އަހަރެން މިއަދު މި ތައްޔާރުވަނީ ޒަވާޖީ ޙަޔާތެއް ފަށާށެވެ. ނަމަވެސް އަހަރެން ބޭނުން ވެގެނެއްނޫނެވެ. އަހަރެންނަށް މަޖުބޫރު ވީއެވެ. އަހަރެންނަށް އެކަމަށް މަޖުބޫރުކުރީ އަހަރެން ބަލާބޮޑުކުރި އަހަރެންގެ މައިންބަފައިންނެވެ. އެހެންކަމުން ދެން އަހަރެންނަށް އެކަމަށް އިތުރަށް ދެއްކެން އޮންނާނީ ކޮން ދެކޮޅުވެރިކަމެއް ހެއްޔެވެ؟ މިއީ އަހަރެންގެ މައިންބަފައިންގެ ވިސްނުމެވެ. ނަމަވެސް މިއީ އަހަރެންގެ އަމިއްލަ ދިރިއުޅުމެވެ. އަހަރެންނަށް އަހަރެން ލޯބިވާ މީހަކާއި އެކު ޙަޔާތެއް ފެށުމުގެ ހައްޤު އޮންނަށް ޖެހޭނެއެވެ. އެހެންނަމަވެސް އަހަރެންނަށް އެ ފުރުސަތު އަހަރެންގެ މައިންބަފައިން ވަނީ ނަގާލާފައެވެ. އަހަރެން ބަލާ ބޮޑުކުރުމުގެ އަގެއްގެ ގޮތުގައި އަހަރެންގެ ދިރިއުޅުން އެ ދެ މީހުންނަށް ހަވާލުކުރަން ޖެހިއްޖެއެވެ.
އަހަރެން ވަރަށް އާދޭސްކުރީމެވެ. އަހަރެންނަށް އަހަރެން ލޯބި ނުވާ މީހަކާއެކު ދިރި ނޫޅެވޭނެ ކަމަށް ތަކުރާރުކޮށް ބުނަމުން ގެންދިޔައީމެވެ. އަހަރެންގެ ހަޤީޤީ ލޯބިވެރިޔާ އަހަރެންނާއި ވަކި ނުކުރުމަށް އެދި އެ ދެމީހުންގެ ފައި ބުޑަށް ވެއްޓި އަހަރެން ރޮއި ސަލާންޖެހީމެވެ. އެހެންނަމަވެސް އަހަރެން ކުރި ހުރިހާ އާދޭސްތަކަށް އަހަރެންގެ މައިންބަފައިން ޖެހީ ކޮޅުފައިންނެވެ. ދިނީ ބީރު ކަންފަތެކެވެ. އަހަރެންނަށް ގޮތް ހުސްވިކަމުގެ އިޙުސާސް ކުރެވެން ފެށުނެވެ. އެހެންކަމުން އަހަރެންގެ ހަޤީޤީ ލޯބި އަހަރެން ޤުރުބާން ކުރަން ނިންމީމެވެ. އަހަރެންގެ ލޯބިވެރިޔާގެ ހިތުގައި ޖައްސައި ހިތް ހަލާކު ކުރުމަށްފަހުގައެވެ.
" ދަރިފުޅާ ރައުފާ ... އަވަސް ކޮށްބަލަ... "
އަހަރެންގެ މަންމަ ގޮވާލި އަޑަށް އަހަރެން ސިއްސައިގެން ދިޔައެވެ. އަހަރެން ކައިވެނީގެ މަޖިލީހަށް ހާޒިރުވީމެވެ. އެއްވެސް އުފާވެރިކަމެއް އަހަރެންގެ މޫނުމަތިން ފެންނާކަށް ނެތެވެ. އަހަރެންގެ މޫނު މަތި ވަނީ މިލާ މޯޅިވެފައެވެ.
އަހަރެން ކައިވެނީގެ ގޮތުން ގުޅެން މިއުޅެނީ މާލެއަށް އުފަން މާލޭ މީހަކާއެވެ. އެއީ ފައިސަލެވެ. މުދަލާއި ފައިސާހުރި 30 އަހަރުގެ މީހެކެވެ. އުމުރުގެ ގޮތުންވެސް އަހަރެންނާއި ފައިސަލް އާއި ދެމެދު 10 އަހަރުގެ ތަފާތު އެބަހުއްޓެވެ. މުދަލާއި ފައިސާގެ ދަހިވެތިކަމުގައި އަހަރެންގެ މަންމަ އަހަރެން ވިއްކާލީ ކަމުގައި އަހަރެން ދެކުނީމެވެ.
