"ދެން މިހެނެއް ނޫޅެވޭނެ"

ފިރިމީހާގެ ދުލުން ނިކުތް މި ތިން ލަފްޒުން އަހަރެންގެ ހިތް ފުނޑުފުނޑުކޮށްލި ފަދައެވެ. ޤަބޫލުކުރަން ދަތި ގޮތަށް އަހަރެން އިމްރާންއާއި ދިމާލަށް ބަލާލީ ޝައްކުން ފުރިފައިވާ ބެލުމަކުންނެވެ. އޭރު އެއްވެސް އަހާލުމަކާއި ނުލާ ކަރުނަތައް އަހަރެންގެ ކޯތާފަތް ތެންމަމުން ދަނީއެވެ.

"ކީ..ކީކޭ؟"

އަހަރެންގެ ސުވާލުގައިވެސް ވަނީ ޝަކުވާއެކެވެ.

"އަހަރެންނަށް ޝިނާއަކަށް ދެން މިހެނެއް ނެހެދޭނެ. އަހަންނަށް އިނގޭ ޝިނާއަށް އަހަރެންގެ ފޯނުގަހުރި މެސެޖްތައް ފެނިއްޖެކަން. ދެން މިވާހަކަ ނުދައްކާ ތިބުމުގެ އެއްވެސް ބޭނުމެއްނެތް. އަހަރެންނަކަށް ޝިނާއާއި އެއްކޮށެއް ނޫޅެވޭނެ."

ފައްޗަކަށް އަމުނާލި މި ބަސްތަކުން އަހަރެންގެ ހިތް އިތުރަށް ފޫއަޅުވާލިއެވެ. ހަތް އަހަރުދުވަސް ވަންދެން އަހަރެން ލޯބިވެގެން އުޅުނީ ހަމަ މި އިމްރާން އަކާއި ނޫން ހެއްޔެވެ؟ ހަތް އަހަރު ދުވަހުގެ އުއްމީދުތަކާއި ހުވަފެންތައް ހަމަ އެހާ ފަސޭހައިން ބުރުއްސާލަނީ ހެއްޔެވެ؟ އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކިޔާނީ ވަކި ކީކޭ ހެއްޔެވެ؟ އާނއެކެވެ. އަހަރެންނަށް އިމްރާންގެ ފޯނުން މެސެޖްތަކެއް ފެނުނެވެ. އަހަރެން ނުދަންނަ އަންހެނަކާއި އިމްރާންއާއި ދެމެދު ދެކެވިފައިހުރި ވާހަކަތަކަކެވެ. އިމްރާންގެ ފަރާތުން ފޮނުވުނު ކޮންމެ މެސެޖެއް އަހަރެންނަށް އެތަކެއް ވޭނެއްދިނެވެ. ފިރިމީހާ އެހެން އަންހެނަކާ ލޯބިން ވާހަކަދައްކާތަން ބަލަން ކެތްވާނީ ވަކި ކޮން އަންބަކަށް ހެއްޔެވެ؟

އެހެނަސް އަހަރެން ކެތްކުރީމެވެ. އިމްރާނުގެ ބޭވަފާތެރިކަން އަމިއްލަ ހިތުން ފުހެލީމެވެ. އަހަރެންގެ ފަރާތުން ގޯހެއް ވެވިފައިވެދާނެތޯ ބަލާ ވިސްނީމެވެ. އިމްރާންއާއި އިތުރަށް ލޯބިން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރީމެވެ. އަންބެއްގެ ފަރާތުން ކޮށްދޭން ޖެހޭ ހުރިހާކަމެއް ފިސާރި އިޚްލާސްތެރިކަމާއެކު ކުރީމެވެ. ނަމަވެސް އާޚިރުގައި ލިބުނު ނަތީޖާއަކީ އަހަރެން ބޭނުންވި ނަތީޖާއެއް ނޫނެވެ.

"ޝިނާ"

ސިހިފައި އަހަރެންނަށް އިމްރާންގެ މޫނަށް ބަލާލެވުނެވެ. އެ މޫނުމަތިން ހޯސްލާފައި އެތައްހާސް ޖަޒުބާތެއް ފާޅުވި ކަހަލައެވެ. އެއިން ކޮންމެ އިހުސާސެއް އަހަރެންނަށް މަލާމާތްކުރާ ކަހަލައެވެ. ކުށްވެރިއެއް ފަދައިން އޭނާ އަހަރެންނާ ދިމާލަށް ބަލަން ފެށުމުން އަހަރެންގެ ހިތާމަ ރުޅިވެރިކަމަށް ބަދަލުވާން ފެށިއެވެ.

"ކީއްވެ؟"

ކުރަކި ވެފައިވާ އަޑަކުން އަހަރެން ކޮށްލީ އެންމެ ސުވާލެކެވެ.

