އިނގިރޭސިވިލާތުގެ ބްރެގްޒިޓް ޕާޓީ ލީޑަރުގެ ގަޔަށް މިލްކްޝޭކެއް ޖަހައިފިއެވެ.

ބްރެގްޒިޓް ޕާޓީގެ ލީޑަރު ނިގޭލް ފަރަގޭގެ ގަޔަށް މިލްކް ޝޭކެއް ޖަހައިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ފިރިހެނެކެވެ.

ޕައުލް ކްރޯތާ ނަމަކަށް ކިޔާ އެމީހާ ޖަހާފައި ވަނީ ބަނާނާ ސޯލްޓެޑް ކެރަމަލް މިލްކް ޝޭކެކެވެ. އޭނާ އެ މިލްކްޝޭކް ޖަހާފައި ވަނީ އިތުރުން ފަސް މީހުނާއެކު ގޮސް ކަމަށްވެސް ރިޕޯޓްތައް ބުނެފައިވެއެވެ. ފަރަގޭއަކީ އީޔޫ ޕާލިމެންޓަރީ މެމްބަރެކެވެ. މިލްކް ޝޭކް ޖެހުމުގެ ހާދިސާއާ ގުޅިގެން އޭނާ ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވަނީ ކަންތައްތަކުގައި ހައްދުފަހަނަ އަޅާ ހިސާބަށް ގޮސްފައިވާ ކަމަށާއި، އެއްވެސް މީހަކަށް އަނެކާގެ މިނިވަން ކަމަށް ބުރުއަރާނެ ކަންކަން ނުކުރެވޭނެ ކަމަށެވެ.

ޕައުލް ބުނެފައި ވަނީ އޭނާ ގަޔަށް މިލްކް ޝޭކެއް ޖެހުމުން ހައްޔަރު ކުރިޔަސް އެކަމާ ދެރަ ނުވާ ކަމަށެވެ.

"އޭނާ ފަތުރަމުންދާ ނަސްލީ ތަފާތު ކުރުމާ، އެހުރިހާ ކަމަކަށް ބަލާ މިލްކް ޝޭކެއް ޖެހުން އެއީ އެއްވެސް މައްސަލައެއް ނޫން. އަހަންނަށް އެނގޭ ގިނަ ގިނައިން އެފަދަ ފުރުސަތު ނުލިބޭނެކަންވެސް. އެހެންވި ލިބުނު ފުރުސަތުގައި ޖަހާލީ. އަހަނެއް ދެރައެއް ނުވޭ. އެއީ އޭނާގެ ނުބައި ކަމަށްބަލާ އެއްވެސް އަދަބެއް ނޫން،" ޕައުލް ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު