ބޮލީވުޑްގެ ފިލްމީ ތަރިންނަކީ މުޅި ދުނިޔެއަށްވެސް މަޝްހޫރު ތަރިންނެވެ. އެތަރިންގެ ހުނަރާއި މޮޅުކަމުގެ ވާހަކައަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަބަދުވެސް މީހުން ދައްކައިއުޅޭ ވާހަކައެކެވެ. ބޮލީވުޑްގައި އެތަށް ބަޔަކު ދަންނަ، އަދި ސަޕޯޓުކުރާ ތަރިން ގިނައިރު، ޝާހުރުކް ޚާން އަދި އޭގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ތަރިއެކެވެ.

މަޝްހޫރު ތަރިންނާއި ވައްތަރު ވުމަކީ ގިނަ ބަޔަކު ކުރަން ބޭނުންވާ ކަމަކަށްވާއިރު، ބައެއް މީހުންނަކީ އިއްތިފަޤުންވެސް އެފަރާތްތަކާއި އެއްގޮތް ސިފަތަކެއް ލިބިފައިވާ ބައެކެވެ. މިފަހަރުވެސް އެފަދަ ފަރާތަކުން މިވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދައި މުޅި ދުނިޔެ ހައިރާންކޮށްލާފައެވެ.

ޖޯޑަންއަށް ނިސްބަތްވާ އަކްރަމް އަލ އެއިސާވީ ޝަހުރުކާއި ވައްތަރު ކަމަށް ބުނެ އޭނާގެ ފޮޓޯތައް މީސްމީޑިއާގައި ދައުރުވަމުންދާއިރު، އޭނާ މިހާރު ވަނީ ގިނަބައެއްގެ ސަމާލުކަން ހޯދާފައެވެ. މިކަމުގެ ސަބަބުން ބައެއް ނޫސް އިދާރާތަކުން އޭނާގެ އިންޓަވިއުވެސް ކޮށްފައިވާއިރު، އަލް އަރަބިއްޔާ އިން ކުރިއަށްގެންދިޔަ ޝޯއެއްގައި އޭނާ ވަނީ އެކަމާއި ގުޅޭގޮތުން ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ.

އަކްރަމް ބުނިގޮތުގައި، ކުރިންވެސް އޭނާ ޝާހުރުކާއި ވައްތަރު ކަމަށް އޭނާގެ އާއިލާގެ މެމްބަރުންނާއި ގާތް ރަހުމަތްތެރިން ބުނެ އުޅެއެވެ. ނަމަވެސް އެކަމުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން މިފަދަ ގޮތަކަށް ލިބި މަޝްހޫރުވެދާނެ ކަމަށް ހީނުކުރާ ކަމަށް އޭނާ ބުންޏެވެ.

އަކްރަމް ބުނިގޮތުގައި، މީސްމީޑިއާގައި އޭނާގެ ފޮޓޯތައް ދައުރުވާން ފެށުމުން ގިނަ ބަޔަކު އޭނާ އާއި ބައްދަލުވުމަށް އެދެމުންދާއިރު، ދާދިފަހުން އިއުލާނުކުރި ފިލްމަކުންވެސް އޭނާއަށް ހުށަހެޅުންތަކެއް ވަނީ ލިބިފައެވެ. މީގެ އިތުރުން ޕޯސްޓަރުތަކާއި އިޝްތިހާރުތައް ހެދުމަށް ގިނަ ހުށަހެޅުންތައް ލިބެމުންދާކަން އޭނާ ހާމަކޮށްފައިވެއެވެ.

އަކްރަމް ބުނިގޮތުގައި ޓީވީ ޕްރޮޖެކްޓްތަކުން އޭނާއަށް ލިބެމުންދާ ހުށަހެޅުންތަކުގެ ތެރެއިން ބައެއް ހުށަހެޅުންތައް އޭނާ ވަނީ ބަލައިގެންފައެވެ. އެހެންކަމުން ކައިރި މުސްތަޤުބަލެއްގައި ޓީވީން އޭނާ ފެނިގެން ދިއުމަކީ ވަރަށް ގާތުގައިވާ ކަމެއް ކަމަށް އަކްރަމް ބުނެއެވެ. ހަމަ އެހެންމެ ޔޫއޭއީ ފިލްމެއްގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާ އަކްރަމް ވަނީ އެ ދާއިރާއިން ކުރިއަށް ދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަހުތާން

    ޢެއްވެސް ވައްތަރެއް ނޫން ޝާހުރުކްޙާން އަކާއި..

    • Anonymous

      ތެދެއް

    • ހމމމ

      ތެދެއް