" އަނބި ޤަބޫލުކޮށްފިން "
ފައިސަލްގެ ޖުމުލަ އާއި އެކު އަހަރެންނަށް ބޭއިޚުތިޔާރުގައި އަހަރެންގެ ދެ ލޯ މަރާލެވުނެވެ. އަދި ވަރަށް ހިތްދަތި ގޮތަކަށް އަހަރެން ހިން ދިރުވާލެވުނެވެ.
ކައިވެނީގެ މަޖިލިސް ނިމުމާއިއެކު އަހަރެން ދިޔައީ ފާޚާނައަށެވެ. ހަމަ އެއްގޮތަކަށްވެސް ނުރޮއި ނުހުރެވިގެންނެވެ. ފާޚާނާއަށް ވަދެވުމާއި އެކު ލޮލުގެ ތެރެއަށް ބޮޑިވެފައިވާ ކަރުނަތައް ހޯސްލާފައި އަހަރެންގެ ކޯތާފަތްމައްޗަށް އޮހިގެން ދިޔައެވެ. އަހަރެން ވަރަށް ރުއީމެވެ. ހިތަށް ވަރަށް އަސަރު ކޮށްފިއެވެ. އަހަރެންގެ ހަޤީޤީ ލޯބިވެރިޔާ ނިޔާޒު މިއަދު ކިހާ ދެރަވާނެ ހެއްޔެވެ؟ އޭނާއަށް އަހަރެންނާއި ނުލައި ކެއްކުރެވޭނެ ހެއްޔެވެ؟ އަހަރެންނާއި ނުލައި އެފަކީރު އުޅޭނީ ކޮންފަދަ ނިކަމެތި ޙާލެއްގައި ހެއްޔެވެ؟
އަހަރެން ފާޚާނައިން ނިކުތް އިރު ފައިސަލް ކޮޓަރީގެ އެނދުމަތީގައި އިށީދެލައިގެން އިނެވެ. އަހަރެންގެ ދެ ލޯ ވަނީ ރޮއި ރޮއި ރަތްވެފައެވެ.
" ރައުފާ... ރޮއިފަތަ؟ ކިހިނެއްތަ ވީ...؟ "
އަހަރެންގެ ލޯ ފެނުމާއިއެކު ފައިސަލް ވަރަށް ހާސްވެފައި ހުރެ އަހަރެންގެ ކޮޑުގައި ހިފާލަމުން އެހިއެވެ. އަހަރެންނަށް ބޭއިޚުތިޔާރުގައި ފައިސަލް އާއި ދުރަށް ދެވުނެވެ.
" ފައިސަލް... ތިއީ މަގޭ ޙަޔާތަށް މިއަދު އައިސް ހުރި މީހެއް... މަށަށް އަދި ފައިސަލަކީ ކާކު ކަމެއްވެސް ރަނގަޅަކަށް ނޭނގެ.... ފައިސަލަކަށްވެސް ރަނގަޅަކަށް މަށެއް ނޭނގޭނެ... އެހެންވީމާ މަ އަދި ވަގުތު ބޭނުން.. " އަހަރެން އިސްދަށަށް ބޯ ޖަހައިގެން ހުރެ ވާހަކަ ދެއްކީމެވެ.
"... އާނ.... މަގޭ އެއްވެސް މައްސަލައެއް ނެތް.... މަ ރައުފާއަށް އިންތިޒާރު ކުރާނަން"
ދުވަސްތައް ފައްވަމުން ދިޔައެވެ. އަހަރެން ދިރިއުޅެމުން ގެންދިޔައީ ފައިސަލްގެ ގޭގައެވެ. ހަމަ ކޮންމެ ދުވަހަކު އަހަރެންގެ ހިތުގައި ޖަހާ ހަމަ ކޮންމެ ވިންދެން ގޮވަމުން ދިޔައީ ނިޔާޒަށެވެ. އަހަރެން ގެ ހިތުގައި ނިޔާޒަށް ދެވިފައިވަނީ މާތް މަތިވެރި ޤަދަރުވެރި ލޯތްބެކެވެ. އަހަރެންގެ ސިނކުޑީގައި އަބަދުވެސް ނިޔާޒުގެ ހަނދާންތައް އާވަމުންދެއެވެ. އަހަރެންގެ ފިރިމީހާވެސް އަހަރެންނަށް ވަރަށް ރަނގަޅެވެ. މުޅި އޭނާގެ އާއިލާވެސް އަހަރެންނަށް ވަރަށް ހެޔޮކޮށް ކަންތައް ކުރެއެވެ. އެހެންނަމަވެސް ނިޔާޒުގެ ހަނދާންތައް މިހިތުގައި ހިނގާހާ ދުވަހަކު އަހަރެންނަކަށް އަހަރެންގެ ފިރިމީހާއަށް މިހިތަކުން ޖާގައެއް ނުދެވޭނެވެ.