"ނޭނގެ"

އިމްރާންގެ ޖަވާބު ހީވީ އަހަރެންގެ މޫނުމަތީގައި ޖަހާލި އެތިފަހަރެއް ހެންނެވެ. ނޭނގެންވީ ކީއްވެހެއްޔެވެ؟ ނޭނގި ހުރެ މިވަރު ކަމެއްވޭހެއްޔެވެ؟ މި ދައްކަނީ ކުޑަވަރު ކަމެއްގެ ވާހަކައެއް ނޫންވިއްޔާއެވެ. ފިރިއަކު އަންބަކަށް ބޭވަފާތެރިވާނީ ކޯއްޗެއް ނޭނގިގެންހެއްޔެވެ؟

"ބުނެބަލަ ދެން އިނގޭ އެއްޗެއް؟ އޭނަގެ ނަން. އޭނައާ ދިމާވި ގޮތް. އޭނަ ކައިރިއަށް ގޮސް ވަދެ އޮންނަން ޖެހުނު ސަބަބު. އެވެސް ނޭނގޭތަ؟"

އިމްރާންގެ ފަރާތުން އަހަރެންނަށް ލިބެމުންދިޔަ ހިމޭންކަން އަހަރެންގެ ހިތަށް އުނދަގޫކުރަން ފަށައިފިއެވެ. އަހަރެންގެ ހުރިހާ ސުވާލެއްގެ ޖަވާބު ބޭނުމެވެ. ހޯދާނަމެވެ. އެއީ އަހަރެންގެ ހައްގެކެވެ. ނަމަވެސް މިހާ ހިސާބަށް ވާހަކަ ދިޔައިރު އަހަރެން ހުރީ ވަރުބަލިވެފައެވެ. ހިތަށް ބާރުވެފައި ހުރިލެތް ބޮޑުކަމުން ހިންދިރުވާލަންވެސް އެހާ އުނދަގުލެވެ. ހީވާކަހަލައެވެ. ކަރުބުޑުގައި ވަނީ ބޮޑު ފަރުބަދައެއް ތާށިވެފައެވެ. ލޮލުން ފައިބަނީ ބޮޑު ވިލާގަނޑެއް ފުރާހުރި ވާރެއެވެ. އަހަރެންގެ ހިތުގައި ވަނީ ތޫފާނެކެވެ. ނަމަވެސް އަޒުމް ބަލިކަށްޓެއް ނޫނެވެ. އެހެންކަމުން އަނެއްކާވެސް އަޑަށް ނެތްވަރަށް ބާރުލާފައި އިމްރާނަށް ގޮވާލީމެވެ.

ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު އިމްރާން އަހަރެންގެ މަގަތުގައި އިށީނދެއްޖެއެވެ. ތުރުތުރު އަޅަމުންދިޔަ އަހަރެންގެ ދެއަތް ނަގާ އޭނާގެ ބޮޑު ދެއަތުގެ ތެރެއަށްލައި މުއްކަވާލިއެވެ. މަސްނުވި ހިމާޔަތެއް އެ ސިކުންތުކޮޅުގައި ލިބުނަސް އަހަރެންގެ ސިކުނޑި އެއަށްވުރެ ހުށިޔާރެވެ. އިމްރާންގެ އަތުތެރޭން ރެކެން މަސައްކަތްކުރީމެވެ. ނަމަވެސް އޭނާގެ އަތަށް ބާރުލުމުން އަހަރެން ހަމަޖެހިލީމެވެ. އިމްރާން އެ ތައްޔާރުވަނީ އަހަރެންގެ ސުވާލުތަކަށް ޖަވާބުދޭށެވެ.

"އަހަރެންނާ ހުޔާއާއި ދިމާވީ ރައްޓެއްސެއްގެ ފަރާތުން. ފުރަތަމަ ޝީ ވޯޒް ޖަސްޓް ދެއާ. އަ ފްރެންޑް. އަހަރެން އޮފީހުގައި ބޯ ހާސްވީމަ ވާހަކަ ދައްކާލާ، ފޫހިވީމަ ކޮފީއަކަށް އަރާ ކަހަލަ ފްރެންޑެއް. އެކަމް ހުޔާ އާއެކު ވަގުތު ހޭދަވި ވަރަކަށް އައި ސްޓާޓެޑް މިސިންގ ދެޓް. އެ އިހުސާސް. ފަހުގެ ތާރީޚެއްގައި އަހަރެންގެ ހިތް އެހާ ހަލަބޮލި ކޮށްލި ޒަމާނެއް ހަނދާނަކަށް ނާދެ"

އަހަރެންނަށް ރޮވެން ފެށުމުން އިމްރާން އަނެއްކާވެސް ހިމޭންވިއެވެ. އަތަށް ފިއްތާލުމަށްފަހު ވާހަކަ ދައްކަން ފެށީ އަހަރެންގެ ކަރުނަތައް މަދުވާން ފެށުމުންނެވެ.

