މި އަހަރުގެ ރަމަޟާން މަހުގެ ދެވަނަ ދުވަހުން ފެށިގެން ރ.އުނގޫފާރުގައި ކުރިއަށްދާ، ޒިލާން އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ބައިވެރިވި ޖުމްލަ 29 ބައިވެރިންގެ ތެރެއިން މިހާރު އެ މުބާރާތުގައި ތިބީ 10 ދަރިވަރުންނެވެ. މި 10 ދަރިވަރުންގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ދަރިވަރަކަށް ވެގެން ދިޔައީ، ރ.އުނގޫފާރު އައިކް ވިލާ، ޝަމްއާ އިބްރާހިމް އެވެ.

2006 ވަނަ އަހަރުގެ ޖެނުއަރީ 8 ވަނަ ދުވަހު އުފަން ޝަމްއާ ގެ އުމުރުން އަދި މިވީ 13 އަހަރެވެ. އޭނާ އަކީ އެންމެ ކުޑައިރުންސުރެ ވެސް ޤުރުއާން ކިޔެވުމަށް ލޯބިކުރާ، އަދި ޤުރުއާން ހިތުދަސް ކުރުމުގެ ވަރުގަދަ ޢަމުޒުގައި މަސައްކަތް ކުރަމުން އަންނަ ކުއްޖެއް ކަމަށް، އޭނާގެ މަންމަ، ފަތުޙިއްޔާ ޢަބްދުއްނާޞިރު ބުންޏެވެ.

"އުމުރުން 4 އަހަރުން ފެށިގެން އޭނަ ވަރަށް ޝައުޤުވެރިކަން ހުންނާނެ ޤުރުއާން ކިޔެވުމަށް. އެންމެ ފުރަތަމަ ކިޔެވީ ގޭގަ. އޭގެ ފަހުން ޢުމުރުން ފަސް އަހަރު ވުމުން މިރަށުގައި އަމިއްލަ މީހަކު ހިންގާ ޤުރުޢާން ކުލާހަށް ލީ. ސުކޫލުން ބާއްވާ މުބާރާތްތަކުގައިވެސް އޭނަ ބައިވެރިވާނެ. ކޮންމެ ފަހަރަކުވެސް އޭނަ ބައިވެރިވާ ޢުމުރު ފުރާއިން އެއް ވަނަ ހޯދާނެ. އަދި މުޅި މުބާރާތުން އެއްވަނަ، ދެވަނަ، ނުވަތަ ތިން ވަނަ ހޯދާނެ." ޝަމްއާގެ މަންމަ ކިޔައިދިނެވެ.

ޝަމްއާ ތަޢުލީމު ޙާޞިލް ކުރަމުން ދަނީ އުނގޫފާރު ސުކޫލުގެ ގުރޭޑް 8 ގައެވެ. މިހާރު އެންމެ އިސްކަމެއް ދީގެން އޭނާ ކުރިއަށްގެންދާ މަސައްކަތަކީ ޤުރުއާން ހިތުދަސް ކުރުމުގެ މަސައްކަތެވެ. އެގޮތުން މިހާރު ވަނީ ޖުމްލަ 4 ފޮތް ހިތުދަސް ކޮށްފައެވެ. އޭނާގެ މަންމަ އާއި ބައްޕަގެވެސް އުންމީދަކީ ޝަމްއާ އަކީ ޤުރުއާން ހިތުދަސް ކުއްޖެއްގެ ގޮތުގައި މުޖްތަމަޢަށް ނިކުތުމެވެ.

ޝަމްއާގެ މަންމަ އޭނާ އާއި މެދު ދެކޭ އެހެން ހުވަފެނެއްވެސް އެބަ އޮތެވެ. ޝަމްއާ ޑޮކްޓަރަކަށް ވާ ދުވަހަކީ އެމީހުން ވަރަށް ދެކެން ބޭނުންވާ ދުވަހެއް ކަމަށް އޭނާގެ މަންމަ ބުންޏެވެ.

ޒިލާން އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ އެއްވަނަ އަށް ދާ ބައިވެރިއަކަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި ދެވަނަ އަށް ދާ ބައިވެރިއަކަށް 5000 ރުފިޔާ، ތިން ވަނައަށް ދާ ބައިވެރިއަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. ޝަމްއާ އާއި އޭނާގެ މުޅި އާއިލާވެސް މިހާރު އިންތިޒާރު ކުރަމުން އެ ގެންދަނީ މުބާރާތުގެ ނަތީޖާ އިޢުލާން ކުރާ ދުވަހަށެވެ. މުބާރާތުގެ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފިޠުރު ޢީދު ދުވަހުއެވެ.

މުބާރާތުގެ ޤަވާއިދު ހަމަޖެހިފައިވާ ގޮތުން، ޖަޖުން ދެއްވަނީ 80 އިންސައްތަ މާކްސް އެވެ. އަނެއް 20 އިންސައްތަ އަކީ އާއްމުންގެ ފަރާތުން ހޯދަން ޖެހޭ 20 އިންސައްތަ އެވެ. އުނގޫފާރު ޑޮޓް ކޮމް ގެ ފޭސް ބުކް ޕޭޖުގައި މިހާރު ވަނީ އެ ދިހަ ބައިވެރިންގެ ވީޑިޔޯ އަޕްލޯޑް ކޮށްފައެވެ. ކޮންމެ ބޭފުޅަކުވެސް އެ ވީޑިޔޯއަށް ލައިކް އެއް ދެއްވުމުން ވޯޓު ދެއްވުނީއެވެ. ހަމައެކަނި ދެއްވޭނީ ”ތަމްބްސް” ލައިކް އެކަންޏެވެ. އަދި ލައިކް ދެއްވަންވާނީ އެ ވީޑިޔޯގެ އޮރިޖިނަލް ޕޯސްޓަށެވެ އެހެންކަމުން ޝަމްއާގެވެސް އެންމެ ބޮޑު އެދުމަކީ ޝަމްއާގެ ކިޔުމަށް ވީހާވެސް ގިނަ ބޭފުޅުން ލައިކް ދެއްވުމެވެ. ޝަމްއާގެ މަންމަވެސް ހުރީ ވަރަށް އުންމީދުގައެވެ. ހުރިހާ ބޭފުޅުންގެ ފަރާތުންވެސް އެދެނީ، ޤުރުއާން ކިޔެވުމުގައި ކުރިއަށް ދިއުމަށް ޝަމްއާ ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

"އަޅުގަނޑު ވަރަށް އުންމީދުގަ މިހުރީ. މިހާރުވެސް ވަރަށް ގިނަ ބޭފުޅުންގެ ލައިކްސް އެ ވީޑިޔޯއަށް ލިބިފަ ވަނީ. އަޅުގަނޑު އެދެނީ އަޅުގަނޑުގެ ދަރިފުޅު ޤުރުއާން ހިތުދަސް ކުރުމަށް އެކުރާ މަސައްކަތްކަތުގަ ތިބޭފުޅުންގެ އެއްބާރުލުން. މި މުބާރާތުންވެސް ރަނގަޅު ވަނައެއް ލިބޭނެ ކަމަށް އަޅުގަނޑު ވަރަށް އުންމީދު ކުރަން." ޝަމްއާގެ މަންމަ ބުންޏެވެ.

ވީޑިއޯގެ ލިންކް