ކާލާ މަންނަ މޭޒު މަށްޗައް ވައްޓާލަމުން، ކޮބާ ތަރާވީހެއް ނެތްހޭ ކިޔައި، އަހަރެން ސަމާސާ ރާގަކަށް އެކުވެރިންނަށް ސުވާލުކޮށްލީމެވެ. ތާސްކުޅުމުގެ ގަދަ ފޯރީގައި އަހަންނާއި އަހަރެންގެ އެކުވެރި އަމްޖަދު، ދާނިޝް އަދި ޒާޖިލް ތިބީ ކުޅުމުގެ ތެރައަށް ގެއްލިފައެވެ. ރޯދަ ކުރުކޮށްލުމަށް ތާސްކުޅުމަކީ އަހަރެމެން އަބަދުވެސް ކުރާކަމެކެވެ. މެންދުރު ނަމާދު ވަޤުތުގައި އެންމެންދަނީ ދާނިޝްމެން ގެޔަށެވެ. ކޮންމެޔަކަސް ޢަސްރު ނަމާދުގެ ވަޤުތަށް އަހަރެމެން ތާސްކުޅުން ހުއްޓާލީ އަމްޖަދުމެން ގެޔަށް މިރޭ ތަރާވީހަކަށް ދިޔުމަށް ނިންމައިގެނެވެ.

" އަފްރާހު... ނަމާދު ނުކޮށް ހިފާ ރޯދަ ނުވާނެ ރަނގަޅެއް.. ކީއްކުރަން ބަނޑަށް ހުންނަންވީކީއެއް؟ " ރުޅިވެރިކަމާއެކީ މަންމަ ތައްޓަށް ފަނި އަޅައިދެމުން ބުންޏެވެ. " އެއްކަލަ މަންމަ.... ނަމާދު ކުރާނަމޭ..." ބޮޑާ ހާކަމުން އަހަރެން މަންމައަށް ރައްދު ދިނީމެވެ. އަހަރެންނަކީ ރޯދަ ވީއްލާ ވަޤުތު ވަރަށް ގިނައިން ކާމީހެއް ކަމުން މިއަދު އެހާ ގިނައިން ކެއި ތަން މަންމަމެންނަށް ނުފެނުމުން އަހަރެންނާއި ސުވާލު ކުރިއެވެ. ޖަވާބުގައި މިރޭ އަމްޖަދުމެން ގެޔަށް ކާންދާން ޖެހޭ ވާހަކަ އަހަރެން ބުނުމަށް ފަހު ދިޔައީ ތައްޔާރުވާށެވެ. ވަރަށް ގަދައަށް މިރޭ ކާލާނަމޭ ހިތައި އަހަރެން ސައިކަލަށް އަރައި ޒާޖިލްއާއި ދާނިޝް އަށް ގުޅީމެވެ. އެމީހުން މިއަންނަނީއޭ ބުނުމުން އަހަރެން ސައިކަލުގައި އަމްޖަދުމެން ގެޔަށް ދިޔުމަށް ނައްޓާލީމެވެ. މާކަގިނަ އިރުތަކެއް ނުވަނީސް އަމްޖަދު ގުޅައިފިއެވެ. މަގުގެ އެއްކައިރިއަށް ސައިކަލް މަޑުކޮއްލުމަށް ފަހު އަހަރެން ފޯނަށް ޖަވާބު ދިނީމެވެ. " އޭ ބުރޯ ކަޑައޭ.... މިރޭ މަ އެބަ ޖެހޭ އިސްމާއިލުބޭ ގެޔަށްދާން.. ވަރަށް ބޮޑަށް ސޮރީ.." ވަރަށް ހާސްވެ، ދެރަވެފައިވާ ރާގަކަށް އަމްޖަދު ވާހަކަދެއްކިއެވެ. ވެގެން އުޅޭގޮތެއް ބަލާލުމަށް އަމްޖަދުގެ ގާތުގައި ހަމަޖެހިލާށޭ ބުނުމުން އޭނާ ބުނީ މިއުޅެނީ އިސްމާއިލުބޭގެ ދަރިފުޅު ފަޔާޒު ނިޔާވެގެން ކަމަށެވެ. " އެއީ އަހަރެންގެ ކަޒިންނެއް.. ހެސްކިޔާފަ ބަލިކޮށް އުޅެފަ އެމަރުވީ..." ވަރަށް ދެރަވެފައި އަމްޖަދު ކިޔާދިނެވެ. އޭނާގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ހިތްވަރުކޮއްލާށޭ އަހަރެން ބުނުމުން އަމްޖަދު ފޯނު ކަނޑާލިއެވެ. ދާނިޝްއާއި ޒާޖިލްއަށް ގުޅައި މިރޭގެ ކެއުން ކެންސަލް ވިވާހަކަ ބުނުމަށްފަހު ކަޑަ ނުވާންވެގެން އަހަރެން ބޭރުމަގަށް ދުއްވާލަން ދިޔައީމެވެ.

