ބާބު 17 – ހިންތާ

"އެންމެ ރަނގަޅޭ. މަގޭ ޚިޔާލު ބަދަލުނުވަނީސް ކަލޭ މިތަނުން ރައްކާވޭ." މުސްކާނަށް އެހެން ބުނެވުނީ ފުދޭވަރަކަށް ބާރަށެވެ. އެ އަޑު ރުހާމްގެ ކަންފަތާއި ހަމައަށް ވެސް ފޯރިއެވެ. އެތައް ދުވަހަކަށްފަހު މުސްކާންގެ އަޑު އިވުމުން ވެސް، އެއީ މުސްކާންގެ އަޑުކަން ރުހާމަށް އެނގުމަށް ސިކުންތެއް ވެސް ނުނެގިއެވެ. އޭނާގެ ކުރިމަތީ ހުރި މޯނާގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ. އަދި ކުއްލިއަކަށް ފަހަތަށް އެނބުރި ބަލާލިއިރު ދެލޯ ވަނީ މުދުނުގައެވެ. ރުހާމަށް އެ ސޫރަ ފެނުނީ ފަޅި ސިކުންތަކަށެވެ. ދޮރުމަތީގައި ހުރި އެ އަންހެން ކުއްޖާ، ކުއްލިއަކަށް ފާރާ ނިވާވި މަންޒަރު ވަރަށް ރީއްޗަށް ރުހާމަށް ފެނުނެވެ. ނިކަން ބާރަށް ދޮރާ ދިމާއަށް އޭނާ ދިޔައެވެ. ކުރިޔަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު، ނޭވާ ދިޔައީ ކުރުވަމުންނެވެ. އެއީ ހަމަ މުސްކާން ހެއްޔެވެ؟ ގޯތިތެރޭގައި ގަސް ހައްދާފައިވާ ފަރާތަށް ބަލައިލިއިރު، އޭނާގެ ހިތްވަނީ އަވަސްވެފައެވެ. ގަސްތަކު ތެރެއަށް ރުހާމް ވަނެއެވެ. އެ ތަނުން އެއްވެސް މީހެއް އޭނާގެ ލޮލަކު އަޅައެއް ނުގަތެވެ. އެއީ އޭނާއަށް ހީވިގޮތެއް ހެއްޔެވެ؟ އޭނާ އެކަމާ ފިކުރުކުރަމުން ބޭރަށް ނުކުތްއިރު، މާޒިން އެ ގެއިން ނުކުންނަން ދެއެވެ.

"އޭތް! ކޮބާ ދެންމެ މިތާހުރި މީހާ. އެއީ ކާކު؟" ރުހާމް ހަރުކަށި ރާގަކަށް ސުވާލުކުރިއެވެ.

އެ ސުވާލުގެ އަޑު މާޒިންއަށް އިވުނެވެ. ނަމަވެސް އޭނާ ބޭނުންވީ އަޑުއިވުނުކަމަށް ނުހަދައި އެ ގެއިން ނުކުމެގެންދާށެވެ. އެހެނަސް ނުފެންނަ ބާރަކުން އޭނާ ހުރިތަނަށް ގާކުރުވައި އެކަމަށް ހުރަސް އެޅިއެވެ. މާޒިން އެނބުރި ރުހާމުގެ މޫނަށް ބަލާލީވެސް އެ ގޮތް އޭނާ ބޭނުންވެގެންނެއް ނޫނެވެ.

"މިތާ ކައިރީގައި އުޅޭނު މޮޔަ އަންހެނެއް. އޭނަ." މާޒިންގެ އަޑު ނުކުތީ ވެސް އޭނާގެ އަމިއްލަ އިޚްތިޔާރެއް ނެތިއެވެ.

ރުހާމް ވިސްނައިލިއެވެ. އޭނާއަށް މުސްކާންގެ އަޑު އިވުނުކަން ޔަޤީނެވެ. ސިކުންތަކަށް އެ ފެނުނު ސޫރައަކީ މުސްކާންހެން ވެސް ހީވިއެވެ. ނަމަވެސް އޭނާގެ ސިކުނޑިން އެ ޚިޔާލުތައް ނެރެލަން މަޖުބޫރު ކުރުވީ މާޒިންގެ ފަރާތުން އިވުނު ޖަވާބެވެ. މުސްކާން އެނބުރި އަންނާނެކަމަށް ހީވުން ވެސް އެއީ އޭނާގެ މޮޔަކަމެވެ. މަރުވެފައިވާ މީހަކު އެނބުރި ދުނިޔެއަށް އައުމަކީ ވާނެ ކަމެއް ނޫނެވެ. މާޒިންގެ ހަށިގަނޑަށް އަރައިފައިވާ ބާރު ލުއިވެގެން ދިޔައީ، ރުހާމް ގެއަށް ވަނުމުންނެވެ. އޭނާ ގޯތިތެރެއިން ނުކުތްއިރު މުސްކާނާއި ޒީކް ގޯތީގެ އިންފާރު ކައިރީގައި ތިއްބެވެ. އެމީހުންނަށް ބަލަމުން، ނިކަން ހަލުވިކޮށް ފިޔަވަޅު އަޅަމުން ގޮސް ލޯމަތިން މާޒިން ގެއްލުނެވެ.

"މަންމައަށް ހަމަ ސާބަސް." ރުހާމް ގެއަށް ވަދެ ދޮރު ލެއްޕިކަން ޔަޤީންވުމުން ޒީކް ވާހަކަ ދައްކަން ފެށީ ހިތްހަމަނުޖެހިފައި ހުރެއެވެ. "މަންމަގެ ބޯ ހާދަ ހަރުވެގެންނޭ ތިއުޅެނީ. އެ ގެއަށް ވަދެގެން ނުވާނޭ ބުނީމަވެސް ދިޔައިއްޔޭ! އެމީހުންނަށް މަންމަ ދުނިޔޭގައި ހުރިކަން އެނގިއްޖެނަމަ ވާނެގޮތާމެދު ވިސްނާލިންތަ؟ މަންމަގެ ހަޤީޤަތް އެއްވެސް މީހަކަށް އެނގިގެން ނުވާނެ. އަހަރުމެންގެ ނަސްލު ދުނިޔޭގައިވާކަން އިތުރު މީހަކަށް އެނގިގެން ނުވާނެ. ކާފައަށް ވީ ވަޢުދުގެ މަތިން ހަނދާންނެތުނީތަ؟"

"ދެން ދަރިފުޅު ރުޅިމަޑުކޮށްބަލަ!" ޒީކްގެ އަތުގައި ހިފައި ތަޅުވައިލަމުން މުސްކާން ބުންޏެވެ. "އެމީހުންގެ އަޑު އަހައިލަންވެގެންނޭ މަންމަ ދިޔައީ. މަންމަ ދޮރު މަތީ ހުއްޓުނު ވަގުތަށް އިއްތިފާޤުން މާޒިންއަށް ދޮރު ހުޅުވާލެވުނީ. މަންމަ ބޭނުންވީ ރުހާމް މޯނާއަށް ބާލުވާ ވަރުގަނޑުގެ އަޑު އަހައިލަން."

"ކޮންމެ ގޮތެއްވިޔަސް އަހަރުމެން ކާފައަށް ވީ ވަޢުދު ހަނދާން ނައްތައިލައިގެން ނުވާނެ" ޒީކް ހަށަން ބަނދެލަމުން މުސްކާނާ ދުރަށް ނަޒަރު ބަދަލުކޮށްލިއެވެ.

"ދަރިފުޅު މުނިކާފަށް ވީ ވަޢުދުގެ ވާހަކަ ދައްކާއިރު، ދަރިފުޅަކީ އިންސާނެއްނޫންކަމުގެ ހެކިތައް މޯނާއަށް ތި ދެނީ ކޮން މަޤުޞަދެއްގައިތަ؟" މުސްކާން އެހިއެވެ. "މޯނާ ބިރުގަންނުވާލުމުގެ މަޤުޞަދުގައި ކުރާކަމެއްކަމުގައި ވަނީނަމަ ތި ކުރެވެނީ މޮޔަކަމެއް."

އެއީ މުސްކާންގެ ކަންބޮޑުވުމެކެވެ. މޯނާގެ އަނދިރިފަރާތް ބޭޒާރުކުރުމަށް މާޒިންގެ އެހީތެރިކަން މުސްކާން ހޯދީ ޒީކްގެ ރުހުމާއެކުގައެވެ. މުސްކާން ކުރާ ކޮންމެކަމެއް ކުރަނީ ޒީކަށް އެނގިގެންނެވެ. އެހެނަސް ޒީކްގެ ބައެއް ކަންކަން މުސްކާނަށް އޮންނަނީ ސިއްރުކޮށްފައެވެ. އިންސާނުންގެ ސިކުނޑީގައި ރާވާރޭވުންތައް އެނގޭ ބީދައިން، ޒީކްގެ ޚިޔާލުތައް ވެސް ދެނެގަނެވޭނެ ނަމަ އޭ މުސްކާންގެ ހިތަށް އަރައެވެ.

"މަންމަ ދަނީ. ބަލައިގެން އުޅޭތި؟" ޒީކްގެ ފަރާތުން ޖަވާބެއް ނުލިބުމުން މުސްކާން ހިނގައިގަތެވެ.

"މަންމަ އެކަމާ ނުވިސްނާ." ޒީކް ވާހަކަ ދެއްކި އަޑަށް މުސްކާން ހުއްޓުނެވެ. "އަހަރުމެން އިންތިޒާރުކުރަމުން މިދާ ދުވަސް އޮތީ ވަރަށް ގާތުގައި. އެއްވެސް އިންސާނަކަށް އަޅުގަނޑުގެ ހަޤީޤަތެއް ނޭނގޭނެ. މޯނާއަކަށް ވެސް."

"އެންމެ ރަނގަޅު." މުސްކާން އެނބުރިލަމުން ޒީކްގެ ދެލޮލަށް ބަލައިލިއެވެ. "ދަރިފުޅަށް މަންމަގެ އެހީއެއް ބޭނުން ނުވާކަން އެނގިއްޖެ. އަލިފާނާ ކުޅޭއިރު، ފިހިދާނެކަން ދަންނާތި! މަންމަ އިތުރަށް ބުނާނެ އެއްޗެއް ނެތް. ދަނީ!"

މުސްކާން ވާހަކަ ދެއްކި ގޮތުން ޒީކަށް ދުރުކަމެއް އިޙްސާސްކުރެވުނެވެ. އޭނާގެ ސަބަބުން މުސްކާންގެ ހިތުގައި ޖެހިއްޖެއެވެ. ޒީކް ދުވެފައި ގޮސް މަންމަގެ ގައިގާ ބައްދައިލިއެވެ. ޒީކް މާފަށް އެދިފައި ބުނެދިނީ، އޭނާއަކީ އިންސާނެއް ނޫންކަމުގެ ހެކިތައް މޯނާއަށް ދައްކަމުންދާ ސަބަބެވެ. އެއީ މޯނާ ލައްވައި އޭނާއަށް ސިހުރު ހެދުވުމުގެ ބޭނުމުގައި ކުރާކަމެއް ކަމުގައެވެ. މުސްކާންގެ މޫނުން ކަންބޮޑުވުމުގެ ލިސާންތައް ފާޅުވީ ދެނެވެ.

"ތިހާ ބޮޑު ރިސްކެއް ނަގާކަށް މަންމަ އެއްގޮތަކަށް ވެސް ޤަބޫލެއްނޫން." މުސްކާން ދެލޯ ބޮޑުކޮށްލަމުން ބުންޏެވެ. "ދެން އޭނާ ހަދާނީ ދަރިފުޅަށް އަސަރުކުރާވަރުގެ ސިހުރެއް؟ އެކަމުން ދަރިފުޅު ސަލާމަތްކޮށްދޭން އެހީއެއް ބޭނުންވެއްޖެ ޙާލަތެއްގައި އެހީވާނީ ކާކު؟"

"ރުހާމް." ޒީކް ޖަވާބު ދިނެވެ.

"އޭނައަކަށް ނުވާނެ ތިކަމެއް." މުސްކާން ބުންޏެވެ. "އޭނާގެ އަނބިމީހާ ދޫކޮށްލައިފައި ދަރިފުޅަށް އޭނާ އެހީވާނެތަ؟"

"ރުހާމްގެ އެހީ ލިބޭނެ. އެއީ ޔަޤީންކަމެއް. އަޅުގަނޑުގެ ހާލު ދެރަވެއްޖެ ނަމަ މިކަމުގައި މަންމަގެ އެހީވެސް ބޭނުންވެދާނެ." ޒީކް އިތުރަށް ކިޔައިދިނެވެ. އޭނާ ރާވާފައިވާ ހުރިހާ ރޭވުމެއް އަލިފުން ޔާއަށް އޮޅުން ފިލުވައިދިނެވެ.

