އިރު އޮއްސި މުޅި ރަށުގެ ތެރެއަށް ހަނދުވަރުގެ އަލިކަން ވެރިވެގެންފިއެވެ. ފަލަކުގައި ހަނދު ރަނިކަން ކުރާއިރު އެ ހަނދު ވަށައިގެންވާ ތަރިތައް ވިދާ ބަބުޅަމުން ދިޔައެވެ. މުޅި ފަލަކުން ފެންނަމުން ދިޔައީ ޤުދުރަތުގެ ފުރިހަމަ ކަމެވެ. މާގިނައިރު ތަކެއް ނުވަނީސް ބަނަ ވިލާތަކުން މުޅި ކައުނު ބައްދާލައިފިއެވެ. ފަލަކުގައި ވިދަމުން ދިޔަ ތަރިތައް އެއްކޮށް ނިވާ ވެއްޖެއެވެ. ރަނިކަން ކުރަމުން ދިޔަ ހަނދާއި އެކުގައެވެ. ޖެހެމުން ދިޔަ ވައިރޯޅި ތަކަށް ހަލަބޮލިކަން އަންނަށް ފަށައިފިއެވެ. އިސާހިތަކު ވާރޭގެ ތިކިތަކުން މުޅި ރަށުގެ ބިންގަނޑު ތެންމާލިއެވެ. ބޯކޮށް ވާރޭ އޮއްސައިގަތެވެ. ވިދާ ގުގުރަމުންނެވެ.

"ސަކީނާ... ގޭގެ މައިދޮރު ޖެހޭ އަޑު އެބަ އިވޭ... ގޮސް ދޮރު ލައްޕާ ތަޅުލަބަލަ.."

އާދަނު އެހެން ބުނުމާއިއެކު ސަކީނާ ގޮސް ގޭގެ މައިދޮރު ތަޅުލިއެވެ. އޭރުވެސް މުޅި ރަށުތެރެއިން އިވެމުން ދިޔައީ ބޯކޮށް ވާރޭވެހެމުން ދާ އަޑެވެ. ސަކީނާ ގޮސް އާދަނު ގެ ގާތުގައި އިށީދުނެވެ.

" ކޮބާތަ އަހަރެމެންގެ ދަރިފުޅު މަލީކާ...؟ "

ސަކީނާ އިށީނުމާއިއެކު އާދަނު ސުވާލު ކުރިއެވެ.

" މަލީކާ ވީ ކޮޓަރީގަ... އިޝާ ނަމާދުކޮށް ނިންމައިގެން ފިލާވަޅުތައް ހަދަނީ..." ސަކީނާ ޖަވާބު ދިނެވެ. މިގޮތުގައި އެދެމީހުން ވާހަކަ ދައްކަން ތިއްބެވެ.