ވަރަށް ދަންވިފަހުން އަހަރެން ގެއަށް އައީމެވެ. އެންމެންތިބީ ނިދާފައެވެ. އަހަރަރެންވެސް މާލަސްނުކޮއް ކައިގެން އަރާ އޮށޯތީމެވެ. ޖެހިގެން އައިދުވަހު މުޅި ގޭގައޮތީ އަމްޖަދުގެ ކަޒިންގެ ވާހަކައެވެ. ކޮންމެފަދަ ވަގުތެއްގައިވެސް މަރުވެދާނެކަމާއި މިފަދަ ކަންތައްތަކުން ޢިބުރަތް ލިބިގަނެ އުޅުން އިސްލާހު ކުރުމަށް މަންމަ އަހަރެންނަށް ނަސޭހަތްދެމުން ދިޔައެވެ. ރަމަޟާން މަހު، ޒުވާން އުމުރެއްގައި ރޭގައި ނިޔާވެގެން ދިޔަ ކުއްޖާގެ ވާހަކަ ހައިރާން ކަމާއެކު މުޅި އަވަށު މީހުން ދިޔައީ ފޫހިކަމެއްނެތި ދައްކަމުންނެވެ. އަހަރެން މާބޮޑު ސަމާލުކަމެއްނުދީ، އަދި ވަޤުތު އެބައޮތޭކިޔައި އަހަރެން އަޅުކަމުގައި ފަރުވާކުޑަކުރަމުން ދިޔައީމެވެ. ދުވަސްތަށް ފާއިތުވެގޮސް އެންމެފަހުން ރަމަޟާންމަސް އަހަރެމެންނާއި އަލްވަދާއު ކިޔައިފިއެވެ. އިހުނަށްވުރެން ކުޅިވަރުތަކުގައި އަހަރެންގެ ނަފުސު ވަރުބަލިކޮށް އެކުވެރިންނާއެކީގައި ވަޤުތުތަށް ނަގާލަމުން ދިޔައީމެވެ. އަންހެންކުދިންނަށް ޖެއްސުންކޮށް، މުސްކުޅިންނަށް އުނދަގޫ ކުރުމަކީ އަހަރެންނަށް ފެންތަށްޓެއް ބޯލުންހައި ފަސޭހަކަމެއްކަމުގައި ހަދައި މާލެތެރޭގައި ވަރަށް ގައްޑާވެ އުޅެން އާދަކޮއްފީމެވެ. ގަޓުހުރިމީހެއްކަން ދެއްކުމަށްޓަކައި އެކުވެރިންދޭ އިރުޝާދުތަކަކީ އަހަރެން މިހާރު ފޮލޯކުރަމުންދާ ޓައިމްލައިނަކަށް މިވަނީ ވެފައެވެ. ރާބޮއެ މަސްތުނިވިއެއްކަމަކު އަހަރެން ރާބޯ މީހަކަށް ހަމައެންމެ ތަންފުކެއްވެސް ދުލެއް ނުކުރަމެވެ. އާއިލާމީހުންގެ އިތުރުން އަވަށްޓެރިންދޭ ނަސޭހަތަކީ ފައިފޮހެލާ ފައިފުއްސެއް ކަމުގައި ހަދައި އަހަރެންދިޔައީ އަމިއްލަ ދުނިޔޭގައި ފިޔަޖަހައި ޖާހިލީޔަތުގެ ކިއްލާއާއި ދިމާއަށް އުދުހެމުންނެވެ.

މިގޮތަށް އަހަރެންގެ ދުވަސްތަށް ހޭދަކުރަމުންގޮސް ދެއަހަރު ފާއިތުވެ ހިނގައްޖެވެ. މިހާރު ގުނަމުން މިދަނީ އަހަރުގެ ބޮޑުޗުއްޓީގެ ދުވަސްތަކެވެ. ކޮންމެ އަހަރެއްގެ ޗުއްޓީއެއްގައިވެސް އަހަރެން ދަނީ ރަށަށެވެ. އަހަރެންގެ އެކުވެރި ދާނިޝްއާއި ޒާޖިލްވެސް މިހާރުވަނީ އެމީހުންގެ އަމިއްލަ ރަށަށް ގޮސްފައެވެ. ހުކުރު ދެވަހެއްގެ ހަވީރު އަހަރެން ރަށަށް ދިޔުމަށް އާއިލާ މީހުންނާއެކީ ފުރައިފިމެވެ. ދިގު ރާސްތާއަކަށްފަހު އަހަރެން ދަތުރުކުރި ބޯޓު މަންޒިލަށް ބަނދަރުކުރިތާ މާގިނައިރު ތަކެއް ނުވަނީސް ގޮތްނޭނގޭ އިޙުސާސެއް އަހަރެންގެ ވަށައިގެން އެނބުރެމުން ދިޔައެވެ. އެހާ ދުވަސްކޮށްލާފައި ރަށަށް އާދެވުނީމައި ހީވާހީވުމެއްކަމުގައި ހިތައި އަހަރެން ގެޔަށް ހިނގައްޖައީމެވެ. މާލޭގައި އެކީގައި އުޅޭ އެކުވެރިން ކާރިގައި ނެތުމުން އެހާވަރުތަކެއް ދަށްކާފައި ރަށުތެރޭގައި ނޫޅެމެވެ. ނަމަވެސް ދީނީ ކަންކަމަށް ފަރުވާކުޑަ ކުރެވިފައިވަތީ މިހާރު ނަމާދު ކުރުމަކީ ކުރާ ހިތްވާކަމެއް ކަމުގައި ވަނީ ނުވެފައެވެ. ރަށަށް އައިތާ ހަފުތާއެއް ނުވަނީސް ޖެހިގެން އަންނަ އަހަރު ރަށުގައި އެންމެން އެއްކޮން މަޑުކުރުމަށް އާއިލާއިން ނިންމިއެވެ. މިނިންމުމަށް އަހަރެން ރުޅިނައި ކަމަކު ވަރަށް ފޫވިވިއެވެ. ޒާޖިލްމެންނާއި ވަކިން ދެން އުޅެންޖެހުމުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އަހަރެން ވައި ފިލުވާލަން ރަށުގެ ކުރީގެ އެކުވެރިންނާއި ގުޅުނީމެވެ.

އަހަރުގެ ބާރަ މަސްދުވަސް ހަމަވެ ޖެހިގެން އައި އަހަރުގެ ދުވަސްތަށް ގުނުމަށް ކަލަންޑަރު އައު އަހަރަކަށް މަރުހަބާ ކިޔައިފިއެވެ. ކޮންމެ އަހަރެއްގައިވެސް އައު އަހަރުގައި އުޅުން އިސްލާހުކޮށް ހެޔޮލަފާމީހަކަށް ވުމަށް މަންމަ ދޭ ނަސޭހަތް މިއަހަރުވެސް މަންމަ ތަކުރާރު ކުރިއެވެ. ނަމަވެސް އެނަސޭހަތްތަކަށް އަހަރެން ދިޔައީ ބީރު ކަންފަތެއް ދެމުންނެވެ. އުފަލާއި މަޖަލުގައި އަހަރެންގެ ދުވަސްތަށް ނަގާލުމުގައި ކުރިއެކޭ އެއްފަދައިން މިއަހަރުވެސް އަހަރެންދިޔައީ ވަރުބަލިކަމެއް ނެތިއެވެ. ކޮންމެ އަހަރެއްގައިވެސް މަންމަ އެންމެ އަނގަ ގަދަވާ މަސް މިއޮށްއައިސް ބޯމަތިވީއެވެ. ވަރަށް ދުވަސްކޮސްލާފައި ރަށުގައި ރޯދަމަސް ހޭދަކޮށްލުމަށް މިފަހަރު ފުރުސަތު ލިބުނީތީ އަހަރެން ވަރަށް އުފަކުރީމެވެ. އެހެނެއްކަމަކު އަހަރެންގެ އަމަލުތަކަކީ އަމިއްލަ ބާރުގައި ކުރާ ކަންތައްތަކެއްކަމުގައި ހަދައި އެހެން ރޯދަމަސްތަކެކޭ އެއްފަދައިން މިރޯދަމަސްވެސް ބޭކާރުކޮށްލުމަށް އަހަރެންގެ އަމަލުތަށް ތަމްރީނުކުރަން ފެށީމެވެ.