"ދެން މަންމައަށް އެންމެ ސިކުންތަކު ވެސް ހަމަޖެހިގެން ނުހުރެވޭނެ. ދަރިފުޅަށް ކުޑަ އުނދަގުލެއްވިޔަސް މަންމައަށް ގޮވާތި." މުސްކާން އާދޭސްކުރާ ޙާލުގައި ޒީކްގެ ކިބައިން އެދުނެވެ. ޒީކް ޖަވާބުދިނީ ހިނިތުންވެލުމަކުންނެވެ.

**2000 ވަނަ އަހަރު**

ވިއްސާރަ ރެއެކެވެ. ޖަހައިލާ ބާރު ގުގުރީގެ އަޑުން ކަންފަތް ބީރުކޮށްލައެވެ. ވިދާލާ ވިދުވަރުން ލޯ ދަނީ ތަރަތަރަ ޖަހައިގެންނެވެ. ވާފިރު އޮތީ ސަރަންފީގައި ހަމަޖެހިލައިގެން ކުޑަދޮރުން ފެންނަމުން ދާ އަލި ވިދުވަރަށް ބަލާށެވެ. އޭނާގެ ކުރިމަތީގައި ހުރި މޭޒުމަތީގައި ކުޑަ ފެންފުޅިއެއް ހުއްޓެވެ. ވާފިރު އިރުކޮޅަކުން ފާރުގައި ހުރި ގަޑިއަށް ބަލާލިއެވެ. މީހެއްގެ އިންތިޒާރުގައި އޮތްކަން އެނގުނީ ބޭރު ދޮރާއި ދިމާއަށް ވެސް ނަޒަރެއް ދިނުމުންނެވެ. ފަސްވަރަކަށް މިނިޓް ފަހުން އެ ދޮރު ހުޅުވިގެން ދިޔުމާއެކު ވާފިރު ތެދުވެ ގޮނޑީގައި ހަމަޖެހިލިއެވެ. ދޮރުމަތީގައި ހުރީ ކަޅު ފޭރާމަކުން ނިވާވެގެން ހުރި މީހެކެވެ. މުޅި ހަށިގަނޑު ފޮރުވައިގެން ހުރިކަމުގައި ވީ ނަމަވެސް އެއީ ކާކުކަން ވާފިރަށް ވަރަށް ފަސޭހައިން އެނގުނެވެ. ބޮލުގެ އިޝާރާތުން އެތެރެއަށް ވަނުމަށް ބުންޏެވެ. އެ މީހާ އެތެރެއަށް ވަދެ ދޮރު ލެއްޕީ ދެނެވެ.

"ވަރަށް ރަނގަޅު!" އެމީހާގެ ފައިކޮޅުން ފެށިގެން ބޮލާއި ހަމައަށް ބަލައިލަމުން ވާފިރު ބުންޏެވެ. "ތިހެން ހުންނަން ޖެހޭނީ! ކަލޭގެ އެއްވެސް ގުނަވަނެއް މުސްކާނަށް ފެނިގެންނުވާނެ! މި ސިހުރު ކާމިޔާބުވާނީ އޭރަށް! އެކަމަކު މިރޭ މިކަމެއްނުވާނެ!"

"އެއީ ކީއްވެގެން؟" އެމީހާ ކުރިޔަށް ޖެހިލަމުން ސުވާލުކުރިއެވެ. "މުސްކާން ވިހޭފަހުން މީ ދެވަނަ މަސް. ކަލޭ ބުނިގޮތަށް ކޮންމެ މަހެއްގެ ސާދަވިލޭރޭގައި މަމި އަންނަނީ. މިދިޔަ މަހު ވެސް މިކަންނުވާނޭ ބުނީ. އެ ފަހަރު މިގޮތަށް ނިވާވެގެން ނައީމަ މައްސަލައަކަށް ވީ! ކަލޭވެއްޖެއްނު މަ ހަދަންވީ ގޮތެއް ތަފުސީލުކޮށް ކިޔައިދޭން! މިފަހަރު މައްސަލައަކީ ކޮބައިތަ؟"

އެމީހާ ވާހަކަދެއްކީ ނުރުހިފައި ހުރެއެވެ. ވާފިރު ގޮނޑިން ތެދުވިއެވެ. މަޑުމަޑުން ހިނގާލައިފައި ގޮސް ކުޑަދޮރު ކައިރީގައި މަޑުކޮށްލިއެވެ. އެ ދޮރުގެ ތަންޑު ނައްޓުވައި ހުޅުވައިލުމަށްފަހު ބަލާލީ އުޑު މައްޗަށެވެ.

"ކަލެޔަށް އުޑުމަތި އޮތްގޮތް ފެނޭތަ؟" ވާފިރު އެހިއެވެ. "މި ސިހުރު ކާމިޔާބުވާނީ ސާދަވިލޭރޭގެ ހަނދު ސާފުކޮށް ފެންނަން ހުންނަނަމަ. މިރޭ މޫސުން އުޅޭގޮތުން ހިޔެއްނުވޭ ހަނދު ފެންނަވަރުވާނެ ހެނެއް."

އެމީހާ ރައްދުގައި އެއްޗެއް ނުބުންޏެވެ. ވާފިރުގެ މޫނަށް ބަލަހައްޓައިގެން ހުރީއެވެ.

"އަންނަމަހުގައި އަންނަންދޭ! ކަލޭ ބޭނުންވާ ގޮތަށް މުސްކާން ދުނިޔެއިން މޮޔަކުރެވޭނީ އޭރަށް." ވާފިރު އެހެން ބުނުމާއެކު އެމީހާ އެގެއިން ނުކުމެގެން ދިޔައީއެވެ.

**2019 ވަނަ އަހަރު**

ޒީކަށް ކޮޓަރިއަށް ވަންނަން ޖެހުނީ ކުޑަދޮރުންނެވެ. ފުރަތަމަ ފަންގިފިލާގައި ހުރި އޭނާ ކޮޓަރި ކުޑަދޮރާއި ހަމައަށް ދިޔުމަށް ތަކުލީފުތަކެއް އުފުލަންޖެހުނެވެ. ފާރާ އެއްކޮށް ހަރުކޮށްފައިވާ އެސްލޯނު ހޮޅިތަކުގެ އެހީގައި، ބާލުޚާނާއާ ހަމައަށް ދެވުނުއިރު މީހާ ހުރީ ގުނބުހިލިފައެވެ. ކޮޓަރިއަށް ވަދެ ހަމަޖެހިލެވުނުކަމެއް ނޭނގެއެވެ. ބޭރުން އިވެންފެށީ ރުހާމްގެ ހަޅޭކުގެ އަޑެވެ. ޒީކަށް އެއްމިޔަކަނުން ހީލެވުނެވެ. މޯނާގެ ކުލަ އޮއްސިފައިވާ މޫނު ދެކިލުމުގެ ނިޔަތުގައި އޭނާ ކޮޓަރިން ނުކުތެވެ.

"މޫނުމަތީގައި ޒުވާބުކުރަން ނުތެޅި މިގެއިން ނުކުމެގެން ރައްކާވޭ!" ރުހާމްގެ ރުޅިވެރި އަޑު ޒީކްގެ ކަންފަތުގައި ޖެހުނެވެ. ޒީކަށް ހީނގަނެވުނެވެ. އަނގަމަތީ އަތް އަޅައިލެވުނެވެ. އޭނާ ސިޑިއާ ދިމާއަށް ދިޔައީ ފައިގެ އިނގިލިތަކުގެ ކުރި ޖައްސައިގެންނެވެ. ސިއްރުސިއްރުން ގޮސް ރެއިލިންގ ކައިރީ މަޑުކޮށްލިއެވެ. ރުހާމް ހުރީ އޭނާއަށް ފުރަގަސްވާ ގޮތަށެވެ. މޯނާގެ މޫނު ރީއްޗަށް ފެނުނެވެ. ނަމަވެސް އޭނާ އުންމީދުކުރި ކަހަލަ އެއްވެސް ކުލައެއް އެ މޫނަކުން ނުފެނުނެވެ.

"ނުޖެހޭނެ ނުކުންނާކަށް." މޯނާ ފެލިގަތެވެ. "ކަލޭ ތި އުޅެނީ މާ ތާހިރުވައްތަރަކަށްތަ؟ އޭނ! ތިހާ ހިތްވަރެއް ހުރިއްޔާ މަ ވަރިކޮށް ނެރެ އެއްލާލަބަ. ނުވާނެ އެކަމެއް. މީ ކަލޭވެސް ތެޅޭ ވައްތަރު ވިއްޔާ."

އެ އަޑުގައި ކުޑަކޮށް ވެސް ލަދުވެތިކަމެއް ނެތެވެ. ޒީކް ކުޑަކޮށް މާޔޫސްވާ ގޮތްވިއެވެ. އޭނާ ދުށުމަށް ހިތް އެދުނީ މޯނާގެ ގޮތް ހުސްވެފައިވާ މޫނެވެ. ފެންކަޅިވެފައިވާ ދެލޮލެވެ. ދެން ޒީކަށް ބަލައިލެވުނީ ރުހާމަށެވެ. އޭނާގެ ފުށުން ވެސް ޒީކް ހީކުރިވަރުގެ "ފިރިހެންވަންތަ" ކަމެއް ނުފެނެއެވެ. ރުހާމު ހުރި މަޤާމުގައި ޒީކު ހުރިނަމަ، މިހާރު މޯނާ ހުންނާނީ އެ ގޯތީގެ ހަތަރު ފާރުން ބޭރުގައެވެ. އެހެނަސް މޯނާ ކުރިމަތީގައި ރުހާމް އެހުރީ ރުޅި ކޮންޓްރޯލްކޮށްގެންނެވެ. މޯނާ އެ ގެއިން ބޭރުކުރުމަށް ޒީކް ނުހަނު ބޭނުންވެއެވެ. ފެންނަ މަންޒަރުން ރުހާމަށް އެ ހިތްވަރު ލިބޭނެކަމާމެދު ޝައްކެވެ. އެކަން ރުހާމް ލައްވާ ކުރުވުމަށް ޒީކް ޖެހޭނީ މޮޅު "ފަންޑިތައެއް" ހަދާށެވެ.

"މަ ހިލޭ މީހުންނާއެކީ އުޅޭ ވާހަކަ ދައްކަން ކަލޭ ލަދުގަންނަ ޖެހޭނެ!" މޯނާގެ އަޑު މުޅި ފެންޑާގައި ގުގުމަމުން ދިޔައެވެ. "ޒީކާ ކަލެޔާ ދެމީހުން ތެޅުނު ވައްތަރުތައް މަށަށް މާކުރިން ވެސް ފެނިފައި އޮތީ! އޭނާއާއެކު ތި ކުޅޭ ކުޅިގަނޑު މަށަށް ނޭނގިގެނެއް ނުތެޅެން. މި ދެލޮލަށް އެ މަންޒަރުތައް ވެސް ފެނިފައި ހުރީ! ނުފެންނަކަމަށް ހެދިގެން މިހުރީ މަށަށް ގޮތެއް ނެތިގެންނެއް ނޫން. މަ މިހުރީ...."

"މަ މިހުންނަނީ ރަނގަޅު ދަނޑިވަޅެއްގެ އިންތިޒާރުގައި." މޯނާ ދައްކަމުންދިޔަ ވާހަކަ ފުރިހަމަކޮށް ދިނީ ސިޑިން ފައިބައިގެން އައި ޒީކެވެ.

މޯނާ ނަފުރަތުގެ ބެލުމަކުން ޒީކަށް ބަލައިލިއެވެ. ފުންމައިގެން ގޮސް އެ ޝައިޠާނާގެ ބޮލަށް އަރައިގަންނަން މޯނާ ބޭނުންވިއެވެ.

"މި ބުނެވުނީ ރަނގަޅަކަށް ނޫންތަ؟" ޒީކް ނިތް އަރުވައިލިއެވެ.

"ކަލޭ މި ދޭތެރެއަށް އަނގަނުބާނާ މައިތިރިވެގެން ހުރޭ." މޯނާ އިތުރަށް ފުފިގަތެވެ. "މަށަށް ވަރިހަމަ ކަލޭތީ ކޮންމެ ކަހަލަ މަޚްލޫޤަކަސް. މަށެށް ބިރެއްނުގަނޭ."

"މަށެށް ވެސް ނުގަނެޔޭ ބިރެއް." ޒީކް އަނގަޔަށް ވައްތަރެއް ޖައްސައިލަމުން ބުންޏެވެ. "ދައްތައާ މާޒިންގެ ކުޅި މަށަށް މާކުރިން ވެސް އެނގިފައި އޮތީ. އަހަރެން މަރާލަން ރޭވި ދެމީހުންނަކީ ވެސް ތީ. މަށަށް އެރޭ ހަމަލާދިން ބަޔަކީ ވެސް ތީ."

