ވަރަށް ނަލަވެ ރީތި ވެލައިގެން މަލްހާ ކޮޓަރިން ނިކުތެވެ. އޭރު އޭނާގެ ފިރިމީހާ ރާއިން އިނީ ސޯފާގައި އިށީނދެގެންނެވެ.

" ވާވް.. " މަލްހާ ފެނުމާއި އެކު ރާއިންގެ ދޫ ހަރަކާތް ކޮށްލީ އޭނާގެ އިޚުތިޔާރުން ބޭރުންނެވެ. މިއީ ރާއިން ގެ އަބަދުވެސް އާދައެވެ. މަލްހާއަށް ވަރަށް ތަޢުރީފް ކުރާނެވެ. ރާއިންގެ ކިބައިގައި ހުރި މަލްހާ އެންމެ ޝައުގުވެރިވާ ސިފައަކީވެސް މިއީއެވެ. ޓީވީ ޝޯއަކަށް އިންޓަރވިއު އަކަށް ދިޔުމަށް މަލްހާ ހުރީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ޒަމާނީ ބްރޭންޑެއްގެ ލިޕްސްޓިކް އަކުން މުޅި ތުންފަތް ވަނީ ކުލަގަދަކޮށްފައެވެ. ފައުންޑޭޝަންގެ ބާރުން މަލްހާގެ ދޮން މޫނުވަނީ އިތުރަށް އަލިކޮށް އުޖާލާކޮށްފައެވެ. ލަކުނެތް ނެތް އެ ސާފު ސާދާ މޫނު ފެނި ފަލަކުން ހަނދު ވެސް ހީވަނީ ހަމަ ނެއްޓިގެން ގޮސްދާނެހެންނެވެ.

ހަނދުވަރުގެ ރިހި ދޯދިތަކުން ވިދާ ބަބުޅަމުން ދިޔަ މަލްހާގެ މޫނަށް ބަލަހައްޓައިގެން ރާއިން އިނީ ހުއްޓުން އަރާފައެވެ.

" އޭ.... ކޯއްޗެއް ތިބަލަނީ؟؟؟ " މަލްހާގޮސް ވަރަށް ލޯބިން ރާއިންގެ އަތުގައި ހިފައިލިއެވެ.

" ހެހެ... ހަމަ މަލް ލޯބިކަމުން ބެލެނީ.... ވަރަށް ލޯބި...... " ރާއިން ސިއްސައިގެން ގޮސް ބުނެލިއެވެ.

މަލްހާ އާއި ރާއިން ވަރަށް ބޮޑަށް ރީތިވެގެން ގެއިން ނިކުމެ އެމީހުންގެ ކާރަށް އަރައި މިސްރާބު ޖެހީ އިންޓަރވިއުއަށް ދިޔުމަށެވެ. މަލްހާގެ މަޝްހޫރުކަމުން އޭނާއަށް ވަރަށް ގިނައިން ޓީވީ ތަކުން ގުޅާ ހަދައެވެ. އެކި އެކި އިންޓަރވިއު ތަކަށް ވަރަށް ގިނަ ދަޢުވަތުތައް މަލްހާއަށް ލިބުނުކަމުގައި ވިޔަސް ގިނަފަހަރު މަލްހާގެ ބިޒީކަމުން އޮންނަނީ އެ އިންޓަރވިއު ތަަކަށް ވަގުތު ނުދެވިފައެވެ.