އެއްދުވަހެއް ހަވީރެވެ. ރޯދަވަރަށް ވަރުބަލިވެފައިވުމުން އަހަރެން މަންމަގެ ގާތަށް ދިޔައިމެވެ. އޭރު އަހަރެންގެ މަންމަ އިނީ ބޯކިބަލަށް މަސްގަނޑު މޮޑެން މޭޒުކައިރީގައެވެ. " މަންމާ... ވަރަށް ވަރުބަލިއެބަވޭ... ބޯވެސް އަނބުރާހެން ހީވެ..." ކުކުރަމުން އަހަރެން މަންމަ ކައިރީގައި އިށީނުނީމެވެ. " ﷲ މަތިން ހަނދުމަނެތި ނަމާދުނުކޮށް ދުނީޔެގެ ދަޅަޔަށް ހެއްލި ދަރިފުޅު އުޅެމުންތިދަނީ އަޅެ އެންމެ ފަހަރަކުވެސް މިސްކިތަށް ގޮސް ނަމާދު ކުރަން ފަށާބަލަ... ކުރީގެ އުޅުންދޫކޮށް އައު އަޒުމަކާއެކު ދިރިއުޅުން ނިކަން ބަދަލު ކޮށްބަލަ.. ހެޔޮނުވާނެ ދަރިފުޅާ.." މަންމަ އާދެހާއެކު ވަރަށް ލޯބިން އަހަރެންނަށް ވިސްނައިދެމުން ބުންޏެވެ. މަންމަ އުފާކޮށްދިނުމަށްޓަކައި އާނއެކޭ ބުނުމަށް ފަހު އަހަރެން ކޮޓަރިޔަށް ދިޔައީމެވެ. އިރުއޮށްސި ބަންގިގޮވައިފިއެވެ. ރޯދަވީއްލައިގެން އަހަރެން ބޭރަށް ގޮސް ގެކައިރިގައި ހުންނަ ފިހާރައެއްގެ އަށިގަނޑު މަތީގައި ޖައްސާލީމެވެ. " މިއަދު ހާދަ ވަރުބައްޔެކޭ މިވަނީ.... އަހަރެން ހަނދާން ހުރޭ މިރަށަށް އެންމެ ފުރަތަމަ އައި ދުވަހުވެސް މިކަހަލަ އުނދަގޫތަކެއް ވި... " އަހަރެން އަމިއްލަ އަމިއްލަޔާ ވާހަކަ ދައްކަމުން ބުނެލީމެވެ. އިޝާ ނަމާދަށް ބަންގިގޮވުމުން ބަނދަރަށް ޖައްސާލާނަމޭ ހިތައި އަހަރެން ބޮޑުމަގަށް އަރައި ހިނގައިގަތީމެވެ. މިސްކިތް ހުންނަނީ ބޮޑުމަގުގައެވެ. މިސްކިތް ހުރަސްކޮށްފައި އަހަރެން ކުރިޔަށްދާން ޖެހިލުންވިޔެވެ. މިއަދު މަންމަ ދެއްކިވާހަކަތަށް ވިސްނުމަށް އަލުން ގެނެސް އަހަރެން މިސްކިތަށް ފިޔަވަޅު އަޅައިފީމެވެ. އެންމެފަހުން މިސްކިތަށް ވަތް ހަނދާނެއްވެސް ނެތެވެ. މިހާދުވަސްކޮށްފައި މިސްކިތަށްވަދެވުނީތީ އަހަރެން ވަރަށް ލަދުވެސްގަތެވެ.

