ބާބު 15 – ހިތުގިނި

ޒީކްއަކީ އިންސިއެއް ނޫންކަން އެނގުމުން މޯނާ ގަތީ އަމަށަކު ބިރެއް ނޫނެވެ. އޭނާ ބަދިގެއިން ނުކުމެގެން ސިޑިއާ ހަމައަށް ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ. ކުއްލިއަކަށް ތަށިމުށިގަނޑު މައްޗަށް އެއްޗެއް ވެއްޓި ޖެހުނު އަޑު އިވުނެވެ. މޯނާއަށް ލިބުނު ސިހުން ވަރުގަދައެވެ. ޒީކް އޭނާގެ ފަހަތުން އައީ ކަމުގައި ހީކުރެވުނެވެ. ޖެހިލުންވެފައި ހުރެ ފަހަތަށް އެނބުރި ބަލާލިއިރު ގަނެފައިވާ ބިރެއްގެ ސަބަބުން ހިތް ތެޅެމުންދިޔަ އަޑު އޭނާގެ ކަންފަތާއި ހަމައަށް ވެސް ފޯރައެވެ. ނަމަވެސް ޒީކްގެ ހިލަމެއް ނެތުމުން ހަމަޖެހުމުގެ ފުންނޭވާއެއް ދޫކޮށްލެވެ. އޭނާގެ ނިތްކުރި މަތިން ފާޅުވެފައިވާ ޝަބުނަމް ތިކިތަކެއް ފަދަ ދާތިކިތައް އަތުގެ ފުށަތުން ފޮހެމުން ސިޑިން އަރައިގެން ދިޔައީ ނިކަން ހަލުވިކޮށްނެވެ. އޭނާގެ މަޤުޞަދަކަށް ވީ ރުހާމަށް އެ ޚަބަރު ދިނުމެވެ. އެ ގޭގައި އެމީހުންނާއެކު އުޅެމުން އެ ދަނީ ޒީކްނޫންކަމުގައި ބުނުމެވެ. އެއީ ޒީކްގެ ސިފަޖެހިގެން އައިސް ހުރި ޖިންނިއެއްކަމުގައި ބުނުމެވެ.

މޯނާގެ ފިޔަވަޅުތައް ހުއްޓުމަކަށް އައީ ކޮޓަރިއާ ދެތިން ފޫޓު ކައިރިއަށް ދެވުނު ފަހުންނެވެ. ދެން ކުރިޔަށް ފައި ނަގަން ކުރި މަސައްކަތްވީ ބޭކާރެވެ. އޭނާގެ ކަޅި ފަރާތްފަރާތަށް ހަރަކާތްކުރެވުނު ނަމަވެސް ހަށިގަނޑުގެ އިތުރު ގުނަވަނަކަށް އޭނާގެ އެއްވެސް ބާރެއް ނުފޯރުވުނެވެ. އަތެއް ފަޔެއް ގުޑުވައިވެސް ނުލެވުނެވެ. މޯނާއަށް ވީ ގޮތް ރޭކާލީ ދޮރުފަތަށް އެޅުނު ޒީކްގެ ހިޔަނި ފެނުމުންނެވެ. އޭނާގެ މުޅި ޖިސްމު ޒީކްގެ ބާރު ދަށުގައި ކަސްތޮޅު އެޅުވިފައިވާކަން އިޙްސާސްވުމުން މުޅި ޖިސްމު ރޫރޫ އަޅައިގެން ދިޔައެވެ.

"ތި ޚިޔާލުތައް ސިކުނޑިން ނެރެލާ." މޯނާގެ ކަންފަތް ބުޑުގައި ވައި އަޑުން ޒީކް ބުނެލިއެވެ. "ރުހާމަށް މި ހަޤީޤަތް އެނގޭކަށް ނުޖެހޭ. މި ހަޤީޤަތް ފަޅާއަރުވައިލައިފިނަމަ ޒީކްގެ ސިފަޖެހިގެން މަ މިގެއަށް އަންނަންޖެހުނު ސަބަބު ބުނެދޭންޖެހޭނެ. ކަލެޔާ މާޒިންގެ ރޭވުމުން ޒީކަށް ދިން އަނިޔާ ރުހާމަށް އެނގިއްޖެނަމަ ވާނެގޮތް ކަލެޔަށް އެނގޭތަ؟"

ޒީކްއަކީ ޖިންނިއެއްކަމަށް މޯނާއަށް ހީކުރެވުނު ނަމަވެސް އެ ކުށްހީ ދުރުކޮށްދޭކަށް ޒީކް މަސައްކަތެއް ނުކުރެއެވެ. އޭގެ ބަދަލުގައި އެކަމުން ވެސް ޒީކްގެ ނެގީ ނާޖާއިޒް ފައިދާއެވެ. މޯނާގެ ސިކުނޑީގައިވާ ޚިޔާލުތައް ދެނެގަންނަމުން އޭނާގެ ވާހަކަތައް ބައްޓަންކުރީ، މޯނާ ޖެހިލުންވެ ބިރުގަންނާނެ ފަދަ ގޮތަކަށެވެ. މޯނާގެ ކުރި މައްޗަށް ހުއްޓެމުން އޭނާގެ ދެލޯ ނޫކުލައިން ދިއްލާލީ މޯނާގެ ޝައްކުތައް ޔަޤީންކޮށްދޭށެވެ. އެޔާއެކު މޯނާގެ ފައިކޮޅުން އެރި ހީބިހި ސިކުނޑިއާ ހަމައަށް ފޯރިއެވެ. ހަތަރެސްފައި ފިނިވެގެން ގޮސް މުޅި ސިކުނޑި އައްސިވެގެން ދިޔައެވެ. ޒީކްގެ ސިފަޖެހިގެން ޖިންނިއަކު އެގެއަށް އަންނަންޖެހޭނެ އޮތީ އެންމެ ސަބަބެކެވެ. އެއީ އޭނާގެ ކިބައިން ބަދަލު ހިފުމެވެ.

"ތި ހީވީ ހަމަ ރަނގަޅަށް. މަ މިއައީ ކަލޭގެ ކިބައިން ބަދަލުހިފަން." މޯނާގެ ސިކުނޑީގައިވާ ހުރިހާ ޚިޔާލުތަކެއް ޒީކަށް އެނގެމުން ދިޔައީ ހުޅުވިފައިވާ ފޮތެއް ފަދައިންނެވެ.

ޒީކްގެ ދެލޮލުން ފެންނަމުންދިޔަ ނުރައްކާތެރިކަމުގެ ކުލަވަރުން މޯނާ ބިރުން ގޮސް އަވަދިވާ ވަރުވިއެވެ. ބިންފަޅާފައި އަޑިއަށް ދާނެ ނަމައޭ އެތައް ފަހަރަކު އޭނާގެ ހިތަށް އެރިއެވެ. އެހީއަކަށް އެދި ގޮވާލަން ދޫ ހަރަކާތްކުރަން މަސައްކަތްކުރި ނަމަވެސް އެކަން ވެސް ކާމިޔާބެއް ނުވިއެވެ. އެންމެފަހުން ހަދާނެގޮތް ހުސްވެގެން ގޮސް މޯނާއަށް ރޮވުނީއެވެ. އެ ކަސްތޮޅުން ސަލާމަތްކޮށް ދެއްވުމަށް އެދި އޭނާ ހިތާއި ހިތުން ދުޢާކުރަން ފެށުނީއެވެ. މޯނާގެ ދެލޮލުން ބޮޑެތި ކަރުނަތައް ފުލުފުލުގައި ކޯތާފަތް މައްޗަށް ފައިބަން ފެށުމުން ޒީކްގެ ނަފުސަށް އަޖައިބެއް ކަހަލަ ހިތްހަމަޖެހުމެއް ލިބުނެވެ.

"ކަލޭ ހެއްދެވި ފަރާތް މަތިން ހަނދާން ވެއްޖެތަ؟" ޒީކް ދެދަތްޕިލައަށް ބާރުކޮށްލަމުން ބުންޏެވެ. "އެއްވެސް ޖެހިލުމެއް ބިރެއްނެތި ފާފަތައް ކުރަމުން މީހުންގެ ދިރިއުޅުމުގައި ހުޅުޖަހަމުންދާއިރު އެ ފަރާތްމަތިން ހަނދުމަ ނުވަނީ ކީއްވެގެންތަ؟ މިއަދު މަދަދަށް އެދޭނެ އިތުރު ފަރާތެއް ނެތުމުން ހަނދުމަކުރިޔަސް ކުރާނެ ފައިދާއެއް ނޯންނާނެ. ކަލެޔަށް އެހީވާނެ މީހަކު ނާންނާނެ."

ޒީކް ނިކަން ބާރަށް ހީގަތެވެ. އެ ހުނުން މެދުކެނޑުނީ ދޮރު ހުޅުވާލި އަޑު އިވިފައެވެ. ފަހަތަށް އެނބުރި ބަލާނުލި ނަމަވެސް ދޮރު ހުޅުވާނީ ރުހާމްކަން ޒީކަށް އެނގެއެވެ. އޭނާގެ މޫނު މަތިން ފާޅުވި ނުތަނަވަސްކަން ފޮރުވަމުން މޯނާގެ ގައިގާ އޮޅުލައިގަތެވެ. މޯނާއަށް ޚަރަކާތްކުރާނެ ބާރު ލިބިގެންދިޔައީ އެ ވަގުތެވެ. މޯނާ ތެޅިގެންފައި ޒީކް ދުރަށް ކޮށްޕައިލަމުން ދޮރުމަތީގައި ހުރި ރުހާމަށް މޯނާ ބަލާލިއެވެ. އޭނާ ދެތިން ފިޔަވަޅު ކުރިޔަށް އަޅައި ރުހާމްގެ ގައިގާ އޮޅުލައިގަތީ ގިސްލަމުންނެވެ.

"ކިހިނެއްވެގެން މިއުޅެނީ." ރުހާމް ސުވާލުކުރިއިރު އަޑުގައިވީ ހައިރާންކަމެވެ. "ތި ރޮނީ ކީއްވެގެން؟"

ޒީކް އެނބުރުނީ ތުންފަތުގައި މަސްނޫއީ ހިނިތުންވުމެއް ކުރަހާލައިގެން ހުރެއެވެ. ރުހާމަށް ދޭނެ ޖަވާބަކާމެދު ވިސްނަމުން އިސްޖަހައިލި ވަގުތު މޯނާގެ އަތަށް އޭނާގެ ނަޒަރު ސީދާވިއެވެ.

"ދައްތަގެ އަތަށް ގަރުދިޔަތަށި ބަންޑުންވީ." ޒީކް ކައިރިއަށް ޖެހިލަމުން މޯނާގެ އަތުގައި ހިފައި އުފުލާލިއެވެ. އެ އަތް ފޮޅުވައިލަމުން މޯނާ ދުރަށް ޖެހިލީ ބިރުން ހުރެއެވެ.

މޯނާގެ އަތްތިލަ ވަނީ ދުޅައަރާ ފުފިފައެވެ. ކުލަ ބަދަލުވެފައިވާ އެ އަތުގައި ފޮޅު ވެސް ލައިފައި ހުއްޓެވެ. އެހާވަރުވުމުން ނަގާނެ ދިލައާއި ވޭން ރުހާމަށް އިޙްސާސްވިއެވެ.

"މީ އެއްވެސް ކަމެއްނޫނޭ. ކުޑަކުއްޖެއްހެން ނުރޮއެބަލަ. އަވަހަށް ހިނގާ ބޭސް އަޅަން. ގިނައިރުވީ ވަރަކަށް ގޯސްވެދާނެ." ރުހާމް ވާހަކަ ދައްކަމުން މޯނާގެ ކޮނޑުގައި އަތް ބާއްވައިލި ވަގުތު އެ ހަށިގަނޑުގައި ތުރުތުރުލުމެއް ވާކަން ފާހަގަވިއެވެ.

"ހީވަނީ ކަމަކާ ބިރުން އުޅޭހެން. ކޮންކަމަކާ ބިރުން ތިއުޅެނީ." ރުހާމް އެހިއެވެ.

މޯނާ ވައްކަޅިން ޒީކަށް ބަލައިލިއެވެ. ޒީކް ދެލޮލުން އިންޒާރު ދިނީ ހަމަހިމޭނުން ހުރުމަށެވެ. މޯނާ ހިންދިރުވައިލިއެވެ. މޯނާ ބޭނުންވީ ވީ އެންމެ އަވަހަކަށް ރުހާމް ގޮވައިގެން ކޮޓަރިއަށް ވަންނާށެވެ. ޒީކް ފެންނަ ހިސާބުން ދުރަށް ދާށެވެ. ރުހާމަށް ހަޤީޤަތް ބުނެދޭން ފަސޭހަވާނީ އޭރުންނެވެ. ރުހާމްގެ އަތުގައި ހިފައިގެން މޯނާ ކޮޓަރިއަށް ވަނުމަށް ފިޔަވަޅެއް އަޅައިލިއެވެ.

"ހާމް..." ރުހާމް އަތުގެ މުލައްދަނޑީގައި ޒީކް ހިފައިލިއެވެ. މޯނާގެ މަޤުޞަދު ވަރަށް ރަނގަޅަށް ޒީކަށް ވިސްނުނެވެ.

"މޯނާ މަ މި ކުރަނީ ސަމާސާއެއްނޫން. ރުހާމަށް މަގޭ ހަޤީޤަތް އެނގިއްޖެނަމަ ކަލޭގެ ފުރާނަވެސް ދަމައިގަންނާނަން. މަށަށް އެކަން ކުރަން މާ ގިނަ ވަގުތެއް ބޭނުމެއްނުވާނެ. އެވަރު ނުވިސްނޭވަރުގެ ކުޑަކުއްޖެއްނޫނެއްނު ތީ." ޒީކްގެ ތުންފަތް ހަރަކާތް ނުކުރި ނަމަވެސް ޒީކް ބުނި އެއްޗެއް ސާފުކޮށް މޯނާއަށް އިވުނެވެ. އެ އަޑު މޯނާގެ ސިކުނޑީގެ ތެރޭގައި ގުގުމާލިއެވެ. ޒީކް ދެއްކި ވާހަކަތައް ހަމައެކަނި އިވުނީ މޯނާއަށެވެ. އެކަން މޯނާއަށް ވިސްނުނީ ރުހާމް ކުރި ސުވާލުންނެވެ.

"އެއްޗެއް ނުބުނެ ތިހުރީ ކީއްވެގެން؟" ރުހާމް ބުމަ އުފުލާލަމުން އެހިއެވެ.

"ހިނގާބަލަ." ޒީކް ބުނެލިއެވެ.

"ކޮންތާކަށް؟ ދައްތަގެ އަތުގައި ބޭސް އުނގުޅަ.." ރުހާމްގެ ވާހަކަ ފުރިހަމަކުރާކަށް ފުރުޞަތެއް ނުލިބުނެވެ. އޭނާގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ޒީކް ހިނގައިގަތީ ދައްތައަށް އެކަނި އެކަން ކުރެވޭނެކަމުގައި ބުނަމުންނެވެ. ރުހާމް ފަސް އެނބުރި މޯނާގެ މޫނަށް ބަލާލަމުން އަތުގައި ބޭސް އުނގުޅުމަށް ހަނދާންކޮށްދިނެވެ. ރުހާމްމެން ގޮސް ކޮޓަރިއަށް ވަންއިރު ވެސް މޯނާ ހުރި ފިޔަވަޅު މަތީގައި ހުއްޓި ހުރީއެވެ. ބަރުވެފައިވާ ސިކުނޑިން އޭނާ ވިސްނަމުން ދިޔައީ ޒީކަށް ހަދާނެ ގޮތަކާމެދުއެވެ. އޭނާގެ ޢާއިލާ އެ މުސީބާތުން މިންޖުކުރާނެ ގޮތަކާމެދުއެވެ.

"ޒީ. ހާދަ ގަދަކޮށްފިއޭ ދޯ؟" ރުހާމް ކޮޓަރިއަށް ވަންނަމުން ބުންޏެވެ. "ކުރިން މިގޭގައި އުޅުނު ޒީއާ ހާސްބައި ތަފާތު ކުއްޖެއް މިހާރު މިފެންނަނީ. ކުރީގައި ޒީއަކަށް ނުކެރޭނެ ތިހެން އުޅޭކަށް. މަ އަތުގައި ހިފައިގެން އައިސް ކޮޓަރިއަށް ވައްދާއިރު ވެސް އެނގޭނެ ދައްތަ ރުޅިއަންނާނެކަން ވެސް. އަދި އަމުދުން އެ އަތުގައި ބޭސް އަޅައިނުދީ އައީމަ މިހާރު ހުންނާނީ ދުން ބޮޑުވެފައި. ތީ ދައްތަ ރުޅިއަރުވަން ގަސްދުގައި ކުރި ކަމެއްދޯ؟"

ރުހާމް ފަހުން ޖުމްލަ ބުނެލީ ކުޑަ ހުނުމަކާއެކުއެވެ. އޭނާގެ މަޤުޞަދަކަށް ވީ މޯނާ ރުޅި އަޔަސް އޭނާ އެކަމާ ކަންބޮޑުނުވާކަން ޒީކަށް އެންގުމެވެ.

"ހާމްއަށް ތި ހުރިހާ ކަމެއް ވިސްނުންއިރު ވެސް އަހަންނާއެކު ތިއައީ ހަމަ ދައްތަ ރުޅިއަރުވާކަށްނު." ޒީކް ސާބިތުކަމާއެކު ބުނެލިއެވެ. ރުހާމްގެ އަނގަ ބަންދުވިއެވެ. ހަޤީޤަތުގައި ރުހާމަށް އެ ކޮޓަރިއަށް އާދެވުނީ ޒީކްގެ މައްޗަށް އެ ހިތުގައި އުފަންވެފައިވާ ލޯބީގެ ސަބަބުންނެވެ. އެ ލޯބީގެ ސަބަބުން ރުހާމަށް ދެކޮޅު ހަދަން ނުކެރުނީއެވެ. މޯނާ އަތުވެދާނެ ރުޅިއަށް ފަރުވާނުވެވުނީއެވެ.

"އެއްޗެއް ނުބުނީ ކީއްވެގެން؟" ޒީކް ރުހާމަށް ބަލައިލީ ޝައުޤުން ފުރިފައިވާ ބެލުމަކުންނެވެ. އެ ތޫނު ލޮލުގެ ތެރެއިން ލޯބި އުތުރި އަރަމުންދިޔަތަން ރުހާމަށް ފެނުނެވެ. އޭނާގެ ހިތް އަވަސްވެގެން ދިޔައީ މިހެނަކުންނޫނެވެ.

"އަހަންނަށް އެނގޭ ހާމް އަހަރެންދެކެ ލޯބިވާކަން." ދެންވެސް ވާހަކަ ދެއްކީ ޒީކެވެ. "ތި ހިތުގައި އަހަރެންގެ މައްޗަށް އޮތް ލޯބި ތި ދެލޮލުން އެބަ ފެނޭ. އަހަރެންނަށް ވެސް އެނގުމެއްނުވާ ހާލުގައި ހާމްދެކެ ލޯބިވެވިއްޖެ. އިންތިހާއަށް ލޯބިވެވިއްޖެ. ފާއިތުވެގެންދިޔަ 06 މަސްދުވަހު ހާމް ނުފެންނަ ހިސާބުގައި އުޅެންޖެހުނީމަ އެކަން އަހަންނަށް އިޙްސާސްކުރެވުނީ."

