މީސް މީޑިއާ ނުވަތަ ސޯސަލް މީޑިއާ އަކީ ދުނިޔޭގެ އެތަށް ބަޔަކު އޭގެ ބޭނުން ހިފާ އެއްޗެކެވެ. މީސް މީޑިއާގެ ތެރެއިންވެސް އެންމެ ގިނަ މީހުން ބޭނުން ކުރާ އެއް އެޕްލިކޭޝަން އަކީ ފޭސްބުކެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ މަގުބޫލުކަން ފޭސްބުކްއިން ހޯދި އިރު އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގައިވެސް އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އެއް އެޕްލިކޭޝަންއަކީ ފޭސްބުކެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ފޭސްބުކް ބޭނުންކުރާއިރު ފޭސްބުކްގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ބައެއް ދިވެހިން އުޅޭ ކަމީ ހިތާމަ ހުރިކެމެވެ. އެހެން މީހުންގެ މައުލޫމާތު ހިމަނައިގެން ވަގު އެކައުންޓްތަށް ހަދައި މީހުންނަށް އޮޅުވާލާ މީހުން އަދުގެ މުޖުތަމައުގައި ވަނީ ގިނެވައެވެ. އަންހެނުންނާއި ފިރިހެނުން ވެސް ދަނީ ފޭކް އެކައުންޓްތައް ހަދައިގެން އެތައް "ޖަރީމާއެއް" ހިންގަމުންނެވެ.

ވަގު އެކައުންޓް ހަދާ މީހުން އެކަން އާންމު ގޮތެއްގައި ކުރަނީ މައިގަނޑު ތިން ބޭނުމަކަށެވެ. އެއީ ޒާތީ ހަސަދައެއް އޮތުމުގެ ސަބަބުންނާއި ބްލެކްމެއިލް ކުރުމުގެ ގޮތުންނާއި ފައިސާ ހޯދުމުގެ ގޮތުންވެ. މި ތިން ސަބަބަށްޓަކައި ވަގު އެކައުންޓް ހަދައި އެތަށް ބަޔެއްގެ ހައްޤުތަށް ނިގުޅައިގަނެފައިވާއިރު އެ ކުރެވެނީ ކިހާ ބޮޑު ކުށެއް ކަމެއް މިކަން ކުރާ ފަރާތްތަކުގެ ހިތަކަށް ނާރައެވެ.

ވަގު އެކައުންޓާއި ގުޅުންހުރި ކަންކަމަކީ ފުރާނައަށްވެސް އެކަމުން އަސަރުކޮށްފާނެ ކަންކަމެވެ. އަދި މުޅި އުމުރު ތިމާ ދުނިޔެއަށް ފިލައިގެން އުޅުމަށްވެސް މެދުވެރިވެދާނެ ކަމެވެ. ސަބަބެއް ކަމުގައިވަނީ ވަގު އެކައުންޓްގެ ޒަރީޢާއިން ބްލެކްމެއިލް ކުރުމަށް ވަރަށް ބޮޑަށް މަގުފަހިވާތީއެވެ. މިސާލަކަށް ތިމާ ކަމަށް ހީކޮށް ތިމާގެ ރައްޓެއްސަކަށް ފޭކް އެކައުންޓް ހަދައިގެން އުޅޭ މީހާއާއި ވާހަކަ ދެއްކުން ފަދަ ކަންކަން ހިމެނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ތިމާ ނޫން އެހެން މީހަކަށް ކޮންމެހެން އެނގެން ނުޖެހޭ އެތަކެއް މައުލޫމާތެއް އެނގިގެން ދެއެވެ. އަދި އެވާހަކަތަށް އެއީ ހަތިޔާރަކަށް ހަދައި ތިމާ ބްލެކްމެއިލް ކުރުމަކީ ވުން ގާތް ކަމެކެވެ.

ޒާތީ ހަސަދައަކީވެސް ވަގު އެކައުންޓް ހެދުމަށް މެދުވެރިވާ ސަބަބެކެވެ. އެހެނީ ތިމާއާއި ޒާތީގޮތުން ޖައްސާލައިގެން އުޅޭ މީހެއް، ނުވަތަ ތިމާ ދެކެ ނަފްރަތު ކުރާ މީހެއް ނަމަ އަބަދުވެސް ވިސްނާނީ ތިމާގެ އަގު އެހެން މީހުންގެ ކުރިމަތީގައި ވައްޓާލުމަށެވެ. ނަތީޖާއަކަށްވަނީ ތިމާގެ ނަން މަތީގައި ވަގު އެކައުންޓެއް ހަދައިގެން އެތަށް ބަޔަކަށް އޮޅުވާލުމެވެ. އަދި ތިމާގެ އަގު ވެއްޓިގެން ދިޔުމެވެ.

ފަހަކަށް އައިސް ބައެއް ފިރިހެނުން ވަގު އެކައުންޓް ހަދަނީ ވިޔަފާރިކުރުމަށެވެ. ރީތި އަންހެން ކުދިންގެ ނަންމަތީގައި ވަގު އެކައުންޓްތަށް ހަދައި ނުވިސްނޭ ފިރިހެނުންގެ އަތުން ލާރި ލޫޓުވުވަމީ މިހާރު އާންމު ކަމަކަށްވެފައި އޮތް ކަމެވެ.

ވަގު އެކައުންޓްގެ ދުއްޕާން މިހާ ބޮޑުވެފައިވާއިރު ވަގު އެކައުންޓްތަށް ހަދައިގެން މީހުންނަށް އޮޅުވާލުމަށް ހައްލެއް ލިބުމަކީ ވުން ނާދިރު ކަމެކެވެ. ނަމަވެސް އެކަން މަދު ކުރުމަށް ފަރުދީ ޒިންމާ ނެގިދާނެއެވެ. ތިމާގެ މައިންބަފައިންގެ ހައްޤުތަށް ރައްކާތެރިކުރާ ފަދައިން އަނެކާގެ ހައްގަށްވެސް ރައްކާތެރިވަމާތޯއެވެ. ވަގު އެކައުންޓަށް ނޫނެކޭ ބުނަމާ ތޯއެވެ.