ބާބު 12 – ވަހުމު

އެ ކުއްޖާ ބަނދަރު މައްޗަށް ފޭބުމާއެކު، ކެމެރާ ފުލެޝްގެ އަލިތަކުން މުޅި ހިސާބުގައި ވިދައިގަތެވެ. މީހުންތައް ފަޅާފައި ރުހާމަށް ދެވުނު އެންމެ ކައިރިއަކަށް ދިޔައެވެ. އެ ކުއްޖާ އިސްއުފުލާ ބަލައިލީ ސީދާ ރުހާމްގެ ދެލޮލަށެވެ.

"މުސްކާން." ރުހާމަށް ބުނެވުނެވެ. ކުއްލިއަކަށް ރުހާމަށް އެ މޫނުން މުސްކާން ސިފަކުރެވުނީ ކީއްވެގެން ހެއްޔެވެ؟ އެތައް ދުވަހަކަށްފަހު ދިގު އިސްތަށިގަނޑާއި، ނޫކުލައިގެ ކަޅި ފެނުމުން ވީ ގޮތެއް ކަމުގައި ވެދާނެއެވެ. އެހެނަސް މުސްކާން އެނބުރި ނާންނާނެކަން ރުހާމަށް އެނގެއެވެ. ފެންކަޅިވެފައި ދެލޮލުން އޭނާއަށް ބަލަހައްޓައިގެން އެހުރީ ޒީކެވެ. މިހާރު އޭނާގެ ހިތުގައި ޖަހަމުންދާ ވިންދެވެ. ރުހާމްގެ ހިތަށް ލިބުނު ފިނިކަމާއި، ނަފުސަށް ލިބުނު ހަމަޖެހުން ހާމަކޮށްދިނީ އެ ދެލޮލުން ނީރާލި އުފާވެރިކަމުގެ ކަރުނައެވެ. ޒީކް އެ ފެނުނީ ދުނިޔޭގައި ނުވާކަމަށް ޤަބޫލުކޮށް، އެ ހިތާމަކުރަމުންދާތާ ހާދަހާ ދުވަހެއް ފަހުންނެވެ. ޒީކް ފެންނާނެކަމަށް އުންމީދު ކަނޑާލައިގެން ހުއްޓައެވެ. މާތްﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. ޒީކް ހެޔޮހާލުގައި އެހުރީ އޭނާގެ ކުރިމަތީގައެވެ. މިހާރު ކުރިޔަށްވުރެ ރީތިވެފައި ޗާލެވެ. ހެއްދެވިފަރާތަށް ހަމްދުކުރަމުން ރުހާމް ހިނިތުންވެލީ. ހިތުގެ އެންމެ ފުންމިނުންނެވެ. ޒީކް ވެސް މާނަފުން ހިނިތުންވުމެއް ދިނެވެ.

ޒީކްއާ ވާހަކަ ދައްކާލާނެ ފުރުޞަތެއް ރުހާމަކަށް ނުލިބުނެވެ. ހޭލަމޭލަވަމުން ދިޔަ މީހުންތައް އެއްފަރާތް ކުރުމަށްފަހު، ސިފައިންގެ މީހުންގެ ހިމާޔަތުގެ ދަށުގައި ޒީކް ނެރެގެން ގެންދިޔައީ ފުލުހުންގެ އިދާރާއަށެވެ. ދެވަނަ ފަހަރަށް ރުހާމްއާ ޒީކް ބައްދަލުވީ އެ ތަނުންނެވެ. ފުލުހުން ޒީކްގެ ބަޔާނެއް ނެގުމަށް ގެންދިޔުމުން، އެ ފަހަރު ވެސް ވާހަކަ ދައްކާލެވޭނެ ފަދަ ދަނޑިވަޅެއް ނުލިބުނެވެ. ނަމަވެސް އެކަކު އަނެކަކަށް ނަޒަރު ހުއްޓުވައިގެން ތިބެ، ހިމޭން ބަހުރުވައިން އެތަކެއް ވާހަކަތަކެއް ދެއްކިއެވެ. ލޮލުގައިވި ކަރުނައާއި، ތުންފަތުގައިވި ލުއި ހިނިތުންވުން އެމީހުންގެ ހިތްތައް ހިޞާރުކޮށްފައިވާ އުފާވެރިކަން ބަޔާންކޮށްދިނެވެ.

ރުހާމް އިނީ އިންތިޒާރުގައެވެ. ކެތްތެރިކަމެއް ނެތި ވަގުތު ގުނާލަގުނާލައެވެ. ޒީކްގެ އަޑު އަހާލައި ހިތުން އޭނާގެ ހިތްވަނީ ބޭޤަރާރުވެފައެވެ. އެ ނަފުސަށް ހަމަޖެހުމެއް ލިބޭނީ ޒީކް އުޅުނު ހާލެއް ވެސް އޮޅުން ފިލައިގެންނެވެ. މިނެޓެއްގެ ދިގުމިން ގަޑި އިރަކަށް ދިގު ދެމިގެން ދާހެން ހީވިއެވެ. މުސްކާނަށްޓަކައި ވެސް އެވަރުގެ ދިގު އިންތިޒާރެއް އޭނާ ނުކުރެއެވެ.

މާދުރުން ޒީކް އަންނަތަން ފެނުމާއެކު ރުހާމަށް ކޮޅަށް ތެދުވެވުނެވެ. ޒީކްއާ ދިމާއަށް ނިކަން ބާރަށް ހިނގައިގަނެވުނެވެ. ޒީކްގެ ފިޔަވަޅުތައް ވެސް ހަލުވިވިއެވެ. ދެން އެ ހިނގުން ބަދަލުވީ ދުވުމަކަށެވެ. ބާރަށް ދުވެފައި އައިސް ރުހާމްގެ އަތުތެރޭގައި ބޮނޑިގަތެވެ. އެވަގުތު ކޮޅަށް ޒީކް ވެސް ކެތްތެރިކަން ކުޑަވެފައިވާ ކަހަލައެވެ. ރުހާމްގެ މޭގައި މޫނު ޖައްސައިލެވުނުއިރު އޭނާއަށް ރޮވިއްޖެއެވެ. ގިސްލެވެން ފަށައިފިއެވެ. ރުހާމަށް ލިބުނު އުފާވެރިކަން ބަޔާންކުރަން ވެސް ދައްޗެވެ. ފުލުފުލުގައި އޭނާ ފިނިނޭވާތައް ފަޒާގެ ތެރެއަށް ދޫކުރިއެވެ.

"އައި މިސްޑް ޔޫ ސޯ މަޗު." ރުހާމް ބުންޏެވެ. "ޒީ ފެންނާނެކަމަށް ދުވަހަކު ވެސް އުންމީދު ނުކުރަން. ވަރަށް އުފާވެއްޖެ. ވަރަށް ބޮޑަށް އުފާވެއްޖެ. ދުވަހަކު ވެސް މިވަރުގެ ބޮޑު އުފަލެއް ނުލިބޭނެ. އަލްހަމްދުލިﷲ."

މޯނާ ހުރީ ދެކޮޅަށްދެކޮޅަށް ހިނގަހިނގައެވެ. ތަނެއްގައި ފޫ ޖައްސައިލައިގެން އިންނަން ވެސް އޭނާގެ ޟަމީރު އެއްބަހެއް ނުވިއެވެ. ޓީވީ މެދުވެރިކޮށް ޒީކް މާލެ ގެނައި މަންޒަރުތައް އޭނާ ބަލައިފިއެވެ. ޒީކްގެ ސޫރަ އޭނާގެ ދެލޮލަށް ފެނިއްޖެއެވެ. ޤަބޫލުކުރަން އުނދަގޫވި ނަމަވެސް ޒީކް އެނބުރި އަތުވެއްޖެއެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ ޒީކަށް ވަޅިން ހަމަލާދީ މޫދު ތެރެއަށް އެއްލާލީ އޭނާގެ ދެލޯ ކުރިމަތީގައެވެ. އެއީ އޭނާއަށް ހީވިހީވުމެއް ނޫނެވެ. ވިނލިގިލީ ފަޅުތެރެއަށް ވެއްޓުނު މީހަކު އއ. އަތޮޅުން ފެނުނީ ކީއްވެގެން ހެއްޔެވެ؟ ފަޅުރަށެއްގައި 06 މަސް ދުވަސްވަންދެން އޭނާ ދިރިއުޅުނީ ކިހިނެއް ހެއްޔެވެ؟

ޒީކް މަޑުމަޑުން ދޮރު ހުޅުވައިލިއެވެ. އެތެރެއަށް ފިޔަވަޅެއް އަޅައިލިއެވެ. ޒީކް ފެނިފައި މޯނާގެ ދެލޯ ބޮޑުވިއެވެ. އެއީ ހަމަ ހަޤީޤަތެކެވެ. ވަހުމެއް ނޫނެވެ. ޒީކް މަރެއް ނުވެއެވެ. ގަނޑުވެފައި ހުއްޓައި ޒީކް ދުވެލައިފައި އައިސް މޯނާގެ ދެއަތުގައި ހިފައިލިއެވެ. މޯނާ ތުންފަތް މައްޗަށް ހިނިތުންވުން ގެންނަން ޖެހުނީ ގަދަކަމުންނެވެ. ޒީކް ފެނުމުން އޭނާ އުފަލެއް ނުވިއެވެ. އެ މޫނުން ފާޅުވީ ނުތަނަވަސްކަމާއި ކަންބޮޑުވުމެވެ. ކީއްވެގެން ހެއްޔެވެ؟ ރުހާމާއި އޭނާއާއި ދެމެދުގައި އޮތް ދުރުކަން އިތުރުކުރާނެ މީހަކަށް ޒީކް ވެދާނެހެން އޭނާއަށް ހީވަނީ ހެއްޔެވެ؟

"ދައްތާ! ކިހިނެއްތަ؟" މޯނާގެ ދެއަތަށް ފިތާލަމުން، އުފާވެފައި ހުރެ ޒީކް އެހިއެވެ.

"ރަނގަޅު." މޯނާ ދިނީ ކުރު ޖަވާބެކެވެ.

މޯނާ ވަރަށް ފަރުވާތެރިކަމާއެކު ޒީކްގެ ހަށިގަނޑަށް ބެލިއެވެ. ފަޅުރަށެއްގައި އުޅުނުކަމުގެ އެއްވެސް ކަހަލަ ނިޝާނެއް އޭނާއަކަށް ނުފެނުނެވެ. އެ ހަށިގަނޑު ނިކަމެއްޗެއް ނުވެއެވެ. ފެންނަނީ ކުރިޔަށްވުރެން ސިއްޙަތު ރަނގަޅުކޮށެވެ. ދެކޮލުގައި މަސްޖަހާލައިފައި ހުރިއިރު ކުޑަކޮށް ފަލައެވެ. ދޮންވެފައި ރީތިވެއްޖެހެން ވެސް ހީވެއެވެ. މޯނާގެ ނަޒަރު ޒީކްގެ ކަރަށް އަމާޒުވުމާއެކު، އެ ކަރަށް ބަލަމުން ޒީކްގެ އަތުން އޭނާގެ އަތް ވަކިކޮށްލިއެވެ. އޭނާ އަތް އުފުލައިލަމުން ޒީކްގެ ކަރުގައި އަތް ޖައްސައިލީ އަޖައިބުވެފައި ހުރެއެވެ. އެ ކަރުގައި ވަޅި އެޅި ލަކުނު ފެންނަން ނެތީ ކީއްވެގެން ހެއްޔެވެ؟

"ދައްތަ ދޮގުހެދީ ކީއްވެ؟" ޒީކް ސުވާލުކުރި އަޑަށް މޯނާ ސިހިފައި ބަލާލިއެވެ.

"ކޮން ދޮގެއް؟" މޯނާ ވެސް ކުރީ ސުވާލެކެވެ.

"އަޅުގަނޑަށް ވަޅިން ހަމަލާ ދިން ވާހަކަ." ފަރުވާކުޑަ ގޮތަކަށް ޒީކް ބުންޏެވެ. "އަޅުގަނޑު ކަރަށާއި ބަނޑަށް ވެސް ވަޅީގެ ހަމަލާ އަމާޒުވިކަމަށް ފުލުހުން ގާތުގައި ބުނީ ކީއްވެގެން؟"

"އެއީ ދޮގެއްތަ؟ މަށަށް ފެނުނު ގޮތަށް މަ ކިޔާ ދިނީ." މޯނާ ހައިރާންވިއެވެ. ޒީކް މިއުޅެނީ ކީކޭ ކިޔަން ހެއްޔެވެ؟ އެއީ އޭނާއަށް ފެނުނު ހުވަފެނެއް ނޫނެވެ. ޒީކަށް ހަމަލާ ދިނީ އޭނާ ހަމަހޭގައި ހުއްޓައެވެ.

"އާނ. އަޅުގަނޑަށް އެރޭ އެއްވެސް މީހަކު ވަޅިން ހަމަލާ ދީފައެއް ނުވޭ. ވަޅިން ހަމަލާދޭން އުޅުނީ. ބަލާބަލަ. ބަނޑު ވެސް." ޒީކް ލައިގެންހުރި ދޫ ޓީޝާޓު ހިއްލައިފައި ބަނޑު ވެސް އޭނާ ދެއްކިއެވެ. ތެދެކެވެ. ޖެހުނުތާ ލަކުނު ވެސް ނެތެވެ. އެކަމަކު އެހެންވާނީ ކިހިނަކުން ހެއްޔެވެ؟ އެކަމާ ވިސްނައިގަތުމާއެކު މޯނާގެ ސިކުނޑިއަށް ބަރުވާން ފެށިއެވެ.

"އެކަމަކު ކިހިނެއް މިހެންވާނީ؟ މަށަށް ފެނުނޭ އެމީހާ ހަމަލާދީފައި ޒީކް މޫދަށް ކޮއްޕައިލި މަންޒަރު ވެސް. ބަނދަރުމަތީގައި ޒީކްގެ ގައިން އޮހޮރުނު ލޭ ވެސް ހުއްޓޭ!" މޯނާގެ ބޮލުން ދުން އަރަން ފެށިއެވެ.

"އެރޭ ކުރިކަމެއް ކުރީ ދައްތައެއްނު. ދައްތަ މަ މޫދަށް ކޮއްޕައިލީ ވެސް." ޒީކް ބުނި އެއްޗަކުން މޯނާގެ މޫނުމަތީގައި ވަރުގަދަ އެތިފަހަރެއް އަޅާލި ކަހަލައެވެ. ލިބުނީ ވަރުގަދަ ޝޮކެކެވެ. މޯނާއަށް ޒީކްގެ މޫނަށް ބަލައިލެވުނީ ހައިރާންކަމާއެކު، އިންތިހާއަށް ބިރުގަނެފައި ހުރެއެވެ. އެ މޫނުން ސަމާސާގެ ކުލައެއް ނުފެނެއެވެ. ދެލޮލުން ފެނުނީ ނުރައްކާތެރިކަމެވެ. މޯނާ އިތުރަށް ބިރުގަތެވެ. އެކަމުގެ ތެރެއަށް އޭނާ ބާނުވާލުމަށް ޒީކް ރާވަނީ ހެއްޔެވެ؟ އެއްޗެއް ބުނަން އަނގަ ހުޅުވާލި ނަމަވެސް ދޫ އެއްބާރުލުމެއް ނުދިނެވެ. އޭނާއަށް ރުޅި އަންނަން ވެސް ނޭނގި ގަބުވެފައި ހުރެވުނީއެވެ.

"ހާދަ ހާސްވީ. ބިރުގަނެއްޖެ ދޯ؟" ޒީކް ޖަހައިލީ ވަރުގަދަ ހިނިގަނޑެކެވެ. "އެ ދައްތަ ބިރުގަންނުވާލަން ބުނި އެއްޗެއް. މިހާ ދުވަސްފަހުން ފެނުނީމަ ސަމާސާކޮށްލާ ހިތްވީ."

ޒީކްއަކީ މަޑުމައިތިރިކަމަށް ލޯބިކުރާ ބަސްމަދު ކުއްޖެކެވެ. މޯނާގެ ކުރިމަތީގައި އަނގަ ހުޅުވާލަން ވެސް ޖެހިލުންވި ކުއްޖެކެވެ. ކުއްލިއަކަށް އެކަހަލަ ސަމާސާކުރަން ފެށުމުން މޯނާ ހަމަ ރަނގަޅަށް ވެސް ޚައިރާންވެއްޖެއެވެ. އެއީ ޒީކް ކަމާމެދު ވެސް ޝައްކު އުފެދުނެވެ.

"އަޅުގަނޑަށް އެނގިއްޖެ އެއީ ދައްތައަށް އެ މަންޒަރު ފެނުން ގޮތްކަން. އެހެންވެ ފުލުހުންގާތު ބުނެފައި މިއައީ ދައްތައަށް ހީވި ގޮތެކޭ." ޒީކުގެ ހިނިގަނޑު މައިތިރިކުރެވޭތޯ މަސައްކަތް ކުރަމުން ބުންޏެވެ.

ޒީކް ކިޔާދޭން ފެށީ މުޅީން އާ ވާހަކަތަކެކެވެ. އެރޭ ހަމަލާދިން މީހާ ޒީކްގެ ކަރުގައި ވަޅި އަޅަން އުޅުނީއެވެ. ބަނޑަށް ވަޅި ޖަހާނެކަމުގެ އިންޒާރު ދިނީއެވެ. އެއީ ޒީކްގެ އަތް ދަބަސް ދިނުމަށް ދެކޮޅު ހެދުމުންނެވެ. އެންމެފަހުން ގަދަކަމުން އަތް ދަބަސް އަތުލުމުގެ ތެރޭގައި ޒީކްގެ އަތް ވަރަށް ބޮޑަށް ކަނޑައިގެން ދިޔައެވެ. ބަނދަރުމަތީގައި ލޭގެ ނިޝާންތައް ހުރީ އެހެންވެއެވެ. އެބުނާ ހަމަލާގެ ލަކުނު ޒީކްގެ އަތުގައި ހުއްޓެވެ. އެމީހުން ޒީކް މޫދަށް ކޮއްޕައިލީކީ ނޫނެވެ. އެމީހުންގެ އަތް ދަށުން ސަލާމަތްވުމަށް ޒީކް ގަސްތުގައި ފުންމާލީއެވެ. ފަތަންނޭނގުނު ނަމަވެސް ބަކަތަޅަމުން ދަނިކޮށް ތެޔޮ ހުސްކުރި ހަމެއް ފެނުންކަން އެއީ ޒީކްގެ ނަސީބެވެ. ފަޅުރަށާއި ހަމައަށް ފޯރީ އެހަމުގެ އެހީގައެވެ.

ޒީކް ހެދީ ރޯ ބުހުތާނު ދޮގެއްކަން މޯނާއަށް އެނގެއެވެ. ނަމަވެސް އެކަން ދޮގުކުރާނެ ހިތްވަރެއް ނުލިބުނެވެ. ޒީކް އެނޫން ގޮތަކަށް އެ ވާހަކަތައް ބައްޓަންކޮށްފިނަމަ އެ މައްސަލާގައި މޯނާ ހައްޔަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަނިޔާ ލިބުނުކަމުގެ ހެތްކެއް ޒީކްގެ ހަށިގަނޑުން ނުފެންނައިރު މޯނާއަށް އިތުބާރު ކުރާނީ ވެސް ވަކި ކާކު ހެއްޔެވެ؟

ރުހާމް ގެޔަށް އައީ ބަތް ޕާރުސަލް ހިފައިގެންނެވެ. ޒީކްއާއެކު ބަދިގެ ފަރާތަށް ދަމުން ސޯފާގައި އިން މޯނާއަށް ރުހާމް ބަލާލިއެވެ. ޓީވީއަށް ނަޒަރު ސީދާކޮށްގެން އިނަސް އޭނާގެ ހިޔާލު އެހެން ދިމާއެއްގައި އެނބުރެމުން ދާކަން ރުހާމަށް އެނގުނެވެ. މޯނާއަށް ގޮވައިލުމާއެކު ސިހުނެވެ. އެމީހުންނާއެކު ކާން އައުމަށް ރުހާމް އެދުނެވެ. މޯނާ އެކަމުން މަނާވެގަތީ ބޮލުގައި ރިއްސަނީކަމުގައި ބުނެއެވެ. ޒީކްގެ ސަބަބުން އޭނާގެ ޠަބީޢަތު ވަނީ ގޯސްވެފައެވެ. ނިދާލުމުގެ ބަހަނާ ދައްކާފައި މޯނާ ކޮޓަރިއަށް ދިޔައީ ޒީކް ފެންނަ ހިސާބުގައި ނުހުންނަން ވެގެންނެވެ.

"ހާދަހާ ބައިވަރެކޭ ތި ގެނައީ. މި ހުސްވާނެތަ؟" ޒީކް ޕާރުސަލް ތަށިތައް މޭޒުމަތީގައި އަތުރަމުން ބުނެލިއެވެ.

"ތީ މަށަށް އެކަންޏެއްނޫނޭ." ރުހާމް ގޮނޑިއެއް ދަމާލައިފައި މޭޒު ކައިރީގައި އިށީނެވެ. މިގޭ އެންމެނަށް ގެނައީ. އެކަމު ދެން ތި ހުސްކުރަން ޖެހޭނީ އަހަރުމެން ދެމީހުން."

ޕާރުސަލް ތަށިތަކުގެ މަތި ނެގުމާއެކު ބިރިޔާނީ ވަހުން މުޅިތަން އެއްވަސްވިއެވެ. އެއީ ޒީކަށް އެންމެ މީރުކާނާއެވެ. އެ ވަސް ޖެހުނަސް ޒީކް ކުޅުދިޔާވެއެވެ. ނަމަވެސް މިއަދު އެ ވަސް ޖެހުމާއެކު ޒީކްގެ މޫނަށް ހީވީ ކުނި ބިހެއް ތަޅައިލި ހެންނެވެ. މޭނުބާ ކުރާ ގޮތްވިއެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟

"ނޭފަތްމަތީ އަތްއަޅައިގެން ތި ހުންނަނީ ކީއްވެގެންތަ؟ ކޮޅަށް ނުހުރެ އިށިނދެބަލަ!" ޒީކަށް ނިތްއަރުވާލަމުން ރުހާމް ބުނެލިއެވެ.

"އަޅުގަނޑު މިހުރީ ކައިގެން. ކޯސްޓްގާޑް މީހުން ކާންދިން." ޒީކް ދޮގެއް ހެދިއެވެ. "އެބަ އަންނަން ފާހާނާއަށް ގޮސްލައިފަ." ޒީކް ދުއްވައިގަތީ ކޮޓަރިއާއި ދިމާއަށެވެ.

"ދެން މި ޖެހުނީ މަށަކަންނު މި ހުސްކުރަން." ޒީކް ނުކުމެގެން ދިޔުމާއެކު ރުހާމް އަމިއްލަ ނަފުސަށް ބުނެލިއެވެ.

***1999 ވަނަ އަހަރު***

މޯނާމެންގެ ވާހަކަ އަޑުއިވުމުން ވެސް ޒިޔާދުއާ އިންނަން މުސްކާން އެއްބަސްވާނެ ކަމަކަށް ރުހާމް ހިޔެއް ނުކުރެއެވެ. އޭނާދެކެ ކިތަންމެ ރުޅިއައި ނަމަވެސް އެހާ އަވަހަށް އެވަރުގެ ބޮޑު ނިންމުމެއް މުސްކާން ނުނިންމާނެކަމުގެ ޔަޤީންކަން އޮތެވެ. އެ ކާވެނީގެ ޚަބަރުގެ ތެދުކަން ރުހާމަށް ކަށަވަރު ކުރެވުނީ މުޅި ރަށުތެރޭގައި އެ ހަބަރު ފެތުރެން ފެށުމުންނެވެ. ރުހާމް ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. އަބަދުގެ އަބަދަށް މުސްކާން އޭނާގެ އަތުން ބީވެގެން ހިނގައިދާނެކަމުގެ އިޙްސާސް ކުރެވުމުން ފެންކަޅިވެ ރޮވޭ ގޮތްވިއެވެ. ބައެއްގެ ރޭވުމުން އޭނާގެ ދިރިއުޅުން ޖަހަންނަމައަކަށް ހަދައިފިއެވެ. ކާވެނީގެ ކުރިން މުސްކާންގެ ކަންފަތާ ހަމައަށް އެ ހަޤީޤަތް ފޯރުކޮށް ދިނުމަށް ރުހާމް ބޭނުންވިއެވެ.

މުސްކާން ގެއަށް ގޮސްގެން ރުހާމަށް މުސްކާންއާ ބައްދަލުކުރެވޭ ގޮތެއް ނުވިއެވެ. ދެފަހަރަކު ހޯދަން ދިޔުމުން ޒިޔާދު ނުކުމެ އިންޒާރު ދިނެވެ. ޒިޔާދުއާއި މޯނާ ގުޅިގެން މުސްކާނަށް ދިން ލަނޑުގެ ހަޤީޤަތް އެނގޭކަމުގައި ބުނެ ސާބިތުކަމާއެކު ރުހާމް ދިން ޖަވާބުގެ ސަބަބުން ޒިޔާދު ހާސްވިއެވެ. އެ ހަޤީޤަތް ފަޅާއަރުވާލާނެކަމުގެ އިންޒާރު ދީފައި ރުހާމް ދިޔައީ ޒިޔާދުގެ ނުތަނަވަސްކަން އިތުރުކޮށްފައެވެ.

ގެއިން މުސްކާންއާ ބައްދަލު ނުވާނެކަން ޔަޤީންވުމުން، މިސްކިތް ދޮށަށް ފެންބަލާދާ ގަޑިއަށް ރުހާމް ފާރަލިއެވެ. މުސްކާނަށް ބަނޑިޔާ ކިހިލި ޖަހައިގެން މިސްކިތު ގޯތި ތެރެއިން ނުކުމެވުނީ ރުހާމްގެ ކުރިމައްޗަށެވެ. ރުހާމް ފެނުމުން މުސްކާން ހިތުގައި ޖެހުނެވެ. އެ ލޮބުވެތި މޫނުގައި އެއްވެސް ދިރުމެއް ނެތެވެ. ދެލޮލުން ވެސް ފެނުނީ މާޔޫސްކަމެވެ.

"މުސްކާން ކުޑަކޮށް ވެސް މަދެކެ ލޯބި ނުވަނީތަ؟" ރުހާމް އަޑުގައިވި ހިތްދަތިކަމާއި މާޔޫސްކަން މުސްކާންގެ ހިތުގެ އެންމެ ފުންމިނަށް ފޯރިއެވެ. މުސްކާން ފެންކަޅިވާން އުޅުނެވެ. ނަމަވެސް އޭނާގެ ހިތަށް ވިސްނައިދިނެވެ. ރުހާމްގެ ބޭވަފާތެރިކަން ހަނދާނުން ނައްތައިލައިގެން ނުވާނެއެވެ. އޭނާ ހިތްވަރުކޮށްފައި ކުރިޔަށް ހިނގައިގަތީ އިސްޖަހައިގެން ހުރެއެވެ.

"މި ދައްކާ ވާހަކަ އަޑު އަހާބަލަ." ރުހާމް ބުނި އަޑު އިވުނެވެ. މުސްކާން މަޑު ޖެހިލިއެވެ.

"ޒިޔާދުގެ ބޮލުގައި ތި އަޅުވަން އުޅޭ ތުޙުމަތު އަހަންނަށް އެނގޭ." މުސްކާން އެއްވެސް އަސަރެއް ނެތް ގޮތަށް ބުނެލިއެވެ. ރުހާމަށް ލިބުނު ކުޑަ އުންމީދު ވެސް ފުނޑުފުނޑުވެގެން ދިޔައެވެ. އޭނާގެ ދެލޮލަށް ބާރުވެގެން އައީ މުސްކާން އޭނާއަށް އިތުބާރު ނުކުރާނެކަން އެނގުމުންނެވެ. ޒިޔާދު އެވަނީ މުސްކާން ބޮލަށް ރަނގަޅަށް ހުތްއަޅައިފައެވެ.

"މުސްކާން ކުޑަކޮށް ވެސް މަށަށް އިތުބާރެއް ނުކުރަންތަ؟" ރުހާމް އެހިއެވެ. "މަ ދުވަހަކު ވެސް މުސްކާނަށް ދޮގެއް ހަދާފައި އޮތީތަ؟ މަށަށް ދުވަހަކު މާފު ނުކުރިޔަސް، މަދެކެ ރުޅި އައިސްގެން ގޮސް މުސްކާންގެ ދިރިއުޅުން އަނދަވަޅަކަށް ވައްޓައިނުލާ. ހެޔޮނުވާނެ. މަ ދުވަހަކު ވެސް މުސްކާނަކަށް ދޮގެއް ނުހަދަން. މަށަށް މި ލިބުނު ލަނޑަކީ މޯނާއާއި ޒިޔާދު ރާވައިގެން މަށަށް ދިން ލަނޑެއް. ޒިޔާދަކީ މަކަރުވެރިޔެއް. އޭނާއާ ކާވެނި ނުކުރޭ."

"ރުހާމް ދޮގެއް ނުހަދާނެކަމަށް މަ ކިހިނެއް ޤަބޫލުކުރާނީ." މުސްކާންގެ ޖަވާބު އައީ ކުޑަ ހިނދުކޮޅެއްގެ ހިމޭންކަމަށް ފަހުގައެވެ.

"މުސްކާނަށް އަދިވެސް މަ ދަހެއްނުވޭތަ؟ މަ ކޮށްފާނެ ކަންކަމާއި ނުކުރާނެ ކަންތައް މުސްކާނަށް އެނގޭނެ." ރުހާމް ގޮސް މުސްކާންގެ ކުރިމަތީގައި ހުއްޓުނެވެ.

"ރަނގަޅު ވާހަކައެއް." މުސްކާން އިސް އުފުލާލިއެވެ. އެ ދެލޮލުގައި ވަނީ ރިހުމެވެ. ލޮލުގައިވާ ކަރުނަތައް ފޮރުވަން މަސައްކަތް ކުރަމުން މުސްކާން ވާހަކަ ކުރިޔަށް ގެންދިޔައެވެ. "އަހަރެންނަށް ރުހާމް ދަހެއްނުވި. ބޭވަފާތެރި ނުވާނެކަމަށް ވެސް ހީކުރެވުނު. އެކަން ވެސް ރުހާމް ކޮށްފި. އަހަރެންނަށް ރުހާމް ބޭނުންވާ ކަންކަން ނުކޮށްދެވޭތީ ފޫހިވީ ކަންނޭގެ."

"ތިހެން ނުބުނޭ." ރުހާމްގެ އަޑުގައިވަނީ އާދޭހެވެ. "މަ ވަރަށް ލޯބިވޭ އަދިވެސް. މަށަށް ކުރެވުނީ ކުށެށް. ވަރަށް ބޮޑުކުށެށް. އެކަމަކު މަށަކީ ވެސް އިންސާނެއް. ކުށްކުރެވޭނީ ވެސް އިންސާނުންނަށް. އެއްފަހަރެއްކަމަށް މަށަށް މާފުކުރޭ." ސަލާންޖަހައިގެން ވިޔަސް ރުހާމް ބޭނުންވަނީ ދެވަނަ ފަހަރަށް މުސްކާން ޙާޞިލް ކުރާށެވެ. ދެފައިގައި ހިފައި އާދޭސްކޮށްގެން ވިޔަސްމެއެވެ.

"ކުށްކުރެވޭނީ އިންސާނުންނަށް. އެކަމަކު ގަސްތުގައި އެކުށް ތަކުރާރުކުރާނީ ވަހުޝީކަން ބޮލަށް އަރައިފައި ތިބޭ ހައިވާނުން. އަދި ތިމާއަކީ ކުށްވެރިއެއްނޫންކަން އަންގަން އެހެން ބައެއްގެ ބޮލުގައި ތުޙުމަތު އަޅުވާނީ ބޮޑެތި ފިނޑިން." މުސްކާން ދެފަޔަށް ލެވުނާހާ ބާރެއްލައިފައި ހިނގައިގަތެވެ. ދުވަހެއްގެ ކޮޅުން ވެސް ފަސްއެނބުރި ނުބެލުމަށް އަޒުމް ކަނޑައަޅައިގެންނެވެ. ރުހާމް ގޮވުމުން ވެސް ފަހަތަށް އެނބުރި ބަލައިވެސް ނުލިއެވެ. ރުހާމުގެ މުޅި ދުނިޔެ ބަނަވި ކަހަލައެވެ. ކަތިވަޅި ގެއްލި މަރިޔަނބުވެސް ގެއްލުނީއެވެ. ކުރި އާދޭހަށް މުސްކާން ދިނީ ބީރު ކަންފަތެކެވެ. ރުހާމުގެ ބޮލުގައި ބާރަށް ހިފަހައްޓައިލެވުނެވެ. ހަތަރުއުދަރެސް ފެނުޖެހިފައިވާ މީހެއް ފަދައިން ރުހާމަށް ހުރެވުނީ، މުސްކާން ދިޔަ މަގަށް ބަލަހައްޓައިގެންނެވެ. އޭރު ލޮލުގައިވާ ކަރުނަތައް ހިފެހެއްޓުމެއްނެތި އޮހެމުން ދިޔައެވެ.

***2019 ވަނަ އަހަރު***

ޒީކް ފާހާނާއަށް ދިޔުމުގެ ބަހަނާ ދައްކާފައި ކޮޓަރިއަށް ދިޔަ ގޮތަށް ހަބަރެއް ނުވިއެވެ. ރުހާމް ކައި ނިމިގެން ވެސް ޒީކަށް އިންތިޒާރުކުރިއެވެ. ޓީވީ އަޅުވައިގެން ފޫހިވެފައި އެތައް އިރަކު އިނެވެ. އެންމެފަހުން ނިދި އަންނަ ގޮތްވުމުން ޓީވީ ނިވާލިއިރު ގަޑިން 12 ޖަހައިފިއެވެ. ރުހާމް ކޮޓަރިއަށް ވަނުމުގެ ކުރިން ޒީކް ދެކިލާ ހިތްވިއެވެ. ޒީކް ކޮޓަރީގެ ދޮރުގައި ޓަކި ދިނުމާއެކު އެ ދޮރު ހުޅުވާލިއެވެ. ޒީކް އޭނާގެ އިންތިޒާރުގައި ދޮރު ބުޑުގައި ހުރި ކަހަލައެވެ.

"ކިހިނެއްވީ؟" ޒީކް ފުޅާ ހިނިތުންވުމެއް ދިނެވެ.

"ކީއްކުރަނީ؟" ރުހާމްވެސް ރައްދުގައި ލުއި ހިނިތުންވުމެއް ދިނެވެ. "ޒީ އަންނާނެކަމަށް ތިރީގައި އިނދެފައި މިއައީ."

"މި ދޮރުގައި ޓަކި ޖަހާތޯ އަހަރެން މިހުންނަނީ." ޒީކްގެ ޖަވާބު ވަގުތުން އަޔެވެ. "އަހަންނަށް އިނގޭ ހާމް އަހަރެން ހޯދަން އަންނާނެކަން."

ރުހާމްގެ މެޔަށް ފިނިވެގެން އަޔެވެ. ޒީކް އޭނާއަށް މުޚާތަބުކުރާއިރު އަބަދުވެސް ބޭނުންކުރާނީ "ހާމްބެ" އެވެ. ބަދަލުގައި "ހާމް" ބޭނުންކުރުމުން އެދެމެދުގައި މިހާރު އެއޮތީ ތަފާތު ގުޅުމެއްކަން ރުހާމަށް ނަގައިގަނެވުނެވެ. އެ ގުޅުމަށް ޒީކް ނަމެއް ވެސް ދިނީ ހެއްޔެވެ؟

"ކިހިނެއް އެނގުނީ؟" ރުހާމް ޝައުޤުވެރިވިއެވެ.

"ހަމަ އެނގުނީ." ޒީކް ތުއިވެލިއެވެ. "ނިދުމުގެ ކުރިން އަންނާނެކަން އެނގުނީ"

"އާނ! ޒީގެ ޚަބަރެއް ނުވީމަ ބަލާލީ! މިދަނީ ނިދަން. ގުޑު ނައިޓު." ރުހާމްގެ ހިތަށް ލިބުނު އުފާވެރިކަން އެ ދެލޮލުން ވަރަށް ސާފުކޮށް ޒީކަށް ފެނުނެވެ.

"ގުޑު ނައިޓް." ޒީކް ކައިރިއަށް ޖެހިލައި ރުހާމްގެ ކޯތާފަތުގައި ތުންފަތް ޖައްސައިލިއެވެ. ރުހާމްގެ ގައިން ހީބިހި ނަގައިގަތެވެ. ސިހިފައި ބަލާލިއިރު ޒީކް ކޮޓަރީގެ ދޮރު ލައްޕައިފިއެވެ. ޒީކްގެ ޖެހިލުންކުޑަކަން ފެނިފައި ރުހާމް އާޝޯޚުވިއެވެ. އޭނާ އަތް އުފުލާލަމުން ކޯތާފަތުގައި ޖައްސައިލީ ހިނި އައިސްފައި ހުރެއެވެ.

ރުހާމަށް ނިދުނީ ޒީކުގެ ފޮނިފޮނި ޚިޔާލުތަކުގައި އޮއްވައެވެ. އެރޭ ވެގެންދިޔައީ އޭނާއަށް ހިތްހަމަޖެހިގެން ނިދާލެވުނު ރެއަކަށެވެ. އެޔާޚިލާފަށް މޯނާގެ ދެލޮލުގައި ނިދީގެ ކަންފުޅެއް ވެސް ނުވެއެވެ. އޭނާ މުޅިރޭ ހޭދަކުރީ ފިކުރުކުރުމުގައެވެ. ވިސްނާވިސްނާ ވެސް ޒީކް ސަލާމަތްވާން މެދުވެރިވި ސަބަބެއް ނުވިސްނުނެވެ. އެ ހަށިގަނޑުގައި ލަކުނެއް ވެސް ނެތުންވެގެންދިޔައީ، މުއުޖިޒާތެއް ކަހަލަ ކަމަކަށެވެ. ނޫނީ ޒީކަށް ހަމަލާދިން މަންޒަރު އެއީ އޭނާގެ ސިކުނޑީގައި ކުރެހުނު ތަސްވީރެއް ހެއްޔެވެ؟ އެ ސުވާލު ވެސް ފުރަތަމަ ފަހަރަށް އޭނާގެ ހިތުގައި އުފެދުނެވެ. އަމިއްލަ ނަފުސަށް އޮތް ޔަޤީންކަމާމެދު ޝައްކު އުފެދުނީ ދެނެވެ.

މެންދަމުން އަލިވެ 03 ޖެހިފަހުން މޯނާގެ ފޯނު ސުކުރީން ދިއްލުނުތަން ފެނުނެވެ. ބަލާލިއިރު ވައިބަރ މެދުވެރިކޮށް އައިސްފައި އޮތީ މެސެޖެކެވެ. މެސެޖު ކިޔާލުމަށްފަހު މޯނާ ބަލައިލީ ރުހާމަށެވެ. ރުހާމް ނިދާފައި އޮތްކަން ޔަޤީންވުމުން މޯނާ ނުކުތީ ބޭރަށެވެ.

މޯނާ ގޮސް ބޭރުދޮރު ހުޅުވައިލީ ބިރުން ހުރެއެވެ. މޯނާގެ އިންތިޒާރުގައި ބޭރުގައި ހުރި މާޒިން އެތެރެއަށް ދެމިގަތެވެ. ދޮރުފަތް ލައްޕައިލިއެވެ.

"ކަލެޔަށް މިނޫން ރެޔަކު އަންނަން ނޭނގުނީތަ؟" މޯނާ ނުރުހިފައި ބުނެލިއެވެ.

"ހަނދާންވާތީ." މާޒިން ޖެހުނީ މޯނާއާ ގާތަށެވެ. "ދެންމެ މާލެ މިއާދެވުނީ. ގެއަށް ވެސް ނުގޮސް މިއައީ ހަމަ މޯނާ ގާތަށް. ފިރިސޮރު ނިދީތަ؟"

މާޒިން، މޯނާގެ އުނަގަނޑުގައި ހިފައިލިއެވެ. މޯނާގެ ހަށިގަނޑުގައި ބީހިލިއެވެ. އޭނާގެ ދެލޮލުގައި ވަނީ މަސްތެވެ.

"ޒީކް މަރެއްނުވޭ. އޭނާ އެނބުރި އަތުވެއްޖެ." މޯނާ ދަތްވިކާލަމުން މާޒިން ދުރަށް ކޮށްޕައިލިއެވެ. "ކަލޭ މާ ހަމަޖެހިގެން ތިއުޅެނީ އެކަން ނޭނގެނީތަ؟"

"އެއީ މައްސަލައެއް ނޫނެއްނު." މާޒިންއަށް އެކަން މާ ބޮޑުކަމަކަށް ނުވިއެވެ.

"ކަލެޔަކަށް ނުވާނޭ މައްސަލައަކަށް." މޯނާ ގާތަށް ރުޅިއައެވެ. "ހުރިހާ ދުއްޕާނެއް ޖެހޭނީ މަށަށޭ. މަގޭ ދިރިއުޅުމޭ ހަލާކުވެގެންދާނީ. ފުރަތަމަ ވެސް ބުނިން އޭނަ މަރުވަންޖެހޭނޭ." މޯނާ އަށް ދަތްކުނޑި ވިކާލެވުނެވެ.

"މޯނާ ބުނިގޮތަށް ހުރިހާ ކަމެއް ވެސް ކުރީ. އޭނަ ސަލާމަތްވުން އެއީ އޭނާގެ ނަސީބު." މާޒިން އެގެއަށް އައި ބޭނުން ނުފުދޭނެހެން ހީވުމުން ނުތަނަވަސްވިއެވެ.

"އޭނަ ކަރުގަ ލަކުނެއް ނެތުން އެއީ ނަސީބެއްނޫން. އެއީ ކަލޭ މަގޭ ލޮލުގައި އެޅުވި އަނދުނެއް." ކުއްލިއަކަށް މުޅި ގެއިން ކަރަންޓް ދިޔައެވެ. މުޅި ފެންޑާ ތެރެއަށް އަނދިރިކަން ފެތުރުނެވެ.

"ރައްކާވޭ މިގެއިން." މޯނާ ދޮރު ހުޅުވާފައި މާޒިން ބުރަކަށީގައި އަޅާ ބޭރަށް ކޮށްޕައިލިއެވެ.

ފެންޑާ ތެރޭގައި ރަސްކަންކުރަމުން ދިޔަ އަނދިރިކަމުގެ ސަބަބުން މޯނާ ސިޑިއާ ދިމާއަށް ދިޔައީ ލަސްލަހުންނެވެ. ކުއްލިއަކަށް މީހަކު އޭނާ ހުރަސްކުރިހެން ހީވިއެވެ. ފިނި ވައިރޯޅިއެއް ޖެހުނުހެން ވެސް ހީވިއެވެ. އޭނާއަށް ކުއްލި ސިހުމެއް ލިބުނު ނަމަވެސް، އެއީ ހީވި ގޮތަކަށް ނިންމައިފައި ސިޑިން އެރީ ރުހާމަށް ގޮވަމުންނެވެ. ސިޑީގެ އެންމެ މަތީ ހަރުފަތާ ހަމައަށް ދެވުނު ތަނާ ކޮންމެވެސް މީހަކު ކުރިމައްޗަށް އެރިއެވެ. ކަނު އަނދިރީގެ ސަބަބުން އެމީހެއްގެ ސޫރައެއް ނުފެނެއެވެ. އެ ގެއަކީ މާ ގިނަ މީހުންތަކެއް ދިރިއުޅޭ ގެއެއް ނޫނެވެ.

"ކާކު؟ ޒީކްތަ؟" މޯނާ އެހިއެވެ.

އެމީހާ ކުރިޔަށް ޖެހިލައި މޯނާގެ ދެކޮނޑުގައި އަތްޖައްސައިލިއެވެ. އެއީ ޒީކްކަން މޯނާ ޔަޤީންކުރީ އެ އަތްތިލަ ކުޑަކަން އިޙްސާސްވުމުންނެވެ.

"މުޅި ވިލިނގިލިން ކަރަން." މޯނާއަށް ބުނެވުނީ އެހިސާބަށެވެ. ކުއްލިއަކަށް ޒީކް އަތުގައި ހުރި ބާރެއްލާފައި މޯނާ ފަހަތަށް ކޮއްޕައިލިއެވެ. އެފަދަ ހަމަލާއެއް އަތުވެދާނެކަމަށް ނުވިސްނާ ހުރުމުން ލިބުނު ސިހުމާއެކު މޯނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފައި ކައްސައިލިއެވެ. ރެއިލިންގ ގައި ހިފާލެވުންކަން އެއީ އޭނާގެ ނަސީބެވެ. ފައިކޮޅުން އެރި އައްސިގަނޑު ސިކުނޑިއާ ހަމައަށް ފޯރިއެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލަމުން ހަށިގަނޑު ކުޑަކޮށް ތެދުކޮށްލިއެވެ. އެނބުރުނުއިރު ޒީކް ކުރިން ވެސް ހުރި ހިސާބުގައި ހުއްޓެވެ.

"ކަލޭ މޮޔަވީތަ؟" މޯނާ ހަޅޭލަވައިގަތެވެ. ޒީކް ވާހަކައެއް ނުދައްކައެވެ. ކުއްލިއަކަށް މޯނާގެ އަތްތިލައިން ތޫނު ތަދެއް އިޙްސާސްކުރެވުނެވެ. ހީވީ ތުނޑު ތޫނު ކަށްޓެއް ހަންގަނޑު ފޫދުއްވާލައިފައި، އަތުގެ ކަށިތައް ވެސް ތޮރުފައިލިހެންނެވެ. އެޅި ވޭނާ ތަދުގެ ސަބަބުން އޭނާއަށް ރެއިލިންގ އިން އަތް ދޫކޮށްލެވުނީ ވިސްނާލުމެއް ނެތިއެވެ. ޒީކްގެ ދެވަނަ ހަމަލާ އަމާޒުވީ އެ ދަނޑިވަޅުގައެވެ. މިފަހަރު މޯނާއަށް ސަލާމަތްވާކަށް ފުރުޞަތެއް ނުލިބުނެވެ. މޯނާ ފަހަތަށް އެއްލިގެން ދިޔައެވެ. އެ ހަށިގަނޑު ކޮންޓްރޯލް ނުކުރެވި ކައްސާލިއެވެ. މޯނާގެ ތޫލި ހަޅޭކު އަޑު މުޅި ގޭތެރޭގައި ގުގުމާލިއެވެ. އެ އަޑު ކެނޑިގެން ދިޔައީ ސިޑީގެ ހަރުފަތްތަކުގެ މަތީގައި ފުރޮޅެމުން ގޮސް ސިޑީގެ އެންމެ ތިރިއަށް ވެއްޓި ޖެހުނު އަޑާއެކުއެވެ.

(ނުނިމޭ)

* ތޭރަވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ!
* "ޒީރު" ކޮންމެ ދުވަހެއްގައި!