1280 ފޫޓުގެ ބިޔަ ގިނިހިލައެއް، އާދަޔާއި ޚިލާފު ބާރުމިނެއްގައި ދުނިޔެއާއި ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ ސައިންސްވެރިން ބުނެފިއެވެ.

ޖައްވުގައި ދައުރުވާ ގިނިހިލަތައް މޮނިޓާ ކުރާ ނާސާގެ ސައިންސްވެރިން މިކަން ހާމަކޮށް ބުނެފައިވަނީ، "2019 ޖޭބީ1" ގެ ނަމުން ނަންދީފައިވާ މި ގިނިހިލަ ދުނިޔެ އާއި އެންމެ ގާތުން ދަތުރުކުރާނީ އަންނަ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

ސައިންސްވެރިން ބުނާގޮތުގައ "2019 ޖޭބީ1" އަކީ "ނިއާ-އާތް އޮޕްޖެކްޓް (އެންއީއޯ)" އެކެވެ. އެންއީއޯއަކީ، ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމުގައި ދުނިޔެ އާއި ކައިރި ކަމަށް ބަލާ ވަކި ދުރުމިނެއްގެ ތެރެއިން ދައުރުކުރާ ގިނިހިލަ ފަދަ ތަކެއްޗަށް ދީފައިވާ ސައިންޓިފިކް ނަމެކެވެ.

ދުނިޔެއާއި ދިމާލަށް މިހާރު މިސްރާބު ޖަހާފައިވާ "2019 ޖޭބީ1" އަންނަ ހޯމަ ދުވަހު ދަތުރުކުރާނީ ދުނިޔެ އާއި 6.4 މިލިއަން ކިލޯމީޓަރު ދުރުންވެ. ކައުނާއި މި ސޫރުދަ ނިޒާމުގެ ބޮޑުމިނަށް ބަލާއިރު މިއީ ދުނިޔެއާއި ވަރަށް ކައިރި ކަމަށް އެސްތްރޮނޯމަރުން ޤަބޫލުކުރެއެވެ.

މިފަދަ ބޮޑު ގިނިހިލައެއް ދުނިޔޭގައި ޖެހުމަކީ ދުނިޔޭގެ ހުރިހާ ދިރުމަކަށް ނުރައްކާ ކޮށްފާނެ ކަމަކަށްވާއިރު، "2019 ޖޭބީ1" އަކީ އެންއީއޯ އަކަށްވާތީ ސައިންސްވެރިން ކަންބޮޑުވުން ފާޅުކުރެއެވެ. އެއީ އެ ގިނިހިލަ ދުނިޔެ ހިމެނޭ ސަރަޙައްދުގައި ދައުރުވާ ވުމުގައި ދެން ދުނިޔެއާއި ދިމާލަށް މިސްރާބު ޖަހާ ފަހަރެއްގައި ދުނިޔެއަށް ނުރައްކާ ކުރިމަތި ކޮށްފާނެ ކަމަށްޓަކައެވެ.

"2019 ޖޭބީ1" ދުނިޔެ އާއި ފުށުއެރުމުގެ ފުރުސަތު ކުޑަ ނަމަވެސް ދުނިޔެ އަށް ނުރައްކާ ކުރިމަތި ކުރުވާ ގިނަ އަދަދެއްގެ ގިނިހިލަތަށް ސައިންސްވެރިން ދަނީ ޓްރެކް ކޮށް މޮނިޓާ ކުރަމުންނެވެ. އާދަޔާއި ޚިލާފަށް ބާރު ދުވެލީގެ ކައުނުގައި ދަތުރުކުރާ މިފަދަ ގިނިހިލައެއްގެ ނުރައްކަލުން ސަލާމަތްވުމަށް ގިނިހިލަތަކުގެ މިސްރާބު ބަދަލު ކުރުމަށް ބޭނުން ކުރެވިދާނެ އީޖާދެއް ތައްޔާރު ކުރުމުގެ މަސައްކަތް ނާސާއިން ދަނީ ކުރަމުންނެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި ދުނިޔެއަށް ގިނިހިލައިގެ ނުރައްކާ ކުރިމަތިވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމުގައި ނާސާގެ އިސް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    ތީ ހުސް ކަނޑުކޮހުން. ﷲ ވޮޑިގެންވާކަމުގެ ހެކިތައް އެން ރަނގަޅަށް ފެނިފަތިބި މީހުންތީ. އެކަމު އިސްލާމެއްނުވޭ. އަދި ބުނެއްޖެއެއްނު އިންސާނުން އުފެދުނީ މަކުނުންނޭ....

    12
    3