ރުޅި ކޮންޓްރޯލް ކުރުމަށް ދެދަތްޕިލަ ޖައްސައި ފިއްތައިގެން ހުރި ރުހާމަށް ސިހުމެއް ލިބުނެވެ. އެކަން ޒީކަށް ރޭކައިލީ ސިހިފައި ރުހާމް ބަލާލިގޮތުންނެވެ.

"އާނ! ހާމް." ޒީކް ޔަޤީންކަން ދިނުމުގެ ގޮތުން ބުންޏެވެ. "އަހަންނަށް އެރޭ ވަޅިން ހަމަލާދިން މީހަކީ މާޒިން. އެކަމަށް އެދުނު މީހަކީ މިހިރަ ފެންނަ ދައްތަ. އޭރު ދައްތަގެ ބަދަލުވަމުން ދިޔަ މިޒާޖު ފެނިފައި ހާމް ބުނީ ރަނގަޅަށް! ބުޅަލެއް ހައްޖުވިޔަސް ރޯމަސްކާނެ. ދައްތަ މާ ރަނގަޅު މީހަކަށް ވެގެން އުޅުނީ އަހަރެން މަރާލަން. އެރޭ އެކަން ކާމިޔާބުނުވެ ދައްތަގެ ދިރިއުޅުމަށް އެނބުރިއައުމުން ދައްތައަށް ހަޖަމުނުވީ. ޤަބޫލުކުރަން ވެސް އުނދަގޫވީ. އެހެންވެގެން އެ ކިޔަނީ އަހަރެން މީ އިންސާނެއް ނޫނޭ. ހާމް! ކުރިން މި ވާހަކަތައް ކިޔާ ނުދެވުނީމަ އަހަންނަށް މާފުކުރާތި! ތި ދެމަފިރިންގެ ގުޅުމަށް ހީނަރުކަމެއް އަތުވެދާނެތީ ކުރިން ބުނަން ބޭނުންނުވީ. އެކަމަކު ދައްތަގެ އުޅުން ހުރި ގޮތް އެނގުމުން، މިއަދު މިކަން ސިއްރުކުރުމުގެ ބޭނުމެއް ނެތް ކަންނޭގެ."

ޒީކް ބޭނުންވީ އެ ދެމަފިރިންގެ ދެމެދުގައި ރޯވަމުންދިޔަ އަލިފާނަށް ޕެޓްރޯލްއަޅައި އެ ހުޅުގަނޑު އިތުރަށް ބޮޑުކުރާށެވެ. ރުހާމްގެ ކެތްތެރިކަން ފޫއަޅުވައިލާށެވެ. އެތެރެ ހަށީގައި އޮބަހައްޓައިފައިވާ ގިނިން މޯނާ ފިއްސައިލާށެވެ. އެ ވާހަކަތައް އަޑު އަހާފައި ރުހާމްގެ ދެއަތްތިލަ މުށްކެވިގެން ދިޔައެވެ. އެ އަތުގައިވާ ނާރުތަކަށް ލޭއަރައި ފުފިގެން ދިޔަތަން ޒީކަށް ފެނުނެވެ. ދެދަތްޕިލައަށް ބާރުލަމުން މޯނާއާ ދިމާއަށް އެނބުރުނު ވަގުތު ކަތުރުކަށިގަނޑު ތެޅިލިއެވެ. ޒީކްގެ ހިތް އަވަސްވީ ތިޔަހެނަކުންނޫނެވެ.

"ހުންނަ ގޮތްކުޑަކަން." ރުހާމުގެ ސިކުނޑީގައި އުފެދެމުންދިޔަ ކޮޅިގަނޑުގެ އަސަރު ބޭލީ މޯނާގެ ކޯތާފަތް މައްޗަށެވެ. މޯނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. މޫނު މައްޗަށް އަނދިރިވިއެވެ. ރުހާމް އަތުގެ ދެވަނަ ހަމަލާއާއެކު މޯނާ ބިން މައްޗަށް ގުޅައަކަށް ޖެހުނެވެ. އެވަރުން ވެސް ރުހާމްގެ ހިތަށް ތަސައްލީއެއް ނުލިބުނެވެ. މޯނާގެ ދެއަތުގައި ހިފައި ކޮޅަށް ނެގިއެވެ.

"ތިހުރީ ވަރިކޮށްފައި." ރުހާމް ހަޅޭލަވައިގަތެވެ.

މޯނާގެ ދެލޯ އިހުނަށްވުރެ ބޮޑުވެގެން ދިޔައެވެ. ރުހާމް އޭނާ ވަރިކުރީ ހެއްޔެވެ؟ އެކަމާމެދު ވިސްނަން މޯނާއަކަށް ވަގުތެއް ނުލިބުނެވެ.

"މިގެއިން ނުކުމޭ! ރައްކާވޭ!" ރުހާމް އަތުގައި ހުރި ބާރެއްލައި، މޯނާ ދޮރާއި ދިމާއަށް ހޫރުވައިލިއެވެ. މޯނާ އަނގަވަތަށް ވެއްޓެން ދަނިކޮށް ދެއަތް ވިއްދައިލަމުން ސަލާމަތް ހޯދިއެވެ. ހަތަރެސްފައި ޖައްސައިލައި މޫނު ތިރިކޮށްގެން އެގޮތުގައި އެތައް އިރަކު އޮތެވެ. ދެން ނުތެދުވާނޭ ހީވާހާ ގިނައިރުކޮށްފައި ތެދުވިއެވެ. އެނބުރި ރުހާމަށް ބަލައިލިއެވެ. އެ ދެލޮލުގައި ވިދަމުންދިޔަ ކަރުނައިގެ މުތީތައް ރުހާމަށް ފެނުނެވެ. އޭނާ ނުރުހިފައި މޫނު ދުރަށް އަނބުރައިލިއެވެ. އެ މޫނަށް ބަލަން ވެސް އޭނާ ލަދުގަތެވެ. ރުޅިގަދަ ވެގެން ގޮސް ތުރުތުރު އަޅައެވެ. ޒީކަށް އަނިޔާވެރިވީ މޯނާކަން އެނގުނު ހިސާބު އެއީ ޒުކަންގެ މަންމަކަން ވެސް ރުހާމް ހަނދާން ނައްތައިލީއެވެ. ރުހާމްގެ ފަހަތުގައި ޒީކް ހުރީ ރަކި ހިންޏެއް އައިސްފައެވެ. މޯނާގެ ގިލަންވެރިކަމުގެ މައްޗަށް ރުޅި ސަވާރުވެގެން އައެއެވެ. ބުއްރާސްޖަހާފައި ގޮސް، ޒީކްގެ އިސްތަށިގަނޑު އޭނާގެ އަތަށް އޮޅައިލަމުން އިދިފުށަށް ލަންބައިލިއެވެ.

"ކަލޭ ތީ ކޮންމެ އެއްޗަކަސް މަށަށް ވަރިހަމަ. މަގޭ ދިރިއުޅުމުގައި ހުޅުޖަހާފައި ކަލެޔަށް ތި ގޮތަށް ދަތްދިލުވައިގެން ހުރެވޭނެކަމަށް ހީނުކުރާތި. ކަލޭގެ ފުރާނަ ދުއްވާނުލިއްޔާ މަގޭ ނަމަކަށް މޯނާއެއް ނުކިޔާނެ." މޯނާ ޝަހާދަތް އިނގިލި ދިއްކޮށްފައި ވަރުގަދަ އިންޒާރެއް ދިނެވެ.

ރުހާމް ހަޅޭލަވައިގަތެވެ. މޯނާގެ އަތް ޒީކްގެ އިސްތަށިގަނޑުން މިންޖުކުރުމަށް ހިފައިލިއެވެ. ޒީކްގެ އިސްތަށިތަކަށް ކުރިޔަށްވުރެ ބޮޑަށް މޯނާ ވާންކޮށްލުމާއެކު ޒީކްގެ އަނގައިން ވޭނީ އާޚްގެ އަޑު ނުކުތެވެ. ޒީކް ބޭނުންވިނަމަ މޯނާއަށް އޭނާގެ ބާރު ދެއްކުނީހެވެ. ނަމަވެސް އޭނާ ރުހާމްގެ ކުރިމަތީގައި ފަޟީޙަތްވާކަށް ބޭނުންމެއް ނޫނެވެ. އޭނާ އިތުރަށް ރުހާމްގެ ކުރިމަތީގައި ނިކަމެތިވެ، ދެލޮލުން ކަރުނަ ހިލުވާލިއެވެ. ލުތްކެއް ޖަހައިފައި މޯނާގެ އަތް ވަކިކޮށްލިއިރު ރުހާމް ރުޅިގަދަވެގެން ގޮސް ތުރުތުރު އަޅައެވެ.

"އެންމެ ހިނދުކޮޅަކު ވެސް މިގޭގައި ހުރެގެން ނުވާނެ. ރައްކާވޭ!" މޯނާގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް ބޭރު ދޮރުން ބޭރަށް ހޫރުވައިލަމުން ރުހާމް ބުނެލިއެވެ. އަދި މޯނާ ރައްދުގައި އެއްޗެއް ބުނުމުގެ ކުރިން، އަތުގައި ހުރި ބާރަކަށް ދޮރު ޖެހިއަޑަށް ޒީކް ވެސް ސިހުނެވެ. ރުހާމަށް ދޮރު ތަޅުލެވުނީ ކިރިޔާއެވެ. މޯނާ ގޮށް މުށުގެ ހޫނު ހަމަލާތައް އެ ދޮރަށް އަމާޒުކުރަން ފެށިއެވެ.

"ކަލޭމެން ދެމީހުންނަށް މަގޭ ނުލަފާކަން ދައްކައިލާނަން." މޯނާ ހިމޭންވީ އެހެން ބުނުމަށްފަހުގައެވެ.

ދޮރުގައި ދެއަތް ވިއްދައިލައިގެން އިސްޖަހައިލައިގެން އޮތް ރުހާމް އިސްއުފުލާލީ ޒީކް އޭނާގެ ކޮނޑުގައި އަތް ބާއްވައިލުމުންނެވެ. އޭނާ އިސްއުފުލާލީ ލަސްލަހުންނެވެ. ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލި އަޑު އިވުނެވެ. އޭނާ އެނބުރި ޒީކްގެ މޫނަށް ބަލަން ނުކެރިގެން ދުރުބަލަން ފެށިއެވެ.

"ސޮރީ. ޒީއަށް ތިހުރިހާ އަނިޔާއެއް ތި ލިބުނީ މަގޭ ސަބަބުން. ޒީ މިގެއިން ދާން އުޅުނު ދުވަހު ނުހިފެހެއްޓުނުނަމަ. އެކަމަކު މަގޭ އަމިއްލަ އެދުން ބޮޑުކަމުން އެދުވަހު ޒީ މިގެއިން ދިޔަ ނުދިނީ. މޯނާގެ މިޒާޖު ބަދަލުވުމުން ވެސް ފާރަވެރިވާންޖެހޭ ވަރަށް ނުވެވުނީމަ ޒީއަށް ލިބުނު އަނިޔާއެއް ތީ." ރުހާމް އަސަރާއެކު ބުނެލިއެވެ.

"ހާމް." ޒީކް ގޮވައިލިއެވެ. "ހާމް މާފަށް އެދޭކަށް ނުޖެހޭނެ. އެކަމުގައި ހާމްގެ ކުށެށް ނެތް."

މޯނާގެ ގޮތްކުޑަކަން އެނގުމުން ކުރި އަސަރަށްވުރެން ބޮޑު އަސަރެއް ރުހާމަށް ކުރީ، ޒީކަށް އަމާޒުވި ހަމަލާގެ ހިތި ހަޤީޤަތް އެނގުމުންނެވެ. އެކަން ޒީކަށް ފަޙުމުވީ ރުހާމްގެ ދެލޮލުގައި ވި ކަރުނައިންނެވެ. ޒީކް ދެއަތަށް ބޯ ހޫރުވައިލިއެވެ. އަދި ރުހާމްއާ ގާތްވެލަމުން މަޑުމަޑުން، އެ މޭގައި ބޯ ޖައްސައިލިއެވެ. ޒީކްގެ ދެއަތުން ރުހާމްގެ އުނަގަނޑު ވަށައިލިއެވެ. އެ ގާތްކަމުގެ ސަބަބުން ރުހާމްގެ ސިކުނޑީގައިވާ ހައިޖާނުގަނޑަށް ލުޔެއް ލިބުނެވެ. ދެއަތް އުފުލައިލަމުން ޒީކްގެ ހަށިގަނޑު ގަޔާލާ ފިއްތާ ބާރުކޮށްލީ ކުރެހިފައިވާ އަޑަކުން ވަރަށް ލޯބިވާކަމުގައި ބުނަމުންނެވެ. ދުވަހެއްގެ ކޮޅުން ވެސް އޭނާ ދޫކޮށްފައި ނުދިޔުމަށް ރުހާމް އެދުނެވެ.