އާދަނާއި ސަކީނާ އަކީ ވަރަށް ފަޤީރު ނިކަމެތި ދިރިއުޅުމެއް އުޅެމުންދާ ދެމަފިރިންނެވެ. ޖިފުޓި ގަނޑެއް ފަދަ ކުޑަ ގެއެއްގައި އެދެމަފިރިންނާއި އެދެމަފިރިން ގެ ހުރި ހަމަ އެކަނި ދަރިފުޅު ދިރިއުޅެމުން ދިޔައެވެ. އެ ކުޑަ އާއިލާއަށް އެމީހުން ދިރިއުޅެމުން ދިޔަ ޖިފުޓިގަނޑަކީ ގަނޑުވަރެއްފަދަ ތަނެކެވެ. އާދަނާއި ސަކީނާގެ ހުރިހާވެސް އުއްމީދަކީ އެމީހުންގެ ދަރިފުޅު މަލީކާއެވެ. މަލީކާ ރަނގަޅު މޮޅު ކުއްޖަކަށް ހަދަން އެދަމަފިރިން ވަރަށް ބޭނުންވެއެވެ. ލިބޭ ހުރިހާ ރުފިޔާއެއް މަލީކާގެ ބޭނުމަށް ޚަރަދުކުރަމުން ގެންދިޔައީ މަލީކާ އާއި މެދު ކުރެވޭ އުއްމީދުތައް ވަރަށް ބޮޑުވީމައެވެ. މަލީކާ ބޮޑުވެގެން ޑޮކްޓަރަކަށް ވުމަކީ މަލީކާގެ ވަރަށް ބޮޑު ހުވަފެނެކެވެ. އެ ދަރިފުޅުގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށް ރޭދުވާ މަގުން އެތައް ބުރަ މަސައްކަތެއް އާދަނު ދިޔައީ ކުރަމުންނެވެ. ވެހޭހާ ވާރެ އާއި ދިއްލާހާ އައްވެއްގައި އަރާމު ނިދިން މަޙުރޫމުވެ އެތަކެއް ޤުރުބާނީ ތަކެއް ދިޔައީވަމުންނެވެ. އާއިލާގެ ތެރޭގައި އާންމުދަނީ ހޯދުމަށް މަސައްކަތް ކުރަމުން އައީ ހަމަ އެކަނި އާދަނެވެ. ސަކީނާ ގޭތެރޭގެ ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި ބަލަހައްޓަމުން ދިޔައެވެ.

ދުވަސްތައް ފައްވަމުންދެއެވެ. މަލީކާ ތައްޔާރު ވަމުން ދިޔައީ އޭނާގެ ބޮޑު އިމްތިޙާނަށެވެ. ސަކީނާ އާއި އާދަނުގެ ހިތްވަރުން މަލީކާގެ ޢަޒުމު ދިޔައީ ވަރުގަދަ ވަމުންނެވެ. ގުރޭޑު 10 ގެ އެންމެފަހުގެ އިމްތިޙާން ފެށިއްޖެއެވެ. މަލީކާ ގެ ހުރިހާކަމެއްވެސް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭތޯ ސަކީނާއާއި އާދަނު ބަލައެވެ.

"ދަރިފުޅާ... ކިހިނެއްވަނީ ޓެސްޓު...؟ ފަސޭހަތަ؟... " މަލީކާ ގެއަށް ވަނުމާއިއެކު ސަކީނާ އެއްސެވެ.

" އާނ މަންމާ... ވަރަށް ފަސޭހަ.. އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު ނަތީޖާއެއް ލިބޭނެ..." މަލިކާ ގެ ޖުމުލައިން އާދަނާއި ސަކީނާގެ މޫނުމަތި އުޖާލާވިއެވެ. އެދެމީހުންގެ ދުޢާ އަކީވެސް އެއީ އެވެ.

ދުވަސްތައް ދިޔައީ ހީވެސް ނުކުރާހާ އަވަށެވެ. މިއަދަކީ މަލީކާގެ ޓެސްޓުގެ ނަތީޖާ ލިބޭ ދުވަހެވެ. އާދަނާއި ސަކީނާގެ މޫނުމަތިން އެއްވެސް ވަރަކަށް ހާސްކަމެއް ނުފެނެއެވެ. އެ ދެމީހުންގެ ދަރިފުޅު ފާސް ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެދެމީހުންގެ ހިތުގައި އަބަދުވެސް އޮވެއެވެ. މަލީކާ އާއި މެދު އެދެމީހުން ފުރިހަމަ އިތުބާރާއި ޔަގީންކަން ހިތުގެ އެންމެ އަޑިން އޮވެއެވެ.

"މަންމާ... ބައްޕާ... " މަލީކާ ދުވެފައި ގެއަށް ވަތް ގޮތަށް ސަކީނާއާއި އާދަނުގެ ގައިގައި ބައްދައިގަތެވެ.

"... މަންމާ... ބައްޕާ... ބަލާލަބަލަ ނަތިޖާ"

މަލީކާ ވާހަކަ ދެއްކީ ނުހަނު އުފަލާއި އެކުގައެވެ. ނަތީޖާ ފެނުމާއި އެކު އާދަނާއި ސަކީނާއަށް ރޯންފެށުނެވެ. ދެރަވެގެންނެއް ނޫންނެވެ. ވީ އުފަލެއް ބޮޑުކަމުންނެވެ. މަލީކާއަށް ލިބުނީ މުޅި ރާއްޖެއިން އެއްވަނަ އެވެ. އާދަނު މަގޭ ދަރިފުޅާ ކިޔައި މަލީކާ އުރާލިއެވެ.

" ދަރިފުޅާ ބުނޭ... ބޭނުން އެއްޗެއް ބުނޭ... އިރާދަކުރެއްވިއްޔާ ބައްޕަ ހޯދަ ދޭނަން... " އާދަނު އޭރުވެސް ހީވަނީ އުފަލުން އުދުއްސައި ގެން ގޮސް ދާނެހެންނެވެ.

" ބައްޕާ... އަޅުގަނޑު ބޭނުމީ ކުރިން ދުވަހު ބައްޕައަށް ދެއްކީމެއްނު ހެދުމެއް.... އެކަމު 900 ރުފިޔާ އަށް ލިބޭނީ... އެދުވަހު އަޅުގަނޑު ދެން ނުބުނީ ބައްޕަ ގާތު ގަންނަން... ބައްޕާ.. އެހެދުން ގަނެވިދާނެތަ...؟ "

މަލީކާ ބުނެލިއެވެ. އާދަނު ވަރަށް އުފާވިއެވެ. ދަރިފުޅު އުފާވެފައި ހުރިވަރު ފެނުމުންނެވެ. ދަރިފުޅުގެ އެދުމަށް އާދަނު އެ ހެދުން ގަންނަން ބޭނުންވިއެވެ. އެކަމު އެވަރަށް ރުފިޔާއެއްވެސް ނެތެވެ. އެހެނަމަވެސް ކޮންމެ ގޮތެއް ހަދާފައި ވެސް އެ ހެދުން ގަނެދެން އާދަނު ނިންމިއެވެ.

ޖެހިގެން އައި ދުވަހު ދަރިފުޅު ބުނި ހެދުން އާދަނު ގަނެދިނެވެ. އަދި މަލީކާ އަށް އެ ހެދުން ހަދިޔާ ކުރިއެވެ. މަލީކާ ހުރީ އުފަލުން ފޮޅިފައެވެ.

އާދަނު ހުރީ އޭނާގެ ކޮޓަރީގައެވެ. އާދަނަށް ފަހަތް ބަލާލެވުނީ ސަކީނާ ކޮޓަރިއަށް ވަތް އަޑަށެވެ.

" އާދަނޫ... ކޮންތާކުން ތަ ރުފިޔާ ހޯދީ... އަހަރެންނަށް އެނގޭ އާދަނުގެ އަތުގަ ހެދުން ގަންނަ ވަރަށް ރުފިޔާ ނުހުންނާނެކަން... ބުނޭ އެއީ ކިހިނެއް ހޯދި ރުފިޔާއެއް... "

އާދަނުގެ ގާތައް އައިސް ސަކީނާ އެއްސެވެ.

" އެއީ އަހަރެން ރައްކާކޮށްފައި ހުރި ކޮންމެވެސް ވަރެއްގެ ރުފިޔާ ކޮޅަކުން... ދެން މީހަކަށް މަސްކޮޅެއް ކަނޑާ ދީގެން ލިބުނު ރުފިޔާ ކޮޅު އެއްކޮށްލައިގެން ގަތުނީ... ކޮންމެ ގޮތެއް ވިޔަސް މަލީކާގެ މޫނުމަތިން އުފާވެރިކަން ފެންނަށް ހުރިއްޔާ އެ ލިބެނީ އަހަރެމެންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްނު" އާދަނު ސަކީނާއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.

