ބާބު 13 – ބޭޒާރު

މޯނާ ތިރިއަށް ވެއްޓި އުއްޑުން ޖެހުނުއިރު މޫނުން ކުދި ކޮކާ ބުރައެވެ. މުޅި ދުނިޔެވެސް އޭނާއާއެކު އެނބުރެމުންދާހެން ހީވިއެވެ. އޭނާއަށް ވާނުވާ ނޭނގި ދެލޯ މެރެމުން ގޮސް ހޭދެބައިވިއެވެ.

މޯނާ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އޭރުވެސް ފެންޑާގައި ވަނީ ކަނު އަނދިރިކަމެވެ. އޭނާ ބޮލަށް އެރި އެނބުރުންގަނޑުގެ ރިހުން މުޅި ބޮލު ތެރެއަށް ފެތުރިފައި ހުއްޓެވެ. ދެލޯ މަރާ ތަގުޅިކޮށްލަމުން އަތް ހިއްލާލުމަށް ކުރި މަސައްކަތްވީ ބޭކާރެވެ. އަތް ގުޑުވައި ވެސް ނުލެވުނެވެ. އަތުގެ ކަށިތައް މުގުރިފައިވާ ކަހަލައެވެ. އަތުގައި އަޅަމުންދިޔަ ވޭނާއި ތަދުން ދެލޮލުން ކަރުނަ ހިލުވާލިއެވެ. އެ ވޭނާއި ތަދު އޭނާގެ މުޅި ހަށިގަނޑުގެ ކޮންމެ ގުނަވަނަކުން ވެސް އިޙްސާސްވަމުންދާކަން އެނގުނީ އިރުކޮޅެއް ފަހުންނެވެ. އަތެއް ފަޔެއް ގުޑުވައިލާނެ ހިތްވަރު ނުލިބިފައި އޭނާއަށް ޖެހުނީ އޮންނާށެވެ. ރުހާމަށް ގޮވާލަން ބޭނުންވި ނަމަވެސް އޭނާގެ އަނގައިން ހަމައެކަނި ބޭރުވީ ވޭނީ އާޚްގެ އަޑެވެ.

ކުއްލިއަކަށް މޯނާގެ ކަންފަތް ބުޑުން ވައި އަޑެއް އިވުނެވެ. އެމީހަކު ކޮންމެވެސް އެއްޗެއް ބުންޏެވެ. އަޑު ސާފެއް ނުވިއެވެ. ނަމަވެސް އެއީ އަންހެން އަޑެއްކަން ޔަޤީންވިއެވެ. އޭނާއަށް ޒީކްގެ ފަރާތުން ލިބުނު އަނިޔާ ހަނދާނަށް އައީ ދެނެވެ. އެޔާއެކު ލޭ ހޫނުވާން ފެށިއެވެ.

"ކަލޭ. މަގެ އަތު މަ މަރުވާނެ." މޯނާއަށް އެހެންބުނެވުނީ ވެސް ވަރަށް އުނދަގުލުންނެވެ.

"ކަލޭ މަރުވާނީ މަ އަތުން." ވައިއަޑުން އެމީހަކު ރައްދު ދިނެވެ. "މިރޭ މިވަގުތު. ކަލޭ ތީ އިންސާނެއްތަ؟ ކަލޭ ހިތްހަމަނުޖެހޭ ރުޅިއަންނަ މީހުންނަށް ދުއްތުރާކުރަމުން ތި ދުވަނީ. ތީ އިންސާނަކަށް ވެސް ނުކިޔާނެ. ޖަނަވާރެއްތީ؟ ޖަނަވާރުން ވެސް ކާންދޭމީހާ ދަންނާނެ! ކަލެޔަށް އެވަރުވެސް ނުވޭ! ހިތްހެޔޮކަމާއެކު އަނގައިން ބުނާ މީހުންނަށް ވެސް ކަލޭ ހަދަނީ ހަދާނެ ގޮތެއް. އެހެންވެގެން ތިކަހަލަ މީހުންނަށް ހައްޤު ސަޒާ ދޭން މަ މިއައީ."

މޯނާއަށް އެ ވާހަކަތަކުން ފަހުމުވީ ކުޑަ މިންވަރެކެވެ. ސާފުކޮށް އިވުނީ ވެސް ބައެއް ބަސްތަކެވެ. ކުއްލިއަކަށް އޭނާގެ ކަރުދަށަށް ތޫނު ތަދެއް އިޙްސާސްވިއެވެ. ކަރުބުޑުން ހަންދާވަރަށް ހަޅޭލަވައިގަންނާނެ ހިތްވަރު ލިބިގެން ދިޔައީ އެވަގުތެވެ. އެމީހަކު ސިހިފައި ދުރަށް ޖެހިލިކަން އެނގުނެވެ. ދެން އިވުނީ އޭނާއާ ދުރަށް ފިޔަވަޅު ނަގަމުން ދުވެފައިދާ އަޑެވެ. ބޭރު ދޮރު ހުޅުވައިލިކަން އެނގުނީ ފެންޑާތެރެއަށް ފޭދުނު ފަނޑު އަލިކަމުގެ ސަބަބުންނެވެ. ދެން އެ ދޮރު ނިކަން ބާރަށް ލެއްޕި އަޑު އިވުނެވެ. މުޅި ގޭތެރެ އަލިވެގެން ދިޔައީ އޭގެ ފަސްވަރަކަށް މިނެޓު ފަހުންނެވެ.