ޒީކްގެ އަނގައިން ބޭރުވި ކޮންމެ ލަފްޒެއް ރުހާމްގެ ހިތުގެ އެންމެ ހިމަ ނާރަށް އަސަރުކުރުވިއެވެ. އޭނާގެ ހުވަފެންތައް އެހާ ފަސޭހައިން ހާސިލު ވަނީ ހެއްޔެވެ؟ އޭނާއަށް މި ފެންނަނީ ހުވަފެނެއް ހެއްޔެވެ؟ ޒީކް އޭނާދެކެ ލޯބިވާކަމަށް އިޤުރާރުވީއެވެ. ރުހާމް ހިތް އުފަލުން ނަށައިގަތެވެ. އެ އުފާވެރިކަން އޭނާގެ ދެލޮލުންނާއި ތުންފަތް މަތިން ހާސާވިއެވެ. ރުހާމް އެއްޗެކޭ ބުނަން އުޅެފައިވެސް ފުންނޭވާއެއް ދޫކޮށްލަމުން ހިމޭންވެލީއެވެ. ފުރަތަމަ ފަހަރަށް އެދެމީހުން ދެމެދުގައިވާ އުމުރުގެ ތަފާތާމެދު ރުހާމަށް ވިސްނައިލެވުނެވެ. އެމީހުން ގުޅިއްޖެނަމަ މީހުންގެ މަލާމާތާއި ފުރައްސާރައިގެ އިތުރުން މޯނާގެ ދުއްތުރާ ޒީކަށް އަމާޒުވާނެކަން އެއީ މުޖައްރިބު ކަމެކެވެ. އެކަންކަމަށް ކުރިމަތިލާނެހާ ހިތްވަރު ޒީކްގެ ކިބައިގައި ހުންނާނެ ހެއްޔެވެ؟

"ލޯބިވާކަށް ވަކި އުމުރެއް ނޯންނާނެ. އަހަންނަށް ކޮންމެފަދަކަމަކާ ވެސް ކުރިމަތި ލެވިދާނެ. އެ ހިތްވަރު ހުންނާނެ." ޒީކް ބުނެލި އެއްޗަކުން ރުހާމް ސިހުނެވެ. އޭނާ އެކަމާ ވިސްނިކަން ޒީކަށް އެނގުނީ ކިހިނެއް ހެއްޔެވެ؟

"ތި ދެލޮލުން ހުރިހާ އެއްޗެއް ހާމަވޭ." ޒީކް ޖަވާބު ދިނެވެ. "ލޯބިވެވުނީމަ ހިތުގެ ހާލަތު ބަޔާންކުރާކަށް ދުލެއް ބޭނުމެއް ނުވާނެ. އެކަމަށް ހިމޭންބަހުރުވަ ވެސް ފުދޭނެ."

ރުހާމްގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ބުނެބަލަ. އަހަރެންދެކެ ލޯތްބެއް ނުވޭތަ؟" ޒީކް ކައިރިއަށް ޖެހިލަމުން ރުހާމްގެ ދެއަތުގައި ހިފައިލިއެވެ.

"މި ދެލޮލުން ތި ސުވާލުގެ ޖަވާބެއް ނުފެނޭތަ؟" ރުހާމް ސަމާސާކޮށްލިއެވެ.

"ތި ދުލުން އަޑު އަހާލާ ހިތްވަނީ." ޒީކް ރަކިވިއެވެ. އޭނާ އިސްޖަހައިލިއެވެ.

"ޒީއަށް އިޙްސާސް ވެސް ނުވާނެ އަހަރެން ލޯބިވާވަރު. ވަރަށް ލޯބިވޭ." ޒީކްގެ ދަތްދޮޅީގައި ހިފައި އުފުލާލަމުން ރުހާމް ޖަވާބު ދިނެވެ. "އަދި ޒީއަށް ނޭނގޭ ވާހަކައެއް ބުނަންތަ؟ ތިހާ ކެރޭ ކުއްޖަކަށްވީތީ ވަރަށް ކަމުގޮސްސި. ތި މިޒާޖު ޒީއާ މާ ގުޅޭކަންނޭނގެ. ކުރިޔަށްވުރެ ބޮޑަށް ގަޔާވެވިއްޖެ. ލޯބިވެވިއްޖެ."

"އަސްލުވެސްތަ؟" ޒީކް ވައި އަޑުން އެހިއެވެ.

"ޔެސް. އައި ލަވް ޔޫ ސޯ މަޗު. ޔޫ އާރ މައިން. ތީ ހަމައެކަނި އަހަރެންގެ ހައްޤެއް." ރުހާމްގެ އަތުތެރެއަށް ޒީކް ގެނެސް ބޮނޑިކޮށްލިއިރު އެ ދެލޮލުން އުފާވެރިކަމުގެ ކަރުނަތައް ނީރާލިއެވެ.

***1999 ވަނަ އަހަރު***

ޒިޔާދުގެ ކަނިވަމުން ދިޔަ ހަޔާތުގެ ދަންމަރު ރޯކޮށްލަދިނީ މުސްކާން އޭނާގެ ދަރިއަކަށް ބަލިވެ އިން ޚަބަރެވެ. މުސްކާންގެ ދުލުން އޭނާގެ ކަންފަތަށް އެ އުފާވެރި ޚަބަރު ދިން ވަގުތު ޤަބޫލުކުރަން ދަތިވެފައި މުސްކާންގެ ދެލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ. މުސްކާން ބޯ ޖަހައިލުމަކުން ޔަޤީންކަން ދިނުމާއެކު އޭނާއަށް އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެވުނެވެ. މުސްކާންގެ އިޒުނަ ހޯދުމެއްނެތި އެ ލުއި ހަށިގަނޑު އުފުލާލައިގެން އެނބުރެން ފެށިއެވެ. ހެމުންހެމުން ވަރަށް އުފާވެއްޖެކަމުގައި ބުނަމުންނެވެ. މުސްކާން އެކަން މަނާކުރާކަށް ނޫޅުނެވެ. އެ އުފަލުގައި މުސްކާން ވެސް ބައިވެރިވީއެވެ. އެމީހުންނަށް ލިބެން އުޅޭ ދަރިފުޅުގެ ޙައްޤުގައި މުސްކާނަށް އެ ނިންމުން ނިންމަން މަޖުބޫރެވެ.

"އަހަރެން ޒިޔާދަށް މާފުކޮށްފިން. ހަމައެކަނި މި ދަރިފުޅަށްޓަކައި." މުސްކާން ތިރީގައި ބެހެއްޓުމާއެކު އޭނާގެ ނިންމުން އިއްވައިލިއެވެ.