ކޮންމެޔަކަސް ވުޟޫކޮށްގެން އަހަރެން އިޝާނަމާދުކުރަށް މިސްކިތަށް އަރައިފީމެވެ. އޭރު އިޝާނަމާދު ޖަމާއަތުގައި ކޮށްނިމި ދަރުހަކަށް މިސްކިތްވަނީ ތައްޔަރުވެފައެވެ. މިސްކިތްވަނީ އެކީއެކަށްޗަކަށް މީހުންނާއެކު ފުރިބާރުވެސްވެފައެވެ. އަހަރެން އިޝާ ނަމާދުކޮށް ނިމި ސަލާން ދިނުމާއެކީ ދަރުސްދޭން އިލްމުވެރިޔާ ފަށައިފިއެވެ. އަހަރެންގެޔަށް ދިޔުމަށް އަވަސްވެ ހިނގައިގަތީމެވެ. ނަމަވެސް ދަރުހުގެ މައުޟޫއު އަޑު އިވިފައި އަހަރެން މިސްކިތުގައި މަޑުކޮށްލީމެވެ. " މަރު " މިމައުޟޫއަށް އިލްމުވެރިޔާ ވާހަކަދައްކަން ފެށިއެވެ. މަރަކީ ކޮބައިކަމާއި އިންސާނާ މަރުވުމަށްފަހުވެސް ކަނޑަތުކުރަންޖޭ ބައިވަރު ކަންތަށްތަކެއް އެބަހުރިކަމާއި ދުނިޔެމަތީގައި މަރަށް ތައްޔާރުވާންޖެހޭ ކަމަށް ވިދާޅުވެ އިލްމުވެރިޔާ ވާހަކަދައްކަމުން ޒުވާނެއްގެ ވާހަކައިން މިސާލުޖަހަން ފެށިއެވެ. އެއްވެސް ފޫހިކަމެއްނެތި އަހަރެން އިލްމުވެރިޔާގެ ވާހަކަތަކަށް ގެއްލި އިސްޖަހާލައިގެން ހުރީމެވެ. އަހަރެންގެޔަށް ނުގޮސް ލަސްވާތީ މަންމަ ފޯނަށް ގުޅަމުންދިޔައެވެ. ފޯނު ސައިލެންޓަށް ލުމަށްފަހު ދަރުހުގެ ވާހަކަތަށް ސިފަކުރަން ފަށައިފީމެވެ.
ވަރަށް އަސަރާއެކު އިލްމުވެރިޔާ މިސާލުޖަހަމުން ޒުވާނެއްގެ ވާހަކައިން އެންމެން ސަމާލުކަމަށް ގެނައެވެ. އިލްމުވެރިޔާގެ އެވާހަކައިގައި އެޒުވާނަކީ ވަރަށް ވިޔާނުދަކޮށް ދުނިޔޭގައި އުޅުނު މީހެކެވެ. ދީނުގެ އެއްވެސް ކަމަކަށް ސަމާލުކަމެއްނުދީ އެޒުވާނާ ދިޔައީ އޭނާގެ މުޅި ހަށިގަނޑު ދުނިޔޭގެ ދަޅަތަކަށް ނީލަން ކިޔަމުންނެވެ. މިޔުޒިކު ކުޅުމާއި ފިލުމު ބެލުމުގައި އެޒުވާނާގެ ވަގުތުތަށް ގޭގައި ހޭދަކުރަމުން ދިޔައެވެ. މައިންބަފައިންގެ ނަސޭހަތާއި އަވަށްޓެރިންގެ އިރުޝާދުތަކަށް ޖޯކުހައި އެޒުވާނާ ދިޔައީ އޭނާގެ މޮޅުކަން ދައްކަމުންނެވެ. މަގުމަތިންދާ އަންހެން ކުދިންނަށް ގޮނާކޮށް، ދުވަސްވީ މީހުންނަށް ފުރައްސާކުރަމުގައި އެޒުވާނާ އަކީ މާލޭގައި މީގެ ތިންއަހަރު ކުރިން ގައްޑާދައްކާފައި އުޅުނު މީހެއްކަން އިލްމުވެރިޔާ ކިޔާދެމުން ބުންޏެވެ. އަހަރެން ބިރުގަނެ ދާހިއްލަން ފެށިއެވެ. އިލްމުވެރިޔާ ވާހަކައިގައި އެބުނާ ޒުވާނާގެ އަމަލުތަކާއި އަހަރެންގެ އަމަލުތަށް ހުރީ ދާދި އެއްގޮތަކަށެވެ.

