ހަތަރު ކިލޯގެ މަސްތުވާތަކެތި ފޮރުވައިގެން ފްލައިޓަށް އަރުވަން އުޅުނު ކެބިންކްރޫއަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

ޖަމައިކަން އެއާވޭސްގެ މި ކެބިންކްރޫ މަސްތުވާތަކެއްޗާއި އެކު އަތުލައިގެންފައިވަނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މި މަސްތުވާތަކެތި ފެނިފައިވަނީ، އޭނާގެ ޢަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން ފުލުހުން ގޮސް އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، އޭނާގެ ފައިގެ ފަލަމަސްގަނޑާއި ދިމާލަށް، ރަޕަރު ޕެކެޓުތަކަށްލައި ބަންދެފައި ހުއްޓައެވެ. މި މަސްތުވާތަކެތި އޭނާގެ ހަށިގަނޑުން ފެނުމާއިއެކު އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ނިއުޔޯކު ފުލުހުން ބުނެފައިވާގޮތުގައި އޭނާގެ ހަށިގަނޑުގައި ބަނދެފައި ހުއްޓައި ފެނުނީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ ކޮކޭންއެވެ. މި ތަކެތީގެ އަގު ގާތްގަނޑަކަށް 160،000 އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން އޭނާ ޖަމައިކަން އެއާވޭސްގެ ވަޒީފާއިން ވަކިކޮށްފައިވާއިރު، ކަމާއި ބެހޭ ފަރާތްތަކުން ވަނީ އޭނާގެ މައްޗަށް މަސްތުވާތަކެއްޗާއި ގުޅޭ ގިނަ ދަޢުވާތަކެއް ކޮށްފައެވެ. މިކަންކަން އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އޭނާ ދިގު މުއްދަތަކަށް ޖަލަށްދާން ޖެހޭނެއެވެ.

މީގެ ކުރިންވެސް ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން ޤައުމުތަކަށް އެތަކެތި އެތެރެކުރުމަށް ގިނަ ބަޔަކު މަސައްކަތް ކުރަނިކޮށް އަތުލައިގެންފައިވާއިރު، ޖަމައިކަން އެއާވޭސްގެ ބައެއް ކެބިންކްރޫން މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުރިންވެސް ހައްޔަރުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު