ސިންގްޕޫރުގެ ފަތުރުވެރި މަންޒިލެއް ކަމަށްވާ މަރިއާނާ ބޭއި ސޭންޑް އާއި ދުރުނޫން ހިސާބެއްގެ އުޑުމަތިން ފެނުނު އާދަޔާއި ޚިލާފު މަންޒަރަކަށް ގިނަ ބައެއްގެ ނަޒަރު ހުއްޓިއްޖެއެވެ.

ސިންގަޕޫރުން ފެނުނު ނަގޫރޯޅިއަކާއި ވައްތަރު މި ރޯޅިއަކީ، އެނބުރޭ ވައި ބަހާލެވޭ ބައިތަކުގެ ތެރެއިން "ވޯޓާސްޕައުޓް"އެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މި ހާދިސާ ހިނގި ވަގުތު އެނބުރުނު ވައިރޯޅިއާއެކު ކަނޑުގެ ލޮނުގަނޑު މައްޗަށް އަރަމުންދިޔަ މަންޒަރު ގިނަ ބަޔަކަށް ވަނީ ފެނިފައެވެ.

ސިންގަޕޫރުގެ ދެކުނުގެ ބޮޑު ސަރަޙައްދަކަށް މި "ވޯޓާސްޕައުޓް" މިމަހުގެ 11 ވަނަ ދުވަހު ހެނދުނު އެޤައުމުގެ ގަޑިން 8:40 ހާއިރު ފެނިފައި ވެއެވެ. އަދި ގިނަ ބަޔަކު މި މަންޒަރު ބަލާލުމަށް މަގުތަކަށް ނިކުމެ ތިބިއިރު، މި މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑިއާގައި އާންމުކޮށްފައި ވެއެވެ. މި މަންޒަރު 20 މިނެޓު ވަންދެން ފެންނާން ހުރި ކަމަށް ވެއެވެ.

ސިންގަޕޫރުން ފެނުނު ވޯޓާސްޕައުޓް

ތަޖުރިބާކާރުން ބުނެފައިވާގޮތުގައި ކޮންމެ އަހަރަކު ތިން ފަހަރެއްގެމަތިން މިފަދަ "ވޯޓާސްޕައުޓް" ސިންގަޕޫރު ހިމެނޭ ސަރަޙައްދުގައި އުފެދެއެވެ. މިއީ މިއަހަރުގެ މިހާތަނަށް އުފެދުނު އެންމެ ބޮޑު "ވޯޓާސްޕައުޓް" ކަމަށް ވަނީ ބެލެވިފައެވެ.

އާންމު ގޮތެއްގައި މިފަދަ "ވޯޓާސްޕައުޓް" އުފެދެނީ ކަނޑު ހިމެނޭ ސަރަޙައްދުގައެވެ. މި ރޯޅި ދައުރުވާ ވަގުތު ނަގޫރޯޅިއެއްގައި ހުންނަ ބާރު ނެތްނަމަވެސް ކޮންމެވެސް ވަރަކަށް ވައި ބާރުވެއެވެ. އަދި ބައެއް ހާލަތްތަކުގައި ރޯޅި ދައުރުވާ ސަރަޙައްދުގައި ހުންނަ ބައެއް ތަކެތި ވަޔާއެކު އޭގެތެރެއަށް ދަމައިގަންނާން ދިމާވެއެވެ. އެހެންކަމުން މިފަދަ ރޯޅި އަރައިގެން އަންނަ ހިނދު ނުރައްކާތެރި ކަމެއް ދިމާވުމުގެ ފުރުސަތުވެސް އޮވެއެވެ.

މިފަދަ "ވޯޓާސްޕައުޓް" އެއް 2002 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެއަށްވެސް ފެނިފައި ވެއެވެ. އެ ރޯޅި އަރާފައި ވަނީ މާލޭގެ އިތުރުން ކަނޑުގެ ސަރަޙައްދަށެވެ.