މޯނާގެ ހަޅޭކުގެ އަޑަށް ރުހާމަށް ސިހިފައި ހޭލެވުމާއެކު އޭނާ އަވަސްވެގަތީ އަލިކަމެއް ހޯދާށެވެ. އެ ހިސާބުގަނޑުގެ ގެތަކުން އަލިކަން ފެނުމުން، ކަރަންޓު ގޮސްގެން އުޅެނީ ހަމައެކަނި އެ ގެއިންކަން އެނގުނެވެ. ފޯނު ފުލެޝް ލައިޓުގެ އެހީގައި ކޮޓަރިން ނުކުމެ، އެންމެ ފުރަތަމަ ވެސް އޭނާ ނެގީ ވެއްޓިފައިވާ ބުރޭކަރެވެ. ރުހާމް ސިޑިއާ ދިމާއަށް ދިޔައިރު ޒީކް ވެސް ކޮޓަރިން ނުކުމެގެން އައިސް ރުހާމްގެ ފަހަތުން ހުއްޓެނީއެވެ. ތިރީގައި ހިރިނުލެވިފައި އޮތް މޯނާ ފެނުނީ ދެމީހުންނަށް އެކުގައި ކަހަލަ ގޮތަކަށެވެ.

"މޯނާ..." ރުހާމް ނިކަން ބާރަށް ސިޑީގެ ހަރުފަތްތައް ގިރާކުރުމަށްފަހު ފައިބައިގެން ދިޔައެވެ.

"ކިހިނެއްވީ؟ ވެއްޓުނީތަ؟" ރުހާމް ދެކަކޫ ޖައްސައިލަމުން މޯނާގެ ކަނދުރާދަށަށް އަތް ލައްވައި ތެދުކުރުމަށް މަސައްކަތްކުރިއެވެ. ޒީކް އައިސް ހިފައިލީ މޯނާގެ އަތުގައެވެ. މޯނާއަށް ދެލޯ މަރާ ބާރުކޮށްލަމުން ހަޅޭލަވައިގަނެވުނެވެ.

"އަތްނުލާ ތަދުވެޔޭ." ވޭނުން ފުރިފައިވާ އަޑަކުން މޯނާ ބުނެލިއެވެ.

މޯނާއަށް ލިބިފައިވާ އަނިޔާތައް ރުހާމަށް ވިސްނުނީ ދެނެވެ. މޯނާ ކުރިންވެސް އޮތް ގޮތަށް ބާއްވައި، އޭނާ އެންބިއުލޭންސަށް ގުޅީ އެއީ އެންމެ ބުއްދިވެރިގޮތްކަން ވިސްނުމުންނެވެ.

***1999 ވަނަ އަހަރު***

ޒިޔާދުގެ ބައްޕަ ކުއްލިގޮތަކަށް ނިޔާވުމުގެ ސަބަބުން މުސްކާންގެ ކާވެނި ފަސްކުރަން ޖެހުނެވެ. އެ ހިތާމަ ޒިޔާދުގެ އާއިލާ ކުރަމުން ދިޔައިރު ރުހާމް ހުރީ އުފަލުންނެވެ. ކާވެނި ފަސްވެގެން ދިޔައީތީއެވެ. ނަމަވެސް އެ ލިބުނު ވަގުތުގައި ވެސް މުސްކާނަށް ޒިޔާދުގެ ނުބައިކަން ވިސްނައެއް ނުދެވުނެވެ. މުސްކާން ހުރީ ރުހާމްގެ ވާހަކަތައް ވިސްނައިގަނެވޭ ވަރަށް ވުރެން ބޮޑަށް ސިކުނޑި ގާކޮށްގެންނެވެ.

"ޒިޔާދުގެ މަކަރުވެރިކަން މުސްކާނަށް އަދި ވިސްނޭނެ. މަށަށް އެ ފާފައަށް އަރައިގަނެވުނީ ކީއްވެގެންކަމާއި، މުސްކާންދެކެ ވަނީ ހަޤީޤީ ލޯބިކަން ވެސް އެނގޭނެ. އަހަރެން އެ ދުވަހަކަށް އިންތިޒާރު ކުރާނަން." ރުހާމް ފަހުގެ ނިންމުން މުސްކާނަށް އިއްވައިލިއެވެ. އޭގެ ފަހުން މުސްކާން ފެންނަ ހިސާބަށް ވެސް އޭނާ ނުދެއެވެ.

