މިއީ ޖޭމްސް ބޮންޑްގެ ކުރިއަށް އޮތް ފިލްމުގައި ބޮންޑް ގާލްގެ ގޮތުގައި ފެނިގެން ދާނެ އެނާ ޑީ އާމްސްގެ ވާހަކައެވެ. މީގެ އަހަރުތަކެއް ކުރިން އެނާ އަކީ ފަގީރު އާއިލާއެއްގައި ހުރި ވަރަށް ނިކަމެތި އަންހެން ކުއްޖެކެވެ. އެނާ އަކީ ކިއުބާ މީހެކެވެ.

އެނާގެ މަންމަ އާއި ބައްޕަ އަކީ ޕާޓްޓައިމް ދެ ޓީޗަރުންނެވެ. ޓީޗަރުންގެ ވަޒީފާ ނިންމާފައި އެދެމަފިރިން ދެން މަސައްކަތް ކުރަމުން އައީ ތެޔޮ ސާފުކުރާ ކާރުހާނާއެއްގައެވެ. ނަމަވެސް ކައިގެން ބޮއެގެން އުޅެވޭ ވަރު ވުން ފިޔަވައި އިތުރު އާމްދަނީއެއް ނުލިބެއެވެ. އެއީ ކިއުބާގެ ސިސްޓަމް އޮންނަ ގޮތުންނެވެ.

މުޅި އުމުރު ކިއުބާގެ ނިކަމެތި ދިރިއުޅުމުގައި ހޭދަކުރާކަށް އެނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ ގަސްދުކުރީ ކިއުބާ ދޫކޮށް ގައުމުން ބޭރަށް ދާށެވެ.

ކިއުބާ ދޫކޮށް އެނާ ދިޔައީ ސްޕޭނަށެވެ. އެއީ 2006 ވަނަ އަހަރު އެވެ. ސްޕޭނަށް ގޮސް އެނާ ފުރަތަމަ ދުވަހު ވެސް މަސައްކަތް ފެށީ މޮޅު އެކްޓަރަކަށް ވާށެވެ. ފިލްމް ކުޅެން ދަސްކޮށްދޭ ކޯސްތައް ފުރިހަމަ ކުރިއެވެ.

ނަތީޖާއަކަށްވީ ސްޕޭންގެ ބައެއް ފިލްމުތަކުންނާއި ސީރީސްތަކުން އޭނާ އަށް ފުރުސަތު ލިބިގެން ދިއުމެވެ. އެއީ ފިލްމީ ދާއިރާގައި އޭނާ ކުރިއަށް އެޅި ބޮޑު ފިޔަވަޅެއް ނަމަވެސް އެނާ ހުރީ އެހިސާބުން އަދި ހުއްޓާލާ ގޮތަކަށް ނޫނެވެ.

އެނާ ކުރަމުން ދިޔަ މަސައްކަތުގެ ސަބަބުން މިއަދު އޭނާ އަކީ ހޮލީވްޑްގެ އެންމެ މަޝްހޫރު އެއް ފިލްމްގެ އެންމެ މުހިއްމު އެކްޓަރެވެ. މުޅި ދިރިއުޅުން ބަދަލު ކޮށްލާނެ އެފުރުސަތާއި އެކު މިހާރު ވެސް އެނާ ވަނީ އޭނާގެ މައިންބަފައިންނަށް ރީތި އެޕާޓްމެންޓެއް ހޯދައި ދީފައެވެ.

އެނާގެ އަވައްޓެރިން ބުނާ ގޮތުގައި އެނާގެ އަކީ ކުޑަ އިރުވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރި، ވަރަށް ހެޔޮލަފާ އެެހެން މީހުންނަށް އެހީތެރިވި ކުއްޖެކެވެ. ނަމަވެސް އެނާ ކުއްލިއަކަށް ހޮލީވްޑްގެ އޭ ކެޓަގަރީގެ އެކްޓަރަކަށް ވެދާނެ ކަމަކަށް އެއްވެސް މީހަކު ލަފައެއް ނުކުރެއެވެ.

އެނާ ދަންނަ މީހުން މިހާރު ބުނާ ވާހަކައަކީ އެނާ އަށް އެފުރުސަތު ލިބުމުގެ ހަޤީޤީ ސަބަބަކީ ބުރަކޮށް މަސައްކަތް ކުރުމެވެ. އަދި އޭނާގެ ނުގުޑާފަދަ ވަރުގަދަ އަޒުމާއި ކާމިޔާބާއި ހަމައަށް ވާސިލްވުމަށް ކުރި އުއްމީދު ތަކެވެ.