އަހަރެން ފެންކަޅިވެ މޫނުމަތީގައި އަތްއަޅާލެވުނެވެ. އަހަރެންނަށް މިއުޅެވެނީ ރަނގަޅަކަށް ނޫންކަމާއި އިސްލާހުވާންވީ ވަގުތު ޖެހިއްޖެކަން އަހަރެންގެ ހިތަށް އަރަންފެށިއެވެ. އިލްމުވެރިޔާ އެކިޔައިދޭ ޒުވާނާގެ ވާހަކަ އިތުރަށް ސަމާލުކަންދިނުމަށް އަހަރެންގެ މޫނުމަތިން އަތްނެގީމެވެ. އިލްމުވެރިޔާގެ ވާހަކައިން އެޒުވާނާއަށް އިސްލާމްދީން ފެނުނުގޮތް ކިޔައިދޭން ފެށިއެވެ. ރޯދަމަހުގެ އެއްދުވަހެއްގައި އެޒުވާނާ އާދަޔާއި ހިލާފު ވަރުބަތްޔެއް ވާތީ މަންމަގާތަށްގޮސް ވާހަކަދެއްކިޔެވެ. މަންމާ އެޒުވާނާއަށް ވަރަށް ނަސޭހަތްދީ ހެދިކަމަށް އިލްމުވެރިޔާ ބުންޏެވެ. މަންމަ ދިން ނަސޭހަތްތަކަށް ވަރަށް ވިސްނައި އެޒުވާނާގެ އުޅުން އިސްލާހުކުރުމަށް އަޒުމް ކަނޑައެޅިއެވެ. ކުރާ ކޮންމެ އަމަލެއްގައިވެސް ކާމިޔާބު ދެއްވާނީ ނަމާދުކޮށްގެން ކަމާއި ނަމާދު ބަރާބަރަށް ކުރާމީހާއަށް ﷲގެ ރުހިވޮޑިގަތުން ލިބޭނޭކަމާއި މަރަކީ މީހާއާއި އެންމެ ގާތުގައި އަބަދުވެސް ވާއެއްޗެއްކަން އެޒުވާނާއަށްވިސްނުނީ އެއްރޭ އިޝާނަމާދަށް ފަހު މަލޭ އިބްރާހިމް މިސްކިތުގައި ދިނީ އިލުމުވެރިޔަކު ދެއްކި ވާހަކަތަކުންނެވެ.

އެދަރުހަށްފަހު ޒުވާނާ ﷲ އަށް ފުރިހަމަ ތައުބާއަކުން ތައުބާވެ އޭނާގެ ދިރިއުޅުން ބަދަލުކޮށްލިއެވެ. ކުރީގެ އުޅުން ޒުވާނާ ދޫކޮށްލައި އަޅުކަމުގައި އެރަމަޟާން މަސް ހޭދަކުރަމަށް އަޒުމުކަނޑައަޅައި ގެޔަށް ދިޔައެވެ. ނަމާދަކީ އެޒުވާނާގެ ކަށިތަކަށް ކަސްރަތެއް ކަމުގައި ހަދައި ޤުރުއާނަކީ ހިތުގެ ވިންދުކަމަށް ހަދައި އޭނާ ދިޔައީ ﷲ ހަނދުމަކުރުމުގައި ވަގުތުތަށް ގުނަމުންކަން އިލްމުވެރިޔާ ކިޔާދިނެވެ. އަހަރެން އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ލޮލުތެރޭގައި ޖަމާވަމުން ދިޔަ ކަރުނަތަށް ހިފެހެއްޓުމެއްނެތި ކޯތާފަތަށް ދިޔައި އޮހޮރެމުންނެވެ. އިލްމުވެރިޔާގެ ވާހަކައިގެ އެއުޅޭ ޒުވާނަކީ އަހަރެންކަމުގައި އަހަންނަށް ސިފަވެ ކުލަޖެހެމުން ދިޔައެވެ. މުޅިގައިން ހީބިހި ނަގައި އަހަރެން ވަނީ ބިރުން ސިހިފައެވެ. ކަރުނަތަށް ފޮހެލަމުން ވަރަށް ކެތްތެރިކަމާއެކުގައި އިލްމުވެރިޔާގެ ވާހަކައަށް އަހަރެން