އިރު ކަނޑު މެދަށް އޮއްސޭ އިރަކީ އަހަރެންނަށް އޭނާ ފެންނަ ވަގުތެވެ. ވަކި ދުވަހެއް ވަކި މަހެއް ނޯވެއެވެ. އޭނާ އަބަދުވެސް އަހަރެންނާ ބައްދަލުކުރަން އާދެއެވެ. ބައެއް ފަހަރު ރަތް ހެދުމެއްގެއައެވެ. އަނެއްބައިފަހަރު ބޮލުން ފެށިގެން ފައިތިލައާ ހަމައަށް ކަޅުން ޖަރީ ވެގެންނެވެ. ފުރަތަމަ ފަހަރަށް އަހަރެންނާއި ބައްދަލުކުރަން އޭނާ އައުމުން އަހަރެން ގަތީ ބިރެވެ. އޭރު އުމުރުން އެންމެ އެގާރަ އަހަރެވެ. ވާނީވެސް އެހެންތާއެވެ. އަހަރެންގެ މައިންބަފައިންނަކީ ކިޔަވައިގެން ތިބި ދުރުވިސްނޭ މީހުންނެވެ. ނަމަވެސް މިވާހަކަ އެވެރިންނާއި ހިއްސާކުރުމުން ދެމީހުންވެސް ނިންމީ އަހަރެންނަށް ހަމަ ނިދި ނުލިބެނީ ކަމުގައެވެ. ނަތީޖާއެއްގެ ގޮތުން އަހަރެންގެ އައިޕެޑް އަތުލެވުނެވެ. ހުރިހާކަމެއް އެހިސާބުން ހަމަޖެހޭނެއޭ އެމީހުން ބުންޏެވެ.

ކަންތައްވީ އެހެންނެއް ނޫނެވެ. އޭނާ އަހަރެންނާއި ބައްދަލުކުރަން އަންނަ ވަގުތަކަށް ބަދަލެއް ނާދެއެވެ. ދެނަމާދު ދޭތެރޭގައެވެ. މެންދަމުއެވެ. ބައެއްފަހަރު ފަތިސްވާން ކައިރިކޮށްލާފައިވެސް ދައްކާލައެވެ. ކޮންމެ ދުވަހަކު އެއް ސިފައެއްގައެވެ. އެއީ ހާދަ ރީތި މީހެކެވެ.

ފުރަތަމަ ކޮޅު ކިތަންމެ ބިރު ގަތަސް އަހަރެން އޭނާއާއި ރަހުމަތްތެރިކަން ބަދަހިކުރަން މާގިނަ ދުވަހެއް ނުނެގިއެވެ. ވާނީވެސް އެހެންތާއެވެ. މައިންބަފައިން ލޮލަށް ދައްކާލަނީ މަދުފަހަރަކުއެވެ. އޭނާވީ އަހަރެންގެ ވާހަކަތައް ހިއްސާކުރާ މިތުރަކަށެވެ. ހިތާމައަކަސް އުފާވެރިކަމަކަސް އަހަރެން އޭނާ ގާތު އެވާހަކައެއް ދައްކަމެވެ. އޭނާވެސް ބައެއް ފަހަރު އޭނާގެ ދުވަހުގެ އުސްއަލިތައް ކިޔައިދެއެވެ. އަހަރެން ކަނުލާ އަޑުއަހަމެވެ. ބައެއް ފަހަރު ހީވިއެވެ. އެއީ އަހަރެންގެ މައްސަލަތައް ހައްލުކޮށްދޭން ފޮނުވައިފައި ހުރި ފަރިޝްތާއެކެވެ. ބަލާލަން ވެސް އެހާ ހިތްގައިމެވެ. އުޅުންވެސް އެހަ ޗާލެވެ. އަހަރެންނާއެކު ހޭދަކުރި އެއްވެސް ވަގުތެއްގައި އަހަރެން ހިތްހަމަ ނުޖެހިދާނެ އެއްވެސް ކަމެއް އޭނާ ނުކުރެއެވެ. ނަމަވެސް އޭރު އަހަރެންވެސް ޅަވީމާ ކަންނޭނގެއެވެ.
މިހާރު އަހަރެންގެ އުމުރުން ސޯޅަ އަހަރެވެ. އަހަރެންގެ ރަހުމަތްތެރިޔާ އަހަރެންނާ ބައްދަލުކުރަން މިރޭވެސް އަންނާނެއެވެ. އަހަރެން މިހާ ވަރަކަށް ތައްޔާރު މިވަނީ އެހެންވެއެވެ. އޭނާގެ ވާހަކަ އިނގޭ އެއްވެސް މީހަކު މި ދުނިޔެ މަތީ ނުހުންނާނެއެވެ. އޮޅިގެން މައިންބަފައިން ކައިރީ ބުނެވުނަސް އެމީހުން ގަބޫލުނުކުރިކަން އެއީ ނަސީބެވެ. އޭނާ އަހަރެން ގާތު ބުނެތެވެ. މީހަކަށް އެނގިއްޖެއްޔާ އަހަރެންނާއި އޭނާ ބައްދަލުކުރަން ދަތިވާނެއެވެ. ދުވަހަކު ލޮލަށް ނުފެންނަ ގޮތްވެސް ވެދާނެއެވެ. އާދޭސް ކޮށްފައި މި ގުޅުން ސިއްރުކުރަން އޭނާ އެދުނެވެ. އަހަރެން އެކަމާއި އެއްބަސްވީމެވެ. އޭނާއަށްޓަކައި އަހަރެން ކޮންމެފަދަ ކަމެއްވެސް ކޮށްފާނަމެވެ.
ފާއިތުވި އަހަރުތަކުގައި އޭނާގެ ފަރާތުން އަހަރެންނަށް ލިބުނު ސަމާލުކަމުގެ ނަތީޖާއަކަށްވީ އަހަރެންނަށް އޭނާ ދެކެ ފުން ލޯބިވެވުމެވެ. އޭނާގެ ހިތުގައި އަހަރެންނަށް ކުޅެނީ ކޮންކަހަލަ ރާގެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އޭނާ ފެނުމުން އަހަރެންނަށް ވާ ގޮތެވެ. އަތްފައި ފިނިވިއެވެ. ހިތް ބާރުބާރަށް ތެޅެއެވެ. ފަހަކަށް އައިސް އަބަދުވެސް ބޭނުންވަނީ ކައިރީގައި ހުރެވޭތޯއެވެ. އޭނާގެ ވަސްޖެހުނަސް އަހަރެންނަށް އަސަރުކުރެއެވެ. ހުވަފެނުގައިވެސް ފެންނަނީ އެ މޫނެވެ. ރޯމާ ދުވާލުވެސް ހުރެވެނީ އެ ޚިޔާލުގައެވެ. މިއަށް ކިޔަނީ ލޯތްބެއް ނޫންހެއްޔެވެ؟