މޯނާގެ ދެލޮލުން އޮހެމުންދިޔަ ކަރުނަ ދެއަތުން ފޮހެމުން އެގެއިން ނުކުމެ، ހިނގައިގަތީ ގެއާއި ދުރަށެވެ. ހިނގަމުންދިޔަ ވަރަކަށް އޭނާގެ ދެބުމަ ދިޔައީ ގޮށްޖެހެމުންނެވެ. އެ މޫނަށް ނަފުރަތާއި ހިތާމައިގެ ކުލަތައް ޖަމާވެ ބަރާވަމުން ދިޔައެވެ. ޒީކްގެ ސަބަބުން އޭނާ ބިކަވެ ނިކަމެތިވެއްޖެއެވެ. މަރުވެދިޔުމަށްފަހުގައި ވެސް އެ ސޫރަ އޭނާއަށް ނިރުމަޅައަކަށް ވެއްޖެއެވެ. ގޮތްނޭނގޭ މަޚްލޫޤެއް އައިސް އޭނާ ދިރިއުޅުން އެފުށް މިފުށަށް ޖަހައިފިއެވެ. އެކަމުގެ ބަދަލު ހިފަން މޯނާ ބޭނުމެވެ. އޭނާގެ މުށްކަވާލެވިފައިވާ އަތްތިލަ އުފުލައިލަމުން އެ އަތް ހުޅުވައިލިއެވެ. އެ އަތުގެ ތެރޭގައި ޒީކް ބޮލުގެ އިސްތަށިތައް ހުއްޓެވެ.

"ކަލޭ ތީ ކޮންމެ ދުނިޔެއަކުން މިތަނަށް އައިސް ފާވެގެން އުޅޭ އެއްޗަކަށްވިޔަސް ވަރިހަމަ. މި އިސްތަށީގެ އެހީގައި ކަލޭގެ ދުވަސް ދުއްވައިލާނަން. އިންސާނެއްގެ ސިފަޖެހިގެން އުޅޭހާ ހިނދަކު މީގެ އަސަރު ކަލެޔަށް ނުކޮށެށް ނުދާނެ. ކަލޭ ނެތިދިޔުމަށްފަހު ރުހާމްގެ ދެއަތުން ތިގެއަށް މަ ގެންދާނެ. ރުހާމަށް މަޖުބޫރުވާނެ ގެންދަން. ސިހުރުގެ ބާރު އޭނާއަށް އަދި ނޭނގެނީ. ކުރިން ސިހުރުގެ ބާރުން ލޯބި ހޯދަން ބޭނުންނުވީ. މިއަދު އެކަން ކުރުމަށް ވެސް މަޖުބޫރުކުރުވީ ހަމަ ރުހާމް." މޯނާ އަށް ހިތާ ހިތުން ކިޔާލެވުނެވެ.

މޯނާ މާޒީގައި ސިހުރު އިލްމު އުނގެނުނީ ރުހާމް ހާސިލުކުރުމުގެ ނިޔަތުގައެވެ. ނަމަވެސް އޭނާ ރުހާމަށް ސިހުރެއް ހަދައިފައެއް ނުވެއެވެ. އެ ދެމީހުންގެ ކާވެންޏަކީ "އިސްތިރިއެއް" ނޫނެވެ. އިބްރާހީމްބެ ކައިރިން ސިހުރު އުނގެނުމަށް މޯނާ ރަށުން ބޭރަށް ފުރައިގެން ދިޔައީ މުސްކާން ޒީކަށް ބަލިވެ އިންދައެވެ. އޭނާ އެނބުރި ރަށަށް އައީ އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އޭރު ވަނީ ހުރިހާ ކަމެއް ބަދަލުވެފައެވެ. މުސްކާން ގެއްލި، ރުހާމް ވެސް ރަށް ދޫކޮށް ދިޔައީއެވެ. ރުހާމް އުޅޭ ތަނެއް ބެލިއިރު އޭނާ ރާއްޖެ ވެސް ދޫކޮށް ހިނގައްޖެއެވެ. ރުހާމް އެނބުރި އަންނާނެ ދުވަހަކަށް މޯނާ އިންތިޒާރުކުރިއެވެ. ބަރާބަރު ދިހަ އަހަރުފަހުން އެ ދެމީހުން އަލުން ބައްދަލުވީ މާލެއިންނެވެ. ރުހާމްގެ ހިތި މާޒީ ހަނދާން ނައްތާލައިފައި ހަޔާތަށް މޯނާ ގެނައީ އެ ހިސާބުންނެވެ. މުސްކާން ނެތިދިޔުމަށްފަހު ރުހާމްގެ ހަޔާތަށް އިތުރު އަންހެނެއް އައިސްފައެއް ނުވެއެވެ. އެހެންކަމުން އޭނާ ބޭނުންވީ އޭނާދެކެ ލޯބިވާ މީހެކެވެ. މޯނާ އެހާ ދިގު އިންތިޒާރެއް ކުރުމުން އެއީ އޭނާއަށް އެކަށޭނެ ބައިވެރިއެއްކަމަށް ރުހާމަށް ހީވީއެވެ.

****

ދެ ދުވަސްފަހެވެ. ގަޑިން މެންދަމުން އަލިވެ 02 ޖެހީއެވެ. އެއީ ހަނދުމަހެއްގެ ފަނަރަ ވިލޭރޭއެވެ. ހަނދުގެ ރިހި ދޯދިތަކުން މުޅި ދުނިޔެވަނީ ދިއްލާލައިފައެވެ. މޯނާ ހުރީ ރުހާމްމެންގޭ ކުރިމަތީގައެވެ. އޭނާގެ ކޮނޑުގައި ބޮޑު ދަބަހެއް އަޅުވައިފައި އޮތެވެ. ގޯތީގެ ގޭޓު ހުޅުވާލައިފައި އޭނާ އެތެރެއަށް ވަންއިރު ގޯތިތެރޭގައި ހައްދާފައިވާ ބޮޑު ފޭރުގަސްދޮށް ވަނީ ކޮކާހަނދުވަރުން ޖަރީވެފައެވެ. ޖެހެމުންދިޔަ ވައިރޯޅިއާ އެއްވަރަށް ނަށަމުންދިޔަ ގަހުގެ ސަބަބުން އެ އަލިކޮޅުތަކަށް ވެސް ދިރުން ލިބިފައިވާ ކަހަލައެވެ. މޯނާ ދަބަސް ގެންގޮސް އެ ގަސްދޮށުގައި ބެހެއްޓިއެވެ. އަދި ކޮޓަރީގެ ކުޑަދޮރަށް ބަލަހައްޓައިގެން ހުއްޓެވެ. ޒީކް ހޭލާ އުޅޭކަމުގެ ނިޝާނެއް ފެނޭތޯއެވެ. ކުއްލިއަކަށް އިވުނީ ޒީކްގެ ހުނުމުގެ އަޑެވެ. އެޔާއެކުވެގެން ރުހާމްގެ އަޑުވެސް އިވުނެވެ. މޯނާ އެ ގެއިން ނެރެލުމަށްފަހު، ދެމީހުން އެކަމާ އުފާކުރަނީކަން އެނގުމުން މޯނާގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ.

މޯނާ ދެކަކޫ މައްޗަށް ތިރިވެ ދަބަހުގެ ޒިބު ކަހައިލިއެވެ. ދަބަސް ތެރެއިން އޭނާ ނެގީ ދެ ފުޅިއެވެ. އެއްފުޅީގައި ހުރީ ލެއެވެ. އަނެއް ފުޅީގައިވަނީ ހުދު ކުނޑިތަކެއް ފާޑު އެއްޗެކެވެ. ގަސްދަށުގައިވާ ފެހިކުލައިގެ ކާޕެޓް މަތީގައި ބޮޑުތަރިއެއް ކުރެހީ އެ ކުނޑިތަކުގެ އެހީގައެވެ. އަދި އެ ތަރީގެ ފަސްކަން، އެއްކަން އަނެއްކަނާއި ގުޅުވައިލިއެވެ. އެޔަށްފަހުގައި އެ ކުނޑިތަކުގެ މައްޗަށް ލޭ އަޅައި، އެ ތަރި ލެއިން ފަވާލިއެވެ. ފުށްގަނޑަކުން އިންސާނެއްގެ ސޫރައަށް ހަދައިފައި އޮތް ބުދެއް މޯނާ ނެގިއެވެ. އެއީ ހިލަވެފައިވާ ބުދެކެވެ. ބުދުގެ ކަރުގައިވަނީ އިސްތަށި އޮޅައިފައެވެ. އެ ހިފައިގެން ގޮސް މޯނާ އިށީނީ ތަރީގެ މެދުގައެވެ. އޭނާއާ ދާދި ގާތުގައި ސިހުރު ހެދުމަށް ބޭނުންކުރާ އިތުރު ސާމާނުތައް ހުރި ދަބަސް ބެހެއްޓިއެވެ.

***

ޒީކް ބާލީސް ނަގައި ރުހާމާ ދިމާއަށް އެއްލުމާއެކު، ރުހާމް އަތް ހުރަސްކޮށްލަމުން އެ ބާލީސް ދުރަށް ހޫރުވައިލިއެވެ. ޒީކް ހެމުންހެމުން އެނދުވަށައިގެން އެނބުރެން ފެށިއެވެ.

"އެއީ ސަމާސާއަކަށް ބުނި އެއްޗެކޭ." ޒީކް ހިނި އައިސްފައި ހުރެ ބުނެލިއެވެ.

"ސަމާސާއަކަސް ދޮނެއް ދޭނަން މިފަހަރު." ލާނެތް ރާގަކަށް ރުހާމް ބުނެލިއެވެ. އޭނާ އެނދު ހުރަސްކޮށްފައި އަނެއް ފަރާތަށް ފުންމާލިއެވެ. ޒީކް ތޫލި ގޮތަކަށް ހަޅޭލަވަމުން ރުހާމްގެ އަތްދަށުން ސަލާމަތްވުމަށް ދުއްވައިގަތެވެ. ރުހާމް ފަހަތުން ގޮސް ޒީކްގެ މެދު ހަށީގައި ބައްދައިލިއެވެ. ބާރުގަދަ ދެއަތުގެ ތެރޭގައި އެ ލުއި ހަށިގަނޑު ގައިދުކޮށްލިއެވެ. އަދި ބިމުން މައްޗަށް އުފުލާލަމުން އެނބުރިގަތްއިރު އެ މޫނުން ފެނުނީ ސަމާސާގެ ކުލަވަރެވެ. ހިތްހަމަޖެހިފައިވާކަމުގެ އަސަރެވެ. ދެމީހުންގެ ހިތަށް ލިބިފައިވާ އުފާވެރިކަން އެ ކޮޓަރީގެ ތެރެއިން މެދުކެނޑުމެއްނެތި އިވެމުންދިޔަ ހުނުމުގެ އަޑުން އަންދާޒާ ކުރެވެއެވެ.

ކުއްލިއަކަށް ޒީކްގެ ބަނޑަށް ތޫނު ތަދެއް އެރިއެވެ. އިސާހިތަކު އެ ތަދުގެ ވޭން މުޅި ބަނޑުތެރެއަށް ފެތުރިގަތެވެ. އޭނާއަށް ދެލޯ މަރާ ބާރުކޮށްލަމުން ގޮވައިލެވުނީ މަންމައަށެވެ. މަޑުމަޑުން މޭދަށަށް ބާރުގަނޑެއް އަރައިގެން ދިޔުމާއެކު އޭނާ ދެފައި ކުރު ގަޅުވައިލިއެވެ. އަދި ކުއްލިއަކަށް ދެފައި މައްޗަށް ދަމާލި ވަގުތު ރުހާމް ފަހަތަށް އެއްލިގެން ދިޔައެވެ. ޒީކްގެ ހަށިގަނޑަށް އަރުވާލި ބާރުގަނޑުގެ ސަބަބުން އިދިފުށަށް ނުވެއްޓި ރުހާމަށް ހިފަހައްޓައިލެވުނީ ކިރިޔާއެވެ.

"ޒީ. ޒީ. ކިހިނެއްވީ؟" ޒީކްގެ ގައިގާ ބާރަށް ހިފަހައްޓައިލަމުން ކަންބޮޑުވެފައި ހުރެ ރުހާމް އެހިއެވެ.

