މަތިންދާ ބޯޓެއްގެ ތެރޭގައި ތިބޭއިރު، ބޯޓު ދަތުރުކުރާ ހުރިހާ ވަގުތެއްގައިވެސް ކަމަރު އަޅައިގެން ތިބުމަށް ކްރޫން ދޭ އިރުޝާދުތަކަށް ބޯލަނބަނީ މަދު ބައެކެވެ. އެއީ މަދު ފަހަރެއްގައި މަދު ބަޔަކަށް ނޫނީ އެކަމުގެ މުޙިންމުކަން ތަސައްވުރުވެފައި ނުވުމުންނެވެ. މިއީ ކަމަރު އަޅުވައިގެން ތިބުން މުޙިންމުވީ މިންވަރު ލޮލުން ދެކެ އަތުން ހިފާފައިވާ ބައެއްގެ ވާހަކައެވެ.

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުގެ ވަގުތެއްގައި އިނގިރޭސިވިލާތުގެ ލަންޑަނުން އެމެރިކާގެ ފްލޮރިޑާއަށް ދަތުރުކުރި ބްރިޓިޝް އެއާވޭސްގެ ފްލައިޓެއްގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި އެތައް ބަޔަކަށް އަނިޔާވެފައި ވަނީ ކަމަރު ނާޅުވައި ތިއްބާ ކުއްލިއަކަށް ހިނގި ހާދިސާއަކުންނެވެ.

ބޮއިންގް 777-236 މަރުކާރުގެ އެ ބޯޓު ދަތުރުކޮށްފައި ދަނިކޮށް ކޮޅިގަނޑެއްގައި ޖެހި ކުއްލި ގޮތަކަށް ތަޅުވަން ފެށިގޮތަށް ކެބިންގައި ތިބި ގިނަ ބަޔަކަށް އަނިޔާވެފައިވާއިރު، އޭގެތެރެއިން ބައެއް މީހުން ސީޓުން ވިއްސައިގެން ގޮސް މަތީގައިވާ ލަގެޖް ކޮމްޕާޓްމަންޓުގައި ބޯޖެހިގެން އަނިޔާ ލިބުނު ކަމަށް ވެއެވެ. މި ހާދިސާގައި ޖުމްލަ 14 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އެމީހުންނަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.

މި ހާދިސާއަށްފަހު ބައެއް ފަސެންޖަރުން ފްލައިޓު ތެރެއިން ނަގާފައިވާ ފޮޓޯތައް މިހާރު މީސްމީޑިއާގައި ދައުރުކުރަމުންދާއިރު، އެ ފޮޓޯތަކުން ފްލައިޓު ތެޅެން ފެށި ވަގުތު ލަގެޖް ކޮމްޕާޓްމަންޓުތަކުގައި ހުރި ބައެއް ދަބަސްތަކާއި އެނޫންވެސް ތަކެތި ކެބިން ތެރެއަށް ވެއްޓިފައިވާ މަންޒަރު ފެނެއެވެ. އަދި ބައެއް ފަސެންޖަރުންގެ ބޯ، މަތީގައިވާ ލަގެޖް ކޮމްޕާޓްމަންޓުތަކުގެ ބޭރުގައި ޖެހި ބައެއް ކަވަރުތައް ހަލާކުވެފައިވާ މަންޒަރުވެސް ފޮޓޯތަކުން ފެނެއެވެ.

މި ހާދިސާ އާއި ގުޅިގެން ބްރިޓިޝް އެއާވޭސް އިން ބުނެފައިވަނީ، ހާދިސާގައި ފްލައިޓު ތެރޭގައި އަނިޔާ ލިބުނު 14 ފަރާތަކަށް އެ އެއާލައިނުގެ ފަރާތުން ހޮސްޕިޓަލަށް ގެންގޮސްދީ ފަރުވާދީފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނުކަން މިހާތަނަށް އެނގިފައި ނުވާކަމަށް އެ އެއާލައިނުން ބުނެފައި ވެއެވެ.

ބްރިޓިޝް އެއާވޭސްއިން މި ހާދިސާ އާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފްލައިޓު ދަތުރުކޮށްފައި ދަނިކޮށް ޓާބިއުލެންސަކާއި ކުރިމަތިވީ ކުއްލިއަކަށް ކަމަށެވެ. ހާދިސާ ހިނގުމުގެ ކުރީން ފަސެންޖަރުންގެ ސަމާލުކަމަށް އެކަން ނުގެނެވުނީ އެހެން ވެގެން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. ނަމަވެސް ހާދިސާގެ ތަހުޤީޤުގެ ތެރެއިން ފްލައިޓުގެ މުވައްޒަފުންގެ މެޑިކަލް އެގްޒާމެއް ކުރިޔަށްގެންގޮސްފައިވާ ކަމަށް ސްޓޭޓްމަންޓުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު