ބާބު 11 – ގިލަން

ޒީކްގެ ފޮނިފޮނި ހިޔާލުގައި އޮވެ ރުހާމަށް ނިދެމުން ދަނިކޮށް ސިހުން ގެނުވީ "ވައިބްރޭޓް" ވަމުން ދިޔަ ފޯނުގެ އަޑެވެ. އޭނާ ތެދުވަމުން ފާރުގައި ހުރި ބޮޑު ގަޑިއަށް ނަޒަރެއް ދިނެވެ. ގަޑިން މެންދަމުން އަނބުރާ 02:30 ވީއެވެ. ފޯނަށް ބަލާލިއިރު ގުޅަނީ މޯނާއެވެ. އެ ކޯލަކީ ރުހާމަށް ކިހާ ބިރުވެރި ހަބަރެއް ލިބިގެންދާނެ ކޯލެއްކަން އެނގުމެއްނުވާ ހާލުގައި އިނދެ، ފަރުވާ ކުޑަ ގޮތަކަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.

މޯނާ ބުނި ވާހަކަ އަޑުއިވުމާއެކު، ރުހާމަށް ފުންމައިގެން އެނދުން ތެދުވެވުނީއެވެ. ކަންފަތް ބުޑުގައި ބޮމެއް ގޮއްވައިލި ނަމަވެސް އެވަރުގެ ވަރުގަދަ ސިހުމަކާއި ލޮޅުމެއް އެ ހަށިގަނޑަށް ނައީހެވެ. ދެލޮލަށް ސަވާރުވެފައިވާ ނިދި ވެސް އުދުހިގެން ދިޔަ ނުދިޔަ ތަނެއް ނޭނގެއެވެ.

ރުހާމަށް ގަބުވެފައި ހުރެވުނެވެ. އޭނާގެ ކަންފަތްބުޑުގައި އެ ބިރުވެރި ހަބަރު ރަނގަބީލެއް ފަދައިން އިވިއިވި ހުއްޓެވެ. އެ ވާހަކަ ޤަބޫލުކުރުމަށް އޭނާގެ ޟަމީރު ދެކޮޅު ހެދިއެވެ. ކަންފަތަށް އިވުނު އަޑު ޤަބޫލުކުރަން ބޭނުން ނުވެފައި، ސުވާލު ތަކުރާރުކުރުމުން ވެސް މޯނާ ދިނީ ހަމަ ކުރިން ވެސް ދިން ބިރުވެރި ހަބަރެވެ. ބަޔަކު މީހުން ޒީކަށް ވަޅިން ހަމަލައިދީ ފުރާނަ ދުއްވައިލީއެވެ.

"ނުވާނެ ތިހެނެއް." ރުހާމްގެ ތުންފަތް ފޫދުއްވާލައިފައި ނުކުތް ލަފުޒަކީ އެއީއެވެ. "ކިހިނެއް ތިހެންވާނީ. ތީ ސަމާސާއެއް. ތީ ދޮގެއް."

"ހާމް. މީ ސަމާސާއެއް ނޫން. އަވަހަށް އާދޭ މިކޮޅަށް." މޯނާ ރޮމުންރޮމުން ބުންޏެވެ. "މިތާ ބަނދަރު މައްޗަށް އާދޭ. އަވަހަށް އާދޭ."

ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މޯނާގެ އަޑުގައި ސަމާސާ ރާގެއް ނެތްކަން ރުހާމަށް ޔަޤީންވިއެވެ.

"ނުވާނެ ތިހެނެއް. ތީ ދޮގެއް. ޒީކް މަރެއް ނުވާނެ. ޒީއަށް ކާކު ހަމަލާ ދޭނީ. މޯނާ ބުނޭ ތީ ދޮގެކޭ. ބުނޭ ތީ ސަމާސާއެކޭ. އަހަރުމެން ދޫކޮށްފައި ޒީއެއް ނުދާނެ. ބުނޭ ތީ ދޮގެކޭ. ދޮގެއް ތީ." ރުހާމްގެ ތުންފަތުގައި މަޑު ތުރުތުރު ލުމެއް އުފައްދައިފިއެވެ. އޭނާގެ ދެލޮލަށް ބާރުވެ ކަރުތެރެ ހިކިގެން ގޮސް ކަރުނަތައް ދެލޮލަށް ފުނިޖެހެން ފަށައިފިއެވެ.

"މީ ތެދެކޭ. ޒީކް މަރުވީއޭ. ބަޔަކު މީހުން ޒީކްގެ ކަރަށާއި ބަނޑަށް ވަޅި ޖެހީ." މޯނާ އަސަރާއެކު ބުނެލިއެވެ. ރުހާމްގެ ދެލޮލަށް ފުނިޖެހި ބަރާވަމުން އައި ކަރުނަތައް އޮހިގެން ދިޔައީ ދެނެވެ. އެ ކަރުނަތައް ކޯތާފަތް މަތިން ތިރިއަށް ދެމިގެން ދިޔުމާއެކު ދެފައިކޮޅުން ވަރުދޫވެގެން ގޮސް ޓައިލްސް ގަނޑުގައި ދެކަކޫ ޖައްސައިލެވުނެވެ. ލަސްލަހުން ހަށިގަނޑު ލަންބައިލަމުން ނިތްކުރި ތިރީގައި ޖައްސައިލެވުނުއިރު އޭނާއަށް ގިސްލެވެން ފަށައިފިއެވެ. ކުޑަކުއްޖެއް ފަދައިން ބާރުބާރަށް ރޮމުން ހޭރެން ފެށީ ދެނެވެ. ދުލުން ބޭރުވީ އެންމެ ދެ ޖުމްލައެވެ. "އެހެނެއްނުވާނެއެވެ. ޒީކް މަރެއް ނުވާނެއެވެ."

"ހާމް އަވަހަށް އާދޭ. ޕޮލިހުން ވެސް އަތުވެއްޖޭ." ޓައިލްސްގަނޑު މަތީގައި އޮތް ފޯނުން މޯނާގެ އަޑު އިވިއިވި ހުއްޓެވެ.

ކުއްލިއަކަށް ރުހާމް ކޮޅަށް ތެދުވިއެވެ. ހިންދިރުވައިލަމުން ކަރުނަތައް ހިންދައިލިއެވެ. އަދި ނިކަން ބާރަށް ދޮރުން ނުކުމެގެން ދިޔައީ އެކަން ދޮގުކުރެއްވުމަށް އެދި ހިތާއިހިތުން ދުޢާކުރަމުންނެވެ.

ބަނދަރާ ހިސާބަށް ދެވުމާއެކު ރުހާމްގެ ފިޔަވަޅުތަކަށް ލަސްކަމެއް އަޔެވެ. އެ ހިސާބަށް ޖަމާވެފައިވާ މީހުންނާއި، ޚަރަކާތްތެރިވަމުން ދިޔަ ޕޮލިހުން ފެނިފައި އެ ހަބަރުގެ ތެދުކަން އިޙްސާސްވިއެވެ. އެޔާއެކު ދެލޯ ފުސްވެގެން އައީ ހޫނު ކަރުނައިންނެވެ. އޭނާ ދޫކޮށްލައިފައި ޒީކް އަބަދުގެ އަބަދަށް ދިޔައީ ހެއްޔެވެ؟ މޯނާއަށް ރުހާމް ފެނުމާއެކު ދުވެފައި އައިސް ރުހާމްގެ ގައިގާ އޮޅުލައިގަތެވެ. ބާރަށް ރޮއެގަތެވެ. ރުހާމް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. މޯނާ ހަށިގަނޑާ ދުރުކޮށްލައިފައި އޭނާ ހިނގައިގަތީ ކުރިއަށެވެ. ޕޮލިހުން ޓޭޕްދަމާ ވަނުން މަނާކޮށްފައިވާ ސަރަޙައްދަން ވަންނަން އުޅުމުން ޕޮލިހަކު އައިސް ރުހާމް ހުއްޓުވިއެވެ.

"ޒީކް ކޮބާ؟" ރުހާމް ކުރެހިފައިވާ އަޑަކުން ސުވާލުކުރީ އެއިން ހިސާބަކުން ވެސް ޒީކްގެ ހަށިގަނޑު ފެންނަން ނެތީމައެވެ.

"ޒީކްގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ." ޕޮލިސްމީހާގެ ޖަވާބުން ރުހާމަށް ކުޑަ އުންމީދެއް ލިބުނެވެ. ހިތްވަރެއް ލިބުނެވެ.

މޯނާ ފަހަތުން އައިސް ރުހާމްގެ ގައިގާ ބައްދައިލުމާއެކު ރުހާމް ސިހުނެވެ. މަޑުމަޑުން ފަހަތަށް އެނބުރިފައި، އޭނާ މޯނާއަށް ފުން ނަޒަރެއް ދިނެވެ. މޯނާގެ ދެލޯ ވަނީ ރަތްވެފައެވެ. ނިތްކުރިމަތިން ތަންގަނޑެއް ފެޅިފައި ހުއްޓެވެ. އިތުރު އަނިޔާއެއް ފެންނާކަށް ނެތެވެ. ނިތްކުރިމަތިން ފައިބަމުން އައި ލޭތައް ކަނދުރާއާ ހަމައަށް އޮތެވެ. ލައިގެން ހުރި ކަޅުކުލައިގެ ހެދުމުގައި އޮތީ ހުސް ހިރަފުހެވެ.

"ކިހިނެއް ހިނގާ ދިޔަ ކަމެއް." ރުހާމްގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ.

މޯނާ ހުރިހާ ތަފުސީލެއް ދިނެވެ. ފެށިގެން ނިމެންދެން ކަން ހިނގާދިޔަ ގޮތް ކިޔައި ދިނީ ފެންކަޅިވެ ރޮވޭ ހާލުގައި ހުރެއެވެ. އެ ވާހަކަތައް އިވިފައި ރުހާމަށް ލިބުނު ކުޑަ އުންމީދު ވެސް ހިރަފުސްކޮޅެއްހެން ވަޔަށް ބުރައިގެން ދިޔައެވެ.

"ހަމަ ޔަޤީންތަ؟" ރުހާމް އަދިވެސް ބޭނުންވަނީ އެއީ ދޮގެކޭ ބުނެލާ އަޑު އަހާށެވެ.

"މަށަށް ފެނުނު ޒީކްގެ ކަރުގައި އެމީހުން ވަޅި އެޅި މަންޒަރު." މޯނާގެ ކޯތާފަތްމަތިން ފައިބަމުން ދިޔަ ކަރުނަ ފޮހެމުން ޔަޤީންކަމާއެކު ބުންޏެވެ. "ބަނޑަށް ވެސް ވަޅީގެ ދެ ހަމަލާއެއް ދިން. އެޔަށްފަހު ޒީކް މޫދަށް ކޮށްޕައިލީ. މިހުރިހާ ކަމެއް ހިނގައި ދިޔައީ އަހަރެންގެ ދެލޯ ކުރިމަތީގައި. އަހަރެން އޮތީ ގާތަކު މައްޗަށް ޖެހުނު ގޮތަށް ހިރިނުލެވިފައި. އެ އަނިޔާ ޒީކަށް ދީފައި އަހަރެންގެ ދެލޯ ކުރިމަތިން އެ ތިން މީހުންވެސް ދުވެ ރައްކާވީ. މިހާރު އޭގެ ފަހުން ވެސް ބައިގަޑިއިރުވީ. ޒީކް ދުނިޔޭގައި އޮންނާނެކަމާމެދު ވެސް ޝައްކު."

