އަމިއްލައަށް މަރުވުމަށް ނިންމައިގެން ފުން ވަޅެއްގެ ތެރެއަށް ފުންމާލި މީހަކު ސަލާމަތް ކޮށްފިއެވެ.

ޕާކިސްތާނުގެ ޕަންޖާބުގެ ސިޓީއެއް ކަމަށްވާ ރަވާލްޕިންޑީގައި ހިނގި މި ހާދިސާގައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައި ވަނީ އުމުރުން 25 އަހަރުގެ ދާނިޝް އަލީ ނަމަކަށްކިޔާ ފިރިހެނެކެވެ. އޭނާ ފުންމާލީ 100 ފޫޓުގެ ފުން ވަޅަކަށެވެ.

މި ހާދިސާއަށްފަހު ގިނަ އިރުތަކެއް ނުވެ ކަމާއި ބެހޭ އިދާރާތަކުން އޭނާ ސަލާމަތްކުރުމަށް އެ ސަރަޙައްދަށް ދިޔައެވެ. އެފަރާތްތަކަށް މިހާދިސާ ރިޕޯޓް ކުރީ، އެ ސަރަޙައްދުން ދިޔަ ޢާންމުންގެ ބައެކެވެ. އެމީހުނަށް އޭނާ ވަޅުގައި އޮތްކަން އެނގުނީ އެހީއަށް އެދި ގޮވާ އަޑު އިވުމުންނެވެ.

އިދާރާތަކުން ދާނިޝް ސަލާމަތް ކުރުމަށް އެތަނަށް ދިއުމުން އޭނާ ވަނީ ވަޅުން މައްޗަށް އެރުމަށްވެސް ދެކޮޅު ހަދާފައެވެ. އެހެންކަމުން ގަޑިއެއްހައި އިރުގެ މަސައްކަތަށް ފަހު އޭނާ ވަޅުން ނަގަން ޖެހުނީ، ރެސްކިއުއަރަކު ވަޅަށް ފައިބައިގެން ގަދަކަމުންނެވެ.

މި ހާދިސާގައި ދާނިޝްއަށް އަނިޔާއެއް ލިބިފައި ނުވާއިރު، އޭނާ ސަލާމަތްވީ ވަޅު ތެރޭގައި އޮތް ޕްލާސްޓިކް ހަމެއްގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ. އެ ހަން ނެތްނަމަ ފަތަން ނޭނގޭ ދާނިޝް ގެނބިގެން މަރުވާން ގިނައިރުތަކެއް ނުނަގާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ފުލުހުން މި ހާދިސާއާއި ގުޅިގެން ދާނިޝް އާއި ސުވާލު ކުރުމުން، ވަޅަށް ވެއްޓުނީ ވަޅު ތެރެއަށް ޕަންޕެއް ބާލަން އުޅެނިކޮށް ކަމަށް ބުނެ ދޮގު ހަދާފައި ވީނަމަވެސް، ފަހުން ވަނީ އަމިއްލައަށް މަރުވާން އުޅުނުކަމަށް އެއްބަސް ވެފައެވެ.