ސަމާލުކަންދިނީމެވެ. އިލްމުވެރިޔާގެ ވާހަކަ ނިންމާލަމުން ޒުވާނާއަށް ވީގޮތް ކިޔައިދޭން ފެށިއެވެ. ދެހަފުތާވެސް ނުވަނީސް ޒުވާނާ ވަރަށް ބޮޑަށް ބަލިއްވެއްޖެވެ. އެހާލުގައިވެސް ރޯދަ ހިފުމުގައި ކުޑަވެސް ޝަކުވާއެއް ނުކުރެއެވެ. އީމާންތެރިކަމާއެކީގައި އޭނާއަށް ޝިފާދެއްވުމަށް އެދި ﷲގެ ހަޞްރަތުގައި ދުއާކުރުންމަތީ އެޒުވާނާ ދެމިހުރިއެވެ. ބަލިބޮޑުވެ ޒުވާނާގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭންތަކަށް ދާއިމީ ހައްލެއްގެނައީ ފުރާނަ އެޒުވާނާގެ ހަށިގަނޑާއި ވަކިކޮއްލި ހިސާބުންނެވެ. ސުބުހާﷲ ! އެޒުވާނާގެ މަށްޗައް ތައުބާ ލައްވަވާ ﷲ އެޒުވާނާގެ ތައުބާ ޤަބޫލުކުރެއްވީއެވެ. އިލުމުވެރިޔާ ރޮމުން ކިޔާދިނެވެ. ކޮންމެ މީހަކަށްވެސް ތައުބާވުމުގެ ފުރުސަތު އެބައޮތްކަމާއި އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ސާބިތުކަމާއެކު ހުރެއްޖަނަމަ ﷲ އޭނާގެ ތައުބާ ޤަބޫލުކުރައްވާ ހެޔޮގޮތް މިންވަރުކުރައްވާނޭ ކަމާއި އަވަހަށް އިސްލާހުވެ މަރަށް ތައްޔާރުވުމަށް ގޮވާލާއި އެޒުވާނާއަށް މިސާލުޖަހަމުން އިލްމުވެރިޔާ ދެމުންދިޔަ ދަރުސް ނިންމާލިއެވެ.
ތެދުވަންނަންވެސް ނޭނގިފައި އަހަރެން އިނީ އަޑުންއަޑުނަގައި ރޯށެވެ. ދޮޅުގަޑިއިރުގެ ދަރުހަށްފަހު އަހަރެން މުޅިން ބަދަލުވެއްޖެވެ. އަހަރެންގެ ދިރިއުޅުމާއި ގުޅިފައިވާ އެޒުވާނާއަކީ އަހަރެން ކަމުގައި ބެލީމެވެ.

މަރު އަހަރެންނާއި ބައްދަލުކުރާ ކަހަލައެވެ. ވަގުތުން އަހަރެން ތައުބާގެ ސަޖިދައަށް އަވަސްވެގަތީމެވެ. ކުރީގެ އުޅުން ދޫކޮށްލައި ފުރިހަމަ ތައުބާއަކުން ތައުބާވެ، އަހަރެން ﷲއަށް ދުއާ ދަންނަވަން ފެށީމެވެ. އޭރުވެސް އަހަރެންގެ ރޮނީއެވެ. އަހަރެންގެ ބޮލުތެރޭގައި އެނބުރެމުންދިޔަ ހިޔާލުތައް މާޒީގެ ފަސްމަންޒަރަށް ދަތުރުކުރަން ފަށައިފިއެވެ. އިލްމުވެރިޔާގެ ވާހަކައިން އެބުނާ ޒުވާނާގެ ހަޔާތަކީ އަހަރެންވެސް ހަޔާތެވެ. އޭނާއަށްވެސް ވިސްނި ތައުބަވެ، އެނބުރި އައުމެއް ނެތްބިމަށް ގޮސްފައި އެވަނީ އަހަރެންނަށް ވެސް ވިސްނައިދިފައިވާ ކަހަލަ ގޮތަކަށެވެ. ހައިރާންކަމާއެކީގައި އަހަރެންގެ ނަފުސަށް ޝަކުވާކުރަމުން ދިޔައީމެވެ.