މޯނާގެ ކޮނޑުގައި ރުހާމް އަތް ޖައްސައިލިއެވެ. ހިތްވަރު ކުރުމަށް ބުންޏެވެ. ނަމަވެސް ހިތްވަރު ނުކުރެވެނީ ވެސް ރުހާމަށެވެ. އޭނާގެ ހިތަށް ލިބެމުންދިޔަ ވޭނާއި ސަޒާ ކަރުނައިގެ ސިފައިގައި ލޮލުތެރެއަށް ޖަމާވަމުން އައީ ހިފެހެއްޓުމެއް ނެތިއެވެ. ޒީކްގެ ހަށިގަނޑު ފެނިފައި ނުވި ނަމަވެސް އެ ހާލަތުގައި ޒީކްގެ ފުރާނަ ސަލާމަތްވުމަކީ ނާދިރު ކަމެއްކަން ރުހާމް ވެސް ޤަބޫލުކުރެއެވެ. އެހެނަސް ކުއްލިގޮތަކަށް ޒީކް ވަކިވެގެން ދިޔުމުން، އޭނާގެ ހިތް އެކަން ޤަބޫލުކުރަން ދެކޮޅު ހަދަނީއެވެ. އެގޮތް ބޭނުންނުވަނީއެވެ.

ޒީކްގެ ފަރާތުން ލިބުނު ކުޑަ ހަދިޔާގެ ސަބަބުން، އެމީހުންގެ ލޯބީގެ ބާބު ފެށުނީކަމުގައި ރުހާމް ހީކުރިއެވެ. ނަމަވެސް ތަޤްދީރުގެ ރޭވުން އެކަމަކީ ސަމާސާއަކަށް ހަދައި، އެ ފަޞްލުގައި ސިއްކަ ޖަހައިފިއެވެ. މުސްކާން އޭނާގެ އަތުން ބީވެގެން ދިޔަހެން، ޒީކް ވެސް އަބަދުގެއަބަދަށް ގެއްލިގެން ދިޔައީއެވެ. މީ ހާދަހާ ކެހިވެރި އަނިޔާވެރި ދުނިޔެއެކެވެ. ޒީކަށް އެވަރުގެ ބޮޑު އަނިޔާއެއް ދިނީ ކާކު ހެއްޔެވެ؟ މޯނާއަށް މާބޮޑު އަނިޔާއެއް ނުލިބި ޒީކަށް މަރުގެ އެތިފަހަރު އަމާޒުވީ ކީއްވެގެން ހެއްޔެވެ؟ ސަބަބު ވަރަށް ސާފެވެ. އެކަމަކީ ބަޔަކު މީހުން ދުރާލައި ރާވައިގެން ޒީކް މަރާލުމަށް ގަސްދުގައި ދިން ހަމަލާއެކެވެ. އެކަމަކު ކާކު ހެއްޔެވެ؟ ރުހާމްގެ ވިސްނުމަށް ފުރަތަމަ ވެސް އައި ނަމަކީ ޒީކްގެ އެންމެ ބޮޑު ދުޝްމަން މޯނާގެ ނަމެވެ. އެހެނަސް މޯނާ ވެސް އެހާ ބޮޑު ޖަރީމާއެއް ހިންގައިފާނެ ކަމަކަށް ސިކުނޑި އެއްބަހެއް ނުވިއެވެ. އެހެންކަމުން އޭނާ ހިމޭންކަން އިޚްތިޔާރުކޮށް ހަނު ހުރީއެވެ.

**1999 ވަނަ އަހަރު**

މުސްކާންގެ ލޮލުގައި ވަނީ ކަރުނައެވެ. ހިތުގައި ވަނީ އުދާހެވެ. ދުލުގައި ވަނީ ޝަކުވާއެވެ. ކީއްވެ ހެއްޔެވެ؟ އިތުބާރު ކުރާނީ ކާކަށް ހެއްޔެވެ؟ އެއީ އެންމެ އިތުބާރުކުރި މީހުން ނޫން ހެއްޔެވެ؟ އިންސާނުންނޭ، މި ކިޔާ މަޚްލޫޤުންގެ ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތީބާއެވެ؟ އެއްކޮޅުން އެންމެ ލޯބިވި މީހާއެވެ. އަނެއްކޮޅުން އެންމެ ގާތް މިތުރެވެ. ހިތުގެ ހާލު ބަޔާންކޮށް ދޭނީ ކާކަށް ހެއްޔެވެ؟ ވަށައިގެން ހުރީ، އިޙްސާސުން މަޙްރޫމްވެފައިވާ ހަތަރު ފާރެވެ. ހިތުގެ ޝަކުވާތައް ބޭރުކުރީ، ވޭނީ ކަރުނައިން ބާލީސް ތެންމަމުންނެވެ.

ޖެހިގެން އައި ދުވަހު މުސްކާންއާ ބައްދަލުކުރުމަށް ރުހާމް އެ ގެއަށް އަޔެވެ. އޭނާގެ ކުށެށް ނެތްކަން ސާބިތުކުރުމަށް ފުރުޞަތެއް ދިނުމަށް އެދުނެވެ. މުސްކާން އެ އަޑެއް ނޭހިއެވެ. ރުހާމަށް އެކަމުގައި ދެއްކޭނެ އުޒުރެއް ނެތެވެ. ހުރިހާ މަންޒަރެއް ފެނުނީ އޭނާގެ ދެލޮލަށެވެ. އަޑުއަހަން ބޭނުންނުވި ހުތުރު އަޑު ވެސް އިވުނީ އޭނާގެ ކަންފަތަށެވެ. ރުހާމްގެ ބޭކާރު ވާހަކަތައް އަޑުއަހަން ބޭނުންނުވާ ކަމުގައި މުސްކާން ބުނީ ލައްކަ ހިތްވަރުންނެވެ. ރުހާމްގެ މޫނަށް ދޮރުޖަހާފައި، އޭނާއަށް ދުވެފައި ކޮޓަރިއާ ހަމައަށް ދެވުނީ ކިރިޔާއެވެ. އަނގަމަތީ އަތް އަޅާލެވުމާއެކު ހިތުގައި އުފެދިފައިވާ ގިލަންވެރިކަން ކަރުނައިގެ ސިފައިގައި ކޯތާފަތް މައްޗަށް ފައިބަން ފެށިއެވެ.

މުސްކާން ހިތްވަރުކުރިއެވެ. އަމިއްލަ ނަފުސަށް ވިސްނައިދިނެވެ. އެ ކަހަލަ ބޭވަފާތެރިއަކަށް ޓަކައި އެންމެ ކަރުނަ ތިއްކެއް ވެސް ލޮލުން ވައްޓައި ނުލުމަށް އަޒުމް ކަނޑައެޅިއެވެ. އަތުގެ ފުށަތުން ކަރުނަ ފޮހެމުން ކުރިއަށް އެޅި ފިޔަވަޅާއެކު މުސްކާންގެ މޫނު ޖެހުނީ ކޮންމެވެސް މީހެއްގެ މޭމަތީގައެވެ. ބަލާލިއިރު ޒިޔާދެވެ. ދެމީހުންގެ ހަތަރު ކަޅި ސީދާވި ވަގުތު މުސްކާންގެ ދެލޮލުގައި މުތީތަކެއް ފަދައިން ވިދަމުން ދިޔަ ކަރުނަ ޒިޔާދަށް ފެނުނެވެ.

"ކިހިނެއްވީ؟" ޒިޔާދު ސުވާލުކުރިއެވެ.

"ރުހާމް.." މުސްކާނަށް ވާހަކަ ވެސް ނުދެއްކުނެވެ. އެކަން ދުލުކުރިއާ ހަމައަށް ގެނައުމަށް ހިތަށް އެރުމާއެކު ދެލޮލަށް ބާރުވާން ފަށައިފިއެވެ. އޭނާ ކަރުނަތައް ހިންދުމަށް އަވަސްއަވަހަށް އެސްފިޔަ ޖަހަން ފެށިއެވެ.

"ރުހާމަށް ކިހިނެއްވީ؟" މުސްކާންގެ ހާލު ފެނި ޒިޔާދު ކަންބޮޑުވިއެވެ.

"ރުހާމަކީ ބޮޑު މަކަރުވެރިއެއް." ހިތްވަރުކޮށްފައި މުސްކާނަށް އެހެން ބުނެވުނީ ކިރިޔާއެވެ. އޭނާއަށް ރޮވިއްޖެއެވެ. "އޭނަ އަހަންނަށް އޮޅުވާލީ. އޭނަ އަހަރެންދެކެ ލޯތްބެއްނުވޭ. ލޯތްބެއް ނުވޭ. އެއީ މާބުރުގެ އުސޫލު ގެންގުޅޭ މީހެއް. އޭނާއާ މޯނާއާ ދެމީހުން ވެސް މަށަށް އޮޅުވައިލީ."

"ހުއްޓާލާ. މުސްކާން ހިތްވަރުކުރޭ. އަހަރެން އަބަދުވެސް މުސްކާނާއެކު ވާނަން." ޒިޔާދުގެ އަތުގެ ތެރެއަށް މުސްކާން ގެނެސް ގަޔާލާ ބޮނޑިކޮށްލަމުން ބުނެލިއެވެ. އެ ދެއަތުގެ ތެރޭގައި މުސްކާންގެ ހިތްފުރެންދެން ރުއިމަށް އޭނާ ފުރުޞަތު ދިނެވެ. އެކިއެކި ވާހަކަތައް ދައްކައިގެން މުސްކާނަށް ވަރަށް ހިތްވަރުދިނެވެ. ކެތްތެރިވުމަށް ނަސޭޙަތްތެރިވިއެވެ. ރުހާމްގެ އަސްލުސޫރަ ކާވެނީގެ ކުރިން އެނގުނުކަމަށް ޓަކައި ޝުކުރުވެރިވާން ޖެހޭނެކަމަށް ބުންޏެވެ. އަދި މުސްކާންގެ ހަޤީޤަތް ރުހާމަށް ބުނެނުދެނީސް، ރުހާމް ފަރުދާގެ ފުރަގަހުގައި ކުޅެމުން އައި ކުޅިގަނޑު ހަމަލޮލަށް ފެނުނީ މުސްކާންގެ ނަސީބު ގަދަކަމުން ކަމުގައި ބުނެލިއެވެ.

"އަހަރެން އެއްބަސް." މުސްކާން ދުރަށް ޖެހިލަމުން ކަރުނަތައް ފޮހެލިއެވެ.

"ކޮންކަމަކަށް؟" ޒިޔާދަށް ފަހުމެއް ނުވިއެވެ.

"އަހަރެން ޒިޔާދުއާ އިންނަން ތައްޔާރު." އެއީ މުސްކާން ވަރަށް ވިސްނާފައި ނިންމި ނިންމުމެކެވެ. އުފާވެރި ޒަވާޖީ ހަޔާތެއް ފެށުމަށް ބޭނުންވަނީ ތިމާ ލޯބިވާ މީހެއް ނޫނެވެ. ތިމާދެކެ ލޯބިވާ މީހެކެވެ. ތިމާއަށް އަޅާލައި އުމުރު ދުވަހަށް ވެސް ވަފާތެރިކަން މަތީ ދެމިހުންނާނެ ހިއްސާދާރެކެވެ. ތިމާގެ ހުރި އުނި ސިފަތަކާއެކު ވެސް ބަލައިގަންނަން ތައްޔާރަށް ހުރި ބައިވެރިއެކެވެ. ޒިޔާދުގެ އެ ހުރިހާ ޝަރުޠެއް ވެސް ފުރިހަމަވެއެވެ.

