މޭގަން މާކެލް އާއި ޕްރިންސް ހެރީ ފުރަތަމަ ދަރިފުޅު ލިބުމުގެ އުފަލުގައި ތިއްބާ ދެމަފިރިންގެ ކައިވެންޏަށް އިއްޔެ މިވަނީ އެއްއަހަރު ފުރިފައެވެ.

މީގެ އެއްއަހަރު ކުރިން ދުނިޔެ އިންތިޒާރު ކުރަމުން ދިޔަ ކައިވެނި އިނގިރޭސިވިލާތުގެ ވިންސާ ކާސަލްގައި ކުރި މަންޒަރު ދުނިޔޭގެ އެކި ސަރަހައްދުތަކުން 1.9 ބިލިއަން މީހުން ބެލި ކަމަށް ލަފާ ކުރެވެއެވެ. މިހާރު މިއޮތީ އެކައިވެންޏަށް އެއްއަހަރު ފުރިފައެވެ.

ކައިވެނީގެ އެނިވާސަރީ ފާހަގަ ކުރުމުގެ ގޮތުން މޭގަން އާއި ހެރީގެ އިންސްޓަގްރާމް އެކައުންޓުން ވަނީ ކުރިން އާއްމުކޮށްފައި ނުވާ ކައިވެނީގެ ފޮޓޯތަކެއް އެމީހުންގެ ސަޕޯޓަރުންނަށް ދައްކާލާފައެވެ.

ފޮޓޯތަކާއި އެކު މޭގަން އާއި ހެރީ ވަނީ ދުނިޔޭގެ އެކި ހިސާބުތަކުން އެމީހުންނަށް ލިބެމުން ދިޔަ ސަޕޯޓަށް ޝުކުރު ވެސް އަދާކޮށްފައެވެ.

https://www.instagram.com/p/BxotAfKgy1o/?utm_source=ig_embed

މޭގަން އާއި ހެރީގެ ޚަބަރެއްގެ އިންތިޒާރުގައި ތިބި އެތައް މިލިއަން ބަޔަކު މިހާރު ގެންދަނީ މޭގަން އާއި ހެރީގެ ކައިވެނީގެ ފޮޓޯތައް މީސް މީޑިއާގައި ދައުރު ކުރަމުންނެވެ.

ގިނަ ބަޔަކު ގެންދަނީ މޭގަން އާއި ހެރީގެ ކައިވެނީގެ ފުރަތަމަ އެނިވާސަރީ އަށް މަރުޙަބާ ވެސް ކިޔަމުންނެވެ. މީސް މީޑިއާގައި ދެމަފިރިންނަށް މަރުޙަބާ ކިޔާފައިވާ ފަރާތްތަކުގެ ތެރޭގައި ނަން މަޝްހޫރު ފަރާތްތަކުގެ އިތުރުން އެތައް މިލިއަން އާއްމުންނެއް ވެސް ހިމެނެއެވެ.

މެއި މަހު ކައިވެނި ކުރުމަށް ފަހު މޭގަން ބަލިވެ އިން ޚަބަރު ދުނިޔެއަށް ދިނީ މިދިޔަ އޮކްޓޯބަރ މަހު އެވެ. ދެމަފިރިންގެ ފުރަތަމަ ދަރިފުޅު އުފަންވީ މިމަހުގެ 6 ވަނަ ދުވަހު އެވެ.