މިހާރު ގިނަ ބަޔަކު ޝައުގުވެރިކަމާއެކު ބަލަމުންދާ އެއް ޝޯވކަމަށްވާ މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއް އިން އަބްދުﷲ މުރުޝިދް (ލާރާ) ކަޓައިފިއެވެ.

ބޮޑުބެރަށް ލަވަ ކިޔުމަށް މޮޅު ލާރާ އައިޑޮލްއިން ވަކިވެފައި މި ވަނީ ރޭ ކުރިއަށްދިޔަ ޝޯވގައި ދެއްކި ހުށަހެޅުމަށް ބަލާފައެވެ. ލާރާއަކީ ލަވަ ކިޔޭ މީހެއްކަމަށް ޖަޖުން ފާހަގަކުރިއިރު، އޭނާ ރޭ ކިޔާދިން ލަވަ ޖަޖުންނަށް ކަމުގޮސްފައެއް ނުވެއެވެ.

އެ ޝޯވގެ ހުށަހެޅުންތަކަށް ބަލައި ޖަޖުންގެ 50 އިންސައްތަ މާކްސް އާއި އަދި ބެލުންތެރިންގެ 50 އިންސައްތަ މާކަސްއާއެކު ގަދަ ނުވަ ބައިވެރިން މިހާރު ވަނީ ޔަގީންވެފައެވެ.

ރޭ ދެއްކި އައިޑޮލް ޝޯވގައި ވަރަށް ބޮޑަށް ޖަޖުން ވަނީ ބައިވެރިން ލަވަ ނެގުމުގައި ކަންތައް ކުރަންވާނެ ގޮތާއި، އަޑު ގެންގުޅެންވީ ގޮތް ވަރަށް ރަނގަޅަށް ކިޔާދީފައެވެ. އަދި ޝޯވ ކުރިއަށްދާވަރަކަށް އަމިއްލަ ގޮތްގޮތައް ލަވަތައް ގެނެސްދިނުމަކީ ދެކެން ބޭނުންވާ ކަންތައްތަކަމަށް ޖަޖުން ފާހަގަކުރިއެވެ.

މޯލްޑިވިއަން އައިޑޮލްގެ ގަދަ 9 ޔަގީންވި ބައިވެރިންނަކީ ހަސަން ޝަހުދާން، އިބްރާހީމް ޝަމްވީލް، އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަލްސީމް ޢަބްދުލްކަރީމް، ނައުޝާދު ޢަބްދުލްލަތީފް، ރައިހާން އާދަމް، މަރިޔަމް މައީޝާ، ޢަބްދުﷲ މުނާޒް، އަދި އައިޝަތު އަޒަލް އަލީ ޒާޙިރު އެވެ.

މިއީ ޖެހިޖެހިގެން އައިޑޮލް ބާއްވާތާ ތިން ވަނަ އަހަރެވެ.