"އައި ލަވް ޔޫ. އައި ވިލް އޯލްވޭސް ލަވް ޔޫ. ތިއީ އަހަރެންގެ ފުރަތަމަ ލޯބި. ޝިނާ މަތިން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. އެކަމަކު، އަހަރެންނަށް ހުޔާ ދެކެވެސް ލޯބި ވެވިއްޖެ. ގަބޫލުކުރަން ކިތަންމެ ދައްޗަސް ހަގީގަތަކީ އެއީ. އަހަރެން ހުޔާއާއި ވާހަކަ ދައްކަން ފެށީ އެއްވެސް ހާލެއްގައި ޝިނާއަށް ބޭވަފާތެރި ވާކަށް ނޫން. އެކަހަލަ ޚިޔާލެއްވެސް ނުކުރަން. މޭބީ ދެޓްސް ވައި އިޓް ފެލްޓް ސޯ ރިއަލް"

އަހަރެން ދެންވެސް އެއްޗެކޭ ނުބުނުމުން އިމްރާން ވާހަކަ ކުރިއަށް ގެންދިޔައެވެ. އަހަރެން އިނީ އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭނާގެ ލޯ އަމާޒުވެފައި އިނީ ކުރިމަތީ އިން ބޮޑު ފޮޓޯ ލޯގަނޑަށެވެ. އަހަރެމެން ދެމީހުންގެ ކައިވެނީގެ ފޮޓޯއެކެވެ. ދެމީހުންވެސް ތިބީ އެކަކު އަނެކަކާ ދިމާލަށް ބަލަހައްޓައިގެން ހެވިފައެވެ. އުފާވެރި މަންޒަރެކެވެ. އަހަރެންނަށް އިތުރަށް ރޮވޭ ގޮތް ވިއެވެ.

"ޝިނާ އާއެކު ރައްޓެހިވެގެން މި ހޭދަކުރި 5 އަހަރާއި އިނދެގެން ހޭދަކުރި 2 އަހަރު އަހަރެންނަށް ވަރަށް ޚާއްސަ. ތިއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. އަހަރެން އެންމެ ރަނގަޅަށް ދަންނަ އިންސާނާ. އަހަރެންގެ އިޚްތިރާމް އެންމެ ހައްގު މީހާ. ޝިނާއަށް މިފަދަ އަނިޔާއެއް ދެވޭތީވެސް އަހަރެން ވަރަށް ދެރަވޭ. ގަބޫލު ނުކުރިއަސް މިއީ ތެދު. އެކަމަކު ދެން އަހަރެންނަކަށް އަމިއްލަ ހިތަކަށް މިހާބޮޑު އަނިޔާއެއް ނުދެވޭނެ. އައި ކާންޓް ޑޫ ދިސް"

އަހަރެންގެ ކަރުނަތައް ހިކިއްޖެއެވެ. ކަރުބުޑުގައި ހަރުލާފައި ހުރި ފަރބަދަ ނެއްޓިގެން ދިޔަކަހަލައެވެ. މަޑުމައިތިރި އަޑަކާއެކު އަހަރެން ވާހަކަ ދެއްކީމެވެ. އިމްރާންގެ ވާހަކަތަކުން ލައްކަ އަސަރެއް ކޮށްފިއެވެ. ނަމަވެސް އަހަރެންނަށް އިމްރާން ހިތު ދަހެވެ. އިމްރާންއަކީ ދޮގު ހަދަން ދަންނަ މީހެއް ނޫނެވެ. އިމްރާން އަކީ ގަސްތުގައި އަހަރެންނަށް ކެއްސެއް ދޭނޭ މީހެއްވެސް ނޫނެވެ. އެހެނަސް އިމްރާން ގެ ހިތުގެ ރާނީ އަކީ ހަމައެކަނި އަހަރެންނެއް ނޫނެވެ. ގަބޫލުކުރަން އުނދަގުލެވެ. ހަގީގަތަސް ހިތަށް ތަދުވެއެވެ. އެހެން އަންހެނަކާއެކު އިމްރާން އުފަލުގައި އުޅެދާނެޔޭ ހިތަށް އެރިޔަސް ނޭވާ ނުލެވޭ ކަހަލައެވެ. ނަމަވެސް އަހަރެން އިމްރާން ހިފަހައްޓާނީ ވަކި ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟

"އިޓްސް އޯކޭ"

ޔަޤީންކަން ފޯރުކޮށްދޭން އަހަރެން މަސައްކަތް މި ކުރަނީ އިމްރާނަށް ކަމެއް އަހަރެންގެ އަމިއްލަ ނަފްސަށް ކަމެއް ނޭނގެއެވެ.

