ދުނިޔޭގެ ވައިގެ ފަށަލަތަކުން ބޭރުގައި ދައުރުވަމުންދާ، ސެޓެލައިޓް، "ހިއުމެނިޓީ ސްޓަރ" ނުވަތަ "ޑިސްކޯ ބޯލް" މި ހަފްތާގެ ތެރޭގައި ދުނިޔެއަށް ވެއްޓޭނެ ކަމަށް، އެ ސެޓެލައިޓް ޖައްވަށް ފޮނުވާލި ނިއުޒިލޭންޑުގެ ކުންފުނިން ބުނެފިއެވެ.

"ރޮކެޓް ލެބް" ކުންފުނިން މި ސެޓެލައިޓް ޖައްވަށް ފޮނުވާލާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. މިއަހަރުގެ ފަހުކޮޅާއި ޖެހެންދެން އޭގެ މަސައްކަތް ކުރިއަށްގެންދިއުމަށް ޕްލޭން ކުރެވިފައިވާ "ޑިސްކޯ ބޯޅަ" ދުނިޔެއަށް ވެއްޓެނީ އެ ސެޓެލައިޓަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

"ޑިސްކޯ ބޯލް" އަކީ ސައިންސްވެރިންތަކެއް ދުނިޔޭގެ ބޭރުން އިރުގެ އަލި "ރިފްލެކްޓް" ކޮށްގެން އަނބުރާ ދުނިޔެއާއި ހަމައަށް ގެނައުމަށް ތައްޔާރު ކުރި ޓެސްޓު ސެޓެލައިޓެކެވެ. ކާބަން ފައިބަރުން ހަދާފައިވާ މި ބޮޑު ސެޓެލައިޓުގައި 65 "ރިފްލެކްޓިވް ޕެނަލް" ހުރެއެވެ. މި ޕެނަލްތައް މެދުވެރިކޮށް ރޭގަނޑުވެސް ދުނިޔެއާއި ހަމައަށް އިރުގެ އަލި ފޯރުކޮށްދެއެވެ.

 

ކެނެޑާއާއި ދިމާލުން މިހާރު ދައުރުވަމުންދާ މި ސެޓެލައިޓް ބިމުން ފެށިގެން 28،000 ކިލޯމީޓަރު މަތީގައި ހުރިއިރު، އަންނަ ހަފްތާގެ އަންގާރަ ދުވަހު ސެޓެލައިޓް ވެއްޓޭނެ ކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް ސެޓެލައިޓް ވެއްޓޭނީ ސީދާ ކޮން ދިމާލަކުން ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ތަޖުރިބާކާރުން ވިދާޅުވާގޮތުގައި، މި ސެޓެލައިޓް ދުނިޔޭގެ ވައިގެ ފަށަލަތަކުން އެތެރެއަށް ވަނުމާއި އެކު އަނދައިގެންދާނެއެވެ. އެހެންކަމުން ސެޓެލައިޓް ވެއްޓުނު ނަމަވެސް އޭގެ ނުރައްކަލެއް އެއްވެސް ޤައުމަކަށް ނެތް ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.