ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ހާއްސަ ކޮށްގެން އުފެއްދި ބައިސްކޯފު އެޕް އާއި ގުޅިގެން ދިރާގުން މަދަހަ އަލްބަމެއް ނެރެފި އެވެ.

ދިރާގު ހެޑްއޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބައިސްކޯފުން ތައްޔާރުކުރި "އާލަމް" މި އަލްބަމު ވަނީ އިފްތިތާހުކޮށްފަ އެވެ.

ލަވަކިޔުންތެރިޔާ އީސާ ޝަރީފް އާއި ގުޅިގެން ބައިސްކޯފުން އުފެއްދި މި މަދަހަ އަލްބަމުގައި އަށް މަދަހަ ހިމެނެ އެވެ. މި އަލްބަމަކީ 10 ދުވަސްތެރޭ ނިންމާލި އަލްބަމެއް ކަމަށް އީސާ ޝަރީފް ވަނީ ބުނެފައެވެ.

މި އަލްބަމްގެ މަދަހަތަކުގެ ޅެން ހަދާފައި ވަނީ އީސާ ޝަރީފްގެ އިތުރުން އާދަމް ނަސީރު އަދި ޒުވާން ޅެންވެރިއެއްކަމަށްވާ އިއްޒަ އަހުމަދު ނިޒާރެވެ. ލަވަކިޔުންތެރިން ކަމަށްވާ މުމްތާޒު، ރާއިޔަތު ރަމީޒާ، އަޝްފާ، ފާތުމަތު ރައޫފް، ސައިނާ އަދި ހާމިދު ނިޝާން ވަނީ މި އަލްބަމުގެ މަދަހަތައް ކިޔާދީފައެވެ.

ދިރާގުން ބައިސްކޯފާ ގުޅިގެން މަދަހަ އަލްބަމެއް ނެރުމަށް ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ބައިސްކޯފުން ބުނީ "އާލަމް" މަދަހަ އަލްބަމް މިއަދުން ފެށިގެން އެ ޕްލެޓްފޯމުން އަޑުއެހޭނެ ކަމަށާއި އާލަމް އަލްބަމުގެ އިތުރުން 100 އަށް ވުރެ ގިނަ މަދަހަ ބައިސްކޯފުން އަޑުއަހާލެވޭނެ އެވެ.

މީގެ އިތުރުން އާލަމް އަލްބަމުގައި ހިމެނޭ މަދަހަތަކުގެ ޅެންތައް ފާހަގަ ކުރެވޭ ކަމަށާއި އެހުންތެރިންނަށް ކަމުދާނެ ޅެންތައް މި އަލްބަމުގައި ހުންނާނެ އެވެ.

ދިރާގު ކަސްޓަމަރުން ބައިސްކޯފު އެޕް ސައިބްސްކްރައިބު ކުރަން ހޭދަކުރަންޖެހެނީ 69 ރުފިޔާ އެވެ. ދިރާގުން ވަނީ ބައިސްކޯފާއެކު ޕާޓްނާޝިޕް ހަދައިފައެވެ.

ބައިސް ކޯފު އެޕް އަކީ މިހާތަނަށް ރާއްޖޭގައި ތައާރަފްކުރާ މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެންމެގިނަ އެޕްއެވެ. ބައިސްކޯފު އެޕް މެދުވެރިކޮށް ދިވެހި ފިލްމު ބަލާލެވުމުގެ އިތުރުން ކުރިއާއި މިހާރުގެ ލަވަތަކާއި މަދަހައިގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހާ ބާވަތެއްގެ ކޮންޓެންޓް ހުންނާނެއެވެ. އަދި ރާއްޖޭގެ ލޯކަލް ބައެއް ޓީވީ ވެސް ސްޓްރީމް ކޮށްގެން ބަލާލެވޭނެއެވެ.