ޒިޔާދާއި މުސްކާންގެ ކާވެނި ކުރެވުނީ ޒިޔާދު ބައްޕަގެ މަރަށް ސާޅީސް ފުރުނު ފަހުންނެވެ. އެތައް ދުވަހެއްގެ އިންތިޒާރަށްފަހު ޒިޔާދުގެ މިލްކަކަށް މުސްކާން ވެގެން ދިޔައެވެ. ޒިޔާދު ހުރީ ނިކަން އުފަލުންނެވެ. ނަމަވެސް މުސްކާން އުފަލެއް ނުވެއެވެ. އޭނާގެ ނަފުސު ހިޞާރުކޮށްފައި ވަނީ ގޮތް ނޭނގޭ ނުތަނަވަސްކަމަކުންނެވެ. އޭނާގެ ދެލޮލުން ކަރުނަ ނައެއްކަމަކު ހިތް ދިޔައީ ގިސްލައި ރޮމުންނެވެ. އޭނާ ރުހާމަށްޓަކައި ރައްކާކުރި އިއްފަތްތެރިކަން ވެސް އެންމެފަހުން ޒިޔާދަށް ހަދިޔާ ކުރަންޖެހޭ ވަގުތު އައިސް ޖެހުނެވެ. ކާވެނީގެ ފުރަތަމަ ރެޔަށް މުސްކާންގެ ހިތް އަވަހެއް ނުވެއެވެ. އެހެނަސް އެ ހިތާ ދެކޮޅަށް ފިރިމީހާގެ ކޮންމެ އިޝާރާތަކަށް މުސްކާން ކިޔަމަންވިއެވެ. ދެ ޖިސްމު އެއް ޖިސްމަށްވެގެން ދިޔަ ވަގުތު މުސްކާންގެ ނިތްކުރިމަތިން ނޫކުލައިގެ ވިދުމެއް ފާޅުވިއެވެ. ކުރިން މުސްކާނަށް ލިބިފައި ނުވާ ބާރެއް ލިބިގެން ދިޔައީ އެވަގުތެވެ. އެކަމެއް ޒިޔާދަކަށް ނޭނގެއެވެ. ޒިޔާދު ހިތްފުރޭވަރަށް އުފާތައް ލިބިގަތުމަށްފަހު އެނދުގައި ޖައްސައިލިއިރު މުޅި މީހާ ވަނީ ގުނބު ހިލިފައެވެ.

"މިހާރު ކުރިޔަށްވުރެ ބޮޑަށް މުސްކާންދެކެ ލޯބި ވެވިއްޖެ." ޒިޔާދު މާނޭވާ ލަމުން ބުންޏެވެ.

ބިއްދޮށަށް އެނބުރިގެން އޮތް މުސްކާން އަނގަޔަކުން ނުބުނެއެވެ. މުއްކަވާލެވިފައިވާ އަތް އަނގަމަތީ ޖައްސައި ބާރުކޮށްލައިގެން އޮވެ މުސްކާން ދިޔައީ ގިސްލަމުންނެވެ. ދެލޮލުން ހިފެހެއްޓުމެއްނެތި އޮހެމުން ދިޔައީ ކަރުނައެވެ.

"މުސްކާން ރޮނީތަ؟" މުސްކާން ރޮމުންދާކަން އެނގުމުން ޒިޔާދު ގާތަށް ޖެހިލިއެވެ. މުސްކާންގެ ކޮނޑުގައި ހިފައި މަގަތަށް އަނބުރާލަން އުޅުނެވެ.

"މަގޭ ގައިގަ އަތްލައިގެން ނުވާނެ." މުސްކާން ނުރުހުމުގެ ރާގަކަށް ބުނެލީ ކޮނޑުގައި ބާއްވައި ލެވުނު ޒިޔާދުގެ އަތް ފޮޅުވައިލަމުންނެވެ.

"ކިހިނެއްވީ މުސްކާން؟" މުސްކާނަށް އައި ކުއްލި ބަދަލުގެ ސަބަބުން ޒިޔާދު އަޖައިބުވިއެވެ.

"ތީ ބޮޑު މަކަރުވެރިއެއް." މުސްކާންގެ އަޑުގައިވަނީ ނަފުރަތާއި ފޫހިކަމެވެ. "ކަލޭގެ ހުރިހާ ސިއްރެއް މަށަށް އެނގިއްޖެ. ތީ ކިހާބޮޑު މަކަރުވެރިއެއްކަން ވެސް މަށަށް އެނގިއްޖެ. މަށާ ރުހާމްއާ ދުރުކުރުވަން ކަލޭ ކުޅުނު ތަމްސީލާއި، ކަލެޔާއި މޯނާއާ ދެމީހުން ރޭވި ރޭވުން މަށަށް އެނގިއްޖެ."

"ކުރިންވެސް ބުނީމެއްނު އެއީ ރުހާމް ހަދަހަދައިގެން.." ޒިޔާދަށް ބުނެވުނީ އެ ހިސާބަށެވެ.

"އަދިވެސް އޮޅުވައިލަން މަސައްކަތް އެބަ ކުރޭނު." މުސްކާން އެނދުން ތެދުވަމުން ޒިޔާދުއާ ކުރިމަތިލިއެވެ. "މަށަށް ޒިޔާދުގެ ދިރިއުޅުމުގައި ހިނގާ ގޮސްފައިވާ ހުރިހާ ކަމެއް އެނގިއްޖެ. މަމީ އިންސާނެއް ނޫންކަން ޒިޔާދު ހަނދާން ނެތުނީތަ؟ މިރޭ ގުޅިލާމެހިގެން ދިޔައީ ހަމައެކަނި ދެ ހަށިގަނޑެއް ނޫން. ޒިޔާދުގެ ހުރިހާ ހަނދާނަކާއި ހުރިހާ ސިއްރުތަކެއް ވެސް މަށަށް އެނގިއްޖެ! އެހެންވީމަ ޒިޔާދު އިތުރަށް އޮޅުވައިލަން މަސައްކަތްނުކުރޭ."

ބުޅާ ގޯނިން ބޭރުވެއްޖެކަން ޒިޔާދަށް ވިސްނުނީ ދެނެވެ. މުސްކާނަށް އެފަދަ ބާރެއް ލިބިގެންދާނެކަމެއް ޒިޔާދަށް ކުރިން އެނގިފައެއް ނުވެއެވެ. އެހެނަސް އެއީ ތެދުކަން މުސްކާންގެ މޫނުގެ ކުލަވަރުން ވެސް ޔަޤީންވެއެވެ. ހިތާމައާއި ނަފުރަތުން ފުރިގެންވާ މުސްކާންގެ މޫނަށް ބަލަހައްޓައިގެން ޒިޔާދަށް އިނދެވުނީއެވެ. ފޮނި އުންމީދާއެކު ފެށުނު ޒަވާޖީ ހަޔާތުގައި ސިއްކަ ޖެހިދާނެކަމުގެ ބިރުވެސް އޭނާގެ ހިތުގައި އަށަގަތެވެ.

***2019 ވަނަ އަހަރު***

މޯނާ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދޭ ބަޔަށް ވެއްދުނެވެ. އެނދުމަތިކޮށް އޭނާއަށް ލިބިފައިވާ ގެއްލުންތައް ތަހުލީލު ކުރަން ފެށުނެވެ. އެކްސް-ރޭ ނެގުމުން އެނގުނީ އެއް އަތުގެ ކަށިގަނޑުގައި ރެނދުލާފައިވާ ކަމެވެ. އަނެއް އަތުގެ އުޅަނބޮށި އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ހަށިގަނޑުގެ އެކި ހިސާބުން ހަން ގޮސް ކުދިކުދި އަނިޔާވެފައި ހުރި ނަމަވެސް ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެހެނަސް އޭނާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކުޑަވެސް ލުޔެއް ނުލިބެއެވެ. ހަށިގަނޑުގައި ނުރިއްސާ އެންމެ ތަންކޮޅެއް ނުވެއެވެ. އެ ކަމަށް ލުޔެއް ލިބިގެން ދިޔައީ ނަރުސް ކުއްޖަކު ޖެހި އިންޖެކްޝަނަށް ފަހުއެވެ.

މޯނާއާ ބައްދަލުކުރުމުގެ ހުއްދަ ލިބުމާއެކު ރުހާމް އެތެރެއަށް ވަނެވެ. ރުހާމްގެ ފަހަތުން ވަން ޒީކް ފެނުމާއެކު މޯނާގެ މޫނުމަތި ބަނަވެގެން ދިޔަތަން ރުހާމަށް ފެނުނެވެ.