ލޯގަނޑުން އަހަރެންގެ ރިވެއްޔަށް ނަޒަރު ހިންގާލީމެވެ. އަހަރެން ލައިގެން ހުރީ އަތް ކުރު ކަކުލާ ހަމައަށް އަރާ ކަޅު ކުލައިގެ ހެދުމެކެވެ. އޭނާ އަހަރެން ގާތު ބުނެއެވެ. ކަޅުކުލައަކީ އޭނާއަށް އެންމެ ހިތްގައިމު ކުލައެވެ. ހަމަގައިމުވެސް އަހަރެން މިހެދުމުގައި ފެނުމުން އޭނާ ހިތްހަމަޖެހޭނެއެވެ. އަހަރެންގެ އިސްތަށިގަނޑުވަނީ މުނާސަބަތާއި އެއްގޮތަށް ފަންކުރެވިފައެވެ. ތުންފަތުގައި ޖެއްސިފައިވާ ގަދަ ރަތްކުލައިން މޫނު ދިއްލުވާލައެވެ. އަހަރެން ހިތުން އޭނާއަށް އަހަރެންގެ މި 'ލުކް' ކަމުދާނެއެވެ.
ސިއްސައިގެން ދިޔައީ މީހަކު ދޮރުގައި ހިފާލި އަޑު އިވުމުންނެވެ. ތަޅުލާފައި ހުރިކަން ހަނދާންވީ ދެނެވެ. އަވަސް އަވަހަށް ހިނގާފައިގޮސް އަހަރެން ދޮރު ހުޅުވާލީމެވެ. ކުރިމަތީ ހުރީ އަހަރެންގެ މަންމައެވެ.
ތިރިން ފެށިގެން މައްޗަށް މަންމަ ބަލާލިއެވެ. އަހަރެން ރީތި ވެގެން ހުރީމާ އެއްޗެއް ހީވީ ކަންނޭނގެއެވެ. ސުވާލަކަށް ފަހު ސުވާލެއް އަމުނާލިއެވެ. އާންމު ގޮތެއްގައި މަންމައާއި ބައްޕަގެ 'ބިޒީ' ދިރިއުޅުމުން އަހަރެންނަށް ވަގުތުކޮޅެއް ލިބޭނީ މަދުފަހަރެއްގައެވެ. މިރެއަކީ އެފަދަ ބަދު ނަސީބު ރެއެއްތާއެވެ. މަންމަގެ ސުވާލަކީ އަހަރެން ތަނަކަށް ދަނީތޯއެވެ. އަހަރެން ބުނީމެވެ. ފޫހިވެގެން އެކު ހެދުންތައް ޓްރައި ކުރަނީއެވެ. ބޭރަށް ދާ ހިތެއް ނުވެއެވެ. އެކުގައި ބޭރަށް ދާނެ މީހަކު އަދި އަމުދުން ނުވެއެވެ. އަތުގައި މާ ހުސްވަގުތު ގިނަވުމުގެ ނަތީޖާއެވެ. މިހެން ބުނުމާއެކު އަނެއްކާވެސް މަންމަ އަހަރެންނާ ދިމާލަށް ފުން ނަޒަރަކުން ބަލާލިއެވެ. އަހަރެންގެ އެއްވެސް ބަހެއް ގަބޫލު ނުކުރެވޭ ކަހަލައެވެ. މަންމަ ބޭނުންވީ ކޮޓަރިއަށް ވަންނާށެވެ. އެތަނުގައި ފިލާ މީހަކު ހުރިތޯ ބަލަން ބާވައެވެ؟

ކޮޓަރިތެރެ ބެލުމަށްފަހު މީހަކު ނެތުމުން ނިކުމެއްޖެއެވެ. މަންމަވެސް މި ސަކަރާތުގައި ބައިވެރިވެލަން އަދި އަންނާނެކަމުގައި ބުނަމުންނެވެ. އަހަރެން ވަގުތުން ކަންބޮޑުވިއެވެ. ނޫނެކޭ ބުނެވުނީ މާ އަވަހަށެވެ. އަޑުގައި އާދޭހެއްވެސް ހުއްޓެވެ. މަންމަ އިތުރަށް ޝައްކުކުރަން ފެށިއެވެ. އަހަރެން ކޮންމެވެސް ކަމެއް ސިއްރު އެބަ ކުރެޔޭ ޔަގީނުންވެސް ހިތަށް އަރާނެއެވެ. ބޯ ޖަހާލުމަށްފަހު އެއްވެސް އެއްޗެކޭ ނުބުނެ މަންމަ ހިނގައިގަތީ މަންމަގެ ކޮޓަރިއާ ދިމާލަށެވެ. އޮބާލަން ދެން ދޮރުކައިރީ ބަލަން ހުރެފައި އަހަރެން ފުން ނޭވާއެއް ބޭރުކޮށްލީމެވެ. ދޮރު މަޑުމަޑުން ޖަހާލުމަށްފަހު ފަހަތަށް އެނބުރެލި ވަގުތު ހިތް އަނގައަށް ނައީ ކިރިޔާއެވެ.

ކުރިމަތީ ހެވިދިލިފައި އެ ހުރީ އޭނާއެވެ. އަހަރެން އޭނާގެ އަތުގައި ސަކަ ގޮތަކަށް ޖަހާލައިފައި އެނދުގައި އިށީނީމެވެ. އޭނާވެސް އަހަރެން ފަހަތުން އައިސް އިށީނދެއްޖެއެވެ. ބެލްކަނީގެ ދޮރު ހުޅުވިފައި ހުރުމުން މަޑު ވައިރޯޅިތައް ކޮޓަރިތެރެއަށް އިރުއިރުކޮޅާ ވަދެލައެވެ. ހަނދުވަރުގެ އަލިން އޭނާގެ މޫނު ވަނީ ދިއްލިފައެވެ. އަހަރެން ހިނިތުންވެލީމެވެ. އޭނާ އަހަރެންގެ އަތުގައި ހިފާ ފުރަތަމަވެސް ބުނެލީ އަހަރެންގެ ރީތި ވާހަކައެވެ. އަހަރެން ރަކި ވިއެވެ.
މުޅި ރޭ ދިޔައީ އަހަރެމެން ދެމީހުން އެކަކު އަނެކަކަށް ވާ ލޯބި އިއުތިރާފް ކުރުމުގައެވެ. އަހަރެން ހުރީ ފިނިފެން މަލެއްހެން ފޮޅިފައެވެ. އޭނާވެސް އަހަރެން ދެކެ ލޯބިވެދާނެ ކަމަކަށް އަހަރެންނެއް ހިޔެއް ނުކުރަމެވެ. ވީ އުފަލެއްގެ ބޮޑުކަމުން ލޮލުން ކަރުނަ ފާދާލިއެވެ. ކުއްލިއަކަށް ސިހިގެން ދިޔައީ މީހަކު ދޮރުގައި ބާރަކަށް ތަޅާ އަޑު އިވުމުންނެވެ. އަހަރެން ހާސްވިއެވެ. އޭނާ އަހަރެން ގާތުގައި ހަމަޖެހޭށޭ ބުންޏެވެ. އަދި މަޑުމަޑުން ގޮސް ދޮރުހުޅުވަން އެދުނެވެ. ދޮރު ފަހަތުގައި ކޮންމެ މީހަކު ހުއްޓަސް އެމީހަކަށް އޭނާ ނުފެންނާނެ ކަމުގެ ޔަގީންކަން ދިނެވެ. އަހަރެން ގަބޫލުކުރީމެވެ. އަދި އަވަސް އަވަހަށް ގޮސް ދޮރުހުޅުވީމެވެ.

ކުރިމަތީގައި ހުރީ މަންމަ އެކަންޏެއް ނޫނެވެ. ބައްޕަވެސް ހުއްޓެވެ. އެތެރެއަށް ވަދެވޭނެ ހެއްޔޭ އަހާލިއެވެ. އަހަރެން އާނއެކޭ ބުނީމެވެ. އޭރުވެސް ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ.

ތަންތަން ބަލަމުން އެއް ފާރުން އަނެއް ފާރަށް ލޯ އަޅަމުން ދެމީހުންވެސް ކޮޓަރިއަށް ވަދެއްޖެއެވެ. އަހަރެންގެ ހާސްކަން ކުޑަކޮށް ފިލައިގެން ދިޔައީ އެހެން އެއްވެސް މީހަކަށް އެނދުގައި އިށީނދެގެން އިން އަހަރެންގެ ލޯބިވެރިޔާ ނުފެންނަކަން ޔަގީންވީމައެވެ. އެދިމާލަށް އަހަރެންގެ ނަޒަރު ހުއްޓިފައި ހުރުމުން މަންމަވެސް ބަލާލިއެވެ. އެއްޗެއް ނުފެނުމުން އަހަރެން ގާތު އިށީނދެލަން ބުންޏެވެ. މަންމަ ބުނި އެއްޗަކުން ފައިދަށުން ބިންގަނޑު ދަމައިގެން ނުދިޔައީ ކިރިޔާއެވެ.
ކޮންމެވެސް މީހަކާ ވާހަކަ ދައްކާ އަޑު އިވުނޯލައެވެ. އަހަރެން ބުނީމެވެ. އެއީ ފޯނުންނެވެ. ރަހުމަތްތެރިޔަކާ ގުޅައިގެންނެވެ. މަންމަގެ ރުޅި ގަދަވިހެން ހީވިއެވެ. ދޮގު ނުހަދާށެވެ. ހުޅުވިފައިހުރި ބެލްކަންނީ ދޮރަށް ނަޒަރުހިންގަމުން މަންމަ ބައްޕައަށް އިޝާރާތްކޮށްލިއެވެ. ބޭއިޚްތިޔާރުގައި އަހަރެންނަށް އަނެއްކާވެސް އޭނާއާ ދިމާލަށް ބަލާލެވުނެވެ. އަތުގެ އިޝާރާތުން ހަމަޖެހޭށޭ އޭނާ ބުނަމުންދިޔައެވެ. ނަމަވެސް އަހަރެން ހަމަ ދާހިތްލާ ފޯވަނީއެވެ.