މަލްހާއަކީ މުޅި ދިވެހި ރާއްޖޭގައި ވިދަމުން އަންނަ މޮޑެލްއެކެވެ. އެތައް ބަޔެއްގެ ހިތްތައް ފަތަހަ ކުރަމުން އަންނަ މަލްހާ އަކީ މިހާރު ރާއްޖޭގައި މޮޑެލް ކުރުމުގެ ދާއިރާގައި ހުރި އެންމެ ފުންނާބު އުސް ފަރާތެވެ. އަމިއްލަ ނަފުސަށް ވެސް ބައެއްފަހަރު މަލްހާއަށް މިކަމާއި ހުރެ ބޮޮޑާވެވެއެވެ. ތުއި ވެ ފޮނި ވެވެއެވެ. ކުޑައިރުއްސުރެ ރީތި ކަމަކީ މަލްހާ އަބަދުވެސް ލޯބި ކުރާ ކަމެކެވެ. މަލްހާގެ ދިގު ފަން އިސްތަށިގަނޑު އެކި ދުވަހު އެކި ގޮތްގޮތަށް ބަދަލުވަމުން ދިޔައީ ސިހުރު ފަދައަކުންނެވެ. އަޖައިބުވެ އަންތަރީސް ވެދާނެ ގޮތަކަށެވެ. އިރު އަރާއިރު ބުޅިކޮށް އޮވެދާނެއެވެ. މެންދުރުގެ ދަންފަޅި ފެށޭއިރު އިސްތަށިގަނޑު ފަން ވެދާނެއެވެ. ހަވީރަށް އިސްތަށިގަނޑުގެ ކުލަ ބްރައުން ވެދާނެވެ. ރޭގަނޑު ވާއިރު ރަތް ކުލައިގައި ޖަރީވެ ކުލަ ބަދަލުވެފައި އޮވެދާނެއެވެ. ބޯވައަކަށް ވުރެށް މަލްހާގެ ކުލަ ބަދަލުކުރުމުގެ ހުށިޔާރުކަން މާ ބޮޑެވެ. މާ މޮޅެވެ. އެއްވެސް ޝައްކެއްނެތް ފަދައަކުން މަލްހާގެ އިސްތަށިގަނޑުގެ ޖާދޫއިން އެކަން އެނގި އެންމެންނަށް ޔަޤީންވާނެވެ.

ކާރު ގޮސް މަޑުކޮށްލީ ރާއްޖޭގައި މިހާރު އޮތް އެންމެ މަޤުބޫލު ޓީވީ ސްޓޭޝަންގެ ދޮރު ކުރިމަތީގައެވެ. ފަރިފަރިކޮށް ޓެކްސީއިން ފައިބަމުން މަލްހާ ގޮސް އޭނާގެ ފިރިމީހާ ރާއިންގެ އަތުގައި ހިފައިގެން ހުރެ ސްޓޭޝަންގެ ތެރެއަށް ވަދެގެން ދިޔައެވެ.

" މަރުުޙަބާ... މަރުޙަބާ... " އެތަނުގެ މުވައްޒަފުންގެ ފަރާތުން ހޫނު މަރުޙަބާއެއް ކިޔައި ޝުކުރާއި މުބާރަކްގެ ބަރުތީލައަކުން މުޅިތަން ގުގުމާލިއެވެ.

" ތޭންކްސް... " މަލްހާގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިކޮށްލަމުން ރާއިން އާއި އިތުރަށް ގާތްވެލިއެވެ.

އިންޓަރވިއުގެ ސެޓް ތައްޔާރުކޮށްފައި ވަނީ ވަރަށް ފުރިހަމައަށެވެ. މަލްހާ ހުރީ ސެޓްގެ ފުރިހަމަ ކަމުން އިންޓަރވިއު ދޭން ވަރަށް ޝައުގުވެރިވެފައެވެ.

****

" މަންމާ... ބައްޕާ.... ކޮއްކޯ... ދައްތާ.... އަވަހަށް އާދޭ... މަލްހާ އިންޓަރވިއު ދެނީ.... " ޓީވީ ހުޅުވާލަމުން ސިނާނު އަޑުގެ ނެތްތަނަށް ގޮވަން ފެށިއެވެ. ދުވަމުން ތެޅެމުން ފޮޅެމުން ގޭގެ މީހުން ޓީވީ ދޮށަށް ޖަމާވާން ފެށިއެވެ. ކަނޑިކި އަރުވާ ޖަހަމުން ފުއްމަމުން ކަހަލަ ގޮތަކަށް ސިނާނުގެ މަންމަ ސިޔާމާވެސް ޓީވީ ފެންނަ ހިސާބަށް އަތުވެއްޖެއެވެ. ސިނާނުގެ އާއިލާއަކީ މަލްހާއާއި ހެދި މޮޔަވެފައިވާ އާއިލާއެކެވެ. މަލަހާއަށް ވަރަށް ސަޕޯރޓް ކުރާނެވެ. މަލްހާގެ މަޝްހޫރުކަމުގެ ހިޔާގެ ދަށުގައި އިން އޭނާގެ ފިރިމާހާވެސް ޓީވީއަށް އަރައި އިނެވެ.

" އާންމުކޮށް ރާއިން ރޯދަ ވީއްލާ އިރު ކަމުދަނީ ކޮންކަހަލަ އެއްޗެއް؟؟ " ޕްރެޒެްންޓަރ ސުވާލުކުރުމުން ހިނިތުން ވެލަމުން މަލްހާ ބަލައިލީ ރާއިންގެ ދެލޮލަށެވެ.

" ރާއިންއަށް ޝޯޓް އީޓްސް ކަހަލަ އެއްޗެހި ކަމަކު ނުދާނެ.... ބޮޑަށް ކާއެއްޗެހި ފުޑް ކަހަލަ އެއްޗެހި ކަމުދާނީ...." ކެމެރާގެ ލެންސް ކުރިމަތީގައީ މަލްހާ އިން އިރު އޭނާގެ ހަށިގަނޑުގައި ދައުރުވަމުން ދިޔައީ ފޮނި ހަކުރާއި މާމުއިގެ ބާވަތްތަކެވެ. ހަށިގަނޑަށް ގުޅިފައިވާ ނާރުތަކުން ހިތަށް ފޮނުވަމުން ދިޔައީ ހުސް ހަކުރެވެ. މަލްހާގެ ފޮނިކަން އިންތިހާއަށް ގޮސް ދެ ބަސް މިކްސްކޮށް އޭގެން ފަނިގިރެމުން ދިޔައިިރުވެސް މަލްހާއަށް އެކަން ރޭކައި ނުލައެވެ. ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެއެވެ.

" ކީކޭ.... ކާެެއެއްޗެހި ފްޑްސް ކަހަލަ އޭ..... " ޓީވީ ބަލަން އިން އެހެން މީހެއްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. މަލްހާ ޓީވީ އިންޓަރވިއު ނުނިމެނިސް އެ ވީޑިއޯ މުޅި މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ. ނަގޫ ރޯޅިއެއް ފަދައިން މުޅި ރާއްޖެއަށް އެ ވީޑިއޯ ވައިރަލް ވެގެން ދިޔައެވެ. މިކަހަލަ ކަންތަކުގައި ދިވެހިންގެ ވަރަށް ފޯރި ހުންނާެވެ. ވަރަށް އެކުވެރިވާނެއެވެ. އެތައްބަޔަކު އަތުގުޅާލައި އެ ވީޑިއޯ ޝެއަރ ކުރަމުން ގެންދިޔައެވެ. މަދު ވަގުތު ކޮޅެއްގެ ތެރޭގައި އެތައް ހާސް ބަޔަކު އެ ވީޑިއޯ ޝެއަރ ކޮށްފިއެވެ. ފޭސްބުކުގެ ބޮޑެތި ޕޭޖުތަކުގައި ރަސްކަން ކުރަމުން ދިޔައީ މަލްހާގެ ޝޯޓް އީޓްސް ވީޑިއޯއެވެ. ޕްލާސްޓިކް ސާރޖަރީއިން ހަށިގަނޑަށް އޮމާންކަން މަލްހާއަށް ލިބުނަސް މީސް މީޑިޔާ ސާރޖަރީކޮށްގެން މުޅި މީސް މީޑިއާ އޮމާންކުރަން މަލްހާ ނުކުޅެދުނެވެ.

" އަހަރެންގެ ނުހުރޭ ދަރިއެއް... ހުންނަނީ ކިޑްްސް ކަހަލަ ކުދިން.... "

" ބަތެއް ނުކަން... ކަނީ ރައިސް ކަހަލަ އެއްޗެހި..... "

" އައި ޑޯންޓް ލައިކް ޓް ޑްރިންކް ޖޫސް.... ކަރާ ފަނި ކަހަލަ އެއްޗެހި ބޯން ކަމުދަނީ.. "