"ވަރަށް އުފާވެއްޖެ. ވަރަށް ބޮޑަށް. މަ މުސްކާންގެ އިތުބާރު އަނބުރާ ހޯދާނަން. ދުވަހަކު ވެސް މުސްކާނަށް ސިއްރުން އެއްވެސް ކަމެއް ނުކުރާނަން." މުސްކާންގެ ބަނޑުގައި އަތްޖައްސައިލައިގެން ހުރެ ޒިޔާދު ވަޢުދުވިއެވެ.

ޒިޔާދުގެ ދިރިއުޅުން އަމާންއޮމާން ކަމާއެކު މަޑު ދުވެލީގައި ދަތުރަށް ފެށިއިރު މޯނާ ހުރީ ކުރިންވެސް ހުރި ހިސާބުގައި ގޮތް ހުސްވެފައެވެ. އޭނާ ހާސިލުކުރަން ބޭނުންވި ލޯބި އަދިވެސް އޮތި ކުލަޖެހުމެއް ނުވާ ހުވަފެނެއް ގޮތުގައެވެ. ދުވަސްކޮޅަކުން ރުހާމްގެ ރުޅި ފިނިވެދާނެކަމަށް ހީކުރެވުނު ނަމަވެސް އެކަން ވެސް ވީ ކުށްހީއަކަށެވެ. ރުހާމް އޭނާއަށް މަޢާފެއް ނުކުރިއެވެ. ދެމީހުންގެ މެދުގައި އޮތް އެކުވެރިކަން ގެއްލި މިހާރު ރުހާމްގެ ނަޒަރުގައި މޯނާއަކީ ހަތުރެކެވެ. މޯނާ ވާހަކަ ދެއްކުމަށް މަސައްކަތްކުރާ ކޮންމެ ފަހަރަކު ލަދު ހުތުރު އެތަކެއް ބަސްތަތަކުން މޯނާ ހިތުގައި ޖެއްސުން ރުހާމްގެ އާދައަކަށް ވިއެވެ. ރަށު މީހުންގެ މަލާމާތާއި ފުރައްސާރަ ލިބޭވަރަށް ބޭޒާރުކުރިއެވެ.

"އާދޭސްކޮށްކޮށް އަހަރެން ވަރުބަލިވެއްޖެ. ގޮތް ހުސްވެއްޖެ. އޭނަ ދުވަހަކުވެސް މަށަށް މާފުކުރާނެ ހެނެއް ހިޔެއްނުވޭ. މި ހުރިހާކަމެއް ދިމާމިވީ އެ ގޮތްކުޑަ މުސްކާންގެ ސަބަބުން. އޭނާ މަގޭ ލޯބިވެރިޔާ ޖަހައިނުގަތްނަމަ މިދުވަސް ނައީސް." މޯނާގެ ހިތުގެ ހާލަތު ގާތް އެކުވެރިއެއްކަމަށްވާ ވިޝާމާއާ ހިއްސާކުރިއެވެ.

"މޯނީ ތިކަމުގައި ކުރުމަގެއް އިޚްތިޔާރު ނުކުރީ ކީއްވެގެން؟" ވިޝާމާ އެހިއެވެ.

"ތިބުނީ." ވިޝާމާ ކުރުމަގު މާނަ ކުރިގޮތެއް މޯނާއަކަށް ނުވިސްނުނެވެ.

"ސިހުރު ހަދައިގެން ލޯބި ހޯދުން." ވިޝާމާ އޮޅުންފިލުވައި ދިނެވެ. "ރުހާމްގެ ހިތުގައި އޮތް ނަފުރަތު ލޯތްބަށް ބަދަލުވާނެކަމެއް މީ. މުސްކާނަށް ނަފުރަތުކޮށް މޯނީއަށް ތަޢުރީފުކުރާވަރު ވެސް ކޮށްލެވިދާނެ. މޯނީ ބޭނުންވަންޏާ އެކަންކުރާނެ ގޮތް ވެސް ދަސްކޮށްދެވިދާނެ. އަހަރެންގެ ހުންނާނެ ވަރަށް ގާތް ރައްޓެއްސެއް. އޭނާ އުޅޭނީ ކުޅުދުއްފުށީގައި. އިބްރާހީމްބެ ކިޔާނީ. ނިކަން މަޝްހޫރު މޮޅު މީހެއްއެއީ. އޭނާ މޯނީއަށް ސިހުރު ހަދަން ދަސްކޮށްދީފާނެ. އޭރުން މީހެއްގެ ފައިބުޑަށް ވެއްޓި އާދޭސްކުރާކަށް ނުޖެހޭނެ."

"ތީ ވަރަށް ރަނގަޅު ގޮތެއް." މޯނާގެ ދެލޮލުން އުންމީދުގެ ކުލަވަރު ފާޅުވިއެވެ. ސިހުރަކީ މާތްﷲ ހަރާމްކުރައްވާފައިވާ ބޮޑު ފާފައެއްކަން އެނގިހުރެ ސިހުރުވެރިއަކަށްވުމުގެ ޝަޢުޤު ވެސް މޯނާގެ ހިތުގައި އުފެދުނެވެ. އޭނާ އެ ޢިލްމު އުގެނެން ބޭނުންވިއެވެ. އޭނާ ހިތުގެ މުރާދު ހާސިލުކުރުމަށް އެޔަށްވުރު ކުރު އަދި ފަސޭހަ މަގެއް ވެސް ނެތްކަމުގައި މޯނާ ހީކުރިއެވެ.

***2019 ވަނަ އަހަރު***

ފިކުރުގެ ފުން ކޯރަކަށް ގެނބެމުން ދަނިކޮށް މޯނާއަށް ހޭވެރިކަންވީ އިވެންފެށި އަޑެއްގެ ސަބަބުންނެވެ. ފުންމައިގެން އެނދުން ތެދުވެވުނު ގޮތަށް ފުރަތަމަ ވެސް އޭނާ ބެލީ ރުހާމް ކޮބައިތޯއެވެ. ވިސްނައިލެވުމުން ހަނދާނަށް އައީ ޒީކްއާއެކު އެ ކޮޓަރިއަށް ރުހާމް ވަންކަމެވެ. އެ ފާހިޝް އަޑުވެސް އިވެމުން އެ ދަނީ ހަމަ އެ ކޮޓަރީންނެވެ. މޯނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. ދެވަނަ ސިކުންތުގައި އޭނާ ހުރީ ކޮޓަރިން ބޭރުގައެވެ. ޒީކްގެ ކޮޓަރި ދޮރާ ހަމައަށް ދެވުނު ގޮތްވެސް އޭނާއަށް ނޭނގުނެވެ. ކުއްލިއަކަށް އެ ދޮރު ހުޅުވައިލިއެވެ. އެނދުމަތީގައި އޮތް ބޯ ރަޖާގަނޑު ދަށުން ޒީކްގެ އަޑު މެދުކެނޑުމެއް ނެތި އިވެމުންދިޔައެވެ. މޯނާ ނިކަން ބާރަށް ރުހާމަށް ގޮވައިލަމުން ހަޅޭލަވައިގަތެވެ. އެޔާއެކު ޒީކްގެ އަޑު މެދުކެނޑުނެވެ. ޚަރަކާތްތައް ހުއްޓުމަކަށް އަޔެވެ. އޭނާގެ ދެލޯ ކުރިމަތީގައި މާޒީގެ މަންޒަރުތައް ފިޔަޖަހައިލިއެވެ. އޭނާ އެ ހުރި މަޤާމުގައި އެ ދުވަހު ހުރީ މުސްކާނެވެ.