"އާނ.. އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް... " ސަކީނާ އާދަނުގެ ގައިގައި ބައްދާލަމުން ބުނެލިއެވެ.

މުޅިން އާދުވަހެކެވެ. އާދަނު ތައްޔާރުވަމުން ދިޔައީ މާލެ ފުރުމަށެވެ. މަލީކާ ގެ މަތީ ތަޢުލީމަށް ރުފިޔާ ހޯދަންށެވެ. މަލީކާ އާއި ސަކީނާ ދޫކޮށްފައި އާދަނު ފުރައިފިއެވެ. އެދެމައިންގެ މޫނުމަތިން އާދަނު ނެތްކަމުގެ ހިތާމަ ފާޅުވާން ހުއްޓެވެ. އާދަނު މާލެ ދިޔުމަށްފަހު ހަމަ ކޮންމެ ދުވަހަކުހެން ސަކީނާ އާއި މަލީކާ ގެ ޙާލު ބަލައެވެ.

 

އެއްމަސްފަހެވެ. ސަކީނާ އިލޮށިފަތި ހިފައިގެން ކުނިކަހަން ނިކުންނަށް ދިމާ ކޮށްލިތަނާ ލޮލުގައި އަޅައިގަތީ އާދަނު އަންނަ ތަނެވެ. ސަކީނާއަށް ވީގޮތްވެސް ނޭނގުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އާދަނުގެ ގައިގައި ބައްދާލިއެވެ. މަލީކާވެސް ހުރީ ވަރަށް އުފާވެފައެވެ.

" ދަރިފުޅާ... ދަރިފުޅު ގެ ކިޔެވުމުގެ ޚަރަދުތައް ހަމަޖެހިއްޖެ... އަވަހަށް ފުރަން ތައްޔާރުވޭ..."

އާދަނު ހިނިތުންވެލަމުން ހުރެ މަލީކާގެ ގާތުގައި ބުނެލިއެވެ. މަލީކާ ވީ އުފަލުން ގޮސް އާދަނުގައި ގައި "ބައްޕާ" އޭ ކިޔައި ބައްދައިގަތެވެ. ސަކީނާ ހުރީ ހައިރާން ވެފައެވެ. އެންމެ މަހެއްގެ ތެރޭގައި މަލީކާ ބޭރަށް ކިޔަވަން ފޮނުވޭ ވަރަށް ރުފިޔާ ލިބުނީމައެވެ. ސަކީނާގެ ބޮލުގެ ތެރޭގައި ތަފާތު ޚިޔާލުތައް އެބުރެމުން ދިޔައެވެ.

ދުވާލުގެ ދަންފަޅި ނިމި ރޭގަނޑުގެ ދަންފަޅިއަށް މަރުޙަބާ ކިޔައިފިއެވެ. ސަކީނާ އެނދުމަތީގައި އޮތް އާދަނަށް ބަލާލަމުން ބުނެލިއެވެ.

" އާދަނޫ... އެއީ ކިހިނެއް އެހާ ގިނަ ފައިސާ ހޯދީ.... އަނެއްކާ އެއީ އާދަނު ނުބައި ގޮތަކުން ހޯދި ފައިސާ ތަ؟... " ސަކީނާ ވަރަށް އުނދަގުލުން އެހިއެވެ.

އާދަނު އެނދުން ތެދުވެ ސަކީނާގެ ކުރިމަތީގައި ހުއްޓުނެވެ.

"ހީވޭތަ އަހަރެން ނުބައި ގޮތުގަ ފައިސާ ހޯދަފާނެހެން..." އާދަނުގެ ލޯ ފެންކަޅިވިއެވެ.

؟؟ " " އާދަނު... ކިހިނެއްތަ ވީ

އާދަނުގެ ލޮލުން ފައިބަން ފެށި ކަރުނައިން ސަކީނާއަށް އަސަރު ކުރިއެވެ.