ޒީކްގެ އަނގައިން ވޭނީ އާޚްގެ އަޑުނޫން އަޑެއް ނުނިކުމެއެވެ. ރުހާމްގެ ސުވާލަށް ޖަވާބުދޭނެހާ ހިތްވަރުވެސް އޭނާއަށް ނުލިބުނެވެ. މެޔަށް އަރާފައިވާ ތޫނު ތަދުގެ ސަބަބުން އޭނާއަށް އިޙްސާސްކުރެވެމުން ދިޔައީ ކޮށިވަޅިއަކުން އެތެރެ ހަށީގައިވާ ގުނަވަންތައް ކޮށައި ކުދި ކުރަމުންދާހެންނެވެ. ނޭވާ ކުރުވެ ނޭވާލުމަށް ދަތިވިއެވެ. މޯނާ ސިހުރު ހަދަން ފަށައިފިކަން އޭނާއަށް އެނގެއެވެ. މަންމަގެ އެހީތެރިކަން އެންމެ ބޭނުންވި ދަނޑިވަޅުގައި މަންމައަށް ގޮވައިލާނެ ހިތްވަރު ވެސް ޒީކަށް ނުލިބުނެވެ. ހަދާނެގޮތެއް ނޭނގިފައި ހުރި ރުހާމް އެނދުކައިރިއަށް ޖެހިލައި ޒީކް އެނދުގައި މަޑުމަޑުން ބޭއްވިއެވެ. ޒީކްގެ ދެއަތް މެޔާ ދިމާއިން ބާރަށް ފިއްތާ ބާރުކޮށްލަމުން ކުރުގެޅިލިއެވެ. ފުންކޮށް ނޭވާލުމަށް ރުހާމް އިރުޝާދު ދޭން ފެށިއެވެ. ޒީކް ނޭވާލާން މަސައްކަތްކުރިއެވެ. ނަމަވެސް ނޭވާ ދަނީ ކުރުވެގެންނެވެ. އުފުރެމުންނެވެ. އޭނާ ދެލޯ މަރާ ބާރުކޮށްލަމުން، ކަށިން ހިތްވަރު ނެރެފައި ވަރަށް ބާރަށް މުސްކާނަށް ގޮވައިލިއެވެ.

ކަނޑުގެ އެތައް ސަތޭކަ މޭލެއް ދުރުގައި ހުރި މުސްކާނަށް ޒީކްގެ އަޑު ސާފުކޮށް އިވުނެވެ. އެއަޑުގައި ހުރި ވޭނާއި ރިހުމުގެ ސަބަބުން ޒީކް އޭނާގެ އެހީއަށް ބޭނުންވެއްޖެކަން ދެނެގަނެވުނެވެ. އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހިތަށް ބިރުވެރިކަން ވަދެ މީހާ ހާސްކޮށްލިއެވެ. ދެވަނަ ސިކުންތުގައި މުސްކާންގެ ނިގޫފަތް ތަޅުވަމުން ބާރުބާރަށް ފީނައިގަތެވެ. ވިލިނގިލީ ފަޅާ ހަމައަށް އައުމަށް ހޭދަވީ މިނެޓެއްގެ ދިގުމިނެވެ. މޫދުން އެއްގަމަށް އަރައި އިންސާނެއްގެ ސޫރަ ޖެހުނުއިރު މުސްކާނަށް މާނޭވާ ލެވެއެވެ. ހޭޅީގައިވާ ބޮޑު ދިއްގާގަހުގައިވާ ހެދުން ގަޔަށް މަހާލުމަށްފަހު ރުހާމްމެން ގެއާ ދިމާއަށް އޭނާ ދުއްވައިގަތެވެ. ދަންވަރު ވަގުތު ނަމަވެސް ދުރުދުރުން މީހުން ފެނެއެވެ. އެހެނަސް އެއިން މީހަކަށް ފެނުނަސް، މިއަދު މުސްކާނަށް ފަރުވާލެއް ނެތެވެ. އޭނާއަށް މުހިންމީ ދަރިފުޅުގެ ފުރާނައެވެ. ގޯތީގެ ގޭޓުން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު މުސްކާންގެ ހަރަކާތް ހުއްޓުމަކަށް އައެވެ. ފޭރުގަސްދޮށުގައި ދެފައި ވަށްކޮއްލައިގެން އިން މޯނާ ފެނުމުންނެވެ.

މޯނާ ދިޔައީ އަޑު ހަރުކޮށް އަރަބިބަހުން ކިޔެވެލިތަކެއް ކިޔަވަމުންނެވެ. އޭނާގެ ދެއަތްތިލަ ވަނީ ލެއިން ކަޅިވެފައެވެ. އެ ދެއަތުގެ ތެރޭގައި އޮތް ބުދުގެ މޫނުގައި އޭނާގެ އިނގިލިތައް ދިޔައީ ކާއްތަމުންނެވެ. އިރުކޮޅަކުން އެ ބުދު ބިންމަތީގައި ބާއްވާފައި އޭގެ ކަރަށް މޮހޮރެއް ޖެހިއެވެ. އެޔާއެކު ޒީކްގެ ރިހުން އެކުލެވިފައިވާ ހަޅޭކުގެ އަޑު ގުގުމާލިއެވެ. ކައިރި ހިސާބުގެ ގަސްތަކުގައި ތިބި ކާޅުތައް ހޭރިގަތް އަޑުއިވުނެވެ. ސިހިގެންދިޔަ މުސްކާންގެ ހިތަށް އެ މަންޒަރުތައް ބަލާކަށް ކުޅަދާނައެއް ނުވިއެވެ. އޭނާ ކަރުބުޑުން ހަންދާވަރަށް މޯނާއަށް ގޮވައިލިއިރު އެ ދެލޯ ވަނީ ނޫކުލައިގެ ވިދުމަކުން ދިއްލިފައެވެ.

މޯނާ ސިހިފައި ބަލާލިއެވެ. އޭނާއާ ދިމާއަށް ދުވެފައި އަންނަމުން ދިޔަ މުސްކާން ފެނިފައި ޝޮކެއް ލިބުނެވެ. ގަބުވެފައި އިންދައި މުސްކާން ދުވެފައި އައިސް ތަރީގެ ތެރެއަށް ވަދެގަތުމަށް އުޅުމާއެކު، އޭނާ މާދުރަށް ވިއްސައިގެން ދިޔައެވެ. ފާރުގައި ބޯ ޖެހި މުސްކާންގެ މޫނުން ކުދި ކޮކާ ބުރަންފެށިކަން އެނގުނެވެ. ދެންވީ ގޮތެއް މުސްކާނަކަށް ނޭނގުނެވެ. މޯނާއަށް ހައިރާންވެފައި ބަލަހައްޓައިގެން އިނދެވުނީއެވެ. އޭނާއަށް މި ފެނުނީ ހުވަފެނެއް ހެއްޔެވެ؟ މުސްކާންގެ ސިފަ އިޚްތިޔާރުކޮށްގެން އިތުރު މަޚްލޫޤެއް އެކަމަށް ހުރަސް އެޅުމަށް އައީ ހެއްޔެވެ؟ އެތަރީގެ ބޭރުން ރައްކާތެރިކަމުގެ ދުއްޔެއް ލެވުނުކަން އެއީ އޭނާގެ ނަސީބެވެ.

މޯނާގެ ކިޔެވެލިތަކަށް ހުއްޓުމެއް އައުމާއެކު ޒީކަށް ލުޔެއް ލިބިގެންދިޔައެވެ. ހަމަނޭވާލާނެ ފުރުޞަތު ލިބި ވާހަކަ ދައްކާނެ ހިތްވަރު ލިބުނެވެ.

"މި ގުޅަނީ އެންބިއުލަންސަށް." ރުހާމް ދެމުންދިޔަ އެއްވެސް ފަރުވާއަކުން ޒީކަށް އަސަރެއް ނުކުރުމުން އޭނާ ބުނެލިއެވެ. ކުރިއެކޭ އެއްގޮތަށް މިފަހަރު ވެސް ރުހާމްގެ އަތުގައި ޒީކް ހިފައިލިއެވެ.

"މީ ޑަކްޓަރީ ކަމެއް ނޫނޭ." ޒީކް ފުރަތަމަ ފަހަރަށް ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ. "މޯނާ ސިހުރު ހަދަނީއޭ."

ރުހާމަށް އެވާހަކަ ޤަބޫލުކުރާކަށް އުނދަގުލެއް ނުވިއެވެ. މޯނާ އެފަދަ ކަމެއް ކޮށްފާނެއެވެ. ޒީކަށް އަނިޔާދީ ފުރާނަ ދުއްވާލުމަށް ވެސް މޯނާ ފަހަކަށް ނުޖެހޭނެއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

"ހާމް. ހޮސްޕިޓަލަކުން މިކަމުގެ ފަރުވާއެއް ނުލިބޭނެ." ރުހާމްގެ އުނގުގައި ބޯ އަޅައިލަމުން ޒީކް ބުންޏެވެ. "މިކަމުގެ ވޭނުގައި އަހަރެން މަރުވެގެންދާނީ ކަންނޭގެ."

"ތިހެން ވިޔަކަ ނުދޭނަން. އޭނާ ހޯދަން މިދަނީ. އޭނާ ދެފައިބުޑަށް ވެއްޓި އާދޭސްކޮށްގެން ނަމަވެސް އެކަން ހުއްޓުވާނަން." ޒީކްގެ ބޯ ހިއްލާލުމަށްފަހު ރުހާމް ކޮޅަށް ތެދުވެލިއެވެ. "އެކަމަކު ޒީ އެކަނި ގޭގައި ބާއްވާފައި ދާން ވެސް ހިތެއް ނޭދޭ."

ރުހާމަށް ހަދާނެ ގޮތެއް ނުވިސްނުނެވެ. ޒީކް އެކަނިކޮށްފައި ދާ ހިތެއް ނުވިއެވެ. އަދި އެހެންމެ ޒީކް އުޅެމުންދާ ހާލު ދެކެން ހުންނާކަށް ވެސް ފަސޭހައެއް ނޫނެވެ. ރުހާމަށް ގޮތެއް ނިންމަން އުނދަގޫވިއެވެ. އޭނާ މޫނުގެ ދެފަރާތުން ފިރުމާލަމުން ފަހަތަށް ގެންގޮސް ކަނދުރާ ވަށައިގެން ދެއަތުން ހިފައިލިއިރު އެ މޫނުން ފެންނަން ހުރީ މާޔޫސްކަމެވެ. ކުއްލިއަކަށް ޒީކް އިދިފުށަށް ދަމައިގަތެވެ.

"މޯނާ ސިހުރު ހަދަނީއޭ." ރުހާމް ގާތަށް ޖެހުމާއެކު ޒީކް ހަޅޭލަވައިގަތެވެ. "ދޭބަލަ! މިގޭ ފޭރުގަސްދޮށުގައި ސިހުރު ހަދާ މީހާ އެބައިން."

ޒީކް އެހެން ބުނެ ނިމުނުއިރު ރުހާމް ހުރީ ބާލުޚާނާއިން ބޭރުގައެވެ. ޒީކް ބުނިގޮތަށް އެތަނުގައި މީހަކު އިނެވެ. އެއީ މޯނާކަމަށް ރުހާމް ޔަޤީންކުރިއެވެ. އޭނާ ނިކަން ބާރަށް މޯނާގެ ނަމުން ގޮވައިލުމުން ވެސް، އެމީހަކު ކުރަމުންދިޔަ މަސައްކަތް ހުއްޓައެއް ނުލިއެވެ. ރުހާމް ބާލުޚާނާގެ ރެއިލިންގެ ހޮޅިތަކު މައްޗަށް އެއްފައި އަރުވާލައިފައި، ހަށިގަނޑު އުފުލާލަމުން ތިރިއަށް ފުންމާލީ ލިބިދާނެ ގެއްލުމަކަށް ވިސްނާލުމެއް ނެތިއެވެ. ބިންމަތީގައި އަތުރާފައިވާ ގާތަކުގެ މަތީގައި ދެފައިތިލަ ޖެހުނު ވަގުތު އިހުސާސްވި ތަދަށްވުރެ އޭނާގެ ހިތުގެ ކެކުޅުން ބޮޑެވެ.

"ހަމަ މިހާރު ތިކަން ހުއްޓާލައި." ރުހާމަށް މޯނާ ފެނުމާއެކު ފެލިގަތެވެ.

މޯނާ އަޅައެއް ނުލައެވެ. އޭނާ އަތުގައި ހުރި މޮހޮރުތައް ބުދަށް ޖެހުމަށް އަވަސްވެގަތެވެ. ރުހާމް އެކަމަށް ހުރަސްއެޅުމުގެ ކުރިން އޭނާގެ ސިހުރު ފުރިހަމަކުރަން ޖެހޭނެއެވެ. ނޫނީ އޭނާގެ މަސައްކަތް ފެނަށްވެގެންދާނެކަން ކަށަވަރެވެ. މޯނާ އެންމެ ފަހު މޮހޮރު ޖެހުމަށް އުޅުނު ވަގުތު، ރުހާމް ފުންމައިގެން ގޮސް މޯނާގެ އަތުގައި އޮތް ބުދު ޖަހައިގަތެވެ. އަދި އަތުކޮޅަށް އެ ބުދު ހޫރުވައިލިއެވެ. އޭރު އޭނާގެ ހަށިގަނޑުގައިވާ ލޭ ހިނގުން އަވަސްވެ ވިންދުތައް އަވަސްވެފައިވާ ވަރުން އޭނާ ތުރުތުރު އަޅައެވެ. ދެލޯ އިހުނަށްވުރެ ބޮޑުކުރަމުން ތުރުތުރުލަމުން ދިޔަ އަތުން މޯނާގެ ކަރުގައި ހިފިއެވެ.