"ކަލޭ މިތަނަށް ތިވަނީ ކީއްކުރަން؟" ރުހާމަށް އެއްޗެއް ނުބުނެވެނީސް މޯނާ ފަށައިގަތެވެ. "ތި އައީ މަށަށް ދެވުނު އަނިޔާ ހަމަލޮލުން ދެކިލަންތަ؟"

އެ ތަނުގައި ތިބީ މުޅިން ވެސް ރުހާމް ދަންނަ މީހުންނެވެ. ނަރުހުންނާއި ޑޮކްޓަރުންނަކީ އޭނާގެ ރައްޓެހިންނެވެ. ބަލި އެނދުތަކުގައި ތިބީ އޭނާ ކޮންމެ ދުވަހަކު ވެސް އެބަޔަކަށް ޚިދުމަތްދޭ ބަލިމީހުންނެވެ. ދެން ތިބީ އެމީހުންގެ އެހީތެރިންނެވެ. އެ އެންމެންގެ ކުރިމަތީގައި އޭނާ ބޭޒާރުވާކަށް ހިތެއް ނޭދުނެވެ. އޭނާގެ އަންހެނުންގެ ރުންކުރު މިޒާޖު ފާޅުވެއްޖެނަމަ އެއިން މީހަކާ ހަތަރުކަޅި ހަމަކުރަން ވެސް ނުކެރޭނެއެވެ. ރުހާމް ފަރާތްފަރާތަށް ނަޒަރު ހިންގާލަމުން ގޮސް މޯނާގެ ގާތުގައި އިށީނެވެ.

"މީ ހޮސްޕިޓަލޭ." ރުހާމް ސިއްރުސިއްރުން ވަރަށް ލޯތްބާއެކު ބުނެލިއެވެ.

"މަށަށް އެކަން ނޭނގިގެން އެބައުޅެންތަ؟" މޯނާ އަޑު މަޑުކުރާކަށް ޚިޔާލެއްވެސް ނުކުރިއެވެ. "މިހިރަ ފެންނަ އެތި މަ ސިޑިން ކޮއްޕާލީ. މަ ވެއްޓުނީކީ ނޫނޭ ވައްޓާލީ. އެކަންކުރި މީހަކީ މިހިރަ ފެންނަ ޒީކް. އޭނަ ބޭނުންވީ މަ މަރާލަން. އެވަރުގެ މީހެއް ގޭގަ ބަހައްޓަން ހެޔޮނުވާނެ."

ރުހާމް ވަރަށް ބޮޑަށް ލަދުގަތެވެ. އޭނާގެ މޫނުމަތި ރަތްވެގެން އައިކަން ޚުދު އޭނާއަށް ވެސް އިޙްސާސްކުރެވުނެވެ. އޭނާ ދެއަތަށް މަޑުމަޑުން ބޯ ހޫރުވާލަމުން އިސްޖައިލީ ހިތްހަމަނުޖެހިފައި އިނދެއެވެ. ރުހާމަށް ބުނެވޭ އެއްޗަކުން އެ ހުޅުގަނޑު ފަޅައިގެން ދިޔުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެކަން ވާނީ ހަމަ އަލިފާނަށް ޕެޓްރޯލް އެޅުންފަދަ ކަމަކަށެވެ. މޯނާއަށް ވިސްނައިދޭން އުޅުމަށް ވުރެން ބުއްދިވެރީ ހަނުހުރުމެވެ.

"ދައްތާ." ޒީކް ގޮވައިލަމުން ކައިރިއަށް ޖެހިލިއެވެ. ޒީކް ހުރީ ކަންބޮޑުވެ ދެރަވެފައިކަން ގޮވައިލި ރާގުން ވެސް ރުހާމަށް އެނގުނެވެ.

"އަޅުގަނޑަށް ހޭލެވުނީ ވެސް ދައްތަ ހަޅޭލަވައިގަތް އަޑަށް." ޒީކް އޮޅުންފިލުވައި ދޭން ބޭނުންވިއެވެ.

"މޫނުމަތީ ޒުވާބު ކުރަން ނުހަދާ މިދަނުން ދާން އުޅޭ. މަގޭ ދުލުގަ ހިފައި ދަމަންނޫޅޭ." މޯނާ އެކޭ ކެކިކެކިހުރި ބަތްތަވައެކޭ އެއްގޮތެވެ.

ރުހާމް އިސްއުފުލާ ބަލާލީ ސީދާ ޒީކްގެ ދެލޮލަށެވެ. ޒީކް އެއްޗެއް ބުނަން އުޅުނު ވަގުތު ރުހާމް ލޮލުން އިޝާރާތްކުރީ އެތަނުން ދިޔުމަށެވެ. ޒީކް ކިޔަމަންތެރިކަމާއެކު ދުލުކުރީގައިވާ ބަސްތައް ދިރުވައިލިއެވެ. އަދި ނުކުމެގެން ދިޔައެވެ.

މާޒިންއަކީ ކެޔޮޅެކެވެ. ކަންނެލީގެ މަސްވެރިކަމުގެ އިތުރަށް އެއްގަމު މަސްވެރިކަމަށް ވެސް އޭނާ ފަރިތައެވެ. އުޖޫރައަކާ ނުލާ ދާންމަތި ފަޅުފިލުވައި ދިނުމަކީ އޭނާގެ އާދައެކެވެ. އޭނާއަކީ މިނިވަނެކެވެ. ދަރިއަކު ހުރި ނަމަވެސް އަނތްބަކު ނެތެވެ. އެހެންކަމުން އޭނާ މިނިވަންކަން މަތީ ފާހިޝްކަމުގެ ތަންމަތިތައް ހޫނުކުރަމުން އައީ ޖެހިލުންވުމެއް ނެތިއެވެ. މޯނާގެ ހަށިގަނޑު މާޒިންއަށް ހިބައިން ލިބުނީ އޭނާ ކޮށްދިން މަސައްކަތުގެ އުޖޫރައެއްގެ ގޮތުގައެވެ. ޒީކްގެ ފުރާނައިގެ ބަދަލެއްގެ ގޮތުގައެވެ. ނަމަވެސް ޒީކް އެނބުރި އައުމާއެކު އެ މަގު ބަންދުވީކަން މާޒިންއަށް އިޙްސާސްވުމުން މާޔޫސްވިއެވެ. އަލުން މޯނާ ހާސިލުކުރާނެ ގޮތަކާމެދު ވިސްނަމުން އޭނާ ގޮސް ގެއަށް ވަން ވަގުތު ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވިއެވެ. އޭނާ ފޯނު ނަގަމުން ސުކުރީނަށް ބަލައިލުމާއެކު މުޅި މޫނުމަތި އުޖާލާވެގެން ދިޔައެވެ.

މާޒިން ދުވެފައި ދިޔައީ ރުހާމްމެން ގެޔަށެވެ. ބޭރު ދޮރު ހުރީ ހުޅުވައިފައެވެ. އެތެރެއަށް ވަދެ ދޮރު ލައްޕައިލިއިރު އޭނާގެ ހިތްވަނީ އަވަސްވެފައެވެ. ފެންޑާ ތެރޭގައި ވަނީ މަޑު އޮރެންޖު ކުލައިގެ އަލިކަމެވެ. ސޯފާގައި ފުރަގަސްދީގެން އަންހެނަކު އިނެވެ. އެއީ މޯނާ ކަމުގައި މާޒިން ހީކުރިއެވެ. ނަމަވެސް ކުރެވުނީ ކުށްހީ އެއްކަން އެނގުނީ ވަރަށް ކައިރިއަށް ދެވުނު ފަހުންނެވެ. އެއީ އިސްތަށިގަނޑު ދިގު ކުއްޖެކެވެ. ޒީކްހެން ހީވުމާއެކު ފިޔަވަޅުތައް ހުއްޓުމަކަށް އައެވެ.

ސޯފާގައި އިން ކުއްޖާ ތެދުވިއެވެ. މާޒިން ފަސްއެނބުރި ދޮރާ ދިމާއަށް ބަލާލިއެވެ. ދުއްވައި ގަންނަން ހިތަށް އެރިއެވެ.

"ދުއްވައި ގަންނަން ހިތަށް ވެސް ނާރުވާތި؟" އެ އަޑު އިވުމާއެކު މާޒިންގެ މެއަށް ފިނިވެގެން ދިޔައެވެ. އޭނާ ދެލޯ ބޮޑުކުރަމުން އެނބުރުނީ އެއީ ޒީކްގެ އަޑު ނޫންކަން އެނގުމުންނެވެ. އެ މޫނަށް ފަރުވާތެރިކަމާއެކު މާޒިން ބެލިއެވެ. އެ ކުއްޖާއަށް ލިބިފައިވަނީ ޒީކްގެ މައުނަވީ ސިފަތެކެވެ. ނަމަވެސް ފެންނަ ފެނުމަށް ޒީކަށް ވުރެ އުމުރުން ދުވަސްވެފައިވާހެން ހީވެއެވެ. ކުއްލިއަކަށް މާޒިންގެ ހިތަށް އެރި އެއްޗަކުން މޭގަނޑު ނިކަން ބާރަށް ތެޅިގަތެވެ. ދެލޯ އިހުނަށްވުރެ ބޮޑުވެގެން ދިޔައެވެ.

"އާނ. ތި ހީވީ ރަނގަޅަށޭ! މީ މުސްކާން." މުސްކާން ހަރުކަށި ރާގަކަށް ބުންޏެވެ.

"ކި.. ކިހިނެއް.. މިހެންވާނީ؟" މާޒީންގެ އަޑު ތުރުތުރު އަޅަންފެށިއެވެ. "ތީ ތީ މުސްކާނެއް ނޫން. މުސްކާން ވަނީ މަރުވެފައި. ތި ތީ ކާކު؟"

މާޒިން ފަހަތަށް ޖެހެން ފެށިއެވެ. މުސްކާން ލަސްލަހުން ފިޔަވަޅު ނަގަމުން މާޒިންއާ ކައިރިވަމުން އައެވެ.