ތަފާތު އެތައް ސްޓޭސަސް ތަކުން މުޅި ފޭސްބުކްގެ ނިއުުސް ފީޑް ދިޔައީ ކެކި އުތުރެމުންނެވެ. މަލްހާ އިންޓަރވިއު ނިންމުމަށްފަހު ފޭސްބުކު ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. އެތައް ބަޔަކު މަލްހާއަށް ބުނެވުނު އެއްޗަކަށް ޖޯކް ޖަހަމުން ދަނީއެވެ. މަލްހާ ފުންނޭވާއެއް ދޫކޮށްލަމުން ފޯނު ދުރުކޮށްލިއެވެ. " އައި ޑޯންޓް ކެއަރ " އޭ ބުނަމުންނެވެ. މަލްހާ އަށް އެހެންނޫނަސް ވަރަށް ގިނަ ފާޑުކިޔުންތައް ލިބެއެވެ. އެކަމު އަބަދުވެސް މަލްހާ އެކަމާއި އަޅައި ނުލައި ދަނީ ކުރިއަށެވެ. އެހެން މީހުން ކިޔާ ފާޑު ފާޑުގެ ވާހަކަތަކަށް ވިސްނާކަށް މަލްހާއަށް ވަގުތެއް ނެތެވެ.

ނިމުނީ

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މަސްޓޭ

  ލޮލް..ޒާތީ ކަމެއް އުޅޭހެން ވަރަށް ހީވޭ...އެހެން ހީވަނީއެއް ނޫން. އައި ތޯޓް ދެޓް..

  46
  7
 2. ޒީ

  ތި މަލްހާ އަކީ ރާއްޖޭގެ ކައިޒީން އެއްނު!!! މަވެސް ބެލިން ތިއިންޓަވިއު. ހައްގު ތެދެއް މިބުނީ.. ހީނ ހީނ ހަލާކުވާވަރުނުވީ ކިރިޔާ ???

  70
  1
 3. ސޒ

  ހައްހައްހާ........ ޒެލް.....

 4. ވެލް

  އަސްލު ބުނާނަމަ ފުޑްސް ކަހަލަ ކާއެއްޗެހި ބުނުމުގެ މާނައަކީ ޝޯޓް އީޓްސް ނޫން ފުޑްސް ކަހަލަ ކާ އެއްޗެހި.

  24
  5
 5. ރޭ

  ވެލްޑަން މަލް. މީހުން ކިޔާ އެއްޗެއްސައް އަޅާނުލާ ހުންނަހުރުން ވަރަށް ކޫލް

  8
  14
 6. ސުބުޙާނަﷲ!

  މީހުންނާ ދިމާކު ރިޔަސް މިވަަ ރު ފުކެއް ބޮޑު! އަދި އެވެސް، ރަމްޟާން މަހު، ފަހު ދިހައިގަ އެވެ. އިބް ރާހީމް ޒިހުނީ އަށް ﷲ ގެ ޙަޟް ރަތުން، ހެޔޮ ވިސްނުން މިންވަ ރު ކު ރައްވާށި! އާމީން، މަށަކީ، ތި ކައިޒީނެއްގެ ފޭން އެއްވެސް ނޫނެވެ. އަދި މޮޑެލްކޮށް ހެދުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫންކަން ހިތުގެ އަޑިން ޤަބޫލުކު ރާ މީހަކީމެވެ. ހަމަ އެއާއިއެކު، މީހުންނަށް ފު ރައްސާ ރަކޮށް، މަލާމާތް ކު ރުމަކީ ބޮޑު ނުބައި ކަމެއްކަން ވެސް ޤަބޫލުކު ރާ މީހަކީމެވެ. މި ކޮމެންޓް މި ކު ރަނީ އެފަދަ ކަންކަމަށް ހިތްވަ ރު ނުދިނުމުގެ ގޮތުންނެވެ. އުންމީދު ކު ރަނީ އިބް ރާހީމް ޒިހުނީ އިތު ރަށް މިފަދަ ކަމެއް ނުކު ރާނެ ކަމަށެވެ.

  30
  4
 7. ޟމމ

  އަހަރެން ހީކުރި ފުރުޓްސް ކަހަލައޭ ބުނިކަމަށް... މީހުންނާ މިގޮތައް މީހަކާއި ބެހުމަކީ އެދެވޭ ގޮތެއްނޫން...

  15
  1