މޯނާގެ ދަތްތަކަށް ބާރުވެގެން އައެވެ. އޭނާއަށް ބަލާކަށް ނުހުރެވުނެވެ. ދިޔަ ގޮތަށް ގޮސް ރަޖާގަނޑު ނަގާ ހޫރުވައިލިއެވެ. ހަޅޭލަވައިގަންނަން ހުޅުވާލި އަނގަ ބަންދުވީ އެނދުގައި ރުހާމް ނެތްކަން ޔަޤީންވުމުންނެވެ. އެތަނުގައި އޮތީ ޒީކް އެކަންޏެވެ. ޒީކް ވަރުގަދަ ހިނިގަނޑެއް ޖަހައިލިއެވެ. އެ ހުނުމުގައި ވަނީ މަލާމާތެވެ.

"ކަލޭ ހާދަހާ ލަދެއްނެތިގެން ތި ތެޅެނީ." މޯނާ ރުޅިއައިސް ހަޅޭލަވައިގަތެވެ.

"ހަޅޭނުލަވާ." ޒީކްގެ އަޑު އެޔަށްވުރެން ބާރެވެ. "މަމީ ކާކުކަން ކަލޭ ހަނދާންނެތުނީތަ؟"

ޒީކްއަކީ ކޮން ނަސްލެއްގެ ކާކުކަން މޯނާގެ ހަނދާނަށް އައީ ދެނެވެ. އެޔާއެކު އޭނާގެ ހަތަރެސްފައި ފިނިވިއެވެ. ހަ ފަރާތުން ބިރުވެރިކަން އައިސް ވަށައިލިއެވެ.

"ކަލޭ މިގެއަށް އައިސް މަށަށް ޖެއްސުންކުރުމުގެ ބޭނުމަކީ ކޮބައިތަ؟" މޯނާ ފަހަތަށް ޖެހިލަމުން ސުވާލުކުރިއެވެ.

"މަގޭ ބޭނުން ދޯ؟" ޒީކް އެނދުތެދުވެލަމުން ވާހަކަ ދެއްކީ ފަހުރުވެރިކަމާއެކުއެވެ. "ތިހާ ލޯބިން އެހީތީ ވެސް މިގެއަށް އައި ސަބަބު ބުނެފާނަން. މިގެއަށް މިއައީ ކަލޭގެ އަތުން ރުހާމް ޖަހައިގަންނަން. މުސްކާންގެ އަތުން ރުހާމް ބީވެގެންދިޔަހެން ކަލޭގެ އަތުންވެސް ރުހާމް ބީވެގެންދާކަށް މާ ގިނަ ދުވަހެއް ދެން ނެތް. ޒީކް ދުނިޔޭގައި ނެތަސް އޭނާގެ މި ސިފަ އެކަން ކުރުމަށް އެހީވެދޭނެ."

މޯނާ ރައްދު ދޭކަށް ގަސްދެއް ނުކުރިއެވެ. އޭނާ ފަހަތަށް ފިޔަވަޅު ނަގަމުން ގޮސް އެ ކޮޓަރިން ނުކުތެވެ. އަދި ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަނެއްކާ ވެސް އޭނާ ސިކުނޑިއަށް ވާން ކުރަންފެށިއެވެ. މޯނާއަށް އެނގިފައިވާ ގޮތުގައި ޖިންނީންގެ ދުއްތުރާ އިންސާނަކަށް ޖެހޭނެ އެއްސަބަބަކީ އިންސާނެއްގެ ފުށުން އެ މީހުންނަށް ގެއްލުމެއްވުމެވެ. އެފަދަކަމެއް މެދުވެރިވެފައި އޮތްކަމެއް މޯނާއަކަށް ނޭނގެއެވެ. ދެވަނަ ސަބަބަކީ އިންސާނެއްދެކެ ލޯބިވުމެވެ. އޭނާއާ ރުހާމްއާ ދެމެދަށް އެޅޭ ހުރަހަކަށްވާން ޖެހުނު ސަބަބަކީ އެއީ ހެއްޔެވެ؟ ނޫނީ އެކަމުގައި އަޑި ނޭނގޭ އިތުރު ސިއްރުތަކެއް ވަނީ ހެއްޔެވެ؟

މެންދުރުގެ ވަގުތެވެ. މާފުށީ ޖަލުގެ 87 ވަނަ ނަންބަރު ގޮޅީގައި ހުރި ޒިޔާދު ދެކޮޅަށްދެކޮޅަށް ހިނގަނީއެވެ. އިރުއިރުކޮޅާ ބޭރުގައިވާ ބޮޑު ގަޑިއަށް ނަޒަރު ސީދާކޮށްލައި ގޮތުން އޭނާ މީހަކަށް އިންތިޒާރު ކުރާހެން ހީވެއެވެ. ގަޑިން މެންދުރުން އަނބުރާ ދޭއް ޖެހިއެވެ. އޭނާ އިންތިޒާރު ކުރަމުން އައި ވަގުތު އައިސް ޖެހުމާއެކު ނިކަން ބާރަށް ގޮސް ތޭރިތަކުގައި ދެއަތުން ހިފައިލިއެވެ. ދެފަރާތަށް އޭނާ ބަލައިލިއެވެ. ސެކިއުރިޓީ ދެ އޮފިސަރަކު އަންނަތަން ފެނުނެވެ. އެމީހުން އައިސް ދޮރު ހުޅުވައިލިއިރު އޭނާގެ ނޭވާ ކުރުވެއްޖެއެވެ. ޒިޔާދުގެ ދެއަތުގައި ބިޑި އަޅުވައިގެން ނެރެގެން ގެންދެވުނީ ގައިދީންނާ ބައްދަލުކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަށެވެ.