" " ސަކީނާ... އަހަރެން... އަހަރެންގެ... އަހަރެންގެ ކިޑުނީ ވިއްކާލައިފިން...

އާދަނުގެ އަޑު ބެދުނެވެ. ސަކީނާއަށް ހީވީ އޭނާގެ ކަންފަތުގެ ތެރެއަށް ވަޒަނެއް ވަދެގެން ދިޔަހެންނެވެ. ދެންވެސް ވާހަކަ ކުރިޔަށް ގެންދިޔައީ އާދަނެވެ.

" އެއީ އަހަރެންގެ ދަރިފުޅަށްޓަކައި ނިންމި ނިންމުމެ... ފައިސާ ހޯދަން... އަހަރެމެންގެ އުފަލަކީވެސް އަހަރެމެންގެ ދަރިފުޅު މަލީކާއެއްނު؟. ހެޔޮނުވާނެ ސަކީނާ... މިކަންތައް މަލީކާއަށް ސިއްރު ކޮށް ދޭތި... "

އާދަނަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އޭރު ސަކީނާވެސް މޫނުމަތީގައި އަތް އަޅައިގެން ގިސްލަ ގިސްލާފައި ރޮނީއެވެ.

" ސަކީނާ ނުރޮއި.... މިކަމާ ހިތާމަ ނުކުރޭ... އަދި އިރާދަކުރެއްވިއްޔާ އުފާވެރި ދުވަސްތައް ކުރިއަށް އޮތީ..... މާތް ﷲ އަހަރެމެންގެ އުމުރު ދިގު ކުރައްވާނެ... "

ސަކީނާގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެދެމުން ސަކީނާގެ ގައިގައި ވަރަށް ބާރަށް އާދަނު އޮޅުލައިގަތެވެ. އަނެއްކާވެސް ސަކީނާ ގެ ބަޑި ފަޅައިގެން ދިޔައެވެ. ސަކީނާ އެރޭ ވަރަށް ރުއެވެ. އާދަނު ވަރަށް ޙާލުން ސަކީނާ ހަމައަކަށް އެޅުވިއެވެ.

ހަފުތާއެއް ފަހެވެ. މަލީކާ މިހާރު ގެންދަނީ މެލޭޝިޔާގެ ކޮލެޖެއްގައި ޑޮކްޓަރުކަން ކިޔަވަމުންނެވެ. ކޮންމެ ދުވަހަކުވެސް މަލީކާ އޭނާގެ މަންމަ އާއި ބައްޕައަށް ގުޅައިގެން ވާހަކަ ދައްކައެވެ. ޙާލު ބަލައެވެ. ސަކީނާ އާއި އާދަނު އިންތިޒާރު ކުރަމުން ގެންދަނީ ޑޮކްޓަރަކަށް ވެގެން އެ މީހުން ގެ ދަރިފުޅު މަލީކާ އަންނާނެ ދުވަހަކަށެވެ.

 

****

 

5 އަހަރު ފަހެވެ. މިއަދަކީ މަލީކާ ޑޮކްޓަރުކަން ކިޔަވައި ނިންމައިގެން މާލެ އަންނަށް ހަމަޖެހިފައި އޮތް ދުވަހެވެ. ސަކީނާ އާއި އާދަނު ހުރީ ހުޅުލޭ އެއާރޕޯޓުގައެވެ. އެމީހުންގެ ދަރިފުޅުގެ އިންތިޒާރުގައެވެ. އެ ދެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއަށް އުފާވެރިކަމެވެ. އެ ދެމީހުންނަށް ސިފަވަމުން ދިޔައީ މަލީކާ ސުކޫލުގެ ނަތީޖާ ހިފައިގެން ދުވަމުން އައި މަންޒަރެވެ. އެ ހިތްއުފާ ކުރުވި އެ ވަގުތުކޮޅެވެ. މިއަދުވެސް މަލީކާ ދުވެފައި އައިސް އެދެމީހުންގެ ގައިގައި ބައްދާލާނެ ވަގުތަކަށް ކެތްމަދުވެފައި އެ ދެމީހުންވެސް ތިއްބެވެ.