"މަ މީ އިންސާނެއް ނޫން." މުސްކާން ބުންޏެވެ. "ކަލޭމެން އިންސާނުންގެ ނުބައި ނުލަފާކަމުން މިހުރިހާ ދުވަހު މަށަށް މި ހިސާބަށް ނާދެވުނީ."

މުސްކާން އަތް އުފުލާލުމާއެކު އަތުގެ ނިޔަފަތިތައް ނޫކުލައަށް ބަދަލުވެ، ދިގުވަމުން ދިޔަ މަންޒަރު މާޒިންއަށް ފެނުނެވެ. މާޒިންގެ ފުރާނަ އުދުހިގެން ދިޔަހެން ހީވިއެވެ. މުޅި މީހާ ތުރުތުރު އަޅަން ފެށިއެވެ.

"އެނގޭތަ މި ނިޔަފަތިތައް ވަޅިއަކަށްވުރެ ތޫނުވާނެ." މުސްކާންގެ އިނގިލތަކުގެ ކުރި ގޮނިކޮށްލަމުން ރުޅިވެރިކަމާއެކު ބުންޏެވެ. "ކަލޭގެ ކަރުގައި އެންމެ ނިޔަފައްޗެއް އަޅުވާލަން ޖެހޭނީ. މީ މަގޭ ހުރި ހަމައެކަނި ދަރިފުޅަށް ލިބުނު އަނިޔާގެ ބަދަލޭ ހީކޮށްލާ!"

މާޒިން ގަތްބިރެއްގެ ސަބަބުން ދެފަޔަށް ލެވުނުހާ ބާރެއްލައިފައި ދުއްވައިގަތެވެ. ނަމަވެސް ދެވުނީ ވަކި ހިސާބަކަށެވެ. ކުއްލިއަކަށް އޭނާ ހުރިތަނަށް ގާވިއެވެ. ދެން ކުރިއަށް ވެސް ފަހަތަށް ވެސް ފިޔަވަޅެއް އަޅާނުލެވުނެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި މުޅިމީހާ ދަލުން ފޯވިއެވެ.

"އިރެއްގައި މަށަކީ ކަލޭމެން އިންސާނުންގެ ކުރިމަތީގައި އާރެއް ބާރެއް ނެތް ނިކަމެއްޗަކަށް ވިޔަސް. މިއަދު ކަލޭމެންނަށް މަގޭ އިޒުނައާ ނުލާ އެއްކަމެއް ވެސް ނުކުރެވޭނެ. ތި ސިކުނޑިއަށް ވެސް މަށަށް ސިއްރުވާނެ ހިޔާލެއް ނާންނާނެ." މުސްކާން ފަޚުރުވެރިކަމާއެކު ވާހަކަ ދައްކަމުން ގޮސް މާޒިންގެ ކުރިމަތީގައި ހުއްޓުނެވެ.

"ކަލޭ މޯނާ ހާސިލުކުރުމަށް ތި ކުޅުނީ ނުބައި މީހެއްގެ ދަރިއަކާ." މުސްކާން ދެލޯ ވަށްކޮށްލަމުން މާޒިންއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. ޝަހާދަތް އިނގިލީގެ ތޫނު ނިޔަފަތި މާޒިންގެ ކޯތާފަތުގައި ކާއްތައިލިއެވެ. މިޔަ ތޫނު ވަޅިއެއް ކާއްތައިލުމުން ކަނޑައިގެންދާ ބީދައިން ކެނޑިގެން ދިޔައެވެ. އަރައިގަތް ދިލައަކުން މާޒިންއަށް ރޮވެން ފެށުނެވެ. މުސްކާނަށް ވީ މަޖާ ކަމަކަށެވެ. އޭނާ މަލާމާތުގެ ރާގަކަށް ނިކަން ބާރަށް ހިނިގަނޑެއް ޖަހައިލިއެވެ.

"މާފުކުރޭ! މާފުކުރޭ! މަ އެކަން ކުރީ ޒިޔާދުގެ ވެސް އެދުމާއެކު." މާޒިންގެ ތުރުތުރު އަޅަމުން ދިޔަ އަޑު އިއްވާލިއެވެ.

މުސްކާންގެ ހުނުން ވަގުތުން މެދުކެނޑުނެވެ. އެ މޫނަށް ސީރިއަސްކަމުގެ ކުލަވަރު ފޭދިގެން ދިޔަތަން މާޒިންއަށް ފެނުނެވެ. މާޒިންއަށް ކުޑަ ހިތްވަރެއް ލިބުނެވެ.