އަހަރެންނަށް އެޒުވާނާ ސިފަވަން ވަށައިފިއެވެ. ސީދާ ޔަޤީން ނުވިޔެއްކަމަކު އަހަރެންގެ ވިސްނުން ތިން އަހަރު ފަހަތަށްޖައްސާލީމެވެ. އެއްގޮތަކަށްވެސް އަހަރެންނަށް އެއީ ކާކުކަން ނޭނގުމުން ތެދުވެގެންގޮސް އިލްމުވެރިޔާގެ ގާތުގައި އެއްސެވީމެވެ. " އެޒުވާނާއަކީ ކާހުޔެއްވެ؟ " މަޑުމަޑު ރާގަކަށް އަހަރެން ސުވާލުކުރުމުން އިލްމުވެރިޔާގެ ޖަވާބުގައި އެއީ "ފަޔާޒް" އޭ ބުންޏެވެ. ކިޔުންތެރީންނޭވެ.....! މީގެ ތިންއަހަރު ފަހަތަށް ޖެހިލަމާތޯއެވެ. އަމްޖަދުގެ ގެޔަށް ތަރާވީހަކަށް ދިޔުމަށް ހަމަޖެހުނުރޭ ހިނގައިދިޔަ ހާދިސާއަށް ނަޒަރު ހިންގާލަމާ ހެއްޔެވެ. އެރޭ އަމްޖަދު ގުޅައި އޭނާގެ ކަޒިން އެއް މަރުވެގެން ކެއުން ކެންސަލުކޮށް، އެވާހަކަ ބުނި ހަނދާންވެ ހެއްޔެވެ؟ އެނާގެ ހިތާމަގައި ބައިވެރިވެ އަހަރެން ހިތްވަރުދީ ވާހަކަދެއްކި ހަނދާން ނުވޭ ހެއްޔެވެ؟.... އަމްޖަދު ބޭބެގެ ދަރިފުޅު ފަޔާޒު ވަރަށް ބަލިކޮށް އުޅެފައި މަރުވި ވާހަކަ އަމްޖަދު އަހަރެންގެ ގާތުގައި ނުބުނޭ ހެއްޔެވެ؟..... ކިޔުންތެރީންނޭވެ ! މިރޭގެ ދަރުހުގައި އިލްމުވެރިޔާ ވާހަކަ ދައްކަމުން މިސާލު ޖެއްސި އެޒުވާނާއަކީ އެރޭ މަރުވެގެން އުޅުނު ފަޔާޒުއެވެ.
"إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ" މާތްﷲ އެޒުވާނާއަށް ހެޔޮރަހުމަތްލައްވާ ސުވަރުގޭގެ މަތިވެރި ދަރަޖަ ދެއްވާށިއެވެ. ދުނިޔެއަކީ އެއްވެސް އަގެއްނެތް ތަނެއްކަން އަހަރަންނަށް އިހްސާސް ކުރެއްވިއްޖެވެ. ވަގުތީ ފާލަމުގައި ހަޔާތް ބަރުދާސްކުރުމުގައި ދާއިމީ ފާލަން މަތިން ހަނދާންކޮށް އުޅުން އިސްލާހުކުރުމަށް މިލިބުނު ފުރުސަތަށް އަހަރެން ﷲއަށް ހަމްދުކުރަމެވެ. އެހެން ހުރިހާ ކަމަކަށް ވުރެން ނަމާދު އިސްކޮށް ދިރިއުޅުން ބަދަލުކުރުމަށް ޤަސްތުކޮށް އަހަރެން މިސްކިތުން ފައިބައިގެން ގެޔަށް ދިޔުމަށް ހިނގައިގަތީ " ފަޔާޒް " ކަހަލަ މީހަކަށް ވުމަށްޓަކައި އަޒުމު ކަނޑައަޅައިގެންނެވެ.

= ނިމުނީ =

ނޯޓު: މިއީ ޙިޔާލީ އުފެއްދުމެއްގެ މަށްޗައް ބިނާކޮށް، ބާޓާ އެސްފިޔަ ދީނީ ކުރުވާހަކަ މުބާރާތަށް 2017ވަނަ އަހަރުގެ ރަމަޞާންމަހު އަޅުގަނޑު ލިޔެފައިވާ ކުރު ވާހަކައެކެވެ. މިވާހަކައަށް ވަނީ މުޅިމުބާރާތުގެ ފަޙުރުވެރި 1ވަނަ ލިބިފައެވެ.
\