"އަސްލުވެސްތަ؟" ޒިޔާދުގެ މުޅި މޫނުމަތި އުޖާލައިވެގެން ދިޔައެވެ. ދެލޮލުން އުފާވެރިކަން ވިދައިގަތެވެ. ދަތްކޮޅު "ސޭލް" އަޅުވާލި ގޮތުން ދުވަހަކު ވެސް އޭނާއަށް އެވަރުގެ ބޮޑު އުފަލެއް ލިބުނު ހެނެއް ހިޔެއްނުވެއެވެ. މުސްކާން ޖަވާބުގައި ބޯ ޖަހައިލުމާއެކު ޒިޔާދަށް ހަޅޭލަވައިގަނެވުނެވެ.

"މަ ވަރަށް ލޯބިވޭ މުސްކާންދެކެ. ދުވަހަކު ވެސް ދެރަގޮތެއް ނުހަދާނަން. ތި ހިތުގައި ކީއްކުރަން މި އަތުގައި ވެސް ކޫރުމެއް ވެސް އެޅުނަކަ ނުދޭނަން." މުސްކާންގެ ދެއަތުގައި ހިފައިލަމުން ޒިޔާދު ވަޢުދުވިއެވެ.

ރުހާމަށް ހެދުނު ގޯސް އޭނާ ޤަބޫލުކުރެއެވެ. އެއީ މާފު ހައްޤުނޫން ކުށެށްކަން ވެސް އޭނާއަށް އެނގެއެވެ. ނަމަވެސް އެއީ އޭނާ އަމިއްލަ އިޚްތިޔާރުން ބޭރުގައި އަރައިގަނެވުނު ފާފައެކެވެ. އެ ކުށުގެ ކައްފާރާއެއްގެ ގޮތުން މުސްކާން ބޭނުން ކޮންމެ އަދަބެއް ދިނަސް ހެޔޮހިތުން ޤަބޫލުކުރުމަށް ރުހާމް ހުރީ ތައްޔާރަށެވެ. ކޮންމެ ހާލެއްގައި ވެސް އޭނާ މުސްކާން ބޭނުމެވެ. ނަމަވެސް އޭނާގެ ވާހަކަތައް މުސްކާން އަޑު ނޭހުމުން ހަދާނެގޮތް ހުސްވިއެވެ.

ރުހާމް މޯނާއާ ބައްދަލުކުރީ އިތުރު ގޮތެއް ނެތިގެންނެވެ. މުސްކާނަށް ޙަޤީޤަތް ބުނެދިނުމަށް އެދި މޯނާ ގާތުގައި ރުހާމް އާދޭސްކުރިއެވެ. މޯނާ އެކަމަށް އިންކާރުކުރުމުން ރުހާމްގެ ބޮލަށް ރުޅި ސަވާރުވިއެވެ.

"ކަލޭ ތީ ވަރަށް ގޮތްކުޑަ ސުންޕާ އަންހެނެއް." ރުހާމްގެ ދެލޮލުން އަލިފާން ކަނި ބުރައިލިއެވެ. "ކަލޭ ތި ހުރިހާ ރޭވުމެއް ރާވައިގެން ތި މަޅީގައި މަ ތި ޖެއްސުވީ ކޮންބޭނުމެއްގައިކަން މަށަށް ވަރަށް ރަނގަޅަށް އެނގޭ! ކަލޭގެ މަޤުޞަދަކީ މަ ހާޞިލުކުރުން. އެހެންނުން! މަ މޮޔަކަމުން ކަލޭގެ މަޅީގައި ޖެހެވުނީ. ދެން އެކަމު ބުނަން. ތި ދަންތުރާގައި ދެވަނަ ފަހަރަށް މަށެށް ނުޖެހޭނަން. މުއުމިނެއް ގަޔަކަށް އެއް ހަރަކުން ދެފަހަރަކު ކަށްޓެއް ނުޖެހޭނެ. މަ ހާސިލުކުރުމަށް ކަލޭ ތި ދެކޭ ފޮނި ހުވަފެންތައް ހަނދާން ނައްތާލާ. މުސްކާން ދުނިޔޭގައި ހުރިހާ ދުވަހަކު ކަލޭ ހިނގި މަގަކުން ވެސް ނުހިނގާނަން."

ރުހާމް އިންޒާރުތައް ދީފައި ދިޔައިރު މޯނާ ހުރީ ހިންދިރުވައިލަން ވެސް ނުކެރިފައެވެ. ޖެހިލުންވެފައެވެ. ނެގިމަޑުވެފައެވެ. އޭނާ އެހާ މަސައްކަތުން ރޭވިރޭވުންތައް ފެނަށްވެގެން ދަނީ ހެއްޔެވެ؟ އޭނާ ނިތުގައި އަތް ކާއްތައިލަމުން ގޮސް ޖޯލީ އޮށޯތް އިރު އެ މޫނުން ކަންބޮޑުވުމުގެ އަސަރު ފާޅުވެއެވެ. ރުހާމް ހާސިލުކުރުމަށް ހަދާނެ އިތުރު ގޮތަކާމެދު އޭނާ ފިކުރުކުރަން ފެށިއެވެ.

"މޯނާ ތީ ފިސާރި އަންހެނެއް." ޒިޔާދުގެ އަޑު އިވުނެވެ.

މޯނާ ބަލާލިއެވެ. ޒިޔާދުގެ މޫނުން ހިތްހަމަޖެހުމާއި އުފާވެރިކަން ފެނުނެވެ. ސަބަބު އަހާކަށް ވެސް ނުޖެހުނެވެ. އޭނާގެ ކަންފަތް ބުޑުގައި ވައިރޯޅިއެއް އައިސް، އެ ސިއްރު ބުނެލީ ހިތަށް ފިނިކަން ގެނެސްދެމުންނެވެ.

"ކާމިޔާބުވީތަ؟" މޯނާ ބޭނުންވީ ޔަޤީންކުރާށެވެ.

"މުޖައްރިބެއްނު." ފަޚުރުވެރިވެލައިފައި ޒިޔާދު ބުންޏެވެ. "މުސްކާން މަށާ އިންނަން އެއްބަސްވެއްޖެ. މީ ހަމަ މޯނާގެ މިންނެތް މަސައްކަތް."

"ހަމަ މުސްކާން އާނ ބަސް ބުނީތަ؟" ކުއްލިއަކަށް ރުހާމް ހާސިލު ވެދާނެކަމުގެ އުންމީދު މޯނާގެ ހިތުގައި އާލާވިއެވެ.

"އާނއެކޭ! މޯނާ އަހަރުމެންގެ ރޭވުން ހަމަ ވަރަށް ކާމިޔާބު." ޒިޔާދު ގޮސް ޖޯލީގައި އިށީނެވެ. "މަ އަންނަ ހަފުތާގައި މުސްކާނާ އިންނާނަން. ޝުކުރިއްޔާ މޯނާ. ވަރަށް ބޮޑަށް ޝުކުރިއްޔާ! މޯނާގެ އެހީތެރިކަން ނުލިބުނުނަމަ މަށަށް މުސްކާން ނުލިބުނީސް."

"އެދެމީހުން މަށަށް ވަގަށް ކުޅެމުން އައި ކުޅިގަނޑު ޒިޔާދު ބުނެނުދިންނަމަ، މިދުވަސް ނައީސް." މޯނާ ބުނެލިއެވެ.

ތިންދުވަސް ކުރިން މުސްކާނާ ބައްދަލުކުރުމަށް މޯނާ ދިޔައީ އުފަލުން ހުރެއެވެ. ރުހާމް އޭނާއަށް ގަޑި ކީ ކަމުގެ އުފާވެރި ހަބަރު މުސްކާނަށް ދީފައި، އެ ދުވަހު މޯނާ އެ ގެއިން ނުކުތީ ޒިޔާދު ދިން ހިތާމަވެރި ހަބަރެއް ވެސް ހިފައިގެންނެވެ. އެއީ މުސްކާނާއި ރުހާމްގެ ސިއްރުގުޅުމުގެ ވާހަކައެވެ. އެ ހިސާބުން ރުހާމް އޭނާއާ ބައްދަލުކުރަން ބޭނުންވި ސަބަބު ނިކަން ރަނގަޅަށް މޯނާއަށް އެނގުނެވެ. އެރޭ ރުހާމް ބުނި ގަޑިއަށް މޯނާ އެ ގެއަކަށް ނުދެއެވެ. އޭގެ ބަދަލުގައި ޒިޔާދު ދިން ޚިޔާލާއި އެއްގޮތަށް އޭނާ ރުހާމްގެ ކައިރިއަށް ދިޔައީ އެރޭ ދަންވަރުއެވެ. ބައްދަލުވުން ބޭއްވުނީ އެނދުމަތީގައެވެ. ނިދާފައި އޮތް ރުހާމް ހޭލައްވައިލީ މޯނާގެ ބީހުންތަކެވެ. އެއަށްފަހު ނިކަން ކުޅަދާނަކަމާއެކު ރުހާމްގެ މަގު އޮޅުވައިލާ ރުހާމް ލައްވާ ގޯސް ހެދުވީއެވެ. އޭގެފަހުގައި ރުހާމަށް ބިރު ވެސް ދެއްކީއެވެ. މުސްކާން ގެއްލިދާނެކަމުގެ ބިރަށް ރުހާމް ދެވަނަ ފަހަރަށް ވެސް އެ ކުށް ތަކުރާރުކުރީއެވެ.

"މަ ހިޔެއްނުކުރަމޭ މޯނާ ތިހާ ކުޅަދާނަކަމަކަށް." ޒިޔާދު ހިނިގަނޑެއް ޖަހައިލިއެވެ.

"ކަލޭމެން ފިރިހެނުންގެ ކެތްތެރިކަން ވެސް ކުޑައީ." މޯނާ ބޮޑާވެލިއެވެ. "މަށަށް ޖެހުނީ އެރޭ ރުހާމް ނިދާފައި އޮއްވައި ގޮސް ކޮށްޓައިލަން. ހޭލިއިރު ހޭލީ ރުހާމް އެކަންޏެއް ނޫނޭ. ދެބަފައިން ވެސް ހޭލީ."

މޯނާ ފަހު ޖުމްލަ ލާނެއް ރާގަކަށް ބުނެފައި، ނިކަން ބާރަށް ހީގަތެވެ. ޒިޔާދު ވެސް އެ ހުނުމުގައި ބައިވެރިވިއެވެ. އޭރު އެ ވާހަކަތައް އަޑު އިވޭ ހިސާބުގައި ރުހާމް ހުރިކަމެއް އެ މީހުންނަކަށް ނޭނގެއެވެ. ޒިޔާދު މޯނާގެ ގެއަށް ވަން މަންޒަރު ފެނުމުން، ރުހާމް ފާރައަށް އެހުރީ އޭނާގެ ޝައްކުތައް ޔަޤީންކުރާށެވެ. އެދެމީހުން ރޭވުންތެރިކަމާއެކު، ރުހާމަށް ވަރުގަދަ ކެއްސެއް ދީފައިވާކަން ޔަޤީންވުމުން، އޭނާއަށް ރުޅި އާދެވުނީ އަމިއްލަ ނަފުސު ދެކެއެވެ.

**2018 ވަނަ އަހަރު**

"އުމުރުން 18 އަހަރުގެ ޒުވާނަކަށް ވަޅިން ހަމަލާދީ މޫދަށް އެއްލައި ލައިފި."

"ވިނލިގިލީ ފަޅު ތެރެއަށް ގެއްލުނު ޒުވާނާ ހޯދަނީ."

"ވަޅިން ހަމަލާދީ ވިނލިގިލީ ފަޅުތެރެއަށް އެއްލާލި ޒުވާނާ އަދިވެސް ނުފެނޭ."

