އެކިއެކި މައްސަލަތަކުގައި ކުއްވެރިންގެ އަތުން ދައުލަތަށް ނަގާފައިވާ އަގުބޮޑު ލަގްޒަރީ ކާރުތައް ބީލަމުގައި ވިއްކާލުމަށް މެކްސިކޯގެ ސަރުކާރުން ނިންމައިފިއެވެ.

މި ނިންމުން އިއުލާނުކޮށް މެކްސިކޯގެ ރައީސް އެންދްރޭޒް މަނުއެލް ލޮޕޭޒް ވިދާޅުވީ ނިންމުމާއި އެއްގޮތަށް ޢަމަލުކުރަން ފަށާއިރު ދުނިޔޭގެ އެންމެ މަތީ ފަންތީގެ އަގުބޮޑެތި ލަގްޒަރީ 82 ކާރު ބީލަމުގައި ވިއްކާލުމަށް ތައްޔާރު ކުރެވިފައިވާ ކަމަށެވެ. މި ކާރުތައް އާންމު ފަރާތްތަކަށް ހުޅުވާލާ ބީލަމެއްގައި ވިއްކާލަނީ އާންމުންގެ އަތުން ކުއްވެރިން އެކި ގޮތްގޮތުން ފޭރިގަނެފައިވާ މުދަލާއި ފައިސާގެ ބަދަލެއްގެ ގޮތުގައި ކަމަށް އެންދްރޭޒް ވިދާޅުވިއެވެ.

"ދައުލަތުގެ ބެލުމުގެ ދަށުގައިވާ މިފަދަ ހުރިހާ މުދަލެއް މުޖުތަމަޢަށް ދޫކޮށްލެވޭނެ. މިފަދަ ބީލަންތައް ޚާއްސަ ކުރާނީ ޤައުމުގައި ދިރިއުޅޭ އާދައިގެ ރައްޔިތުންނަށް އަތްފޯރާ ފަށުގައި މިތަކެތި ލިބޭނެހެން،" އެންދްރޭޒް ވިދާޅުވިއެވެ.

ޑްރަގްގެ ބޮޑެތި ނެޓްވޯކުތައް ހިންގުމާއި ގޭންގު ކުށްތައް އިންތިހާއަށް ބޮޑުވެފައިވާ މެކްސިކޯ ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައި ވާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭ ވެރިކަމާއި ހަވާލުވެވަޑައިގަތް އެންދްރޭޒް ވަނީ މަޤާމަށް ވަޑައިގަތުމުގެ ކުރިން، އެޤައުމުގައި ކުށްކުރާ މީހުންގެ ފަރާތުން އާންމުންނަށް ބަދަލު ހޯދައިދޭނެ ކަމުގެ ވަޢުދު ވެވަޑައިގެންފައެވެ.

މެކްސިކޯ ފުލުހުންގެ ބެލުމުގެ ދަށުގައި ކުއްވެރިންގެ އަތުން އަތުލާފައިވާ ގިނަ އަދަދެއްގެ ކާރު މިހާރުވެސް ހުރިއިރު، އޭގެތެރެއިން ބީލަމުގައި ވިއްކާލާ ކާރުތަކުގެ ތެރޭގައި ލަމްބޯގިނީ މާސިލޭގޯ އަކާއި ތިން ޕޯޝާ އާއި ސަލާމަތީ ކަންކަން ވަރުގަދަ ގިނަ އަދަދެއްގެ ލަގްޒަރީ "އާމާޑް" ޓްރަކް ހިމެނެއެވެ. މި ކާރުތައް ވިއްކައިގެން އެޤައުމުގެ ސަރުކާރަށް 1.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ފައިދާއެއް ވާނެ ކަމަށް ބެލެވެއެވެ.

ކުއްވެރިންގެ އަތުން އަތުލާފައިވާ އަގުބޮޑު ވެހިކަލްތަކުގެ އިތުރުން އެފަދަ މީހުންގެ އަތުން ދައުލަތަށް ނަގާފައިވާ ބޮޑެތި ލަގްޒަރީ ގެދޮރާއި އެނޫންވެސް އެފަދަ މުދާތައް ކުރިޔަށް އޮތްތަކުގައި ކުރިޔަށްގެންދާ ވަކިވަކި ބީލަންތަކުގައި ވިއްކާލުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މެކްސިކޯ ކުއްވެރިން ކުރާ ކުށްތަކާއި ގުޅިގެން އެކަމުގެ ގެއްލުން ބޮޑުތަކުން މެކްސިކޯގެ މުޅި އާބާދީއަށް ކުރަމުންދާ ކަމަށް އެޤައުމުގެ ސަރުކާރުން ބުނެއެވެ. މިގޮތުން 2006 ވަނަ އަހަރުން ފަށައިގެން މިހާތަނަށް 250000 އަށްވުރެ ގިނަ މީހުން އެޤައުމުގައި ހިނގާ އެކި ކަހަލަ ގޭންގު ހަމަނުޖެހުންތަކުގައި މަރުވެފައިވާ ކަމަށް ބެލެވިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢިކުރާމު

    އަޅެއިބޫގެ ސަރުކާރުންވެސް މިގޮތައް ޔާމީނުގެ ގެދޮރާ ކާރާ ނަގާވިއްކާނެނަމަ ކިހާރަނގަޅުވާނެ

    2
    3
  2. ގުއިބުރޭ

    މިރާއްޖޭގަ ތިކަން ފައްޓާފަ ވަނީ ނާސިރާ ހިސާބުން.