" ރައުފާ... ކައިފިންތަ؟ " ފައިސަލް ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.
"ކާ ހިތެއް ނެތް... ފައިސަލް ކައިފިންތަ؟..." އަހަރެން ބުނެލީމެވެ.
" ރައުފާ ކާހިތް ނެތިއްޔާ މަވެސް ކާހިތެއް ނެތް... ރައުފާއަށް އެނގޭތަ؟ މަ ރައުފާ އާއި ދޭތެރޭ ހާދަ ވިސްނަމޭ" ފައިސަލް އެހެން ބުނުމާއިއެކު އަހަރެންނަށް އެނދުން ތެދުވެވުނެވެ.
" މަ ރައުފާ ދެކެ ވަރަށް ލޯބިވޭ.... ވަރަށް ވަރަށް ލޯބިވޭ... ރައުފާ މަ ދެކެ ލޯބި ނުވުމަކީ މަގޭ ނުކުޅެދުންތެރިކަން... އަބަދުވެސް ރައުފާ ތިހުންނަނީ ކޮންމެވެސް ކަމަކާ ދެރަވެފަ... މޫނު މަތީގައި އެއްވެސް އުފާވެރިކަމެއް ނެތް.... މަ ރައުފާގެ މަންމަ ގާތުގައި ރައުފާގެ ކައިވެންޏަށް އެދުނީ... ރައުފާ ދެކެ ލޯބިވާތީ.... ރައުފާ އާއި އެކު ދިރިއުޅެން ބޭނުން ވާތީ... މަ ވަރަށް ކެތްކޮށްގެން މިހުރީ މަގޭ އިޙުސާސްތައް ބޭރު ނުކުރަން... އެއީ ރައުފާ ވަގުތު ބޭނުމޭ ބުނީމަ... ރައުފާއަށް އުނދަގުވެދާނެތ... "
ފައިސަލްގެ ލޮލުން ކަރުނަތައް ހިލިގެންދިޔައެވެ. އަހަރެންވެސް ހުރީ ވަރަށް ދެރަވެފައެވެ. އިސް އުފުލާ ފައިސަލަށް ބަލާލާނެ ހިތްވަރެއްވެސް ނެތިފައެވެ. އަހަރެން ފައިސަލް ދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވަމެވެ. އެހެންނަމަވެސް ފައިސަލް އަހަރެންދެކެ ވަރަށް ލޯބިވާކަން މިއަދު އަހަރެންނަށް އެނގިއްޖެއެވެ. އެކަމު އަހަރެން ކުރާނީ ކީއްހެއްޔެވެ؟ އަހަރެން ދިރި މި ހުންނަނީ ނިޔާޒުގެ ހަނދާނުގައެވެ. ނިޔާޒަށްޓަކައެވެ.
ކުއްލިއަކަށް ފައިސަލް އަހަރެންގެ ފައިބުޑަށް ވެއްޓި ރޯންފެށިއެވެ.
" މި ހިތް ހަލާކު ނުވަނީސް ރައުފާ ގެ ހިތާމަތަށް މަށަށް ކިޔާދީ.... މަ ރައުފާއަށް އެހީވެ ދޭނަން... މަ ރައުފާ ދެކެ ވަރަށް ލޯބިވޭ..." އަހަރެންނަށް ގޮތް ހުސްވިއެވެ. އަހަރެންގެ ފައިބުޑަށް ވެއްޓި ރޮމުން އެގެން ދަނީ ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ފިރިމީހާއެވެ.
އަހަރެން ފައިސަލްގެ ގާތުގައި މަޑުމަޑުން އިށީނަމުން ފައިސަލު ގެ ދަތްދޮޅީގައި ހިފާ އަހަރެންނާއި ހަތަރު ކަޅި ހަމަ ކޮށްލިއެވެ. މިއީ އަހަރެން ފައިސަލް އާއި ހަތަރު ކަޅި ހަމަ ކުރި އަދި ފުރަތަމަ ފަހަރެވެ. އޭރުވެސް ފައިސަލްގެ ލޮލުން ކަރުން އަންނަމުންދެއެވެ. ފިރިހެނެއް ކަމަކު އޮންނާނީ ހިތެކެވެ. އަހަރެން ހުރިހާ ވާހަކައެއް ވަރަށް ކެއްކޮށްލާފައި ފައިސަލަށް ހިއްސާކުރީމެވެ. ފައިސަލަށް ހީވީ މީހަކު އޭނާގެ ކަންފަތްމަތީގައި ބާރު އެތިފަހަރެއް އަޅާލިހެންނެވެ. އޭނާއަށް ކޮޅަށް ތެދުވެވުނެވެ. އަދި އަހަރެންނަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދައްކަންފެށިއެވެ.
" ވަރަށް ދެރަވެއްޖެ... މަ ވަރަށް ދެރަވެއްޖެ... މަށަކަށް ނޭނގެ ތީ އެހެން މީހެއްގެ ހައްޤެއްކަމެއް... އެކަމު މިއަދު މަށަށް އެނގިއްޖެ މަ މި އުޅެނީ މީހެއްގެ ހައްޤެއް ފޭރިގަނެގެންކަން.... މަށަށް މަޢާފު ކުރޭ.... މަށަށް ރައުފާ ދެކެ ލޯބި ވެވުނީމާ.... އެކަމުވެސް އަހަރެން ރައުފާއަށް ތިކަމަށް އެހީވެ ދޭނަން... ރައުފާ ދޭ ނިޔާޒު ކައިރިއަށް... ގޮސް މަޢާފަށް އެދޭ އޭނައަށް... އަދި އޭނަ ރައުފާއަށް މަޢާފުކޮށް ރައުފާ ޤަބޫލުކޮށްފިއްޔާ މަ ރައުފާ ދޫކޮށްލާނަން..." ފައިސަލް ރޮމުން ވަނީ ފާޙާނާއަށެވެ.
ފައިސަލްގެ ވާހަކަތަކުން އަހަރެންގެ ހިތަށް ވަރަށް ފުން ހިތްދަތި އަސަރުތަކެއް ކޮށްފިއެވެ. އަހަރެންގެ މަންމަ މުދަލުގެ ބޭނުމުގައި ނަމަވެސް އަހަރެންނަށް ހޯދައި ދިނީ އަހަރެންނަށް ހާދަ ރަނގަޅު މީހެކެވެ. އަހަރެން ދެކެ ހާދަ ލޯބިވާ މީހެކެވެ. އެކަމު އަހަރެންގެ ހިތުގައި ޖަހާ ވިންދު އެހެން ނަމަކަށް ގޮވާއިރު މި ހިތް އެހެން މިޝްރާބަކަށް ގެންދާނީ ކިހިނެއް ހެއްޔެވެ؟
އަހަރެން ސިހިފައި ފޯނަށް ބަލާލީ ފޯނު ރިންގުވާ އަޑަށެވެ. އެވަގުތު ގުޅަމުން ދިޔައީ އަހަރެން ރަޙުމަތްތެރިއެކެވެ. އަހަރެން ލޮލުން ކަރުނަތައް ފޮހެލަމުން ފޯނު ނެގީމެވެ. އެކޮޅުން ދައްކަމުން ގެންދިޔަ ވާހަކަތަކުން އަހަރެންގެ ހަށިގަނޑުގެ އެކި ގުނަވަންތައް ހީވީ ބުރިބުރި ވެދާނެހެންނެވެ. ކަންފަތުގެ ހިނދުރި ހީވީ ބުރުމާ ކައްޓަކުން ތޮރުފާލިހެންނެވެ. ހިތުގައި ޖަހަމުން ގެންދިޔަ ވިންދު އަވަސްވިއެވެ. ހަށިގަނޑު އެއްކޮށް ތުރުތުރު އަޅައިގަތެވެ. ހީވީ މުޅި ހަށިގަނޑަށް ބޮޑު ލޮޅުމެއް އައިހެންނެވެ. އަހަރެންގެ އަތުން ފޯނު ދޫވެ ކޮޓަރީގެ ތަށިމުށިގަނޑު މައްޗަށް ވެއްޓުނެވެ. އަދަ ވަރަށް ބާރަށް ރޯންފެށުނެވެ.
ދުވެފައި ކަހަލަ ގޮތަކަށް އަހަރެން ގޮސް އޭ.ޑީ.ކޭ އަށް ވަނީމެވެ. އަހަރެންގެ ފަހަތުން ފައިސަލް ވެސް ވަނެވެ.