ޒިޔާދުގެ ދެލޯ ހޯދައިލިއެވެ. މޭޒެއްގެ ކައިރީގައި އިސްޖެހިފައި އިން ޒީކް ފެނުނެވެ. އޭނާގެ ދަރިފުޅު ހެޔޮހާލުގައި އިންދާ ފެނުމުން ހިތަށް އުފާވެރިކަން ލިބުނެވެ. ސެކިއުރިޓީ އޮފިސަރުން ޒިޔާދު ގެންގޮސް ޒީކް ކުރިމަތީގައި ހުރި ގޮނޑީގައި ބޭއްދުމަށްފަހު އެމީހުން ތަންކޮޅެއްދުރުގައި މަޑުކޮށްލިއެވެ. ޒީކް އިނީ ދެއަތުގެ އިނގިލިތަކާ ކުޅޭށެވެ. ޒިޔާދުގެ މޫނަށް އޭނާ ބަލައިވެސް ނުލައެވެ.

"މަންމަ ދުނިޔޭގައި އެބަހުރިތަ؟ މަންމައާ ބައްދަލުވިތަ؟" ޒިޔާދު ފުރަތަމަ ވެސް އޮޅުން ފިލުވަން ބޭނުންވީ މުސްކާންގެ ހާލެވެ. މުސްކާން ދުނިޔޭގައި ހުންނާނޭ ޒިޔާދުގެ ހިތްބުނެއެވެ. ޒީކް އިސް އުފުލައިލަމުން ބައްޕަގެ ދެލޮލަށް ބަލައިލިއެވެ. އޭނާއަށް ލިބުން ގެއްލުމާމެދު ބައްޕަ އެއްވެސް ވަރަކަށް ކަންބޮޑު ނުވަނީ ހެއްޔެވެ؟

ޒީކް ބަލާލިގޮތުން ޒިޔާދަށް ކުށްވެރިކަން އިޙްސާސްކުރެވުނެވެ.

"ބައްޕައަށް މާފުކުރޭ ދަރިފުޅާ." މާޔޫސްވެފައިވާ ރާގެއްގައި ޒިޔާދު ބުންޏެވެ. "ދަރިފުޅު މޯނާގެ ވަކިތަކުގެ ދަށުން މިންޖުކުރާނެ އިތުރު ގޮތެއް ބައްޕައަށް ނުވިސްނުނީ."

"ހުސްދޮގު." ނުރުހުމާއެކު ޒީކް ބުންޏެވެ. "އަޅުގަނޑު އިންސާނީ ނަސްލުން ކަނޑުގެ ދަރިއަކަށް ބަދަލުކުރަން ބައްޕަ ބޭނުންވީ އިތުރު ގޮތެއް ނެތިގެންކަމަކަށް އަޅުގަނޑު ޤަބޫލެއްނުކުރަން. އެ ނިންމުން ނިންމީ ބައްޕަގެ އަމިއްލަ އެދުމެއް އޮވެގެން. ބައްޕަ ބޭނުންވިނަމަ މާޒިންބޭބެ ގާތުގައި އެގޮތަށް ނުހެދުމަށް ވެސް ބުނެވޭނެ. ބައްޕަ ބޭނުންވިނަމަ އަޅުގަނޑަށް ވެސް އެ ރޭވުން އެންގުނީސް. އަޅުގަނޑު ބައްޕަދެކެ ހިތްހަމަނުޖެހިފައި ހުރުމުން ބައްޕަ ދައްކާ ވާހަކަ ޤަބޫލުނުކުރާނެހެން ހީވަންޏާ އެހެންމީހަކު ލައްވާ ނަމަވެސް އެވާހަކަތައް އެންގުނީސް. އެކަމަކު ބައްޕަ ބޭނުންވީ އަޅުގަނޑަށް އެ އަނިޔާ ދޭން. އެ ހާދިޘާގައި އަޅުގަނޑުގެ ފުރާނަ ވަކިވެގެންދިޔަ ނަމަ."

"ތިހެން ނުބުނޭ ދަރިފުޅާ." ޒިޔާދު ކުއްލިއަކަށް ޒީކްގެ ދެއަތުގައި ހިފައިލަމުން އެ ވާހަކަތައް ހުއްޓުވިއެވެ. "ބައްޕަގެ އަމިއްލަ އެދުމެއް އޮތްކަމުގައިވީ ނަމަވެސް އެ ނިންމުން ނިންމީ ދަރިފުޅަށް ރަނގަޅަކަށް."

"އަޅުގަނޑަށް އޮތީ ކޮން ރަނގަޅެއްތޯ؟ އަޅުގަނޑު ދެކެމުން އައި ހުރިހާ ހުވަފެނެއް ފުނޑުފުނޑުވެއްޖެ. އިންސާނެއްގެ ސިފައިގައި ހުއްޓަސް ކާންޖެހޭ އެއްޗެއްސާ ކެވޭނެ އެއްޗެއްސާ ބަދަލުވެއްޖެ. ކިޔަވާ މޮޅުވެގެން ޤައުމަށް ޚިދުމަތްކުރަން ދުށް ހުވަފެން ވިއްސިވިހާލިވެގެން ހިނގައްޖެ. މިއީ އަޅުގަނޑު ބޭނުންވި ގޮތެއްނޫން." މިފަހަރު ޒީކްގެ ރާގުގައި ވީ ހިތްހަމަނުޖެހުމަށްވުރެ ބޮޑަށް ޝަކުވާއެވެ.

"ދަރިފުޅު ބޭނުންނަމަ އިންސާނެއްހެން ދިރިއުޅެވޭނެ." ޒިޔާދު ބުނެލިއެވެ.

"އެކަމަކު އިންސާނަކަށް ނުވާނެ." ޒީކް ވަގުތުން ބުންޏެވެ.

ދެން އެދެމެދަށް ވެރިވެގެން އައީ މަރުފަދަ ހަމަހިމޭން ކަމެވެ. މުސްކާންގެ ހާލެއް އޮޅުންފިލުވަން ޒިޔާދު ބޭނުންވި ނަމަވެސް ދެވަނަ ފަހަރަށް އެ ސުވާލުކުރާކަށް ނުކެރުނެވެ.

"މަންމައާ ބައްދަލުވެއްޖެ. މަންމަ ހެޔޮހާލުގައި ދުނިޔޭގައި އެބަހުރި." ޒިޔާދުގެ ހިތް ނުތަނަވަސް ކުރަމުންދިޔަ ސުވާލުގެ ޖަވާބު ޒީކް ދިނެވެ.

"އަލްހަމްދުލިއްﷲ." ޒިޔާދަށް ބުނެވުނެވެ. "ދަރިފުޅު ހިތްހަމަނުޖެހުނަސް ބައްޕައަށް ނިންމުނީ ރަނގަޅު ނިންމުމެއް."