ވައިގެ ތެރޭގައި މިނިވަންކަމާއިއެކު ދުއްވާފައި އައި ފުލައިޓް ތައްޔާރުވަމުން ދިޔައީ ހުޅުލޭ އެއާރޕޯޓަށް ޖައްސަންށެވެ. އެ މަންޒަރު ބަލަން އާދަނާއި ސަކީނާ އަތުގުޅުވާލައިގެން ހެވި ދިލިފައި ހުއްޓެވެ. އެމީހުންގެ ދަރިފުޅު ދުވެފައި އަންނަހެންވެސް އެ ދެމީހުންނަށް ހީވާ ކަހަލައެވެ.

ފްލައިޓް ޖެއްސުމާއިއެކު އިވުނީ ބާރު އަޑު ފަށްގަނޑެކެވެ. ހަމަ އެއާއި އެކު ފްލައިޓްގައި ރޯވިއެވެ. ސަކީނާ އާއި އާދަނަށް ވީގޮތްވެސް ނޭނގުނެވެ. " ދަރިފުޅާ" އޭ ކިޔައި އާދަނު ހެއިނެތިގެން ވެއްޓުނެވެ. ސަކީނާ ރޮމުން އޭނާގެ ގައިން ވަރު ދޫވެ ހުރިތަނަށް ތިރި ވިއެވެ. އޭރު މުޅި އެއާރޕޯޓް ހަލަބޮލި ވެއްޖެއެވެ. މުޅި ތަނަށް ވަނީ ދުމުގެ އަސަރު ފޯރާފައެވެ.

އެ ހިތާމަވެރިން ޚަބަރުން މުޅި ރާއްޖެ ހިމޭންވިއެވެ. އެތައް ބައެއްގެ ލޮލުން ކަރުނަ ހިލުވާލިއެވެ. މުޅި ޤައުމަށް ފުން ހިތާމައިގެ ބޮޑު ކޯރެއް ބަންޑުންވިފަދައެވެ.

ސަކީނާއަށް ލޯ ހުޅުވާލެވުނު އިރު އޭނާ އޮތީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައައެވެ.

" މަގޭ އާދަނު... މަގޭ މަލީކާ.... "

ސަކީނާ ރޮމުން އެނދުން ތެދުވާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް ސަކީނާ ގާތުގައި ހުރި ނަރުސް ކުއްޖާ ސަކީނާ އެނދުމަތީގައި ބޭއްވިއެވެ. އެއާއި އެކު ސަކީނާއަށް ރޯންފެށުނެވެ. ގިސްލަ ގިސްލާފައެވެ.

"މަންމާ... "

ސަކީނާ ސިހިފައި ބަލާލީ އެނދުގެ މަގަތު ކަނުގައި ކޮޅަށް ހުރި އޭނާގެ ދަރިފުޅު މަލީކާ އަށެވެ. ފްލައިޓުން ސަލާމަތް ވި މަދު މީހުންގެ ތެރޭގައި މަލީކާވެސް ހިމެނުނެވެ.

" ދަރިފުޅާ... މަގޭ ދަރިފުޅާ..."

 

ސަކީނާ އެނދުން ތެދުވެގެން ގޮސް އޭނާގެ ދަރިފުޅު ގައިގައި އޮޅުލައިގަތެވެ. ސަކީނާ އާއި މަލީކާވެސް ރޮމުން ގެންދިޔައެވެ. އެތަން ބަލަން ނަރުސް ކުއްޖާއަށް ހުރެވުނީ ހިތް ރޫޅޭ ވަރުވެފައެވެ.

