ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރާއި ވިޔަފާރިވެރިޔާ އާނަންދުގެ ކައިވެނި އަންނަ މެއި މަސް ތެރޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފިކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އަންނަ މެއި މަހުގެ 11 އަދި 12 ވަަނަ ދުވަހު މި ދެ ތަރިންގެ ކައިވެނި އޮންނައިރު، މި ތަރިން ކައިވެނި ކުރާނެ ތަނެއްކަމަށް ބުނެފައި ވަނީ ސްވިޒްލޭންޑްގެ ޖެނީވާ އެވެ.

"މުމްބާއި މިރޯ" ގައި ރިޕޯޓްކޮށްފައިވާގޮތުގައި، ސޯނަމް އާއި އާނަންދް ވަނީ ދާދިއިހަކަށް ދުވަހު ކުުރު ޗުއްޓީއަކަށް ލަންޑަނަށް ގޮސްފައެވެ. އަދި މިވަގުތު ސޯނަމް ހުރީ އޮސްޓްރިއާ ގައި ފަސް ދުވަހުގެ ސްޕާ ރީޓްރީޓަކަށް ގޮސްކަމަށް ހަބަރުތައް ބުނެއެވެ.

"ކައިވެނީގެ ހަފްލާ އޮންނަ ދުވަހާއި، ކައިވެނި ކުރާނެ ތަން މިހާރު ވަނީ ޔަގީންވެފައި. އަދި ޖެނީވާއަށްދާން ފްލައިޓްތައް ބުކް ކުރުމަށް ހުޅުވާލާފައިވަނީ". ރިޕޯޓްތައް ބުނެއެވެ.

ސޯނަމް ކަޕޫރްގެ ބައްޕަ އަނިލް ކަޕޫރް މިހާރުވެސް ދަނީ މުހިންމު ފަރާތްތަކަށް ގުޅާ އެ ޕާޓިއަށްދާން ދައުވަތު އަރުވަމުން ކަމަށެވެ.

މި ދެ މީހުން ޖިނީވާގައި ކައިވެނި ކުރަނީ ކީއްވެ ކަމެއް ނޭނގެއެވެ. ނަމަވެސް ސޯނަމް އަކީ ސްވިސްގެ ގަޑި ހަދާ ފެކްޓްރީއެއްގެ ބްރޭންޑް އެމްބެސެޑަރެވެ. އޭނާ ވަނީ ވަރަށް ފަހުންވެސް ޖެނީވާއަށް ގޮސްފައެވެ. ބެލެވޭގޮތުގައި، ސޯނަމް މާބޮޑަށް ޖެނީވާ ދެކެ ލޯބިވީއެވެ.