"މައްލޫނު. ޖައްބާރު. ކު*ތާ މަރާލާނަން މިފަހަރު." ރުހާމް ރުޅިގަދަވެގެން ގޮސް ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގުނެވެ. އޭނާ ހިތަށް އައި ހުރިހާ އަވަގުރާނައެއް ގޮވަމުން މޯނާގެ ކަރަށް ވާންކޮށް ބިމާލައި ފިއްތާލިއެވެ. ރުހާމްގެ އަތްދަށުން މިންޖުވުމަށް މޯނާ ތެޅިފޮޅިގަތެވެ. އޭނާގެ ދޫ ބޭރަށް ނުކުތެވެ. ކޮށި އަރައިގަތެވެ. ރުހާމްގެ ދެއަތުގައި ހިފަމުން މޯނާ އެދުނީ ދޫކުރުމަށެވެ. ނަމަވެސް މޯނާއަށް ކުޑަވެސް ދުލެއް ދޭކަށް ރުހާމްގެ ޟަމީރު އެއްބަހެއް ނުވިއެވެ. އޭނާ މޯނާގެ ގައިމަތީ އަރާ އިށީނަމުން އެއް އަތުން ކަރުގައި ހިފައިގެން އިނދެ، އަނެއް އަތުން އެ މޫނަށް ހޫނު ހަމަލާތައް އަމާޒުކުރިއެވެ. މޯނާއަށް ހިރިނުލެވޭ ވަރުވުމުން، ގައިމަތިން ތެދުވެ ތިރީގައި އިށީންއިރު ރުހާމަށް މާނޭވާ ލެވެއެވެ. އެ ހުރިހާ މަންޒަރެއް ބަލަން ގަސްތަކުގެ ނިވަލުގައި މުސްކާން ހުއްޓެވެ. އޭނާގެ ނަޒަރުގައި މޯނާއަށް ލިބުނު އަނިޔާ އަދިވެސް ކުޑައެވެ. އޭނާގެ ހިތަށް ތަސައްލީއެއް ލިބޭނީ އިތުރަށް އަނިޔާ ދެވިގެންނެވެ. މުސްކާން ތިރިވެލައި އެތަނުން ގާބުރިއެއް ނަގައި ރުހާމާއި ދިމާއަށް ހޫރުވައިލިއެވެ.

ރުހާމްގެ ފަހަތުން އެއްޗެއް ވެއްޓި ޖެހުނު އަޑު އިވުމާއެކު އޭނާ ސިހުނެވެ. ފަހަތަށް އެނބުރި ބަލާލިއިރު އެތަނުގައި ހަތަރެސްކަން ކުޑަގަލެއް އޮތުމުން ސުވާލު އުފެދުނެވެ. ފަރާތްފަރާތަށް ކަޅި ހިންގައިލެވުނީ އެތަނުގައި އިތުރު މީހެއް އުޅޭކަމަށް ޝައްކުވުމުންނެވެ. މުސްކާން ދެލޯ މަރާ ބާރުކޮށްލުމާއެކު ރުހާމަށް ކުއްލިއަކަށް އެ ގާބުރި ނެގުނެވެ. އަދި މޯނާއާ ދިމާއަށް އޭނާއަށް ބަލައިލެވުނެވެ. ކުކުރާލަކުކުރާލަ އޮތް މޯނާއަށް ރުހާމްގެ ހިތްނިޔަތް އެނގުނެވެ. އޭނާ ގަތީ އަމަށަކު ބިރެއް ނޫނެވެ. ދެއަތް ވިއްދައިލަމުން ހަށިގަނޑު އުފުލައިލަން އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް ބޮލަށް އަރައިފައިވާ އެނބުރުންގަނޑު އަދިވެސް ހަމައަކަށް ނޭޅެއެވެ.

"ނޫން. ނޫން." ރުހާމްގެ ސިކުނޑިއަށް ވަން ހިޔާލަކުން އެ ގާގަނޑު އެއްލާލުމަށް އުޅުނެވެ. ނަމަވެސް އޭނާއަށް އެކަމެއް ނުކުރެވުނެވެ. ސިކުނޑިން ގޮވަމުން ދިޔައީ މޯނާއަށް ހަމަލާ ދިނުމަށެވެ. ޒީކްގެ ސަލާމަތަށް އެކަން ކުރަންޖެހޭނެ ކަމުގައެވެ. ކުއްލިއަކަށް ރުހާމް މޯނާގެ މޫނަށް ހަމަލާދިނެވެ. އޭނާ އެގޮތް ބޭނުން ނުވި ނަމަވެސް ދެވަނަ ފަހަރަށް ޖެހުމަށް މަޅާލުމާއެކު މޯނާ މޫނާ ދިމާއަށް އަތް ހުރަސްކޮށްލަމުން ރޮއެގަތެވެ.

"ރުހާމް. މަށަށް ތިހެން ނުހަދާ. އައްދިއްޔޯތް. ރުހާމް. މަންމާ. މަންމާ. މީހެކޭ." ރުހާމްގެ ހަމަލާތައް ހިނދެއް ހިނދަކަށް ގަދަކުރަމުން ގޮސް މޯނާގެ ބޮލަށް ހަމަލާއެއް އަމާޒުވުމާއެކު ބޯ ފަޅައިގެން ގޮސް ބުރައިގެން އައި ލޭތައް އޭނާ މޫނުގައި ޖެހުނެވެ. އެވަރުން ވެސް އެ ލާއިންސާނީ ރަޙުމެއް ނެތް ހަމަލާ ހުއްޓުވުމުގެ ބާރެއް އޭނާއަކަށް ނުލިބުނެވެ. ރުހާމަށް ވާނުވާނޭގި އެ ގަލުން އެ ބޮލުގައި ބާރުބާރަށް ތަޅަމުން ދިޔައެވެ. މޯނާގެ ބޯ ޗިސްޗިސްވެ ލޭތައް ބުރަމުން ދިޔައިރު ވެސް ހުއްޓުމެއް ނެތިއެވެ. އޭނާ އެކަން ހުއްޓާލީ މޯނާގެ ސިފަވެސް ނޭނގޭވަރު ކޮށްފައެވެ. އޭރު މޯނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިން ވެސް ބަޔެއް ބޭރުވެފައި އޮތެވެ. ރުހާމްގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ބިރުގަތްވަރުން ފުރާނަވެސް އުދުހިގެން ދިޔަހެން ހީވިއެވެ. އޭނާއަށް މިކުރެވުނީ ކީއްހެއްޔެވެ؟ އަތުގައި އޮތް ގާބުރި އެއްލާލަމުން މޯނާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ. މޯނާގެ އެއްވެސް ހަރަކާތެއް ނެތެވެ. އެ ފުރާނަ ވަނީ މިފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. ރުހާމަށް އަޑުންއަޑު ނަގާ ބާރަށް ރޮއެ ގަނެވުނުއިރު، އެ ތުންފަތް ތުރުތުރު އަޅައެވެ. ދެއަތަށް ބަލާލެވުމާއެކު ކުށްވެރިކަން އިޙްސާސްކުރެވި އޭނާ މުޅި ޖިސްމުގައި އެ މަޑު ތުރުތުރުލުން އުފެދިގެން ދިޔައެވެ.

"ރުހާމް. ރުހާމް." ފަހަތުން ޒީކްގެ އަޑު އިވިގެން އެނބުރި ރުހާމް ބަލާލިއެވެ.

ލެއިން ކަޅިވެފައިވާ ރުހާމް ފެނުމާއެކު ޒީކަށް ހުއްޓެވުނެވެ. ދެލޯ ބޮޑުކޮށްލަމުން ރުހާމަށް ނަޒަރެއްދީފައި ތިރީގައި ބޯ ޗިސްޗިސްވެފައި އޮތް މޯނާއަށް ބަލާލިއެވެ. ޒީކް ދެއަތް އުފުލައިލަމުން އަނގަމަތި ނިވާކޮށްލީ އަނބުރާ ރުހާމްގެ ބިރުގެންފައިވާ ދެލޮލަށް ބަލާލަމުންނެވެ. އެ ދެލޮލުން ފެންނަނީ ކުށްވެރިކަމުގެ އިހްސާސެކެވެ. ބިރުވެރިކަމާއި ނާމާންކަމެވެ. ޒީކްގެ ދެއަތް ތިރިކޮށްލިއިރު އެ ތުންފަތްމަތީގައި ނުފިލާ ހިނިތުންވުމެއް ހުއްޓެވެ. މޯނާ މަރުވުމުން އެކަމާ އޭނާ އުފާކުރަނީ ހެއްޔެވެ؟ ރުހާމަށް ހިތްވަރު ދިނުމުގެ ގޮތުން ޒީކް އަތްތިލަ ބަނޑި ޖަހައިލީ ވަރުގަދަ ހިނިގަނޑެއް ޖަހައިލަމުންނެވެ.

"ސާބަހޭ. ރުހާމް. އަމިއްލަ އަނބިމީހާ މަރާލާކަށް ވެސް ފަހަކަށް ނުޖެހުނު. އެވެސް ހަމަ މަށަށްޓަކައި." ޒީކް އަބުއި ރާގަކަށް ބުނެލިއެވެ. އެއަޑުގައި މަލާމާތް އެކުލެވިފައިވާހެން ވެސް ރުހާމަށް ހީވިއެވެ. ޒީކްގެ މިޒާޖަށް އައި ބަދަލުން އޭނާ ކުޑަކޮށް ހައިރާންވިއެވެ. ސިކުނޑިއަށް އަސަރެއް ކުރީކަމުގައި ވެސް ހީކުރެވުނެވެ.

"ޒީ. ގަސްދުގައި ކުރިކަމެއްނޫން. ވާނުވާ އެނގުނުއިރު މި ގޯސް ހެދިއްޖެ. ދެން ކިހިނެއް ހަދާނީ." ރުހާމް ކަންބޮޑުވެފައި ހުރެ ބުންޏެވެ. އޭނާ ހުރީ ބިރުން ގޮސް ރޮވޭވަރު ވެފައެވެ.

"ދެން ހެދޭނެ ގޮތެއް ނެތެއްނު. ރުހާމަށް ޖެހޭނީ މޯނާ މަރާލުމުގެ ކުށުގައި ޖަލަށް ދާން." ޒީކްގެ ޖަވާބު ވަގުތުން އަޔެވެ.

"ނޫން. މަ ކިހިނެއް ޒީ ނުފެންނަ ހިސާބެއްގައި އުޅޭނީ. މީ މަ ގަސްދުގައި ކުރި ކަމެއްނޫން. މަށަކީ މިހާ ރަހުމުކުޑަ މީހެއްނޫން. ޒީ. މަ ސަލާމަތްކޮށްދީ. މަ ޖަލަށް ދާކަށް ބޭނުމެއްނޫން." ޒީކްއާ ގާތަށް ރުހާމް ފިޔަވަޅެއް އަޅައިލިއިރު އޭނާގެ ދެލޯ ކަރުނުން ބަރާވެއްޖެއެވެ.

"ކަލެޔަށް ޖެހޭނީ ޖަލަށް ދާން." ޒީކް ހަރުކަށި ރާގަކަށް ބުންޏެވެ. "ކަލޭ ހީކުރީ ކޮންމެ ފަހަރަކު ކަލެޔަށް ސަލާމަތްވެވިދާނެ ކަމަށްތަ؟ މިފަހަރު ކާކު ތިކަމުގެ ތެރެއަށް ބާނާލަން ތި ވިސްނަނީ."

ރުހާމްގެ ދެފައި ބިމުގައި ތަތްލިއެވެ. ހިސާބަކަށް އަޖައިބުވެފައި ހުރެ ޒީކް ދެލޮލަށް ބަލާލެވުނެވެ. އެ ދެލޮލުން ދެރަޔާއި ހިތާމަނޫން ހުރިހާ ކުލައެއް ފެނުނެވެ. ނަފުރަތާއި ރުޅިއެވެ. ރުހާމުގެ ދެލޮލަށް ޖަމާވަމުން އައި ކަރުނަ ވެސް ހުއްޓުމަކަށް އަޔެވެ.

