ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔަ ވީޑިއޯ ގޭމް، ޕްލޭޔާ އަންނޯންސް ބެޓްލްގްރައުންޑްސް (ޕަބްޖީ)ގެ ސަބަބުން މުޖުތަމަޢަށް ނޭދެވޭ އަސަރު ކުރާކަމަށް ބުނާ ވާހަކަތައް ވަރަށް ގިނައިން ދެކެވިފައި ވެއެވެ. މި ސަބަބަށްޓަކައި ބައެއް ޤައުމުތަކުން މި ގޭމް ކުޅުން މަނާކޮށް، ގޭމް ނުކުޅެވޭގޮތް ވެސް ހަދާފައި ވެއެވެ. އޭގެ ތެރޭގައި އިންޑިއާވެސް ހިމެނެއެވެ. ނަމަވެސް އެޤައުމުގައި ފަހުން ވަނީ ޝަރުތުތަކާއެކު ގޭމަށް ވަދެވޭ ގޮތް އަލުން ހަދާފައެވެ.

އެޤައުމުގައި ދާދި ފަހުން ވަނީ، ޕަބްޖީގެ ސަބަބުން ތަފާތު އާ މައްސަލައެއް ފެންމަތިވެފައެވެ. އެގޮތުން ޕަބްޖީން ދިމާވި މީހަކާއި އެކު ދިރިއުޅުމަށް ކަމަށް ބުނެ، ގުޖުރާތައް ނިސްބަތްވާ ޒުވާން މަންމައަކު ވަނީ އޭނާގެ ފިރިމީހާ އާއި ވަކިވާން މަސައްކަތް ކޮށްފައެވެ. މިކަން ގިނ ބައެއްގެ ސަމާލުކަމަށް މިހާރު ވަނީ އައިސްފައެވެ.

ނޫސްތައް ބުނާގޮތުގައި އެ އަންހެން މީހާ އަކީ އުމުރުން 19 އަހަރުގެ މަނަމައެކެވެ. އޭނާ ޕަބްޖީ ކުޅުމުގައި ގިނަ ވަގުތުތައް ހޭދަކުރާއިރު، އެ ގޭމުން ދިމާވި ފިރިހެނަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ވަނީ ދުވަސްކޮޅެއް ވެފައެވެ. އޭނާއަށް އާއިލާއަށް ވަގުތު ދިނުމަށް ފުރުސަތު ނުލިބި އާއިލާގެ ތެރޭގައި ގިނަ މައްސަލަތަކެއް ފެންމަތިވާން ފެށުމުން، އާއިލާގެ މައްޗަށް އޭނާ އިޚްތިޔާރު ކުރީ ގޭމް ކުޅުމެވެ.

މި މައްސަލަތަކާއި ގުޅިގެން އެ އަންހެން މީހާ ވަނީ އިންޑިއާގެ އަންހެނުންގެ މައްސަލަތައް ހުށަހެޅުމަށް ޚާއްސަ ހެލްޕްލައިނަކަށް ގުޅައި ފިރިމީހާ އާއި ވަކިވެ ވަރިވާން ބޭނުން ކަމަށް ބުނެ އެކަމުގައި އެހީތެރިވުމަށް އެދިފައެވެ. ނަމަވެސް ވަރިވުމަށް އެހީތެރިވުމުގެ ބަދަލުގައި އެ ހެލްޕް ލައިންގެ ފަރާތުން ކައުންސިލް ދިނުމަށް އޭނާގެ ގާތަށް ޚާއްސަ ޓީމެއް ފޮނުވައިގެން އެފަރާތުން ވަނީ އޭނާ އަށް ވިސްނައިދެވޭތޯ މަސައްކަތް ކޮށްފައެވެ.

ޕަބްޖީ ކުޅުމަށް ގިނަ ވަގުތުތައް ހޭދަކުރާ މި އަންހެން މީހާ އޭނާގެ ފިރިމީހާ އާއި ވަކިވާން ބޭނުންވީ، ގޭމް ކުޅެން ގިނަ ވަގުތުތައް ހެދަކުރަން ފުރުސަތު ނުދޭތީއެވެ. އަދި އެކަމާއި ގުޅިގެން އޭނާ ބޭނުންވީ އޮންލައިންކޮށް ގޭމުގެ ޒަރިއްޔާއިން ދިމާވި މީހަކާއި އެކު ދިރިއުޅުމެއް ފަށާށެވެ. ޕަބްޖީ ކުޅޭ ގިނަ ވަގުތު އޭނާ ގޭމު ކުޅެމުން ދަނީ ލޯބިވެރިޔާ އާއި އެކު ކަމަށް ވެއެވެ.

އަންހެނުންގެ ހެލްޕް ލައިނުން އެ އަންހެން މީހާ އާއި ބައްދަލުކުރި ފަރާތްތަކުން ވަނީ އޭނާއަށް ކައުންސިލިން ދިނުމަށް ގިނަ ވަގުތުތަކެއް ހޭދަކޮށްފައެވެ. އަދި ރިހެބިލިޓޭޝަން ސެންޓަރެއްގައި ފަރުވާ ހޯދުމަށް އެފަރާތްތަކުން ވަނީ އަންހެން މީހާއަށް އެފަދަ ތަނެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައި ރަނގަޅު ހުށަހެޅުމެއް ވެސް ހުށަހަޅާފައެވެ. ނަމަވެސް ރިހެބިލިޓީޝަން ސެންޓަރުގައި ފޯނު ބޭނުން ނުކުރެވޭނެކަން އެނގުނު ހިސާބުން ވަނީ އެ ހުށަހެޅުން ޤަބޫލު ކުރަން ދެކޮޅު ހަދާފައެވެ.

ކައުންސިލިންގ ޓީމުން ބުނެފައިވަނީ އެ އަންހެން މީހާގެ ނުރުހުމުގައި އޭނާ ރިހެބިލިޓޭޝަން ސެންޓަރަށް ގެންގޮސް ފަރުވާ ކުރެވެން ނެތް ކަމަށެވެ. އޭނާ ވަނީ ކައުންސިލިންގ ޓީމުން ދެއްކި ވާހަކަތަކާއި މެދު ވިސްނާނެ ކަމަށް ބުނެ ވަރިވާން ނިންމި ނިންމުމާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށް ބުނެފައެވެ. މިއީ އިންޑިއާގައި ޕަބްޖީގެ ސަބަބުން މިފަދަ މައްސަލައެއް ހުށަހެޅުނު ފުރަތަމަ ފަހަރު ކަމަށް ހެލްޕެ ލައިނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިސް

    ޕަބުޖީ އެކަނި ތަ. ކޮބާ ފޭސްބުކް އާ ވައިބަރ ރީޔޫނިއަން ގްރޫޕްތަކުގެ ވާހަކަ

    6
    3
  2. ހަމަ ބުނެލީ

    ދުނިޔޭގަ ބަރަހަނާ ވެބްސައިޓް ތަކައް ވަދެ ދުނިޔެމަތީގަ އެހިންގާ ޖަރީމާ މާބޮޑު ކުށެއްނެތް އެތައްބަޔަކައް ކުޑަކުދިން ރޭޕްކުރުމާ ޖިންސީގޯނާކުރު މުގެ އެތައްއަމަލެއް މީހުންގެ އަބުރުކަތިލުމާ މީހުން ބުލެކްމޭލްކުރުމާ އަަޅާ ބަލާއިރު ޕަބުޖީ މީކޯންޗެއް މިބުނި ބޮޑަތި ޖަރީމާތައް މަނާ ކުރާހާ ހިތްވަރެއްނުހުރޭ ގައުމުތަކުގަ އިންޑިޔާގަވެސް އެއްޖިންސުން ގުޅުންގުމާ އެއްޖިންސުން ކާވެނިކުރުން ހުއްދަކޮއް ގާނޫނެއްހެދީ މިވީ ކޯންޗަކައް

    10
    2