ބައްޕަ ބެލްކަނި ފާސްކުރުމަށްފަހު ކޮޓަރިއަށް ވަނެވެ. އަހަރެން ގާތު އިށީނދެ އިނދެ ވަރަށް މަޑުމައިތިރި ރާގެއްގައި ކަމެއް އެބަ ފޮރުވަން ހެއްޔޭ ސުވާލުކުރިއެވެ. އަހަރެން ބުނީމެވެ. ގަބޫލު ނުކުރެވެންޏާ މުޅި ގެވެސް ހޯދާ ބަލާށެވެ. އަހަރެންވެސް އެހީވާނަމެވެ. އަހަރެން ފޮރުވައިގެން އުޅޭ މީހަކު އަހަރެންވެސް ބަލަން ބޭނުމެވެ. އެނދުމަތީ އިން އަހަރެންގެ ލޯބިވެރިޔާގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ. އަހަރެން އެއްލޯ މަރާލީމެވެ.

ލައްކަ ވާހަކައެއް ދެއްކުމަށްފަހު އަހަރެންގެ ކޮޓަރިން ދެމީހުންވެސް ނިކުމެއްޖެއެވެ. މަންމަ ހުރީ އަދިވެސް ގަބޫލު ކުރި ފާޑަކަށް ނޫނޭވެ. އަހަރެންނާއި ދިމާލަށް ބަލަމުންދިޔައީ ޝައްކުގެ ނަޒަރަކުންނެވެ. ދޮރު ޖެހުމަށްފަހު އަހަރެން އެނދުމައްޗަށް ބަލާލީމެވެ. އޭނާ ފެންނާކަށް ނެތެވެ. ގަޑި ބަލާލިއިރު އަހަރެން ނިދާ ގަޑި ޖެހެނީއެވެ. އޭނާ ދިޔައީއޭ ހިތާ އަހަރެން އެރީ ނިދާށެވެ. މޮޅިވެރި ގޮތަކަށެވެ. ދައްކަން ބޭނުންވި ވަރަކަށް މަންމަމެންގެ ހާޖާނު ގަނޑަކާ ހުރެ ވާހަކައެއް ނުދެއްކުނު ވިއްޔާއެވެ. މިހެން ހިތާ ލޯ މަރާލީމެވެ.

ޖެހިގެން އައި ދުވަހުގެ އިރާއެކު އަހަރެން ކުރިމަތިލާން ޖެހުނީ އިއްޔެއަށްވުރެ ބޮޑު ކަންތައްގަނޑަކާއެވެ.
އަހަރެންގެ މައިންބަފައިން ބޭނުންވަނީ އަހަރެން ސައިކިއަޓްރިސްޓަކާއި ބައްދަލުކުރާށެވެ. އެތަކެއް ފަހަރަކު ނުދާނަމޭ ބުނުމުން ވެސް މީގައި އަހަރެންގެ އާބަހެއް ބޭނުން ނުވާ ކަމުގައި ވަނީ ބުނެފައެވެ. އެމީހުން ހީކުރަނީ އަހަރެން އެކަނިމާއެކަނި އޮވެ އޮވެ ހަމަ ބުއްދި ފިލީ ކަމަށްހެއްޔެވެ؟ އަހަރެން އެކަނި ވާހަކަދައްކަނީއެއް ނޫނެވެ. އަހަރެން ވާހަކަ ދައްކަނީ އޭނާއާއެވެ. އެކަން މިމީހުންނަށް ހަޖަމްނުވަނީ ހެއްޔެވެ؟