މަލީކާ އާއި ސަކީނާ އަވަސްވެގަތީ އާދަނުގެ ޚަބަރެއް ބެލުމަށެވެ.

"ޕޭޝެންޓްގެ އެއް ކިޑުނީ ނަގާފާ ވާއިރު ޕޭޝެންޓްގެ ޙާލު ވަރަށް ސީރިއަސް.... އަދިވެސް އޮތީ ހޭނެތިފަ. "

ޑޮކްޓަރުގެ ޖުމުލައިން މަލީކާއަށް ހީވީ މީހަކު އައިސް އޭނާ ހޫރާލިހެންނެވެ. ވަރަށް ބާރަށް ރޯންފެށިއެވެ.

" ކިޑުނީ ނަގާފައޭ... ކޮން އިރަކު.. ؟ މަންމާ.. އެއީ ކޮން އިރަކު؟ "

މަލީކާ އޭނާގެ ނޭފަތުން ފައިބަމުން ދިޔަ ފެންތައް އަތުން ފޮހެމުން ގެންދިޔައިރު ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. ސަކީނާ ހުރިހާ ވާހަކައެއް މަލީކާއަށް ކިޔާ ދިނެވެ. މަލީކާއަށް ވަރަށް އަސަރުކޮށްފިއެވެ. މަލީކާ ދުވަމުންގޮސް ވަނީ ހޮސްޕިޓަލުގެ ނަމާދު ކުރާ ބަޔަށެވެ. އަދި ﷲއަށް ދުޢާ ކުރަންފެށިއެވެ. ބައްޕަ ރަނގަޅު ކޮށް ދެއްވުމަށެވެ.

މާ ގިނަ އިރު ތަކެއް ނުވިއެވެ. ﷲގެ ކުޅަދުންވަންތަކަމުން އާދަނު ހޭއެރިއެވެ. އަދި އާދަނުގެ ޙާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުން ބުންޏެވެ.

ސަކީނާ އާއި މަލީކާ ގޮސް އާދަނުގެ ގައިގައި ބައްދައިގަތެވެ.

" ﷲއަށް ޝުކުރު ކުރަން.... ބައްޕާ... ބައްޕަ ތީ މި ދުނިޔޭގައި ހުރިހާ ބައްޕައިންނަށް ހުރި ނަމޫނާ އެއް.... ދަރިއަކަށްޓަކައި ތި ވީ ކޮންފަދަ މަތިވެރި ޤުރުބާނީ އެއް... އަޅުގަނޑު އަބަދުވެސް ބައްޕަގެ ތި ޤުރުބާނީ ހަނދާނުގަ ބަހައްޓާނަން... އިރާދަކުރެއްވިއްޔާ މަންމަ އާއި ބައްޕަ އާއި ބަލިވާ ދުވަހަކުން ދެން ފަރުވާކޮށް ރަނގަޅު ކުރާނީ އަޅުގަނޑު... ބައްޕާ.. "

މަލީކާ ރޮމުން އާދަނުގެ ގައިގައި ބައްދައިގަނެގެން އޮތެވެ. އާދަނު މަޑުމަޑުން އޭނާގެ އަތް ނަގާ މަލީކާގެ ބޮލުގައި ފިރުމާލިއެވެ. ސަކީނާ ވެސް މަލީކާގެ ބުރަކަށީގައި ފިރުމާލިއެވެ. އާދަނާއި ސަކީނާ އަށް މާތް ﷲ މަލީކާ ފަދަ ދަރިއެއް ދެއްވީތީ އެ ދެމީހުން އެކަލާނގެއަށް ޙަޟްރަތަށް ޝުކުރުވެރިވިއެވެ. އަދި ފްލައިޓްގައި އަލިފާން ރޯވި ބިރުވެރި ހާދިސާ އިން މަލީކާ ސަލާމްކުރެއްވީތީ ﷲ އަށް ޙަމުދްކުރިއެވެ.

ނިމުނީ.