"ޒީކް ހޯދަން ވިނލިގިލީ ފަޅުތެރެ ބަލައިފި."

"ޒީކަށް ދެވުނު ހަމަލާއަކީ ގަސްދުގައި ބަޔަކު ރާވައިގެން ދީފައިވާ ހަމަލާއެއް – މޯނާ"

"އެންއެންޑީއެފް އާއި ފުލުހުން މިހާތަނަށް ކުރި އެއްވެސް މަސައްކަތަކުން ޒީކްގެ ހަށިގަނޑު ފެނިފައެއް ނުވޭ."

ޖެހިގެން އައި ހަފްތާގައި ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދީ އެ ހަބަރުތަކެވެ. މީސްމީޑިއާގައި ފަތުއަޑު ކިޔާފައި ދައުރުވަމުން ދިޔައީ ޒީކްގެ ފޮޓޯތަކެވެ. ޒީކްގެ ގާތް އެކުވެރިންނާއި ނުދަންނަ މީހުންވެސް އެކަމާ ހިތާމަ ފާޅުކޮށް، ހާލަތު އަދާހަމަކުރިއެވެ. ޒީކްގެ ހަށިގަނޑު ހޯދުމަށާއި، ކުށްވެރިން ހޯދައި އިންސާފު ކުރިމައްޗަށް ގެނައުމަށް އަޑު އުފުލިއެވެ. ޒީކަށް ދެވުނު ހަމަލާއަކީ ބަޔަކު މީހުން ދުރާލާ ރާވައިގެން ދިން ލާއިންސާނީ ހަމަލާއެއްކަމުގައި ބަޔަކު މީހުން ތުޙުމަތުކުރިއެވެ. އެ ހާދިޘާގައި ނިތްކުރި މަތި ފަޅައިގެން ދިޔުން ފިޔަވައި އިތުރު އަނިޔާއެއް މޯނާއަށް ލިބިފައި ނުވާތީ، މޯނާއާ ދިމާއަށް ތުހުމަތުގެ އިނގިލި ދިއްކުރި މީހުންގެ އަދަދު ވެސް މަދެއްނޫނެވެ. އެމީހުން މޯނާ ހައްޔަރުކުރުމަށް ވެސް ގޮވިއެވެ.

އެމް.އެން.ޑީ.އެފްގެ އެހީއާއެކު ޒީކްގެ ހަށިގަނޑު ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން ދިޔައިރު، ފުލުހުންގެ ޓީމަކުން އެ ވޭދަނަ ދިޔައީ ތަޙްޤީޤު ވެސް ކުރަމުންނެވެ. އެހެނަސް 06 މަސްދުވަސް ފާއިތުވެގެން ދިޔައިރު ވެސް ފުލުހުންނަށް އެއްވެސް ކާމިޔާބެއް، ކުރިއެރުމެއް ނުލިބުނެވެ. ޒީކްގެ ހަށިގަނޑު ނުފެނުނުއިރު، ޒީކަށް ހަމަލާދެވުނު ކުށްވެރިންނަކީ ކޮބައި ކަމެއް ވެސް އެމީހުންނަށް ބުނެ ނުދެވުނެވެ.

**2019 ވަނަ އަހަރު**

ރުހާމްގެ ދިރިއުޅުން ވަނީ ހިމޭންވެފައެވެ. މޯނާގެ އުޅުންވަނީ ބަދަލުވެފައެވެ. އޭނާގެ ކަށީގައި ހިފާފައިވާ މިޒާޖުތައް އިއާދަ ވެއްޖެއެވެ. ކުރީގެ މޯނާ އަލުން އުފަންވެއްޖެއެވެ. ރުހާމްގެ ކަންކަމުގައި ފަރުވާ ކުޑަކުރުމާއި، ސިނގުރުޅި އައުމާއި، ޒުވާބުކުރުން އާންމު ކަމަކަށް ވިއެވެ. އެ ބަދަލު އައުމުގެ ސިއްރަކީ ރުހާމް ކަމުގައި މޯނާ ތުހުމަތުކުރެއެވެ. ޒީކްގެ ހަނދާނުގައި ރުހާމް އޭނާގެ އަނބިމީހާ މަތިން ހަނދާން ނައްތައިލީއެވެ. އަނބިމީހާއަށް ނުދޭ ސަމާލުކަން މަރުވެފައި ތިބޭ މީހުންނަށް ދޭކަމުގައި މޯނާ ބުނެއެވެ. ހަޤީޤަތަކީ އެއީއެއް ނޫނެވެ. މޯނާގެ ރުންކުރު މިޒާޖުގެ ސަބަބުން، އޭނާ މޯނާ މަތިން ފޫހިވިތާ ކިތަންމެ ޒަމާނެކެވެ. އެއީ ޒީކް ފެނުމުގެ މާކުރިން ވެ ނިމިފައިވާ ކަމެކެވެ. އޭނާ މޯނާ އަނތްބެއްގެ މަޤާމުގައި ބެހެއްޓީ ހަމައެކަނި ދަރިފުޅަށްޓަކައެވެ. ކެތްތެރިވީ ބައްޕައެއްގެ ލޯބިން ދަރިފުޅު މަޙުރޫމު ނުކުރަންވެގެންނެވެ.

ބުރާސްފަތި ދުވަހެވެ. ގަޑިން ރޭގަނޑު ނުވައެއް ޖެހީއެވެ. އާދައިގެ މަތިން މޯނާ އިނީ ހިންދީ ޑްރާމާ ބަލާށެވެ. އެއީ މިހާރު އޭނާ ރޭގަނޑު ކުރާ މަސައްކަތެވެ. ރުހާމް ގެއަށް ވަނީ ފޯނު ކަންފަތުގައި ޖައްސައިލައިގެން ހުރެއެވެ. މޯނާ ވައްކަޅިން ބަލާލިއެވެ. ރުހާމްގެ ބޫޓު ފައިން ވަކިކޮށްލައިފައި އަންނަން ފެށީ މޯނާއާ ދިމާއަށެވެ.

