އިންޑިއާއަކީ ނިސްބަތުން އަނިޔާގެ އެކި ކަހަލަ މައްސަލަތައް ގިނަ ޤައުމެކެވެ. އެގޮތުން އެފަދަ ގިނަ މައްސަލަތައް އެޤައުމުގެ އިދާރާތަކަށް ކޮންމެ ދުވަހަކުހެން ހުށަހެޅޭއިރު، އެޤައުމުގައި ހިނގާ އެފަދަ މައްސަލަތައް ދަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. މިއީވެސް ދާދިފަހުން ހިނގައިދިޔަ އެފަދަ ހާދިސާއެކެވެ.

އިހާނެތި ގޮތަކަށް ދަރިން މަރާލި ބައްޕައަކު އެޤައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ ޖަރީމާ ހިންގާފައި ފިލަން އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. އިންޑިއާގެ އަވަށެއް ކަމަށްވާ ގޮރަކްނަތްގައި ހިނގި މި ހާދިސާ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 50 އަހަރުގެ ހަބީބް ޝާހު ނަމަކަށްކިޔާ މީހެކެވެ. އޭނާ ހައްޔަރު ކުރީ، އޭނާގެ ދެ އަންހެން ދޮން ދަރިން މަރާލި މައްސަލައިގައެވެ.

ހަބީބް އޭނާގެ އުމުރުން 18 އަހަރުގެ ދަރިފުޅާއި 22 އަހަރުގެ ދަރިފުޅަށް ވަޅިން ހަމަލާދީ މަރާލީ، ގޭތެރޭގައި ހިނގި ޒުވާބެއް ހޫނުވެ ހިނގި ހަމަނުޖެހުންތަކެއްގެ ތެރެއިންނެވެ. އޮފިޝަލުން ބުނެފައިވާގޮތުގައި ހަބީބް ވަނީ އެ ދެކުދިންނަށް ކްރިކެޓް ކުޅޭ ބެޓަކުންވެސް ހަމަލާދީފައިވާއިރު، ދެކުދިން މަރުވީ އޭގެ ފަހުން ވަޅިން ހަމަލާދިނުމުން ލިބުނު އަނިޔާތަކުގައެވެ.

މި މައްސަލައިގެ ތަހުޤީޤަށް ހާމަވެފައިވާގޮތުގައި ގޭތެރޭގައި އެންމެ ފުރަތަމަ މައްސަލަ ހޫނުވާން ދިމާވީ ހަބީބް އޭގެތެރެއިން ކުއްޖަކަށް ޖިންސީ ގޯނާކުރަން އުޅުމުންނެވެ. މީގެ ކުރިންވެސް އެކި ފަހަރު މަތިން އޭނާ ދަރިންނަށް ޖިންސީ ގޯނާ ކުރަމުންދާކަން ވެސް މި ތަހުޤީޤަށް ވަނީ އެނގިގެން ގޮސްފައެވެ. މި މައްސަލައިގައި އުއްތަރް ޕްރަދޭޝްއަށް ނިސްބަތްވާ ހަބީބް ހައްޔަރުކޮށްފައިވަނީ ހާދިސާއަށްފަހު ފިލައިގެން އުޅެނިކޮށް ކަލްކާގެ ރޭލްވޭ ސްޓޭޝަނެއްގައި ފުރަން ތައްޔާރުވެގެން ހުއްޓައެވެ. އޭނާ ހައްޔަރުކޮށް ސުވާލުކުރުމުން އޭނާ ވަނީ ކުދިން މަރާލިގޮތް ތަހުޤީޤަށް ކިޔާދީފައެވެ.

ހަބީބް ވަނީ މި ހާދިސާގެ ތެރެއިން މަރާލި ދެކުދިންގެ އިތުރަށް، އޭނާގެ އުމުރުން 16 އަހަރާއި 12 އަހަރުގެ ދެ ފިރިހެން ދަރިންނަށްވެސް ހަމަލާދީ އަނިޔާކޮށްފައެވެ. އެގޮތުން އެ ދެކުދިންގެ ގައިގައިވެސް ކްރިކެޓް ބެޓުން ތަޅައި އެކި ވަރުގެ އަނިޔާ ދީފައި ހުރިކަން ވަނީ ހާމަވެފައެވެ.

އިދާރާތައް ގުޅިގެން މި މައްސަލަ އިތުރަށް ތަހުޤީޤުކުރަމުންދާއިރު، އެފަރާތްތަކުން ބުނީ މި ރަހުމުކުޑަ އަމަލުގެ ސަބަބުން ހަބީބް ދިގު މުއްދަތެއްގެ ޖަލު ޙުކުމަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.