"ޝިނާ. އަހަރެން މިއުޅެނީ ޝިނާ ދޫކޮށްލާކަށެއް ނޫން"

އިމްރާންގެ މި ޖުމްލައިން އަހަރެންނަށް ލިބުނީ ސިހުމެކެވެ. ހައިރާންވެ ހުރެ ސުވާލުން ފުރިފައިވާ ނަޒަރަކުން އަހަރެން ބަލާލީމެވެ.

"އަހަރެން ހަމައެކަނި ބޭނުންވީ ޝިނާއަށް ހަގީގަތް އެނގެން. އަހަރެންގެ ފަރާތުން. އަހަރެން ބޭނުމީ ހުޔާއާއި ދެ އަންބަށް ކައިވެނި ކުރަން"

އަހަރެން ހީކުރީ އިމްރާންގެ އެ ޖުމްލައިން އަނެއްކާވެސް ކަރުނައިގެ ފެކްޓަރީ މަސައްކަތް ފަށާނެކަމަށެވެ. ނަމަވެސް އަހަރެންގެ ފަރާތުން ފެނުނީ ހީވެސް ނުކޮށްހުރި މަންޒަރެކެވެ. ކުރިމަތީ ހުރި ލޯގަނޑުން އަހަރެންނަށް އަމިއްލަ ސިފަ ފެނިގެންދިޔައެވެ. މޫނު މަތީ ކުރަހާލެވިފައިވަނީ މަޑު ހިނިތުންވުމެކެވެ. އަހަރެން ހަމަ އަސްލަށްވެސް މޮޔަވީބާވައެވެ؟

"އިމްރާން. އަހަރެން ވަރި ނުކޮށް ބެހެއްޓުން ވާނީ އިމްރާން އަހަރެންނަށް ދޭ އެންމެ ބޮޑު ސަޒާއަށް. އަހަރެންނަކީ އުފެދުމުގައިވެސް ކިހާ ހަސަދަވެރި މީހެއްކަން އިމްރާންއަށް އިނގޭނެ. އެހެން އަންހެނަކާއެކު އިމްރާން އުޅޭތަން ފެނިއްޖެއްޔާ އިޓް ވިލް ކިލް މީ. އައި ވިލް ޑައި. ސޯ ޕްލީސް. އަހަރެންނަށްޓަކާ އަހަރެން މިނިވަން ކޮށްދީ"

އަހަރެން އާދޭސް ކުރީމެވެ. ދެމަލަކުން އިމްރާނަކަށް ފޮންޏެއް ނުބޮވޭނެއެވެ. އިތުރަށް މިހެން އުޅެން ވެއްޖެނަމަ އަހަރެން ދުނިޔޭން މޮޔަވެދާނެއެވެ. މުޅި ޒުވާން ދުވަސްވަރު އެމީހަކަށްޓަކާ ހުސްކުރި މީހާ މިއަދު އަހަރެން އެ އެއްލާލީ އެހެން މީހެއް ދެކެ ލޯބިވެވިގެންނެވެ. ދިރިއުޅުމުގެ އިންސާފަކީ މިއީ ހެއްޔެވެ؟

އިމްރާން އާއި އަހަރެންގެ ވާހަކަ ފަތިސް ވަންދެން ދިގެ ދެމިގެންދިޔައެވެ. އިމްރާން މަޢާފަށް އެދުމުގައެވެ. އަހަރެން މަސްނުވި ހިނިތުންވުމަކާއެކު މަޢާފްކުރުމުގައެވެ. ހެނދުނު އަރައިގެން އައި އިރާއެކު އަހަރެން ހުރީ އެއްޗެހި ހިފައިގެން މައިންބަފައިން ގެއަށް އަހެވެ. މަންމަގެ ސުވާލުތަކުން އަހަރެން އުނގު ފުރިގެން ދިޔައެވެ.

އަހަރެންގެ ޖަވާބު ވަރަށް ކުރެވެ.

"މަންމާ. އިޓް ހެޕަންސް."

- ނިމުނީ -

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލިލއަން♥️

    މިހާރު އުޅޭ ފިރެހެނުން އަސްލު ހާދަ ގޯހޭ.. ކައިވެންޏެއް ކޮށްގެން އުޅުނަސް އަންހެނުން ނަށް ވެސް ހަމަ އޯކޭ ދެމަފިރިން ދޭތެރެޔަށް ވަންނަން..

    16
    • ހދހސހ

      ގިނަ ފަހަރު ފިރިހެނުން އަންހެނުންނަށް އޮޅުވާލަނީ. ދެ އަންބަށް އިންނަ އިރު ވެސް ފުރަތަމަ އަނބި މީހާ އަށް އެނގި އޭނަ އޯކޭ އޭ ކިޔާފަ