"މީ ދޮގެއް ނޫން. މޯނާގެ މަކަރުވެރި ރޭވުން އެންމެ ފުރަތަމަ ހިއްސާކުރީ ޒިޔާދަށް." މާޒިން ހިތްވަރުކޮށްފައި ކިޔައި ދިނެވެ. "ޒިޔާދު އާދޭސްކޮށްފައި ބުނީ މޯނާގެ ރޭވުމާ އެއްގޮތަށް ކުރިޔަށް ދާން. ޒީކްގެ ކަރުގައި ވަޅި އެޅުމަށް ވެސް ޒިޔާދު ރުހި ޤަބޫލުވި. އެކަމަކު އެންމެކަމެއް ތަފާތުކުރުމަށް ޒިޔާދު ތަކުރާރުކޮށް އެދުނު."

"އެއީ ކޮންކަމެއް؟" މުސްކާން އަބުއި ރާގަކަށް އެހިއެވެ.

"އެއީ ޒީކަށް ހަމަލާދިނުމަށްފަހު މޫދަށް އެއްލައިލުމަށް." މާޒިން ޖަވާބުދިނެވެ. "ޒިޔާދު އެގޮތަށް ކަންތައްކުރަން އެދުނީމަ ޒީކް މޫދަށް ކޮއްޕައިލީ. މަށަށް މާފުކުރޭ."

މުސްކާން ފަރުވާތެރިކަމާއެކު މާޒިންގެ ދެލޮލަށް ބަލައިލިއެވެ. އެ ދެއްކި ވާހަކަތަކުގެ ތެދުކަން އެ ދެލޮލުން ވެސް މުސްކާނަށް ފެނުނެވެ. ނަޒަރު ސީދާކޮށްލައިގެން ހުރެ ސިކުނޑީގައިވާ ޚިޔާލުތައް ދެނެގަތުމުން އިތުރަށް ޔަޤީންކުރެވުނެވެ. ޒިޔާދު ވަނީ ޒީކަށް ހަމަލާދީ މޫދަށް އެއްލާލުމަށް ބުނެފައެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ އެގޮތަށް ޢަމަލުކުރުމަށް ޒިޔާދު ބުނީ ކީއްވެގެންކަން މުސްކާނަށް އެނގެއެވެ. އެއީ ޒީކަށް ރަނގަޅަކަށް ޒިޔާދު ނިންމި ނިންމުމެއްމެއްކަން ވެސް ވިސްނުނެވެ. ނަމަވެސް އޭނާ ޒިޔާދުދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ.

"އަހަރެން ދިޔަދީ." މާޒިން އެދުނެވެ.

މާޒިން ދިޔުމުގެ ހުއްދަ މުސްކާން ދިނީ ޝަރުތެއް ކަނޑައަޅައިފައެވެ. އެ ޝަރުތު އަޑުއަހާފައި މާޒިން ދެވަނަ ވިސްނުމަކަށް ނުގޮސް ވަގުތުން އެއްބަސްވިއެވެ. މުސްކާން ލޮލުން ކޮށްލި އިޝާރާތާއެކު މާޒިންގެ ގަޔަށް އަރާފައިވާ ބާރުގަނޑު ލުއިވެގެން ދިޔައެވެ. އޭނާ ފައި ހަރަކާތް ކުރެވޭތޯ ބަލާލިއެވެ. ފައި ހަރަކާތް ކުރެވޭކަން ޔަޤީންވުމާއެކު މާޒިން ނުކުމެގެން ދިޔައީ ދަމާލާފައި ދޫކޮށްލި ރަބަރެއް ހެންނެވެ.

މުސްކާން ގޮސް އިށީނީ ކުރިން ވެސް އިށީނދެ އިން ސޯފާގައެވެ. ފިކުރުގެ ފުން ކޯރަކަށް ގެނބިފައި އޭނާއަށް އިނދެވުނީއެވެ. އޭނާ ސިހިގެން ދިޔައީ ބޭރު ދޮރު ހުޅުވާލި އަޑަށެވެ.

މޯނާގެ ނުރުހުމުގެ ބަސްތައް އަޑުއަހާފައި ހޮސްޕިޓަލުގައި ނުހުންނަން ވެގެން ގެޔަށް އައިސް ވަން ޒީކަށް ފެނުނީ ޤަބޫލުކުރަން އުނދަގޫވި މަންޒަރެކެވެ. އެތައް ދުވަހަކަށްފަހު، އަމިއްލަ ނަފުސަށް ކުރަމުންދިޔަ އިތުބާރުވެސް ނެތުނުކަހަލައެވެ. ކުރިމަތިން ފެނުނީ އޭނާ އުންމީދުކުރި ފަދަ މަންޒަރެއް ނޫނެވެ. ޤަބުވެފައިވާ ޙާލު، މުސްކާނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

(ނުނިމޭ)

* ސާދަވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ!
* "ޒީރު" ކޮންމެ ދުވަހެއްގައި!