"ތި އިވުނީ ރަނގަޅަށޭ." ޒީކް އަޑަށް ބާރުލަމުން ބުންޏެވެ. "ކަލެޔަކީ ރަހުމު ކުޑަ މީހެއް. މަގޭ މަންމައަށް ސިހުރު ހަދާ ދުނިޔެއިން މޮޔަކޮށްލުން އެކަމުގެ ހެތްކަކަށް ފުދޭ. މަށަށް އެ ހަޤީޤަތް ނޭނގިގެން ނުތެޅެން. މަގޭ ބައްޕަ ނުކުރާ ކުށަކަށް އަދަބު ލިބެމުންވެސް އެދަނީ ހަމަ ކަލެޔާ ހުރެ. އެކަމާ ހިތާމަކޮށްކޮށް މާމަ މިދުނިޔެއާ ވަކިވެގެން ދިޔައީ ވެސް ހަމަ ތި ރުހާމަކާ ހުރެ. މަގޭ ތުއްތުތުއްތުއިރު މައިން ބަފައިން ވަކިކޮށްލައި، ޔަތީމު ހާލުގައި އުޅެ ބޮޑުވާން މަޖުބޫރުކުރުވި މީހަކީ ވެސް ހަމަ ތި ރުހާމު. ތީ ހަމަ ރަހުމުކުޑަ ގޮތްކުޑަ އެއްޗެއް. މޯނާއަށްވުރެ ނުލަފާ އެއްޗެއް ތީ."

ޒީކްގެ އަނގައި ބޭރުވި ކޮންމެ ލަފުޒެއް، ރުހާމްގެ ހައިރާންކަން އިތުރުކުރުވިއެވެ. ޒީކްގެ ނަފުރަތުގެ ބެލުންތަކުގެ ޝިކާރައަކަށްވެ، ނަފުސު ހަމަހިމޭންކަން އިޙުޔާރުކޮށްގެން އޭނާއަށް ހުރެވުނީ އަޖައިބުވެފައެވެ.

"ތި ކިޔަނީ ކީކޭތަ؟" ރުހާމްގެ އަޑު ނުކުތީ ކުރެހިގެންނެވެ. އެ ނާޒުކު ދަނޑިވަޅުގައި އެ ވާހަކަތައް ދެއްކުމުގެ މަޤުޞަދެއް ރުހާމަކަށް ނުވިސްނުނެވެ.

"މި ކިޔަނީ އަށާރަ އަހަރުކުރިން މަގޭ މަންމައަށް ސިހުރު ހެދީ ކަލެޔޭ." ޒީކް ފެލިގަތެވެ. "އަޑު ނީވެނީތަ؟ މަންމަދެކެ ލޯބިވާކަމަށް ދަޢުވާކުރަމުން، ކަލޭ މަންމައަށް ހަދާލިގޮތް ނިކަން ވިސްނާލަބަލަ."

ޒީކްގެ މަޤުޞަދު ނޭނގުނަސް ރުހާމަށް އެ ކިޔާ އެއްޗެއް ވިސްނުނެވެ. ޒީކްގެ ދުލުން އެ އިވެނީ އޭނާއަށް ކުރެވުނު ކުށެށްގެ ވާހަކައެވެ. މާޒީގައި އެކަމެއްކުރެވުމުގެ ސަބަބުން، އެ ހިތާމަ މިއަދާ ހަމައަށްއައިއިރު ވެސް އޭނާ ކުރަމުންދާ ފާފައެއްގެ ވާހަކައެވެ. ނަމަވެސް އެއީ އޭނާ މުސްކާނަށް ދެރައެއް ދިނުމުގެ ނިޔަތުގައި ކުރިކަމެއް ނޫނެވެ. ޒީކަށް އެ ހަޤީޤަތް އެނގުނު ގޮތެއް ބެލުމުގެ ޝަޢުޤުވެރިކަމެއް އޭނާގެ ނެތެވެ. ޒީކް އޭނާއާމެދު ދެކޭ ނަޒަރު ކުއްލިއަކަށް ބަދަލުވީ އެ ހަޤީޤަތް އެނގުމުން ހެއްޔެވެ؟ އެ ސުވާލުން ސިކުނޑި ހާސްކުރަން ފެށުމާއެކު ޒީކަށް އޭނާ އެ ސިހުރު ހެދި މަޤުޞަދު އޮޅުންފިލުވައިދޭން ބޭނުންވިއެވެ.

***2000 ވަނަ އަހަރު***

"މައިތިރިވޭ!" އިވިގެންދިޔައީ މުސްކާން ދަންނަ އަޑަކަށްވުމުން މަޑު ޖެހިލެވުނެވެ. އެއީ ރުހާމްގެ އަޑެވެ. ދުލުކުރިއާ ހަމައަށް އެ ނަން ގެނައުމަށް އަނގަ ހުޅުވާލި ވަގުތު ރުހާމް އަތުގައި ހުރި ބާރެއްލައި މުސްކާންގެ ކަންކަށި މަތީގައި ޖެހިއެވެ. މުސްކާންގެ ބޮލަށް އެރި އެނބުރުންގަނޑާއެކު ގުޅައަކަށް ވެލިގަނޑު މައްޗަށް ޖެހުނެވެ.

"މުސްކާން މަށަށް މާފުކުރާތި!" ރުހާމް ބުންޏެވެ. "މުސްކާންގެ ލޯބި ހާސިލުކުރުމަށް މި ނޫން ގޮތެއްނެތް. މަށަކަށް މުސްކާނާ ވަކިންނެއް ނޫޅެވޭނެ. މުސްކާން ދުނިޔެއިން މޮޔަވުމުން ޒިޔާދު މުސްކާން މަތިން ފޫހިވެދާނެ. އެ ދުވަހަކަށް މުސްކާން އިންތިޒާރުކުރޭ."

ރުހާމްގެ ހަރަކާތް އަވަސްވީ ދެނެވެ. ކަޅު ފޭރާން ތެރޭ ނިވާކޮށްފައި އޮތް ކުޑަ ފެންފުޅި ނަގައި، އޭގައި ހުރި ފެން މުސްކާންގެ މޫނަން އޭނާ އަޅަން ފެށީ އަރަބި ބަހުން ކިޔެވެލި ތަކެއް ކިޔަވަމުންނެވެ.

ފުޅީގައި ހުރި ލޮނުފެން ޖެހުމާއެކު މުސްކާންގެ މޫނުމަތިން ނަގަންފެށީ ޒަވި ދިލައެވެ. މޫނު މަތީގައި ދެއަތުން ތަޅަމުން އޭނާއަށް ރޮއެ ގަނެވުނެވެ. މަންމައާއި ބައްޕައަށް ގޮވަމުން ހޭރިގަތެވެ. އޭރު މުސްކާންގެ މޫނުގެ ހަންގަނޑުން ނޫކުލައިގެ ވިދުމެއް ފާޅުވަމުން ދިޔައެވެ. މޫނުމަތީ ވިދަމުން ދިޔައީ ކުދިކުދި ވެލިފުށްތަކެއްހެން ހުރި ރެދަން ތަކެކެވެ. މުސްކާންގެ މުޅި ހަށިގަނޑަށް އެ ރެދަންތައް ފެތުރިގަތުމާއެކު އޭނާ ލައިގެން ހުރި ހެދުމުގައި ނޫކުލައިގެ އަލިފާން ގަނޑެއް ރޯވިއެވެ. އިސާހިތަކު އެ އަލިފާނުގެ ނޫ އަލިން މުޅި ހިސާބު ދިއްލިގެން ދިޔައެވެ. މަންޒަރު ބަލަން ގަބުކައިފައި ހުރި ރުހާމަށް ހޭވެރިކަމެއް ވީ އެ ހިސާބުންނެވެ. އޭނާ ތެޅިގެންފައި ފަހަތަށް ފިޔަވަޅެއް އަޅާލިއިރު އަތުގައި އޮތް ފުޅި ވެލިގަނޑު މައްޗަށް ވެއްޓި ޖެހިއްޖެއެވެ. ދުމެއް ނެތް އެ ކުޑަ އަލިފާންގަނޑުގެ ތެރެއިން މުސްކާންގެ ސިފައަށް އަންނަމުން ދިޔަ ބަދަލުފެނި އޭނާ ހަޅޭއްލަވަމުން ދުއްވައިގަތެވެ. ބުޅާބުޑުގައި އުނބުން ޖެހުމުން ދުވެ ރައްކާވާ އުސޫލުންނެވެ.

މުސްކާންގެ ހަންގަނޑު ކުލަބަދަލުވެ މޫނުގެ ބައްޓަމަށް އައި ބަދަލު ރުހާމަށް ރީއްޗަށް ފެނުނެވެ. އެއީ އޭނާ ހެދި ސިހުރުގެ ސަބަބުން އައި ބަދަލެއްކަމުގައި ރުހާމް ހީކުރިއެވެ. ވާފިރު ސިހުރު ފެންފުޅި ތައްޔާރުކުރިއިރު ގޯހެއް ހެދީކަމުގެ ޝައްކު ރުހާމް ކުރިއެވެ. އޭނާ އެރޭ އެދިޔަ ގޮތަށް ގޮސް ވާފިރަށް ހުރިހާ އެއްޗެއް ކިޔައިދީ އަޑުގަދަ ކުރިއެވެ. މުސްކާންގެ ސިފަ ހުތުރުކުރި ކަމުގެ ތުޙުމަތު އެޅުވިއެވެ. ނަމަވެސް އެދެމީހުންނަށް ވެސް ނޭނގުނު ހަޤީޤަތަކީ މުސްކާނަކީ ފެނު ޕަރީއެއްކަމެވެ. ފުޅީގައި ހުރި ލޮނު އޭނާގެ ހަށިގަނޑުގައި ޖެހުމުން އަސްލުސޫރައަށް ބަދަލުވާން ފެށީކަމެވެ. ނޫނީ ވާފިރަށް އެ ހަޤީޤަތް އެނގުނު ނަމަވެސް ރުހާމަށް އެސިއްރު ބުނެދިނުމަށް ބޭނުން ނުވީއެވެ.

***2019 ވަނަ އަހަރު***

"މަ ބޭނުންވީ ޒިޔާދު މުސްކާން މަތިން ފޫހިކުރުވަން. އެ ދެމީހުންގެ ކާވެނި ރޫޅުވައިލަން. އެ ދުވަހެއް އައުމުން ސިހުރު ބާޠިލުކޮށްފައި މުސްކާނާ އަލުން ގުޅެން. އެކަމަކު ޒިޔާދަށް މުސްކާންގެ ސިފައަށް އައިސްފައިވާ ބަދަލު ފެނުމުން މޫދަށް ގަންބައި މަރާލީ. ހަޤީޤަތުގައި ޒިޔާދަކީ މުސްކާންގެ ޤާޠިލު." ރުހާމް ފަހު ޖުމްލަ ބުނީ އަޑަށް ބާރުލައިފައެވެ. އެއީ ރުހާމަށް ވިސްނިފައި އޮތް ގޮތެވެ. ޒިޔާދަށް އަދަބު ކަނޑައެޅިގެން ދިޔުމުން ވެސް ރުހާމް އުފާކުރިއެވެ. ޒީކް ޒިޔާދަށް ނަފުރަތުކުރާކަން އެނގުނު ދުވަހުވެސް ހަޤީޤަތުގައި ރުހާމް ވީ އުފަލެވެ. ނަމަވެސް ޒީކްގެ ކުރިމަތީގައި އޭނާގެ މާތްކަން ދެއްކުމަށް ޒިޔާދުއާ އެއްކޮޅަށް އޭނާ ވާހަކަ ދެއްކީއެވެ.

"ކުށްވެރިޔަކީ މަށެށް ނޫން. މުސްކާން މަރާލީ ޒިޔާދު. ޒީކްގެ ބައްޕަ."

"ޚަބަރުދާރު. ދެން ތިހެން މަގޭ ބައްޕައާ ދިމާއަށް ނުބުނާތި." ޒީކް ޝަހާދަތް އިނގިލި ދިއްކޮށްފައި އަމުރުކުރިއެވެ. "ކަލެޔާ ހުރެ މަންމަ ދުނިޔެއިން މޮޔަވެ، މޮޔަގޮވަމުން ގޮސް އަމިއްލައަށް މޫދަށް އެރުނީ. ބައްޕަ އުޅުނީ މަންމަ ސަލާމަތްކުރަން. ކަލެޔާ ހުރެ މަންމަ މަރުވީ."

"ނޫން. ޒީ. ތިގޮތަށް ވާހަކަ ނުދައްކާ. މަގޭ ފުށުން ޒީގެ މަންމައަށް އެ އަނިޔާ ލިބުނުކަމަށް ޤަބޫލުކޮށްފިން. ޒީ ތި ރާގުގައި ވާހަކަ ނުދައްކާ." ރުހާމް ދެއަތަށް ބޯ ހޫރުވައިލިއިރު އެ ދެލޮލުގައި ވަނީ ރިހުމެވެ. ކަރުނައެވެ. އިންތިހާ ކެކުޅުމެވެ.

"ދެން ނުދައްކާނަން." ޒީކް އެއްބަސްވިއެވެ. "ރުހާމްއާ ދައްކަން ބޭނުން ހުރިހާ ވާހަކައެއް ދެއްކިއްޖެ ކަންނޭގެ."