"ގެއަށް އައިސް މި ވަދެވުނީ. ޓީވީން ކޯއްޗެއް އަންނަނީތަ؟" ރުހާމް ބުނި އަޑު މޯނާއަށް އިވުނެވެ.

މޯނާގެ ނަޒަރު ޓީވިއަށް ބަދަލުކޮށްލިއެވެ. ކުއްލިއަކަށް މޯނާގެ އަތުގައި އޮތް ރިމޯޓު ރުހާމް ޖަހައިގަތެވެ. މޯނާ ދިޔައީ ސިއްސައިގެންނެވެ. އަރައިގަތް ރުޅިއެއްގެ ސަބަބުން ދަތްކުނޑި ވިކާލެވުނެވެ. ހަޅޭލަވައިގަންނަން ހުޅުވާލީ އަނގަ ބަންދުކޮށްލީ ޓީވީން އިވުނު ހަބަރެވެ.

"މިދިޔަ އަހަރު އޮކްޓޯބަރ މަހުގައި ވިނލިގިލީ ފަޅުތެރެއަށް ގެއްލުނު ޒުވާން އަންހެންކުއްޖާ، ދިރިހުއްޓާ އއ.އަތޮޅު ފަޅު ރަށަކުން ފެނިއްޖެ."

މޯނާގެ ދެލޯ ހުރީ މުދުނުގައެވެ. ޒީކް މަރެއް ނުވޭ ހެއްޔެވެ؟ މޯނާގެ ހިތަށް ފުރަތަމަ ވެސް އެރީ އެ ސުވާލެވެ. ޤަބޫލުކުރަން އުނދަގޫވެގެން ރުހާމަށް ބަލާލިއިރު އޭނާގެ ވެސް ހާލަކީ އެއީއެވެ. ރުހާމްގެ ދެއަތުގެ ތެރޭގައި އޮތް ރިމޯޓުގައި ބާރަށް ހިފަހައްޓައިލައިގެން ހުރިއިރު ނޭވާ ހިފަހައްޓައިގެން ހުރިހެން ހީވިއެވެ.

"ރާއްޖެޓީވީއަށް މަޢުލޫމާތު ދެމުން ފުލުހުންގެ މީޑީއާ އޮފިޝަލު ވިދާޅުވީ މިކުއްޖާ ފެނުނީ އެ ރަށަށަށް ބާބަކިޔު ހެދުމަށް ދިޔަ ޒުވާން ގުރޫޕަކަށްކަމަށާއި، އެ ކުއްޖާގެ ހާލު ރަނގަޅުކަމަށާއި، މިހާރު ކޯސްޓްގާޑް އެހީގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެ."

މޯނާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ޓީވީ ރިމޯޓު އެއްލާލައިފައި ރުހާމް ބާރަށް ދުވެފައި ގޮސް ގެއިން ނުކުތެވެ.

ރުހާމް ދިޔައީ މާލެއެވެ. އޭނާގެ ހިތްވަނީ އަވަސްވެފައެވެ. ޒީކް ދުނިޔޭގައި ހުރިކަމަށް ބުނާ ވާހަކަ ޤަބޫލުކުރަން އުނދަގުލެވެ. ޒީކް 06 މަސްދުވަސް ވަންދެން ފަޅު ރަށެށްގައި އުޅުނީ ހެއްޔެވެ؟ އޭނާ ބޭނުންވީ ޒީކް ހަމަލޮލުން ދެކިލާށެވެ. އެ ވާހަކަތައް ޤަބޫލުކުރަން ފަސޭހަވާނީ އޭރުންނެވެ. ރުހާމް އެންމެ ފުރަތަމަ ދިޔައީ ފުލުހުންގެ އިދާރާއަށެވެ. އެތަނުން މަޢުލޫމާތު ސާފުކުރުމަށްފަހު، ޒީކް މާލެ ގެންނަ ދިމާއަށް މިސްރާބު ޖެހިއެވެ.

މުޅި ހިސާބުގައި މީހުން އެއްވެފައި އޮތެވެ. މީޑިއާ ތަކާއި އާންމުންގެ މީހުންނެވެ. ގާތްގަނޑަކަށް ބައިގަޑިއިރެއްހާއިރު ފަހުން ކޯސްޑްގާޑު ލާންޗު ފަޅަށް ވަނެވެ. ބަނދަރާއި ކައިރިކޮށްލިއެވެ. ސިފައިންގެ މީހުންގެ ފަހަތުން އަންހެން ކުއްޖެއް ނުކުތެވެ. އެކުއްޖާގެ އިސްތަށިގަނޑު ޒީކްގެ އިސްތަށިގަނޑަށްވުރެ ދިގެވެ. ނަމަވެސް އެ އިސްތަށިގަނޑުން ދިހުން ކުލަ އަރައެވެ. ރުހާމް ހުރި ދިމާގެ ސަބަބުން މޫނެއް ނުފެނުނެވެ. އެ އިސްތަށިގަނޑުން އެކުއްޖާގެ މޫނު ނިވާވެފައި އޮތުމުންނެވެ. އެ ކުއްޖާ ބަނދަރު މައްޗަށް ފޭބުމާއެކު، ކެމެރާ ފުލެޝްގެ އަލިތަކުން މުޅި ހިސާބުގައި ވިދައިގަތެވެ. މީހުންތައް ފަޅާފައި ރުހާމަށް ދެވުނު އެންމެ ކައިރިއަކަށް ދިޔައެވެ. އެ ކުއްޖާ އިސްއުފުލާ ބަލައިލީ ސީދާ ރުހާމްގެ ދެލޮލަށެވެ.

"މުސްކާން." ރުހާމަށް ބުނެވުނެވެ.

(ނުނިމޭ)

* ބާރަވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ!
* "ޒީރު" ކޮންމެ ދުވަހެއްގައި!