ސައިކިއަޓްރިސްޓް ގާތުގައި އަހަރެން އޭނާގެ ވާހަކަ ކިޔައިދިނީމުއެވެ. އޭނާ ހުންނަ ގޮތާއި ދައްކާ ވާހަކަތަކެވެ. އޭނާއާއި ބައްދަލުވާ ވަގުތުތަކާއި އަހަރެންގެ ހިތުގައި އޭނާއާ މެދު ދެކޭ ގޮތެވެ. ޑަކްޓަރު އިނދެގެން ފޮތުގައި ކޮންމެވެސް އެއްޗެހިތަކެއް ލިޔަމުން ގެންދިޔައެވެ. އަހަރެންގެ ވާހަކަ ނިއްމާލުމާއެކު ޑަކްޓަރު އަހަރެންނަށް ވެގެން އުޅޭ ގޮތެއް ކިޔައިދިނެވެ. އަހަރެން ހެލޫސިނޭޓް ކުރަނީޔޯލައެވެ. އަހަރެންނަށް މި ފެންނަ "އޭނާ" އަކީ އަހަރެންގެ އަމިއްލަ ސިކުޑިން ހަނދާލައިގެން އުޅޭ "ކެރެކްޓާ" އެކެވެ. އެހެން އެއްވެސް މީހަކަށް އޭނާ ނުފެންނަނީވެސް އެހެންވެއެވެ. އަހަރެން ގަބޫލެއް ނުކުރީމެވެ. އޭނާ އެއީ ހަގީގަތެކެވެ. އަހަރެންގެ ދިރިއުޅުމުގެ އެންމެ އަލިގަދަ ތަރިއެވެ. އެއީ އަހަރެންގެ އަމިއްލަ ސިކުނޑިން ފަރުމާކޮށްގެން އުޅޭ ދޮގެއް ނޫނެވެ. ނަމަވެސް ޑަކްޓަރު ގަބޫލެއް ނުކުރިއެވެ.

އަހަރެންނަށް ދެވުނީ ބޭސްތަކެކެވެ. މަންމަމެންނަށް އަހަރެން ދެއްކި ވާހަކަތައް ކިޔައި ނުދިނަސް އަހަރެންގެ 'ކޮންޑިޝަން' ޑަކްޓަރު ވަނީ ކިޔައިދީފައެވެ. އެމީހުން ދައްކާ އެއްވެސް ވާހަކައެއް އަހަރެން ގަބޫލެއް ނުކުރަމެވެ. ނަމަވެސް އަހަރެން އެއަށްވުރެ ކަންބޮޑުވާން ޖެހޭ އެހެން ކަމަކާ ކުރިމަތިލާން ޖެހުނެވެ. ބޭސް ކާން ފެށިފަހުން އޭނާ އަހަރެންނާއި ދިމަލެއް ނުވެއެވެ. ލޮލަށް ފެންނަނީ ހަމައެކަނި ހުވަފެންތަކުގައެވެ. އަހަރެންގެ ހިތުގައި ލައްކަ ޝަކުވާއެއް އެބަހުއްޓެމެވެ. ނަމަވެސް ބަންޑުން ކޮށްލާނީ ކާކަށް ހެއްޔެވެ؟ އަހަރެން އޭނާއަށް ކުރަން ބޭނުންވާ އެތަކެއް ސުވާލެއް ހުއްޓެވެ. އޭނާ ދެން އަންނަ ރެއަކުން އަހާނަމޭ ހިތާ ކޮންމެ ރެއަކުވެސް ލޯ މަރާލަމެވެ.
ނަމަވެސް އޭނާގެ ހިލަމެއް އޭގެ ފަހަކުން ނުވެއެވެ.

- ނިމުނީ

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަންނެތި

    ނިކަން ތިލިޔާ ރީތި ކުރުވާހަކަތައް ފޮތަކަށް އެއްކޮށްލައިފައި ފޮތް ފިހާރަތަކަށް ވިއްކަން ނެރެބަލަ!

    • ާމީނާ

      ގަންނާނީ ކާކު؟ ފުލުހުން؟

  2. Anonymous

    ޥަރަށް ރީތި ވާހަކައެއް

  3. ނާ

    ޥަރަށް ރީތި ވާހަކައެއް