި އަސަރެއްކޮށްފައެވެ.

ވަރަށް ބާރު ހިނގުމެއްގައި ގެއަށް އައިސް ވަން ގޮތަށް މަރިޔަމް ވަނީ އޭނާގެ ކޮޓަރިތެރެއަށެވެ.

"އަހަރެން ހާދަ ބިރުގަނެއޭ..... ހާދަ ހިތް ތެޅެއޭ..... މިރޭ މި އަހަރެން ކުރިމަތި ލަނީ.... ހާދަ ބިރުވެރި ކަމަކާއޭ.... ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ... އަހަރެން އެކަން ކުރާނަން.. " ކޮޓަރި ތަޅުލައި ދޮރު ބުޑަށް ޖެހިގަންނަމުން މަރިޔަމް އޭނާގެ އަމިއްލަ ނަފުސާއި ވާހަކަ ދެއްކިއެވެ.

"ޓޮއް.. ޓޮއް..." މަރިޔަމް ސިއްސައިގެން ގޮސް ދޮރަށް ބަލައިލެވުނީ ދޮރުގައި މީހަކު ޓަކި ދިން އަޑަށެވެ. އޭނާ މަޑުމަޑުން ކޮޅަށް ތެދުވަމުން ދޮރު ހުޅުވާލިއެވެ.

ބޭރު ބަލައިލިއިރު އެއްވެސް މީހެއް ފެންނާކަށް ނެތެވެ. މުޅިތަނުގައި ވަނީ އަނދިރިކަމެވެ. ކުއްލިއަކަށް މަރިޔަމްއަށް ބަލައިލެވުނީ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށެވެ. އޭރު ގަޑިން ރޭގަނޑު 8 ޖަހަން ހުރީ އެންމެ މިނެޓެކެވެ. މަރިޔަމަށް ތެޅިގަނެވުނެވެ. ވަރަށް އަވަސްކޮށް ދޮރުލައްޕައި މަރިޔަމް ހެދުން ބަދަލު ކޮށްލަމުން ކުޑަކޮށް ރީތިވެލިއެވެ.

ޑްރެސިން ޓޭބަލް ކައިރީގައި އަވަސް ހަރަކާތްތަކާއި އެކު ރީތިވަމުން ދިޔަ މަރިޔަމްގެ ހިތުގެ ހިނގުން ދިޔައީ އަވަސްވަމުންނެވެ. ހީވަނީ ވަރުގަދަ ރޭހެއްގައި އުޅޭހެންނެވެ. މޫނުގައި ކުޑަ ފުއްކޮޅެއް ޖަހައިލުމަށްފަހު މަރިޔަމް ބަލައިލީ އޭނާގެ ކުރިމަތީގައި ހުރި ލޯގަނޑަށެވެ.

"ޓޮއް... ޓޮއް.." މަރިޔަމްގެ ދެލޯ ބޮޑުވިއެވެ. މަޑުމަޑުން ފިޔަވަޅު ނަގަމުން މަރިޔަމް ކޮޓަރީގެ ދޮރާއި ދިމާއަށް ހިނގައިގަތެވެ. ތެޅިތެޅި އޮތް ހިތަކާއި އެކުގައެވެ.

"ކާކު؟؟ އަލްޔާތަ؟؟" ދޮރުން ބޭރު ބަލައިލިއިރު އެއްވެސް މީހެއް ފެންނަން ނެތުމުން މަރިޔަމް އެހިއެވެ.

"އާނ.. މަންމާ.... އަލްޔާ..." އަޑު އައީ މަރިޔަމްގެ ކުރިމަތިންނެވެ. ކުޑަ ދުންކޮޅެއްގެ ތެރެއިން އަލްޔާ އެތަނަށް ފައުޅުވިއެވެ.

"މަންމާ.... ބައްޕަ މަރުވަނީ.... ބައްޕައަކަށް އެހެން ހަދާކަށް ނުވާނެއްނު؟؟ އަލްޔާ ދެރަވަނީ.... ހިތުގަ ޖެހެނީ......" ކުރިމަތީގައި ހުރި ކުޑަކުޑަ އަލްޔާ ކުކުރަމުން ދިޔައެވެ.

"ދަރިފުޅާ... ނުރޮއި.... ހުއްޓާލާ...." އަލްޔާގެ ގާތުގައި ކުޑަކަކޫ ޖަހައި މަރިޔަމް އިށީނެވެ.

"މަންމާ... މަންމަ ހާދަ ގޯހޭ..... ބައްޕަ މަރުވާން ތިހުރީ ދޫކޮށްލާފަ.... ކުޑަ ވަގުތުކޮޅެއް މަންމައަށް ލިބުނީމަވެސް.... ބައްޕަ ސަލާމަތް ކުރާކަށް ނުދޭ...." އަލްޔާ ރޮމުން ގިސްލަމުން ދިޔައެވެ.

"ނޫން ދަރިފުޅާ... ތިހެން ނުބުނޭ... މަންމަ މިދަނީ... ބައްޕަ ސަލާމަތްކުރަން..... ބައްޕައަށް ދެރަގޮތެއް ނުވާނެ...." މަރިޔަމް ކޮޅަށް ތެދުވަމުން ބަދިގެއަށް ވަދެ ވަޅި ނަގައިގެން މަގުމައްޗަށް ނިކުމެ ދުއްވައިގަތެވެ. ހަލުވި ފިޔަވަޅުތަކެއް ނަގަމުން މަގުމަތީގައި ދުވަމުން ދިޔަ މަރިޔަމްގެ ނޭވާ ކުރުވެ ހީވަނީ ހަމަ ދެންމެދެންމެ ނޭވާ އުފުރައިގެން ގޮސް ވެއްޓިދާނެ ހެންނެވެ.

ބާރު ދުވެލީގައި މާ ނޭވާލަމުން ގޮސް މަރިޔަމް ވަނީ ރަށުގެ އުތުރު ފަރާތުގައި ހުންނަ ތައްހާނުގެ ގެއަށެވެ.

"ٱلْـحَـمْـدُ للهِ.... މިއޮތީ މިކަމުން ސަލާމަތް ވެވިފަ.... މި މަންޖެއަށް އުނދަގު ކުރި ޖިންނި މިހާރު އަނދާ ހުލިވެއްޖެ.... ٱلْـحَـمْـدُ للهِ..." މޫނުމަތީގައި އަތް އަޅައިލަމުން ތައްހާނު ހިނިތުންވެލަމުން ބަލައިލީ އޭނާގެ ކައިރީގައި ތިބި މީހުންނަށެވެ. ތައްހާނުގެ ޖުމުލައިން މަރިޔަމަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދަމައިިގެން ދިޔަހެންނެވެ. އެއްވެސް އިޚުތިޔާރަކާއި ނުލައި މަރިޔަމްގެ ދެލޯ ކަރުނައިގެ ތިކިތަކުން ފުރި ބަރާކޮށްލިއެވެ. ރުޅިވެރިކަން އިންތިހާއަށް ގޮސް މަރިޔަމް އަތުގައި އޮތް ވަޅި އަތުގެ ތެރެއަށް ހެޔޮވަރު ކޮށްލައި ވަޅީގައި ބާރަށް ހިފައިލަމުން މުށްބާރުކޮށްލިއެވެ.

ނުނިމޭ..

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަރާާޓާާ

    މާކުރީީ ތިގެނެސްދޭލެއް...