އެނދުމަތީގައި ފޮތި ގަނޑަކުން މުޅި ގައި ނިވާކޮށްފައިވާ މީހާ ފެނުމާއިއެކު އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުންއެރިއެވެ. މަޑުމަޑުން ފިޔަވަޅު ނަގަމުން ގޮސް އަހަރެން އެނދުކައިރީގައި ހުއްޓުނީމެވެ. އަދި އެމީހާގެ ގައިމަތީގައި އަޅާފައިވާ ފޮތިގަނޑު ނަގާލީމެވެ.
"ނިޔާ..."
ނިޔާޒުގެ ފުރާނަނެތް މަސްގަނޑު ފެނުމާއިއެކު އަހަރެންގެ ހިތުގެ ހިނގުން ހުއްޓުނު ކަހަލައެވެ. ރޯންވެސް ނޭނގި ގަނޑުވެފައި އަހަރެންނަށް ހުރެވުނެވެ. ހިތުގައި ޖެހިގެން ކުއްލިއަކަށް އަޑު އިވޭވަރަށް އަހަރެންނަށް ރޮއިގަނެވުނެވެ.
" ނިޔާ... އަޅެ ނިޔާ... މަށަށް މަޢާފުކުރޭ.... މަ ނިޔާ ދެކެ ވަރަށް ލޯބިވޭ.... ނިޔާ އާއި މަ ވަކިވީ މަޖުބޫރުވެގެން... މަށަށް ގޮތް ހުސްވީ.... ނިޔާ... ހެޔޮނުވާނެ.... މަ ދޫކޮށްފަ ނުދޭ... އާދޭސް ކޮށްފަ މިބުނީ..... ނިޔާ.... ލޯ ހުޅުވާލަބާ.... އެންމެ ފަހަރަކު ނަމަވެސް ލޯ ހުޅުވަބާ... ލޯ ހުޅުވާ މަށަށް ބަލާލަބާ... މިހުރީ ނިޔާ ކައިރައަށް އައިސް... ލޯ ހުޅުވާލަ ބަލާ...." އަހަރެންގެ އަޑު ތުރުތުރު އަޅަމުންދިޔައެވެ.
ފައިސަލް އަހަރެންގެ ހަރަކާތްތަކަށް ބަލަން ހުރީ ހިތް ރޫޅޭ ވަރުވެފައެވެ. އަހަރެން ނިޔާގެ އަތުގައި ހިފައިގެން ރޮމުން އާދޭސް ކުރަމުން ގެންދިޔައީމެވެ. ޑޮކްޓަރު ބުނި ގޮތުގައި ނިޔާ މަރުވީ ހިތާމަ ކޮށްކޮށް " ހާޓް ފެއިލް" ވެގެންނެވެ.
ފައިސަލް ގޮސް އަހަރެންގެ ބޮލުގައި ފިރުމަމުން އަހަރެން ނިޔާޒާއި ދުރުކުރިއެވެ. އަހަރެންނަށް އިސާހިތަކު ފައިސަލްގެ ގައިގައި ބައްދައިގަނެވުނެވެ.
" ފައިސަލް... މަށަށް އެހީވެދީ.... މަށަށް... އެހީވެދީ... ފައިސަލް.... މަގޭ ޙަޔާތަށް އުފާވެރިކަމެއް ގެނެސްދީ... މަ މަރުވެދާނެ ފައިސަލް..." ފައިސަލުގެ ގައިގައި ބައްދައިގަނެގެން އަހަރެން ރޮމުން ބުނީމެވެ.
" ރައުފާ... މަ ރައުފާއަށް އުފާވެރި ދިރިއުޅުމެއް ހޯދަ ދޭނަން... ރައުފާ އާއި ދުވަހަކުވެސް މަ ވަކިވެގެން ނުދާނަން... މަ ވަރަށް ލޯބިވޭ ރައުފާ ދެކެ..." ރައުފާގެ ދެ ލޮލުން ކަރުނަތައް ފޮހެދެމުން ފައިސަލް ބުންޏެވެ.
އަހަރެން ނިޔާޒުގެ ޖަނާޒާ ގައި ބައިވެރިވީމެވެ. ފަހުގެ ވަދާޢީ ސަލާމް ނިޔާޒަށް ކުރީމެވެ. އާ ޙަޔާތެއް އާރާސްތުކުރަން ހިތުގައި ޢަޒުމު ކަނޑައަޅަމުންނެވެ.
ނިމުނީ
ވަރަށް ރީތި
ހިތް ކުދިކުދި ވެއްޖެ!
ނޭދެމޭ ވަކިވުމެއް ހާދަހާލޯބިވޭ!
ދޫކޮއްނުދޭ ކައިރީގާވާނަމޭ!
ނޭދެމޭވަކިވުމެއް ހާދަހާލޯބިވޭ.......