ރުހާމަށް ކުޑަ އުންމީދެއް ލިބުނެވެ. އޭނާ ޒީކްއާ ކައިރިއަށް ޖެހިލީ ގަދަކަމުން ތުންފަތްމަތީ ހިނިތުންވުމެއް ކުރަހައިލަމުންނެވެ. ޒީކް އަތް ދިއްކޮށްލަމުން ކައިރި ނުވުމަށް ބުންޏެވެ. އޭނާ ފޯނުނަގައި ނަމްބަރުތަކަށް ފިތައިލިއެވެ. އަދި ރުހާމަށް ބަލާލަމުން ފޯނު ކަންފަތުގައި ޖައްސައިލިއެވެ.

"ހަލޯ. ހަލޯ. ހަލޯ. ޕޮލިސް. މީ ޒީކްއޭ." ޒީކް އަވަސްއަވަހަށް ފުންނޭވާތަކެއްލަމުން ވާހަކަ ދައްކަން ފެށިއެވެ. "އަޅުގަނޑަށް އެހީވެދީ. އަޅުގަނޑަށް އެހީވެދީ. ވ.ރަނިކަންމަންޒިލަށް ވަރަށް އަވަހަށް އައިސްދީ. އަޅުގަނޑު މިއޮއް މަރަނީ. މޯނާ މަރާލައިފި."

ޒީކް އެހިސާބަށް ބުނެފައި ފޯނު ފާރާ ދިމާއަށް ހޫރުވައިލިއެވެ. ފާރުގައި ޖެހުނު ފޯނުގެ ބައިތައް ކުދިކުދި ވެގެން ދިޔުމުން ޒީކް އެނބުރި ރުހާމަށް ބަލާލީ ކެހިވެރި ހިނިތުންވުމަކާއެކުއެވެ. ރުހާމަށް ބުނާނެ އެއްޗެއް ނޭނގި ގަބުވެފައި ހުރެވުނީއެވެ.

"ކިހިނެއްވަނީ މިގޮތް؟" ޒީކްގެ ކިބައިން ފާޅުވީ ބޮޑާކަމެވެ. ކުރެވުނު ކަންތަކާމެދު އޭނާ ފަޚުރުވެރިވާ ކަހަލައެވެ.

"ޒީ މަދެކެ ކުޑަކޮށް ވެސް ލޯބި ނުވަނީތަ؟" ރުހާމް ހިތުގައި ޖެހިފައި އެހިއެވެ.

"ލޯތްބޭ. ކަލޭދެކެ." ޒީކް މަލާމާތުގެ ހިނިގަނޑެއް ޖަހައިލިއެވެ. "ދުވަހަކުވެސް ނުވާނެ. މަ މިގެއަށް އައިސް މިއުޅެނީ ކަލޭދެކެ ލޯބިވެގެނެއްނޫނެ. ކުރީކޮޅުގައި ކަލޭގެ ހަޤީޤަތް ނޭނގުނުއިރު ފާޑެއްގެ ނަޒަރަކުން ދެކެވުނު. އެކަމަކު ހަޤީޤަތް އެނގުނީމަ ފޫހިވެއްޖެ. ކަލޭދެކެ ލޯބިވާކަމަށް ހެދިގެން މިއުޅުނީ ކަލެޔަށް ވަރުގަދަ ލަގާއެއް ދޭންވެގެން. މަ މިގެއަށް އެނބުރި އައީ ކަލޭމެންގެ ކިބައިން ބަދަލު ހިފަން. އެކަން މިއަދު ކާމިޔާބު ވެއްޖެ. ދެން އުމުރު ދުވަހަށް ޖަލުގައި އޮވެލާ."

ޒީކްގެ ރަހުމެއްނެތް ބަސްތައް ރުހާމަށް ވީ ހިތި ޒަހަރެއް ފަދަ އެއްޗަކަށެވެ. އެއިން ކޮންމެ ބަހެއް ރުވާފައި ދޫކޮށްލި ތީރެއްހެން ގޮސް ހެރުނީ ރުހާމުގެ ހިތަށެވެ. އެ ދެލޮލުން ލޭ ކަރުނަ ހިލުވާލިއެވެ.

"ޒީ... މޮޔަވީތަ؟" ރުހާމަށް އަދިވެސް ޤަބޫލުކުރަން އުނދަގުލެވެ. އޭނާގެ ޒީކް އެހާ ރަހުމުކުޑައެއް ނުވާނެއެވެ.

"މަގޭ ބުއްދި އަދި ސަލާމަތުން އެބަހުރި. ޖަލުގައި އޮވެގެން ކަލޭ ދުނިޔެއިން މޮޔަވޭ." ޒީކްގެ ހިތުގައި ކުޑަކޮށް ވެސް ރުހާމްގެ މައްޗަށް ރަހުމެއް ނެތެވެ.

"ގުޑު ބައި."

ޒީކް އެގެއިން ނުކުމެގެން ދުއްވައިގަތެވެ. މަގު ހުރަސްކޮށްފައި ގޮސް ބޮޑު ދިއްގާގަހުގެ ނިވަލަށް ވަދެވުނުއިރު ޕޮލިހުންގެ ޖިޕް އައިސް އެގޭ ދޮރު މައްޗަށް މަޑުކޮށްފިއެވެ. އިރުކޮޅަކުން ފެނުނީ ރުހާމްގެ ދެއަތުގައި ބިޑި އަޅުވައިގެން ގެންގޮސް ޖިޕްގެ ތެރެއަށް ކޮށްޕައިލިތަނެވެ. ޒީކް ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލީ ހިތްހަމަޖެހިފައި ހުރެއެވެ. މުސްކާން ފަހަތުން އައިސް ޒީކްގެ ކޮނޑުގައި އަތްބާއްވައިލިއެވެ. ޒީކް ކުޑަކޮށް ސިހުނެވެ. އެނބުރި ބަލާލުމާއެކު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ މަންމަގެ ދެލޮލުގައިވާ ކަރުނައެވެ.

"މަންމަ އަދިވެސް އޭނައަށް ހަމްދަރުދީ ވަނީތަ؟" ޒީކަށް އަހާލެވުނެވެ.

"މަންމައަކަށް ނޭނގެ މަންމައަށް މި ނިންމުނީ ރަނގަޅު ނިންމުމެއް ކަމެއް." މުސްކާން އަސަރާއެކު ވާހަކަ ދެއްކިއެވެ. "ބަދަލު ހިފުމުގެ ނިޔަތުގައި ރުހާމްގެ ދެއަތުން މޯނާއަށް އެ ހުރިހާ އަނިޔާއެއް ދިން މީހަކީ މި މަންމަ."

"މަންމަގެ ދިރިއުޅުން ހަލާކުކުރި މީހަކީ ވެސް އެއީ އޭ." ޒީކް ހަނދާންކޮށްދިނެވެ.

"އެކަމަކު ވެސް ރުހާމްގެ ދެލޮލުން ފެނުނު ރިހުމުގެ ސަބަބުން މަންމަގެ ހިޔާލު ދެކަފިވާ ގޮތްވެއްޖެ. މަންމަގެ ހިތަށް އުނދަގޫވިވަރުން އެތަނުގައި ހުންނަން ވެސް ނުކެރުނު. ދަރިފުޅާ. މިކުރެވުނީ ރަނގަޅު ކަމެއްތަ؟ ދަރިފުޅަށް ލިބުނު ޔަތީމުކަން ޒުކަންއަށް ވެސް އެ ލިބުނީ. އެ ކުއްޖާގެ ކޮންކުށެށް އޮތީ؟" ހަޤީޤަތުގައި ވެސް މުސްކާން ހުރީ ވަރަށް ބޮޑަށް ދެރަވެފައެވެ.

"އާނ. މީ ހަމަ އެކަހަލަ ކުށްވެރިންނަށް ލިބެންޖެހޭ އަދަބު." ޒީކް ކުޑަކޮށް ވެސް ދެރައެއް ނުވެއެވެ. "ޒުކަންއަށް އަޅާލައި ލޯބިދޭނެ މީހުން މިރަށުގައި ވެސް އެ ތިބީ. މޯނާގެ އާއިލާ އެއޮތީ! އަހަންނަށް އަޅާލާނެ މީހެއް ހުރިތަ؟ ލޯބި ދޭނެ އާއިލާއެއް އޮތްތަ؟ މާޒިންބޭބެގެ އެހީގައި ކައިގެން ބޮއެގެން އުޅުނީ. އެހެންވީމަ އަޅުގަނޑާ ޒުކަން ހަމަހަމައެއް ނުކުރެވޭނެ. ހިނގާދާން. ދެން އަހަރުމެން އެނބުރި މިދުނިޔެއަކަށް ނާންނާނަން. އަޅުގަނޑު ގެއްލުވާލުމުގެ ކުށުގެ ތުހުމަތު ވެސް އޭނަ ބޮލުގައި އެޅުނަދީ."

މުސްކާން އަނގަމަތީގައި އަތް އަޅައިލަމުން ގިސްލަމުން ބާރަށް ރޮއެގަތެވެ. ޒީކް މުސްކާންގެ އަތުގައި ހިފައިގެން ގޮސް މޫދުގެ ލޮނުގަނޑުގައި ދެފައިތިލަ ބީއްސައިލީ، ލައިގެން ހުރި އަންނައުނު އެތަނަށް ދޫކޮށްލުމަށްފަހުގައެވެ. އެ ދެމައިންގެ މުޅި ހަށިގަނޑަށް ފެތުރުނު ނޫކުލައިގެ ރެދަންގަނޑުގެ ތެރެއިން ޕެނުޕަރީއެއްގެ ސޫރަ ފާޅުވިއެވެ. މޫދުގެ ލޮނުގަނޑުގެ ތެރެއަށް ދެމައިން އެކުގައި ވެއްޓިގެން ދިޔައީ ދެނެވެ. އޭރު ވެސް މުސްކާންގެ ހިތް ދިޔައީ ގިސްލައި ރޮމުންނެއެވެ. ޒީކްގެ ހިތް އުފަލުން ނަށަނީއެވެ. އޭނާގެ ހިތުގައި ކުޑަވެސް ހިތާމައެއް ވަނީ ބައްޕައާ ވަކިން އުޅެން މަޖުބޫރުވީތީއެވެ. ނަމަވެސް ޒިޔާދު ވެސް ބޭނުންވަނީ އެދެމައިންގެ ރައްކާތެރިކަމެވެ. ބައްޕައަށް ހަޤީޤަތް އެނގުމުން އެމީހުންގެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމުގައި ޤަބޫލުކުރާނެކަމުގެ ޔަޤީންކަން ޒީކަށް އޮތެވެ. ބައްޕަ މިނިވަންވުމުން، ކޮންމެވެސް ގޮތަކުން ބައްދަލުކުރުމުގެ ނިޔަތުގައި އިންސާނުންގެ ދުނިޔެއަށް އޭނާ އަލްވަދާޢު ކިޔެވެ.

އިންސާނުންގެ ދުނިޔެއަށް ޒީކް އައި މަޤުޞަދު ހާސިލުކޮށްފައި އެނބުރި އޭނާގެ އަމިއްލަ ދުނިޔެއަށް ދިޔައީއެވެ. މުނިކާފައަށް ވަޢުދުވީ ގޮތަށް އެމީހުންގެ ނަސްލެއްވާކަން އިންސާނުންނަށް ވަންހަނާކޮށްފައެވެ. މޯނާ މަރާލުމުގެ ކުށުގައި ރުހާމް ހައްޔަރުކުރެވި އުމުރު ދުވަހުގެ ޖަލު ހުކުމެއް ވެސް އޭނާއަށް އަޔެވެ. ޒީކް ގެއްލުވާލުމުގެ ކުށް ވެސް އޭނާގެ މައްޗަށް ސާބިތުވިއެވެ. ރުހާމް އެކަމާ ހިތާމައެއް ނުކުރެއެވެ. އޭނާގެ ހިތާމައަކީ ޒީކެވެ. ޒީކްގެ ފަރާތުން އޭނާއަށް ލިބުނު ކެއްސެވެ. އޮޅުވައިލި އޮޅުވައިލުމާއި ހެދި ޒީރެވެ. ޒީކް ގެއްލުނު ގޮތަށް ނުފެނުމުން އެ ގިލަންވެރިކަން ވެސް ހިތުގައިވިއެވެ. ޒީކް ކޮބައިބާއެވެ؟ އޭނާއަށް އަނިޔާ ދިނުމަށް ޒީކް އަމިއްލަ ނަފުސަށް ގެއްލުން ދިނީ ހެއްޔެވެ؟

މިއީ ލޯބީގެ ވާހަކައެއް ނޫނެވެ. މިއީ ނަފުރަތާއި ރުޅިވެރިކަމާއި، ބަދަލު ހިފުމުގެ ރޫޙު އެކުލެވިގެން އައި މަކަރުވެރި ލޯތްބެއްގައި ޖެހުނު މެދު އުމުރުގެ ޒުވާނެއްގެ ވާހަކައެކެވެ.

(ނިމުނީ)

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝައުޤުވެރިޔާ

    ވަރަށް ސަޅި ވާހަކައެއް. *ސްލޯ ކެލެޕް*

    9
    1