ޒީކަށް ހުވަފެނުގައި މުސްކާން ފެންނަމުންދާކަން އެނގުނު ހިސާބުން ފެށިގެން، މުސްކާން ދުނިޔޭގައި ހުރިކަމަށް ޒިޔާދަށް ޝައްކުކުރެވެން ފެށުނެވެ. މިއަދު އެކަން ޔަޤީންވުމުން އެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް އޭނާ ހިތުގެ އެންމެ ފުންމިނުން ޤަބޫލުކޮށްފިއެވެ.

މާޒިންގެ ފަރާތުން މޯނާގެ ރޭވުންތައް އެނގުމާއެކު، ޒިޔާދު ދެވަނަ ވިސްނުމަކަށް ނުގޮސް ބޭނުންވީ ޒީކް އެ ދަންތުރައިން ސަލާމަތްކުރާށެވެ. ޒީކްއަކީ އިންސާނެއް ނަމަވެސް އޭނާއަކީ ފެނުޕަރީއެއްގެ ނަސްލު ވެސް ހިއްސާކުރާ ކުއްޖެކެވެ. އެހެންކަމުން މޫދުގެ ލޮނަކީ ޒީކަށް ހިމާޔަތްދޭނެ އެއްޗެއްކަމާމެދު ޒިޔާދު ޝައްކެއް ނުކުރެއެވެ. ޒީކްގެ ހަށިގަނޑުގައިވާ ލޭނާރުތަކުގެ ތެރެއަށް ލޮނުގެ އަސަރުކޮށްފިނަމަ، ޒީކް ވެސް މުސްކާންފަދަ މަޚްލޫޤަކަށް ބަދަލުވެގެންދާނެކަން ޒިޔާދަށް އެނގެއެވެ. މާޒިންގެ ގާތުގައި ޒީކަށް ހަމަލާދިނުމަށްފަހު މޫދަށް އެއްލާލުމަށް އެދި ޒިޔާދު އާދޭސްކޮށްފައިވަނީ އެހެންވެއެވެ. މޯނާގެ މަކަރުވެރި ރޭވުންތަކުން ސަލާމަތްވުމަށް އެއީ އެންމެ މޮޅު ގޮތެވެ. އެމީހުންގެ ރޭވުން ޒީކަށް އަންގަން އޭނާ ބޭނުންނުވީ ފަހުން އަތުވެދާނެ ހަމަލާއަކުން ޒީކް ސަލާމަތްކުރަން އުނދަގޫވެދާނެތީއެވެ. އެއީ ޒީކަށް ރަނގަޅަކަށް ޒިޔާދު ނިންމި ނިންމުމެކެވެ. އަދި އެހެންމެ އެ ނިންމުން ނިންމަން މަޖުބޫރު ކުރުވި އިތުރު ސަބަބެއް ވެސް އޮތެވެ. އެއީ މުސްކާނެވެ.

"މަންމަދެކެ ބައްޕަ ތިހާ ލޯބިވާކަމަކަށް ހިޔެއްނުކުރަން." ޒީކްގެ ދެލޮލަށް ކަރުނަ ގިނަވެގެން އަޔެވެ. އެ ކަރުނަ ފެނުމުން ޒިޔާދަށް ދެއަތަށް ބޯ ހޫރުވައިލެވުނެވެ.

"މަންމަ މި ހުރިހާ ދުވަހު އަހަރުމެންގާތަށް ނައީ ކީއްވެގެން." ޒިޔާދު އެހިއެވެ.

"އެއީ މީހަކު ހެދި ނުބައި ސިހުރެއް." ޒީކްގެ އަޑު ކުރެހުނެވެ. "އެ ސިހުރުގެ ސަބަބުން މަންމައަށް އަހަރުމެން ގާތަށް ނާދެވުނީ. އެ ސިހުރު ބާޠިލުވަންދެން މަންމައަށް މަޖުބޫރުވީ މަންމަގެ އާއިލާއާއެކުގައި ދިރިއުޅެން. ކާފަގެ ބެލުމުގެ ދަށަށް ދާންޖެހުނު ސަބަބަކީ އެއި. ސިހުރު ބާޠިލުވުމުން މަންމައަށް ނާދެވުނީ ކާފަގެ ސަބަބުން. ކާފަ ބޭނުންނުވީ މަންމައާ އިންސާނުންނާ އެއްވެސް ގުޅުމެއް ބާއްވަން."

***

ފެންޑާގެ އެއްފަރާތުގައި ހުރި ގުދަނުން ލަކުޑި ފޮށްޓެއް ހިފައިގެން މޯނާ ނުކުތެވެ. ސޯފާ ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމަތީގައި އެ ފޮށީ ބެހެއްޓުމަށްފަހު، އޭގެ މަތީގައިވާ ހިރަފުހުގެ ބޯ ފަރުދާ ފޮތިގަނޑަކުން ކަހައިލިއެވެ. އަދި ފޮށީގެ މަތިގަނޑު ހުޅުވައިލިއެވެ. އޭގެ ތެރޭގައި ހުރީ ވަރަށް ޒަމާންވެ ގިނަ ދުވަސްވެފައިވާ ފޮތްތަކެކެވެ. ގިނަ ފޮތްތަކުގެ ބަނޑޭރި ގަނޑު ވެސް ނެތެވެ. ކަންކަނުން ވީދި ހަފުސްވެފައިވާ ފޮތްތައް ގިނައެވެ. މޯނާ އޭގެތެރެއިން ނެގީ އެންމެ ދުވަސްވެފައި އޮތް ފޮތެވެ. އެފޮތުގެ ބޭރުގަނޑުގައި އަކަތަކެއް ކުރަހާފައި ހުއްޓެވެ. ބޮޑު އަކައިގެ މެދުގައި ބޮޑު ތަރިއެއް ކުރަހާފައިވާއިރު ތަރީގެ މެދުގައި "الموت"

މިހެން ލިޔެފައި އޮތެވެ. (الموت ގެ މާނައަކީ މަރެވެ.)

"މީހުން ބުނެއުޅޭނުން ލިބިފައިވާ ޢިލްމެއް ބޭކާރުވެގެން ނުދާނޭ. ކޮންމެވެސް ދުވަހަކުން އޭގެ ބޭނުން ހިފަންޖެހިދާނޭ. މިއަދު މީ އެ ދުވަސް. އިންސާނުންގެ ބާރު ކަލެޔަށް ދައްކާލާނަން." މޯނާ ވަރުގަދަ ހުނުމަކާއެކު ބުނެލިއެވެ.

(ނުނިމޭ)

* ސޯޅަވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ!
* "ޒީރު" ކޮންމެ ދުވަހެއްގައި!